بســم اللَّـه الرّحمـن الرّحيــم

الحمـدلِلَّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيدنا محمّدٍ وعلى آله وأصحابه أجمعـين.

އާދެ، މިއަދުގެ މިއުފާވެރި ޖަލްސާގައި، މާލެއާއި އިންޑިޔާއާ ދެމެދު އަޅާފައިވާ ވޯރފް ސަބްމެރިން ކޭބަލް، މާތް اللّـه ގެ އިސްމުފުޅުގެ ބަރަކާތުން ރަސްމީގޮތުން އިފްތިތާޙުކޮށް ދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އުފާވެރި މުނާސަބަތުގައި ވޯރފްގެ ޗެއަރމަން މިސްޓަރ އަޙްމަދު ޙަލީމަށާއި، އެ ކުންފުނީގެ އެހެން ވެރިންނަށާއި، މުވައްޒަފުންނަށާއި، ވަޠަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ޗެއަރމަން މިސްޓަރ ޞަލާޙު ފަހުދު އައްޞުލްޠާނަށާއި، ވަޠަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ޔާސިރު ޢަބްދުލްޙަކީމަށާއި، ޗީފް ޓެކްނިކަލް އޮފިސަރ މިސްޓަރ ޖޯން އަރލީއަށާއި، ފޯކަސް އިން ފޯކޮމްގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޞާލިޙަށާއި، މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ސަބާޙު ރަޝީދަށާއި، ކޮމާޝަލް ގްލޯބަލް ބިޒްނަސް ރިލަޔަންސް ކޮމިޔުނިކޭޝަންސްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް މިސްޓަރ ހާޝް މަލްހޯތުރާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ވޯރފް ސަބްމެރިން ކޭބަލް އިފްތިތާޙުކުރުމުގެ މުނާސަބަތުގައި، އަޅުގަނޑަށް ދެންމެ ތިޔަ ދެއްވި ހަނދާނީ ފިލަޔަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ރާއްޖެ، ބޭރު ދުނިޔެއާ ސަބްމެރީން އޮޕްޓިކަލް ފައިބަރުން ގުޅާލެވުނުކަމީ، ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ރާއްޖެއާއި ސްރީލަންކާއާ ދެމެދު ދިރާގުން އަޅާފައިވާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް މީގެ 3 މަސް ދުވަސް ކުރިން ވަނީ ގުޅާލެވިފައި. އެކަން އިފްތިތާޙުކޮށްދިނުމުގެ އުފާވެސް އަޅުގަނޑަށް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ލިބިފައި.

ރާއްޖެ މިއަދު ދެކެމުން މިގެންދާ މުވާޞަލާތީ އެކިއެކި ޚިދްމަތްތަކަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން މި ކަންކަމުން އެބަ އެނގޭ. ޚާއްޞަކޮށް ރާއްޖެއިން ބޭރަށް އަޅުގަނޑުމެން ގުޅާގުޅުންތަކުގެ އަގުތައް މިއަދު މިވަނީ ވަރަށް ބޮޑަށް ތިރިވެފައި. އަދި އިންޓަރނެޓުގެ ޚިދްމަތްވެސް ރަނގަޅު ފެންވަރެއްގައި މިދަނީ ލިބެމުން.

މިކަންކަމުގެ ޙަޤީޤީ ފައިދާ އެންމެ ބޮޑަށް ޙިއްޞާ ކުރާނެ އެއްބަޔަކީ، ރާއްޖޭގައި ތަފާތު އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ފަރާތްތައް. ފަތުރުވެރިކަމާއި ވިޔަފާރިއާއި އަދި މިނޫންވެސް ވިޔަފާރިއާއި އިޤްތިޞާދާ ގުޅޭ އެކިއެކި މުހިންމު މަސައްކަތްތައް ކުރައްވާ ފަރާތްތައް. އެހެންނަމަވެސް، މީގެ އިތުރުން އާންމު ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް ކިޔަވާ ކުދިންނަށް މިކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބެމުންދާނެ. ދެންމެ ފެނުނު ވީޑިއޯއިންވެސް އެކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އޮޅުންފިލައިގެން ހިނގައްޖެ. މުވާޞަލާތުގެ ދާއިރާއިން މިއަދު ފެންނަމުންމިދާ ކުރިއެރުންތަކަކީ، ސަރުކާރުން 2001 ވަނަ އަހަރު ކަނޑައެޅި ސިޔާސަތުގެ ތެރެއިން އެ ދާއިރާ، ވާދަވެރިކަމަށް ހުޅުވާލުމާ ގުޅިގެން ލިބެމުންދާ ކުރިއެރުންތަކެއް.

މިފުރުޞަތުގައި ރާއްޖޭގެ އަތޮޅުތަކުގެ މުވާޞަލާތަށް މިއަދު އަންނަމުންމިދާ ކުރިއެރުމާއި ތަރައްޤީ އަޅުގަނޑު ހަނދާންކުރަން. އަދި ސަބްމެރީން ކޭބަލްގެ ސަބަބުން ލިބޭ ކުރިއެރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުވައި ދެއްވުމުގެ މަސައްކަތްތަކެއް ކުރެއްވުމަށް ޓެލެކޮމް އޮޕަރޭޓަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! ދެންމެ އަޅުގަނޑުމެންނަށް ފެނުނު ވީޑިއޯ އިން ރާއްޖޭގެ މުވާޞަލާތީ ގުޅުންތައް އުފެދިގެން އައިގޮތާއި އެކިދައުރުގައި ލިބެމުންދިޔަ ކުރިއެރުންތައް ފެނިގެން ހިނގައްޖެ. އަޅުގަނޑަކީވެސް، މިދާއިރާއާ ކޮންމެވެސް ވަރެއްގެ ގުޅުމެއް މީގެ ކުރިންހުރި މީހަކަށްވާތީ، އަޅުގަނޑުގެ ތަޖުރިބާއިން ވާހަކައެއް ދަންނަވާލަން ކަމަށް.

އާދެ! މީގެ 33 އަހަރު ކުރިން އެއީ 1974 ވަނަ އަހަރު، އަޅުގަނޑު ހުރީ އޭރުގެ ޓެލެފޯން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމުގައި. އޭރު އަޅުގަނޑުމެންގެ ރާއްޖޭގައި ތެލެފޯނު ހުރީ ވަރަށް މަދުން. ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ތެލިފޯނުހުރީ މާލޭގެ ދެތިން ސަތޭކަ ގެއެއްގައި. އޭރު 3 އަދަދުން ތެލިފޯނު ކުރެވެނީ. އަޅުގަނޑު ހުރިގޭގެ ނަންބަރަކީ 129. ފަހުން އެ ނަންބަރު 529 އަކަށް ބަދަލުވެގެން ދިޔައީ. އަދި އޭރު އެއްގޮތަކަށްވެސް ސީދާ ގުޅާލެވޭ ގޮތެއްނޯވޭ. ތެލިފޯނުގެ އަތްގަނޑު ނެގީމާ ތެލިފޯނު އޮޕަރޭޓަރަކު އަހާލާނެ ކޮންނަންބަރަކާތޯ ގުޅުއްވަން ބޭނުންފުޅީ. ދެން އެ ނަންބަރު ދެންނެވީމާ ތެލިފޯނު އޮޕަރޭޓަރ ގުޅައިދޭނީ. މިކަހަލަ ގޮތަކަށް އެކަންތައްއޮތީ. އަދި އަމުދުން އަތޮޅުތަކުގައި އެއްވެސް ފެންވަރަކަށް ތެލިފޯނުގެ ގުޅުމެއްނެތް.

އޭރު އަޅުގަނޑު އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށް ހުރިއިރު ދިމާވި އެއްކަމަކީ، މާލޭގެ ތެލިފޯނު ކޭބަލްތައް ގުޅާލާފައި ހުންނަ ބައެއް ދަނޑިތަކުގައި ހުރި ކޮންމެވެސް އިކުއިޕްމަންޓެއް ހަލާކުވެގެން އެއަށް އޯޑަރު ކުރަންޖެހުނީ. އެއަށް އޯޑަރު ކުރީމާ ތަކެތި އުފައްދާ ފަރާތުން އެއީ، އިނގިރޭސިވިލާތުގެ ކުންފުންޏެއް، 2 މަސްދުވަސް ފަހުން އަންގަނީ ތިޔަ ބާވަތުގެ ތަކެތި އުފެއްދުން ތިމަންނަމެން ހުއްޓާލިތާ އެތައް އަހަރެއްވެއްޖެއޭ. އެހިސާބުން އެކަންއޮތީ ހުއްޓިފައި.

ދެން މިކަހަލަ އޭރާގުޅޭ ހާލަތެއްގައި އަޅުގަނޑުމެން ތިބީ. ތިއްބާ މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެހެން ދާއިރާތަކަށް މިއައި ކުރިއެރުންފަދަ ބޮޑެތި ކުރިއެރުންތަކެއް މިއަދު މިއޮތީ ޓެލެކޮމްގެ ދާއިރާއަށްވެސް އައިސްފައި. މިހާރު އަޅުގަނޑުމެންނަށް ދުނިޔޭގެ ކޮންމެ ތަނަކާ ގުޅާލުމަށްވެސް ވަރަށް ފަސޭހަ. މޯބައިލް ތެލިފޯނުތައްވެސް ރާއްޖޭގެ އެތަންމިތާނގައި މިހިރީ. އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގައިވެސް އަތޮޅުތަކުގެ ހަމަކޮންމެ މީހެއްގެ އަތުގައިވެސް މޯބައިލް ފޯނެއް އޮއްވާ ފެނޭ. މަސްވެރިންވެސް، އެނޫން މީހުންވެސް އެބޭނުން ކުރަމުންގެންދަނީ. އެއްބަޔަކު އަނެއް ބަޔަކާ ގުޅާލާ އަދި އާއިލާއާ ގުޅައި، މިހުރިހާ ކަމެއް ވަރަށް ފަސޭހައިން ކުރެވޭ. މިއިން މި ދައްކަނީ އަޅުގަނޑުމެންގެ ރާއްޖެއަށް މިއައި ކުރިއެރުން. އެހެންވީމާ، މިއީ އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންނަކީ، ކިތަންމެ ކުޑަކުޑަ ޤައުމެއް ކަމަށްވިޔަސް، އަޅުގަނޑުމެންވެސް މި ކުރާ މަސައްކަތުގެ ސަބަބުން، ކުރިއެރުންތަކެއް ލިބެމުންދާކަން އެއީ، އަޅުގަނޑުމެން ހަމަ އަބަދުވެސް ވިސްނަންޖެހޭކަމެއް.

އާދެ! މި މުނާސަބަތުގައި ރާއްޖޭގެ ޓެލެކޮމް ދާއިރާ ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެ ތެރޭގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދާއި އެ މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ހިމަނަން. ހަމަ އެހެންމެ، ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް އަލްފާޟިލް މުޙަންމަދު ޢާމިރާއި އެ އޮތޯރިޓީގެ ވެރިންނާއި މުވައްޒަފުންވެސް ހިމަނަން. ހަމައެއާއެކު ދިރާގުގެ ވެރިންނާއި، މުވައްޒަފުންނާއި، ވަޠަނިއްޔާގެ ވެރިންނާއި މުވައްޒަފުންވެސް ހިމަނަން. މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މީގެ އިތުރުން، ރާއްޖޭގެ މުވާޞަލާތީ ދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް އަދި މި ދާއިރާ ތަރައްޤީ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދެން އަޅުގަނޑުވެސް އިނގިރޭސިބަހުން ދެތިން ބަހެއް ދަންނަވާލަން ކަމަށް. ބޭރުގެ ބޭފުޅުންވެސް މިތާ ވަޑައިގެން ތިއްބެވުމާއެކީގައި.

بســم اللّـه الرّحمـن الرّحيــم

It gives me great pleasure to officially inaugurate the “WARF Submarine Cable” link between the Maldives and India. I congratulate WARF, Wataniya, Reliance and Focus on this happy occasion.

I thank you for the commemorative plaque that you have just presented to me.

The linkage to the international world through submarine fibre optic cable is a great advancement in telecommunication in this country.

Three months ago, Dhiraagu established a fibre optic submarine cable between the Maldives and Sri Lanka, which I had had the pleasure of inaugurating.

These links are ample proof of the quality achieved by telecommunication services of the country.

The improvements that are being witnessed in the country’s telecom sector are the result of the competitive telecom environment we have developed based on the telecom policy announced by the Government in 2001.

Increasing public access to telecommunications at an affordable rate is an important policy of the Government.

The Government of the Maldives appreciates the role that Wataniya, Reliance Communication and Focus Infocomm (WARF) and Dhiraagu have played in enabling the Government to achieve its target of providing a high quality and reliable telecommunication service at an affordable price to the people of the Maldives.

We are looking forward for the day that the whole nation will be covered by this network.

Thank you.