بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين

އާދެ! އަޅުގަނޑު މީގެ ދެދުވަސް ކުރިއްސުރެ ފަށައިގެން، ތިލަދުންމަތީ ދެކުނުބުރީގައި މީހުން އުޅޭ ރަށްރަށަށް މިކުރާ ދަތުރުގައި، އެންމެފަހު ރަށަކަށް މިއާދެވުނީ، ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް. އާދެ! ނޭކުރެންދުއަށް. މިރަށަކީ، އަޅުގަނޑުގެ މިދަތުރުގެ އެންމެފަހު މަންޒިލް. މިރަށަށް އައުމުން، މިރަށުގެ ވެރިންނާއި ރައްޔިތުން އަޅުގަނޑަށް ވިދާޅުވީ ވަރަށް ހޫނު މަރްޙަބާއެއް. ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް. އެހެންކަމުން، މިރަށުގެ ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑަށް މިރަށަށް މިއާދެވުނީ، ދުވަހުގެ އެންމެ ހޫނުގަދަ ވަގުތުގައި ކަމަށްވިޔަސް، ވަރަށްގިނަ ރައްޔިތުން، އެހޫނަށް ކެތްކުރައްވައިގެން އަވީގައި ވަރަށް ގިނައިރު ތިއްބެވީ އަޅުގަނޑާ ބައްދަލުކުރެއްވުމަށްޓަކައި. އަދި އަޅުގަނޑާ ސަލާންކޮށްލެއްވުމަށްޓަކައި. އަދި އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމަށްޓަކައި. އަދި ވަރަށްގިނަ އަދަދެއްގެ ސްކޫލް ކުދިންވެސް ތިބި. އެހެންވީމާ، މިހުރިހާ ކަމަކުން ދައްކައިދެނީ، ނޭކުރެންދޫ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާމެދު އުފެދިފައިވާ އިޚްލާޞްތެރިކަން ކަމަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ޝުކުރުގައި ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދުދީދީވެސް ހިމަނަން. އެއީ، އޭނާގެ ވާހަކަފުޅުގައިވެސް އަޅުގަނޑު ދާ ކޮންމެ ރަށެއްގައި، މަރްޙަބާގެ ވަރަށް އިޚްލާޞްތެރި ޢިބާރާތްތަކެއް ބޭނުންކުރައްވާތީ. އަދި ދާ ކޮންމެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މަރްޙަބާ ވިދާޅުވާތީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ! އަޅުގަނޑަށް މީގެކުރިން ނޭކުރެންދުއަށް އާދެވިފައިވަނީ އެންމެފަހަރަކު. އެއީ، 1979 ވަނަ އަހަރު. އަޅުގަނޑު ވެރިކަމާ ހަވާލުވިތާ ހަތަރު މަސްދުވަހުގެ ތެރޭގައި، ރާއްޖޭގެ އެންމެ އުތުރުގެ ދެއަތޮޅަށް، ތިލަދުންމަތީ އުތުރުބުރިއަށާއި ދެކުނުބުރިއަށް އަޅުގަނޑު ކުރި ދަތުރުގައި. އޭރު ކަންތައްތައް އޮތްގޮތުގެ ވާހަކަ ނުވަތަ އޭގެކުރިން ކަންތައްތައް އޮތްގޮތުގެ ވާހަކަ ކޮންމެވެސް ވަރަކަށް، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި ގެންނަވައިފި. އަޅުގަނޑުވެސް އެކަހަލަ ދެވާހަކައެއް ދަންނަވާލަން ކަމަށް.

އެއްވާހަކައަކީ، 1978 ވަނަ އަހަރު އަޅުގަނޑު ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ރައްޔިތުން އިންތިޚާބު ކުރައްވައި އަދި މަގާމުގެ ހުވާނުކޮށްހުއްޓާ، އަޅުގަނޑާ ބައްދަލުކުރައްވަން ވަޑައިގަތީ، ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު. އޭނާއަކީ، އުމުރުން ދުވަސްވީ ވަރަށްގިނަ ތަޖުރިބާތަކެއްހުރި އަދި ރާއްޖޭގައި ހިނގާ ކަންތައްތައް ދެކެވަޑައިގެންފައިވާ ބޭފުޅެއް. އޭނާ އަޅުގަނޑު ގާތު ވިދާޅުވީ، މައުމޫން ވެރިކަމުގައި ހުންނައިރު ރައްޔިތުންނަށް ދެކަމެއް ފުރިހަމަކޮށްދީފިއްޔާ، ރައްޔިތުން ތިބޭނީ ވަރަށް ބޮޑަށް ރުހިގެން ޤަބޫލުވެގެންނޭ. އަޅުގަނޑު ދެންނެވިން އެއީ ކޮން ދެކަމެއްތޯއޭ. ދެން ވިދާޅުވި އެއްކަމަކީ، ކާޑުގެ ބާވަތްތައް ލިބެން ހުރުމޭ. ރައްޔިތުންނަށް ކާބޯތަކެތި ލިބެން ހުރުމޭ. ދެވަނަކަމަކީ، ރައްޔިތުން ބޭނުންވާ ވަރަށް ދުންފަތް ލިބެން ހުރުމޭ. އެއީ 1978 ގައި. އޭނަ ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ރައްޔިތުން އެންމެބޮޑަށް ބޭނުންވި ދެކަންތައް. ކާންބޯން ލިބުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރަން ލިބުމާ.

އެކަމަކު މިހާރު އެހެންތޯ! ޝައްކެއްނެތް. ކާބޯތަކެތި ލިބުމަކީ ވަރަށް މުހިންމު ކަމެއް. އެކަން އޮންނަންޖެހޭނެ އަބަދުވެސް. އެކަމަކު ދުންފަތަކީ، އެއާ ދޭތެރޭގައި މިހާރު އަޅުގަނޑުމެން ދެވަނަ ވިސްނުމެއް ގެންގުޅޭ އެއްޗެއް. ދުންފަތަކީ، އޭގެ ނުބައި އަސަރު އަޅުގަނޑުމެންނަށް މިހާރު ވިސްނި، އެކަމަށް ހޭލުންތެރިވެފައިވާ އެއްޗެއް. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ނުބައި އާދައެއްކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވިއްޖެ. އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެނުބައި އާދައިން ރައްކާތެރިވުމަށް، ދުރުހެލިވުމަށް. 

ދަންނަވަން މިއުޅުނު ވާހަކައަކީ، އޭރުގެ ވިސްނުމާއި މިހާރުގެ ވިސްނުމާ ދޭތެރޭ ހުރި ތަފާތު. މިހާރު ކާކުތޯ ބުނާނީ ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ކާބޯތަކެއްޗާއި ދުންފަތް ލިބޭނެގޮތް ހަމަޖައްސައިދިނީމާ އެނިމުނީއޭ. ބުނާނެ އެކަކުވެސް ނުހުންނާނެ. މިހާރު އަޅުގަނޑުމެން ބޭނުންވަނީ، އެއަށްވުރެ މާ ރަނގަޅު ފައިދާހުރި ކަންތައްތަކެއް. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ކުދިންނަށް މަތީ ފެންވަރަކަށް ތަޢްލީމު ޙާޞިލުކޮށްދޭން. އަޅުގަނޑުމެންގެ ރަށްރަށުގައި އެކަށީގެންވާ ފެންވަރަކަށް ޞިއްޙީ ޚިދްމަތް ލިބެން ހުންނަން. އަޅުގަނޑުމެންގެ ބަނދަރު އެއީ ރަނގަޅު، ލަފާފުރަން ފަސޭހަ ބަނދަރަކަށްވުމަށް. އަޅުގަނޑުމެންގެ ކަރަންޓް 24 ގަޑިއިރު ދެވޭ، އަދި ރައްޔިތުންނަށް، އެމީހުންނަށް އޭގެ ޚަރަދު ކުރެވޭވަރުގެ އަގެއްގައި ލިބެން ހުންނަން. ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވެފައި އޮންނަން. މިހެންގޮސް، މިހާރު އަޅުގަނޑުމެން ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. މީގެއިތުރުން، ކޮންމެ ރަށެއްގައިވެސް، ރަށުގެ މީހުންނަށް އާމްދަނީ ލިބޭފަދަ ވަޒީފާތަކެއް ހުރުން. އެކިއެކި އިޤްތިޞާދީ ބޮޑެތި މަސައްކަތްތައް، ޚާއްޞަކޮށް، މިކަހަލަ ބޮޑެތި ރަށްރަށުގައި ފެށިގެން ކުރިއަށް ދިޔުން. މިއީ، މިހާރު އަޅުގަނޑުމެން ރައްޔިތުން އެދޭ އެދުންތަކަކީ. އެހެންވީމާ، އޭރާ މިހާރާ ވަރަށް ބޮޑަށް ތަފާތުވެއްޖެ. މީހުންގެ ވިސްނުމަށް ވަރަށްބޮޑު ބަދަލު އަތުވެއްޖެ. އެއީ، އެވިދާޅުވި ސަބަބަށްޓަކައި.

ދެން ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، ހަމަ އޭނަ އެވިދާޅުވި ވާހަކަފުޅާ ގުޅިގެން، ތަޢްލީމުގެ މުހިންމު ކަމުގެ ވާހަކަ. އަޅުގަނޑު އެންމެ ފުރަތަމަ ތިލަދުންމަތީ ދެބުރިއަށް ކުރި ދަތުރުކުރީ 1979ވަނަ އަހަރު. އެއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 14 ވަނަ ދުވަހާ ހަމައަށް، އަޅުގަނޑު މިދެއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރިން. އޭރު އެއްވެސް ރަށެއްގައި ސަރުކާރުގެ ސްކޫލެއް ނެތް. ސަރުކާރުގެ މަދަރުސާއެއް ނެތް. އޭރު މުޅި ރާއްޖޭގައިވެސް ހުރީ ސަރުކާރުގެ 4 މަދަރުސާ. މާލޭގައި ހުރި 3 ސްކޫލަކާއި، ބ. އަތޮޅު އޭދަފުށީގައި ހުރި ތަޢްލީމީ މަރްކަޒާ. މިނިމުނީ. ސަރުކާރުގެ ޚަރަދުގައި ހިނގާ އެއްވެސް މަދަރުސާއެއް، ސްކޫލެއް އޭރަކު ނެތް.

މިހާރު ކިހިނެއްތޯ. މިހާރު އޭގެ ޢަދަދު 221 އަށް އަރައިފި. ސަރުކާރުގެ ޚަރަދުގައި، މާލޭގަޔާއި އަތޮޅުތަކުގައި ހިންގާ ސްކޫލްތަކުގެ އަދަދު، އޭރު އޮތް ހަތަރަކުން މިހާރު 221 އަށް ބަދަލުވެއްޖެ. ފެންވަރު އޭރު މިދެންނެވީ ރަށްރަށުގައި ސަރުކާރުގެ ސްކޫލެއް ނެތް ތާނގައި، ސަރުކާރުގެ މަކްތަބެއްވެސް ނުހުރޭ. އަމިއްލަ މީސްމީހުން ހިންގާ ނުވަތަ ރައްޔިތުން ހިންގާ ކުދިކުދި މަކްތަބު ހުރީ. ހަމަ ކިރިޔާ ޢަރަބި ތާނަ އަކުރު ލިޔަން ކިޔަން ދަސްކޮށްދީ، ހިސާބު އަކުރު ދަސްކޮށްދީ ހަދާ ތަނެއް އެއީ. ދެން ޤުރްއާން ކޮންމެވެސް ވަރަކަށް ކިޔަވައިދޭ ތަނެއް އެއީ.

އޭރު އަޅުގަނޑު ބައެއް ރަށަށްރަށަށް ގޮސްފައި ސުވާލުކުރީ، ބައެއް މީހުން ގާތުގައި، ކުދިން މަކްތަބަށް ފޮނުވަންހޭ. ބައެއް މީހުން ބުނީ ފޮނުވަމޭ. އަނެއްބައި މީހުން ބުނީ ނުފޮނުވަމޭ. އަޅުގަނޑު އަހާލިން ކީއްވެތޯ މަކްތަބަށް ނުފޮނުވަނީ. ބުނީ ފީ ދައްކަންޖެހޭތީއޭ. ދެން ފީއަކީ ކިހާވަރެއްތޯ ބަލާލިއިރު ކުއްޖަކަށް މަހަކަށް -/1 ރުފިޔާ. ކުއްޖަކަށް މަހަކަށް -/1 ރުފިޔާގެ ފީ، އެއީ ބޮޑު ފީއަކަށް ވެގެން އޭރު ބައެއް މައިންބަފައިން، އެމީހުންގެ ދަރިން މަކްތަބަކަށްވެސް ނުފޮނުވާ. މިހާރު ތިޔަބޭފުޅުން ކޮންމެ ކުއްޖެއްގެ ތަޢްލީމަށް ތިޔަ ޚަރަދު ކުރައްވަނީ ކިތައް އެއްރުފިޔާތޯ. ކޮންމެ ކުއްޖެއްގެ ތަޢްލީމަށް ސަރުކާރުން ޚަރަދު ކުރަނީ ކިތައްހާސް ރުފިޔާތޯ. އަދި މައިންބަފައިންވެސް ވަރަށްގިނަ އަދަދަކަށް އެބަ ޚަރަދު ކުރައްވާ. މިހިރީ އަޅުގަނޑުމެންގެ ވިސްނުމަށާއި ކަންތަކަށް އައި ބަދަލު.

އެހެންވީމާ، މިހާރާއި އޭރާ އަޅާ ބަލާފައި އެއްގޮތަކަށްވެސް އެއްޗެއް ބުނެވޭކަށް ނޯންނާނެ. އަޅުގަނޑު ހިތަށް އެރީ ހަމަ ދަންނަވާލާނަމޭ، އަތޮޅުވެރިންގެ ވާހަކަފުޅުގައި އެވިދާޅުވި ޙަޤީޤަތް. އެއީ ވަރަށްބޮޑު ޙަޤީޤަތެކޭ. އަޅުގަނޑުމެންނަށް މިހާރު ކަންތައްތައް ވިސްނިގެން މިއުޅެނީ ތަޢްލީމު ލިބުނީމައޭ. އަޅުގަނޑުމެންގެ ކުދިންނަކީ، މިހާރު ތަޢްލީމު ޙާޞިލު ކޮށްފައިވާ، ކުރަމުންގެންދާ އަދި ކޮށްފައިވާ ކުދިން. ރާއްޖޭގެ ވަރަށްގިނަ ވުޒާރާތައް ހިންގެވުމުގައި އެންމެ އިސްކޮށް މިތިއްބެވީ، ވަރަށް ތަޢްލީމީ ބޭފުޅުން. އަދި އަތޮޅުތަކުގެ އަތޮޅުވެރިކަމުގައިވެސް މިހާރު އެތިއްބެވީ، މަތީ ފާސް ނަންގަވާފައި ތިއްބެވި ތަޢްލީމީ ބޭފުޅުން. މިސާލަކަށް، އަލްފާޟިލް މުޙަންމަދުދީދީ. މާސްޓަރޒް ހައްދަވާފައި ހުންނެވި ބޭފުޅެއް. އަދި އެހެން އަތޮޅުތަކުގައިވެސް މިކަހަލަ ތަޢްލީމީ ބޭފުޅުން އެތިއްބެވީ. އެބޭފުޅުންގެ ޚިދްމަތް މިފެންނަނީ.

އަދި އޭގެއިތުރުން، މިދެންނެވިހެން ސަރުކާރުން ތަފާތު މަޝްރޫޢުތަކެއްގެ ދަށުން އުފައްދާފައި މިވާ ސްކޫލް މަދަރުސާތަކާއި އަތޮޅު މަދަރުސާތަކާއި ތަޢްލީމީ މަރްކަޒުތަކާއި އަދި އެނޫންވެސް ބޮޑެތި ބޮޑެތި ސްކޫލްތައް އެހެރީ.

އިއްޔެ އަޅުގަނޑު ހުރީ ކުޅުދުއްފުށީގައި. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް. ވަރަށްބޮޑު ސްކޫލެއް މިހާރު. ޢަފީފުއްދީން ސްކޫލް. ވަރަށްބޮޑު ސްކޫލެއް. އަދި ދެކުނުގެ އަތޮޅުތަކުގައިވެސް ހަމަ އެހެރީ އެފަދަ ބޮޑެތި ސްކޫލްތައް. މިހާރު އަޅުގަނޑުމެންގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ކިޔަވާ ކުދިން. އަޅުގަނޑުމެންގެ އާބާދީ ތިންލައްކައަށްވީއިރު، ކިޔަވާ ކުދިންގެ އަދަދު އެއްލައްކައަށްވުރެ ގިނަ. އެހެންވީމާ، ތިންބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ. މިހިރީ ތަޢްލީމުގެ ފުރުޞަތުތައް މިހާރު ހުޅުވިގެންދިޔަވަރު. އެހެންވީމާ، މިހުރިހާ ކުދިން ތަޢްލީމު ޙާޞިލުކުރީމާ، އެކުދިންނަށް، އެޒުވާނުންނަށް އެއްޗެއް ވިސްނޭނެ. އެމީހުން ދިރިއުޅުން ތަރައްޤީ ކުރަން، ކުރިއަށް ދާން ބޭނުންވާ ކަންތައްތަކާމެދު ޚިޔާލު ކުރެވޭނެ.

އެހެންވީމާ، ދެން ބޭނުންވަނީ ފަޅު. ދެން ބޭނުންވަނީ ނަރުދަމާގެ ނިޒާމު. ދެން ބޭނުންވަނީ ބޯފެން ރަނގަޅަށް ލިބުން. ދެން ބޭނުންވަނީ ފަސޭހަ އަގެއްގައި ކަރަންޓް ލިބެން ހުންނަން. ދެން ބޭނުންވަނީ ރަށުގައި ބޮޑެތި މަސައްކަތްތައް ފެށި، މީހުންނަށް ވަޒީފާ ލިބި އާމްދަނީ އިތުރުވާން. މިހެންގޮސް ކިޔާފައި ނުކިޔާނެ ކަމެއް ނެތް. އެކަން ހަމަ ރަނގަޅޭ. ހައްތާވެސް ރަނގަޅު ކަންތައް. ހައްތާވެސް ހަމަ ރައްޔިތުން ބޭނުންވާންޖެހޭނެ ކަންތައް.

ތަރައްޤީގެ ބޭނުމަކީ އެއީ. އެއް ހަރުފަތަކަށް ދެވުނީމާ، ދެން ފެންނަން ޖެހޭނީ އޭގެ މަތީގެ ހަރުފަތްތައް. އޭގެ ތިރީގެ ހަރުފަތެއް ނޫން. އަޅުގަނޑުމެން މިހިސާބަށް އައިމާ ދެން ފެންނަނީ މައްޗަށްހުރި ހަރުފަތްތައް. ބަލަން ޖެހޭނީވެސް މައްޗަށް ހުރި ހަރުފަތްތަކަށް. އެހަރުފަތްތަކަށް ވާސިލުވުމަށް. އެ ހަމަ ރަނގަޅު ކަމެއް. މިރަށުގެ ރައްޔިތުންވެސް އެދިވަޑައިގަންނަވާ ކަންތައްތަކަކީވެސް ހަމަ ރަނގަޅު މުހިންމު ކަންތައްތައް. އަދި މިނޫން އެހެން ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކަކީވެސް ހަމަ ރަނގަޅު ކަންތައްތައް.

ދެން ވިސްނާލަންޖެހެނީ، މިކަންތައްތައް ކީއްވެތޯ އަޅުގަނޑުމެންނަށް އެހާ އަވަހަށް ނުކުރެވެނީ. ނުކުރެވޭ ސަބަބުވެސް އެބައޮތް. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ރާއްޖެއެއް. ވަރަށް ކުޑަކުޑަ ޤައުމެއް. އެންމެ ތިންލައްކަ މީހުން ދިރިއުޅެނީ. އަޅުގަނޑުމެންގެ ހުރި މުއްސަނދިކަމުގެ ވަސީލަތްތައްވެސް މަދު. ބައެއް ތަންތާނގައި ތެޔޮ ހުރޭ. އަނެއްބައި ތަންތާނގައި އެކިވައްތަރުގެ އެހެން ކަންތައްތައް ހުރޭ. އެމީހުންނަށް އާމްދަނީ ލިބޭކަހަލަ ބައިވަރު ބޮޑެތި މަސައްކަތްތައް ހިންގާކަހަލަ ކަންތައްތައް ހުރޭ. އަޅުގަނޑުމެން ރާއްޖެއަކު އެފަދަ ކަމެއް ނެތް އެގޮތަކަށެއް. އަޅުގަނޑުމެންނަށް މިލިބޭ އާމްދަނީއެއް މިލިބެނީ މައިގަނޑު ދެކަމަކުން. އެއީ މަސްވެރިކަމާއި ފަތުރުވެރިކަމާ އެދެކަންތަކުން. ދެން އޭގެއިތުރުން، ވިޔަފާރިއާއި އިމާރާތް ކުރުމާއި، ދެން އެހެންހުރި މަސައްކަތްތަކުންވެސް އެބަލިބޭ. އެކަމަކު މިހިސާބަށް މިދެވުނީވެސް ހާދަ ދުވަހަކުންނޭ.

މިހާރު މިއަހަރަށް ސަރުކާރުން ކަނޑައަޅާފައި އޮތް ބަޖެޓަކީ ވަރަށްބޮޑު ބަޖެޓެއް. އެއްހާސް ދުއިސައްތަ މިލިޔަން ރުފިޔާގެ ބަޖެޓެއް. އޭގެ ބޭނުމަކީ ކޮބައިތޯ؟ އޭގެ ބޭނުމަކީ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން. ސްކޫލްތައް ބޮޑެތި ކުރުމާއި، ސްކޫލްތަކުގައި އިތުރު ކްލާސްތައް އުފެއްދުމާއި، ހެލްތް ސެންޓަރުތަކަށް މީހުން ހޯދުމާއި އަދި އަތޮޅު ހޮސްޕިޓަލްތައް ހެދުމާއި، ސަރަޙައްދީ ހަސްފަތާލުތައް ހެދުމާއި، ރަށްރަށުގެ ފަޅުފުންކުރުމާއި، ކަރަންޓްލައިދިނުމާއި، މިހެންގޮސް ބޭނުންވާ ހުރިހާ ކަންތައްތަކެއް. މިއަހަރަށް ކަނޑައެޅެން އޮތް ވަރަކަށް، މިއަހަރަށް ޚަރަދު ކުރެވެން އޮތް ވަރަކަށް، މިއަހަރުގެ ބަޖެޓުގައި އެގޮތަށް ކަނޑައަޅަނީ. މިއިން ކޮންމެ ކަމަކީވެސް ވަރަށް ބޮޑެތި އަދަދަކަށް ފައިސާ ބޭނުންވާ ކަންތައްތައް. ވަރަށްގިނަ ވަސީލަތްތައް ބޭނުންވާ ކަންތައްތައް. އެހެންވީމާ، އެއީކީ އެއްފަހަރަކާ ހުރިހާ ރަށެއްގައި ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންނަކީވެސް، މާތްﷲ ވިސްނުމުގެ ނިޢުމަތް ދެއްވާފައިވާ ބަޔަކަށްވާތީ، އަޅުގަނޑުމެން ވިސްނާލިޔަސް، މިކަންކަން ވިސްނޭނެ.

އެހެން ނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ، ހުއްޓުމެއްނެތި މިދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު އެކަންޏެއް ނޫން، ސަރުކާރުން މިގެނައީ މިމަސައްކަތް ކުރަމުންނޭ. އަދި ކުރިއަށް އޮތް ތާނގައިވެސް، އިރާދަކުރެއްވިއްޔާ ގެންދާނީ މިމަސައްކަތް ކުރަމުންނޭ. އޭގެ ނަތީޖާ އެބަފެނެޔޭ. އޭރާއި މިހާރާ ތަފާތު ބަލައިލީމާ. އެކަމަކު މިހާރު މިވާގޮތަކީ، 28 އަހަރުގެ ކުރީގެ ހަނދާން ހުންނަ އެއްވެސް ޒުވާނަކު ނުހުންނާނެ. އެންމެ ޅައުމުރުގެ ހަނދާންތައްވެސް މިހުންނަނީ 3 އަހަރު ނުވަތަ 4 އަހަރު ފަހުން. އެހެންވީމާ، އުމުރުން 32 އަހަރުގެ ހަގު މީހަކަށް، މީގެކުރިން ކަންތައް އޮތްގޮތެއް ނޭނގޭނެ. އަޑުވެސް އަހާފައެއް ނޯންނާނެ. އޭނާއަށް ފެންނާނީ މިއަދު. މިއަދު ފެންނާނީ، މިހިރަ ހުރިހާ ގެއެއްގައި ހުރި ކުލަ ޓީ.ވީ. އެންމެންގެ އަތުގައި މޯބައިލް ފޯނު، ބޮޑެތި ސިންގާ އިމާރާތްތައް، މޮޓޯ ސައިކަލްތައް، ކާރު މިއެއްޗެހިތައް މިހާރު ފެންނަނީ. އޭރު ކޮންއެއްޗެއްތޯ ފެންނަނީ.

ދަންނަވަންތޯ ވާހަކައެއް. ވަރަށް ކުރީގެ ވާހަކައެއްކަންނޭނގެ މިދެންނެވެނީ. އަޅުގަނޑު ކުޑައިރު މާލެއަކުން އެއްވެސް ކާރެއް ނުދެކެން. އެޒަމާނުގައި އެއްވެސް ކާރެއް، ހަތަރުފުރޮޅުލީ އެއްވެސް އެއްޗެއް މާލެއަކު ނެތް، އަޅުގަނޑު ތަޢްލީމު ޙާޞިލު ކުރަން ފުރިއިރު. ބައިސްކަލްވެސް އެންމެ ދޭތިކަންނޭނގެ ގެންގުޅެނީ. އެއީ، ރަދުން ދުއްވަވާ ބައިސްކަލާއި ބޮޑުވަޒީރު ދުއްވަވާ ބައިސްކަލް. އެނިމުނީ. ދެން އެއްވެސް އެހެން އެއްޗެއް ނެތް. މޮޓޯ ސައިކަލެއް، ކާރެއް، ލޮރީއެއް، ޓްރަކެއްވެސް ނެތް.

އެކަމަކު މިހާރު ކޮބައިތޯ. މާލެ ތޮއްޖެހިގެން، މާލޭގައި މީހުންނަށް އުޅެވޭވަރެއް ނޫން. މޮޓޯ ސައިކަލްތައް ގިނަކަމުން. އަދި ކާރުތަކާއި އެހެން ހަތަރު ފުރޮޅުލީ އެއްޗެހިތައް ގިނަކަމުން. މާލެ އެކަންޏެއް ނޫނެއްނޫންތޯ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ހަމައެހެން ކަންތައްވަމުން އެދަނީ.

މިހިރީ ކުރިއަރާފައި ހުރިވަރު. ކުރިއަރަމުންދާވަރު. މިކަން އަޅުގަނޑުމެން އެބަޖެހޭ ވަޒަންކުރަން. އަޅުގަނޑު ދަންނަވާނީ، މާތްﷲގެ ވާގިފުޅާއެކު، މިކުރިއެރުން ލިބުނީ ހަމަ ދިވެހި ރައްޔިތުންގެ މަސައްކަތުންނޭ. ދިވެހި ރައްޔިތުންނަށް ހަމަ ސާބަހޭ. އެހެން މިދެންނެވީ، އަޅުގަނޑުމެންނަށް އެއްޗެއް ދިނީ ކާކުތޯ. ދުނިޔޭގެ އެހެން ބައެއް ތަންތާނގައި، ޤައުމުތައް މިނިވަންވާއިރު، ކުރިން އެޤައުމުގައި ވެރިކަން ކުރި ބޭރުގެ ބޮޑު ފަރާތަކުން އޮންނާނީ ކަންތައްތައް ކޮށްދީފައި.

ބައްލަވާ، އަޅުގަނޑުމެންގެ ކައިރީގައި މިއޮތް ސްރީލަންކާ، އޮޅުދޫކަރަ. އެތާނގައި އިނގިރޭސިން ތިބެފައި ދިޔައިރު، އެތާނގައި ހުރީ ހުރިހާ ސްކޫލްތަކެއް ޤާއިމުކޮށްދީފައި. ޔުނިވަރސިޓީތައް ޤާއިމުކޮށްދީފައި ހުރީ. ހޮސްޕިޓަލްތައް ޤާއިމުކޮށްދީފައި ހުރީ. ބޮޑެތި ސިންގާ މަގު ހަދައިދީފައި ހުރީ. ބޮޑެތި ސިންގާ ފާލަން އަޅައިދީފައި ހުރީ. ރޭލް ދަގަނޑު އަޅައިދީފައިހުރީ. ބޮޑެތި ސިންގާ އިމާރާތްތައް ހުރި. ނެތް އެއްޗެއް ނެތޭ. އިނގިރޭސިން ސްރީލަންކާ ދޫކޮށް ދިޔައިރު، މިހުރިހާ އެއްޗެހި ހުރީ އެތާނގައި.ހަމަ އެގޮތަށް އިނގިރޭސިން އިންޑިޔާ ދޫކޮށްދިޔައިރު، އިންޑިޔާގައި އެހުރިހާ އެއްޗެއް ހުރި.

އެކަމަކު އަޅުގަނޑުމެން މިނިވަންވީއިރު، 1965 ވަނަ އަހަރު، އެއްވެސް ބޭރުބަޔަކު އަޅުގަނޑުމެންނަށް ކަމެއް ކޮށްދީފައި އޮތްތޯ. އެއްކަމެއްވެސް ނެތް. އަޅުގަނޑުމެން ހަމަ ފަށަން ޖެހުނީ ސުމަކުން. ދިވެހި ރައްޔިތުން މިމަސައްކަތް މިފެށްޓެވީ 1965 ވަނަ އަހަރު ސުމަކުން. ސުމަކުން ފަށްޓަވައިގެން، މިހާރު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، 42 އަހަރު ދުވަހުގެ ތެރޭގައި، މިހިސާބަށް ދެވުނުކަން އެއީ، އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ޙައިރާންކުރުވަނިވި ކަމެކޭ. އެއީ، ހަމައެކަނި މާތްﷲގެ ހެޔޮ ރަޙްމަތްފުޅޭ. އެކަލާނގެ ދެއްވި ބޮޑު ނިޢުމަތެކޭ. އެކަލާނގެ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް މިބޮޑު ކުރިއެރުން މިލިބުނީ. މިހާރު ރާއްޖެ ކުރިއަރާފައިވާ މިންވަރަކީ، މިސަރަޙައްދުގެ އެންމެންވެސް ޢަޖައިބުވާހާ މިންވަރެއް. މިސަރަޙައްދު ކީއްކުރަންތޯ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް އެބަ ޢަޖައިބުވޭ. ކަންތައްތައް ހުރިގޮތް ބަލާފައި. އަޅުގަނޑުމެން މިކުރިއަށްދާ މިންވަރާއި ރާއްޖޭގައި ލިބެންހުރި މިންވަރާއި، ރާއްޖޭގައި ލިބެންހުރި ފަސޭހަތަކާއި އެއްޗެހި. އަޅުގަނޑުމެންނަށްވުރެ މާ މީސްގިނަ، މާ ވަސީލަތްތައް ގިނަ މުއްސަނދި ޤައުމުތަކުގައިވެސް ކުރިއަށްނުދާ ފެންވަރަށް، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ކުރިޔަށް އެބަދެވޭ. އެއީ، ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތުން. އަޅުގަނޑުމެންގެ ރާއްޖޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އެނޫން ޞިނާޢަތްތައް ކުރިއަރައި ތަރައްޤީވަމުންދާލެއް އަވަސްކަމުން. އެހެންވީމާ، މިއީ، އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ކަންތައްތަކެއް.

އާދެ! ނޭކުރެންދޫ ރައްޔިތުންނަކީ، ވަރަށް އެކުވެރި ބައެއް ކަމުގައި އަތޮޅުވެރިން ދެންމެ ވިދާޅުވެއްޖެ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއޮތް ބޮޑުމަގުވެސް ތިޔަބޭފުޅުން އަމިއްލަފުޅަށް ތިޔަހެއްދެވީ، ރުއްގަސް ކަނޑުއްވައި އަދި ބަދަލުވެސް ނުވެސް ލިބެނީސް. އެހުރިހާ ކަމެއް ތިޔަކުރެއްވީ، ރަށުގެ ތަރައްޤީއަށްޓަކައި. މިއީ ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް، އައްސަރިބަހާއި ސާބަސް ރައްދުވާ ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް ޝުކުރު ދަންނަވަން.

މިހާރު ހިނގާ އެންމެ މުހިންމު ކަމަކީ، ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމުގެ މަޝްރޫޢު. އެމަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިމޭނެ. ނިމުމާ ކައިރީގައި އެއުޅެނީ. އެކަން ނިމުނީމާވެސް، އިރާދަކުރެއްވިއްޔާ މިރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.

އޭގެއިތުރުންވެސް، ވަރަށްގިނަ ކަންތައްތައް މިރަށަށް ހަމަޖެހިފައި އެބަހުރި. އެއްކަމަކީ، އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން، އޭ.ޑީ.ބީ.ގެ އެހީގައި މިރަށުގައި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި، މިރަށުގައި އަޅާ ނެޓްވާރކް އެޅުން. އޭގެ މަސައްކަތް ފެށޭ ހިސާބަށް ކަންތައްތައް މިހާރު ވަނީ ގޮސްފައި. އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެމަސައްކަތްވެސް ފެށޭނެ. އޭރުން މިރަށުގެ ކަރަންޓަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް އެކަން ވެގެންދާނެކަމާމެދަކު ޝައްކެއްނެތް. ދެން އަތޮޅުވެރިން ވިދާޅުވެއްޖެ. ޞިއްޙީ މަރްކަޒު އިމާރާތް ކުރުމަށް ހުރިހާ ކަމެއް ތައްޔާރުވެފައޭ ހުރީ. އެހެންވީމާ، އެކަންތައްވެސް އިރާދަކުރެއްވިއްޔާ ދާނެ.

މިކަންތައްތައް މިހެންވަމުންދާއިރު، ރައްޔިތުންގެ އެކުވެރިކަމާއި، ރައްޔިތުންގެ އިޚްލާޞްތެރި ތާއީދާއި، ރައްޔިތުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާނެ. މިހުރިހާ ކަމެއް ކުރެވޭނީ، ހުރިހާ ރައްޔިތުން އެއްބާރުލައްވައިދެއްވައިގެން. ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެންދެއްވައިގެން. ސަރުކާރަކުން އެކަނި މަސައްކަތް ކޮށްގެން، އެކަމެއް ނުކުރެވޭނެ. އެތް އަތަކުން އަތްތިލަބަޑިއެއް ނުޖެހޭނެ. ދެއަތް ބޭނުންކޮށްގެން އަތްތިލަބަޑި ޖެހޭނީ. އެހެންވީމާ، އެއްކޮޅުގައި ސަރުކާރު އޮތީވިއްޔާ، އަނެއްކޮޅުގައި ރައްޔިތުން ތިބެގެން ކަމެއް ކުރެވޭނީ. އެކަން އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ވަޒަން ކުރައްވާނެ.

އާދެ! ދެން ދަންނަވާލަން އޮތް ވާހަކައަކީ، މިރަށަށް އަޅުގަނޑު އައިއިރު ފެނިގެންދިޔަ މަންޒަރު ވަރަށް ރީއްޗޭ. އެއީ އަޅުގަނޑު މިއަތޮޅަށް މިފަހަރު މިކުރި ދަތުރުގައި، މަލަމަތި އެންމެ ރީތިކޮށް، އެންމެ ހިތްގައިމުކޮށް ފެނުނު ދެރަށަކީ، މިއަދު އަޅުގަނޑު މިދަތުރުކުރި ދެރަށް. އެއްރަށަކީ ވައިކަރަދޫ. އަނެއް ރަށަކީ ނޭކުރެންދޫ. ވަރަށްރީތި ގަސްގަހާގެހި އެބަހުރި. ވަރަށްރީތި ރުށްތަކެއް ހެދިފައި އެބަހުރި. މިއީ މާތްﷲ ދެއްވާ ވަރަށްބޮޑު ނިޢުމަތެއް. އެކަމަށް، މިރަށުގެ ރައްޔިތުން ރައްކާތެރިވެވަޑައިގަންނަވަން ޖެހޭނެ.

މިކަމާ ގުޅިގެން ދަންނަވާލަން އޮތީ، މިރަށުގެ ކަނޑޫ ގަސްތައް، އޭގެ ފުރިހަމަކަމާއި ރީތިކަމުން އަޅުގަނޑު ހަމަ ޙައިރާންވިއޭ. ވަރަށްރީތި. އަނެއްކާ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ ރައްޔިތުން އެތަން، އެގަސްތައް އެހެރީ ހިމާޔަތް ކުރައްވާފައި. އެއީ ޝައްކެއްނެތްގޮތުގައި، ރައްޔިތުން މިކަމަށް ހޭލުންތެރިވިލެއް ބޮޑުކަމުން. ތިމާވެށްޓަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެއްޗެއް. ތިމާވެށި ރައްކާތެރި ކުރަން އެބަޖެހޭ. އަދި ޚާއްޞަކޮށް، ރަށްގިރުން ރައްކާތެރި ކުރުމަށް އޮތް އެންމެ މުހިންމު އެއްވަސީލަތަކީ، ގިނަ އަދަދަކަށް ގަސް އިންދުން. ގޮނޑުދޮށުގައިވެސް ގަސް އިންދުން. ކަނޑޫ އެއީ އޭގެ ވަރަށް މުހިންމު އެއްޗެއް. ބޭރުގެ ފޮތްފޮތުގައިވެސް ހުންނާނެ ”މެންގްރޯވް“ ނުވަތަ ކަނޑޫގަސް ހެއްދުމަކީ، ބިންގަނޑު ހިފެހެއްޓުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެކޭ. އެހެންވީމާ، ނޭކުރެންދޫ ރައްޔިތުން، މިހާބޮޑު އިސްކަމެއް ދެއްވައިގެން މިކަން ކުރައްވާތީ، އެކަމާވެސް ވަރަށް ބޮޑަށް އުފާކޮށް، ނޭކުރެންދޫ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ކުރިންވެސް ދެންނެވި ފަދައިން، ނޭކުރެންދުއަކީ މިފަހަރުގެ މިދަތުރުގައި މިއަތޮޅުން އަޅުގަނޑު އެންމެފަހުން ޒިޔާރަތްކުރާ ރަށް. މީގެފަހުން ދެން އޮތީ، އިރާދަކުރެއްވިއްޔާ މިއަދު ހަވީރު މާލެ ދިޔުން. އެހެންވީމާ، މިދަތުރުގެ ކަންތައްތައް މިހާ ފުރިހަމަކޮށް އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، ހިންގުންތެރިންނަށާއި، އަދި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދުދީދީއަށާއި، އަތޮޅުއޮފީހުގެ އިސްވެރިންނަށާއި، ރަށްރަށުގެ ވެރިންނަށާއި، ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި މިއަތޮޅުގެ އަތޮޅުވެރިން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، މިއަތޮޅުގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވީ. އަދި ހުރިހާ ރަށެއްގެ މަޢްލޫމާތު އެއްކުރައްވައި، އެއްވެސް ރަށަކަށް ފޭބުމުގެ ކުރިން، އެރަށާބެހޭ ހުރިހާ މަޢްލޫމާތެއް އޭނާ ވަޑައިގަތީ އަޅުގަނޑަށް ދެއްވަމުން. އެހެންކަމުން، ހުރިހާ ކަމެއްވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ފަސޭހަވި. އެރަށަށް ދިޔައިމާ ދެން އެރަށުގެ މީހުން ދައްކާނީ، ކޮންކަހަލަ ވާހަކައެއްކަން ކުރިއްސުރެ އެނގުނީމާ. މުޙަންމަދުދީދީ އެކުރައްވާ މަސައްކަތުގެ ސަބަބުން ރައްޔިތުންނަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިދާނެ. އެހެންވީމާ، އޭނާ އެކުރައްވާ މަސައްކަތަށާއި، އަތޮޅުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތަށްޓަކައި، އަލްފާޟިލް މުޙަންމަދުދީދީއަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ޤައުމެއް ކުރިއަށްދާއިރު، އެންމެ މުހިންމު ކަމަކީ، އެޤައުމެއްގައި އޮންނަ ހަމަޖެހުން. އެޤައުމެއްގައި އޮންނަ ސިޔާސީ ހަމަޖެހުން. އިޖްތިމާޢީ ހަމަޖެހުން. ދީނީ ހަމަޖެހުން. ހުރިހާ ގޮތަކުންވެސް ރައްޔިތުންނަކީ، އެކުވެރި އެއްބައިވަންތަ ބަޔަކަށްވުން. ރައްޔިތުންގެ މެދުގައި އެއްވެސްކަހަލަ ބައިބައިވުމެއް ނެތުން. ޤައުމުގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމުވެފައި އޮތުން.

އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމުވެފައި އޮންނާނީ، އެންމެ ފުރަތަމަ ރައްޔިތުންގެ މަސައްކަތުން. ކޮންމެ ރަށެއްގައިވެސް ރައްޔިތުން، އެކަމަށް ދެއްވާ ސަމާލުކަމެއްގެ ސަބަބުން. ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ ހަމަޖެހުމަށް ދެއްވާ ސަމާލުކަމުގެ ބޮޑުކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖެއަކީ، އިރާދަކުރެއްވީތީ، ދުނިޔޭގެ އެހެން ތަންތަންހެން ހައްދުފަހަނަޅާފައިވާ ނުރައްކާތެރި އެކިއެކި ޢަމަލުތައް ހިނގާ ތަނެއް ނޫން. ރާއްޖެއަކީ، ވަރަށް އަމާން އޮމާން ސުލްހަވެރި ތަނެއް. އެއީ، ދިވެހި ރައްޔިތުން މިކަމަށް ދެއްވާ ސަމާލުކަމެއްގެ ބޮޑުކަމުން.

އޭގެއިތުރުން، ސުލްހަ ޤާއިމުކުރުމަކީ، މިޒަމާނުގައި ސަލާމަތީ ބާރުތަކުންވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން މިގޮތަށް ދެމެހެއްޓޭ ކަމެއް. ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިކަމަށް ކުރައްވާ މަސައްކަތް ވަރަށްބޮޑު. އާދެ! އެއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް. މިދެފަރާތުގެ ވެރިންނާއި އޮފިސަރުން އަދި އެދެބައިގައި ހިމެނޭ އެންމެން، މިކުރާ މަސައްކަތާއި މިކަމަށްދޭ ސަމާލުކަމަކީ، އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ފަޚުރުވެރިވެ، އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން ޖެހޭނެ ކަމެއް.

އެހެންވީމާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމުގައި ހުންނެވި އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށާއި، އަދި އެދެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލީސްގެ ހުރިހާ ވެރިންނަށާއި އޮފިސަރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! މިހާރު އެމް.އެން.ޑީ.އެފް.ގައިވެސް އަދި ފުލުހުންގެ ތެރޭގައިވެސް ތިބޭނީ ވަރަށް ޒުވާން، ވަރަށް ޤާބިލު މީހުން. ކިޔަވައިގެން ތިބި، އެމީހުން އަދާކުރަންޖެހޭ ވާޖިބުތައް ދަސްކޮށް، އެކަމުން ތަމްރީނު ލިބި، ހޭލުންތެރިވެފައިވާ މީހުން. މިއީވެސް ރާއްޖެއަށް އައި ވަރަށްބޮޑު ބަދަލެއް. މީގެކުރިން، ރާއްޖޭގައި މިކަހަލަ ހޭލުންތެރި އަދި މަސްއޫލިއްޔަތު އުފުލާ އަދި އެކަމަށް ޤާބިލު ސިފައިންނެއް އުފެއްދިފައެއް ނެތް. މީގެކުރިއަކުން އެފަދަ ޕޮލިސް ފޯހެއްވެސް އުފެދިފައެއް ނެތް.

އެހެން ނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، ދިވެހި ސަރުކާރުން މިކުރި މަސައްކަތުގެ ސަބަބުން މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތީ، އަޅުގަނޑުމެން ފަޚުރުވެރިވުން އެކަށީގެންވާފަދަ ސިފައިންގެ ބަޔަކާއި ފުލުހުންގެ ބަޔެއް. އެހެންވީމާ، އެމީހުން އެކުރާ މަސައްކަތް އަޅުގަނޑުމެން ދަންނަން ޖެހޭނެ. އެމީހުން އެމަސައްކަތް ކުރަނީ، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި. އަޅުގަނޑުމެންގެ ރަށްކަލަށްޓަކައި. ކޮންމެފަދަ ޙާލަތެއް ދިމާވިޔަސް، އަޅުގަނޑުމެން، އޭގެ ނުރައްކަލުން ސަލާމަތް ކޮށްދިނުމަށްޓަކައި. އެއީ، މަގުމަތީގެ އެކްސިޑެންޓެއް ކަމަށްވިޔަސް، ނުވަތަ ކަނޑުމަތީގެ ހާދިސާއެއް ކަމަށްވިޔަސް، އަލިފާނުގެ ހާދިސާއެއް ކަމަށްވިޔަސް، ބޭރުބަޔަކު ރާއްޖެއަށްދޭ ޢުދުވާނީ ޙަމަލާއެއް ކަމަށްވިޔަސް، ފެންބޮޑުވުން ކަމަށްވިޔަސް، ސުނާމީއެއް ކަމަށްވިޔަސް، މިހުރިހާ ކަމެއްގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަން މިތިބީ، ދިވެހި ސިފައިންނާއި ދިވެހި ފުލުހުން.

އެހެންވީމާ، އެމީހުން އެކުރާ މަސައްކަތުގެ އަގު، އަޅުގަނޑުމެން ވަޒަން ކުރަން ޖެހޭނެ. އެމީހުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެން ދޭން ޖެހޭނެ. އެއީ، އެމީހުން ރެޔާ ދުވާލު އެތިބެނީ ހޭލާ. އެއީ، އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މިއީވެސް އަޅުގަނޑު ހަމަ ކޮންމެހެން ދަންނަވާލަން ބޭނުންވާ ވާހަކައެކޭ. އެހެންވެގެން މިވާހަކަ މިދަންނަވާލީ.

އާދެ! ދެން އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. ނޭކުރެންދޫ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ނޭކުރެންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

މާތްﷲ، ނޭކުރެންދުއަށާއި، މިއަތޮޅަށާއި، ދިވެހިރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކުރައްވާށި! އަދި އަޅުގަނޑުމެންނަކީ، އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލައްވާށި! ދިވެހިރާއްޖެއަށް އުފާވެރި، ތަނަވަސް، ބާއްޖަވެރި މުސްތަޤްބަލެއް އިރާދަކުރައްވާށި!

والسّـلام عليـكم ورحـمة اللّـه وبـركاتـه.