بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! ހުވަދުއަތޮޅު ދެކުނުބުރީ ވެރިކަންކުރާރަށް ތިނަދުއަށް އަޅުގަނޑު މިއައި އައުމުގައި، ތިނަދޫގައި ގާއިމުކުރެވިފައިވާ އައިސްޕްލާންޓާއި މަސްމާރުކޭޓު ހުޅުވައިދިނުމަކީ، މާތް اللّـهގެ އިސްމުފުޅުގެ ބަރަކާތް ލިބިގަންނަމުން، އެކަލާނގެ ޙަޟްރަތުން ވާތްގަށް އެދިހުރެ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މި އުފާވެރި މުނާސަބަތުގައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރީން ރިސޯސަސް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އެ މިނިސްޓަރގެ ހީވާގި ވެރިންނަށާއި، މުވައްޒަފުންނަށާއި، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ޝަރީފަށާއި، އަތޮޅުގެ ރައްޔިތުންނަށާއި، ތިނަދުއާއި މިއަތޮޅުގެ މަސްވެރިންނަށާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. ހަމައެފަދައިން މި ސަރަޙައްދުގެ އަތޮޅުތަކުގެ މަސްވެރިންނަށާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށާއި، ގދ.އަތޮޅު ރައްޔިތުންނަށް ކޯޕަރޭޓިވް ސޮސައިޓީއަށްވެސް ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ! މިއަދު މާތް اللّـه ގެ އިސްމުފުޅުގެ ބަރަކާތުން މިހުޅުވުނު އައިސްޕްލާންޓާއި މަސްމާރުކޭޓަކީ، މަސްވެރިކަމުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ބިނާކުރުމުގައި އަދި މަސްވެރިރަށްރަށަށް ފޯރުވައިދިނުމަށް އަމާޒުކުރެވޭ މަޝްރޫޢުގެ ދަށުން ގާއިމު ކުރެވުނު އައިސްޕްލާންޓަކާއި މަސްމާރުކޭޓެއް.

އާދެ! މަސްދޯނިފަހަރުގެ ޖާގަ އެއްދުވަހުން އަނެއްދުވަހަށް މިދަނީ ބޮޑުވަމުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރައްވައިފި. އަދި އެހެން އެކަންވުމާއެކީގައި، އަޅުގަނޑުމެންގެ މަސްވެރިންނާއި ކެޔޮޅުން މަސްވެރިކަމުގައި މި ހޭދަކުރާ ވަގުތުވެސްދަނީ އިތުރުވަމުން. މިހުރިހާ ކަމެއްގެ ނަތީޖާއަކަށް ވަނީ ބާނާމަހުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ދިޔުން. މިއީ، ޝައްކެއްނެތް! ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ފައިދާއެއް ކުރަމުންގެންދާ ކަމެއް. އެހެންނަމަވެސް، މިކަން މިހެން ދިމާވުމުން ތާޒާކަންމަތީ މަސްގިނައިރު ބެހެއްޓުމަށްވަނީ އިތުރު ގޮތްތަކެއް ހޯދަންޖެހިފައި. އެހެންނޫންނަމަ މަސްތައް ހަލާކުވެ އުކާލަންޖެހުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް.

މި މަޝްރޫޢުގެ ދަށުން މަސްވެރިންނަށާއި މަހުގެ އުފެއްދުންތެރިކަމުގައި މަސައްކަތްކުރާ މީހުންނަށް ގަނޑުފެން ފޯރުވައިދިނުމަށްޓަކައި ގަނޑުފެން ތައްޔާރުކުރާ މިފަދަ ކާރުޚާނާތައް ރާއްޖޭގެ 4 ސަރަޙައްދެއްގައި ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. އޭގެ ތެރެއިން ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން މިއަދު މިހުޅުވުނު އައިސްޕްލާންޓަކީ ނުވަތަ ގަނޑުފެން އުފައްދާ ތަނަކީ އެފަދަ ތިންވަނަ ތަން. މީގެކުރިން އިހަވަންދޫގަޔާއި ފެލިވަރުގައި މިއަހަރުގެ ކުރީކޮޅު އައިސްޕްލާންޓްވަނީ ހުޅުވާފައި.

ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރިކަމުގެ ތަފާތު މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް ދިމާވެފައިވާ އެއް ދައްޗަކީ، މަސްވެރިރަށްތައް ބޮޑު ސަރަޙައްދެއްގެ ތެރޭގައި ބެހިފައި އޮތުން. ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި އުފެއްދުންތެރިކަމުގެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިމައްސަލައަށް ޙައްލު ހޯދައި އުފެއްދުންތެރިކަމުން ނަފާ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ (ދެންމެ މިނިސްޓަރު އެ ވިދާޅުވި ފަދައިން) އިކޮނޮމީޒް އޮފް ސްކޭލް ގާއިމުކުރެވިދާނެ ވިޔަފާރިއެއްގެ އެއް ނަމޫނާއަކީ ކޯޕަރޭޓިވްސް އެފެއްދުން. އަދި އެ ދާއިރާގައި ކޯޕަރޭޓިވްސް ހަރަކާތްތެރިވަމުން ދިޔުން.

އެހެންކަމުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުދި އަދި މެދުފަންތީގެ އުފެއްދުންތެރިންނަށް އެމީހުންގެ ވިޔަފާރީގެ ނަފާ ހޯދުމަށް އެހީތެރިވުމަށް މިދެ ދާއިރާގެ އުފެއްދުންތެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އުފައްދައި ހިންގުމަށް، ފަންނީ އަދި މާލީ އެހީތެރިކަން ދިނުމުގެ މަޝްރޫޢެއް 2005 ވަނަ އަހަރުން ފެށިގެން ހިންގަމުން އެބަގެންދެވޭ. މި މަޝްރޫޢުގެ އެއް އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އުފައްދައި އެ ކޯޕަރޭޓިވް ސޮސައިޓީތަކުގެ ގާބިލުކަން އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތެރިންގެ ހަރަކާތްތަކަށް މި ކޯޕަރޭޓިވް މެދުވެރިކޮށް މަގުފަހިކޮށްދީ ކުރިއެރުން ހޯދައިދިނުން.

މިއަދު މިހުޅުވުނު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އައިސްޕްލާންޓް ހިންގުން، ތިނަދޫ ރައްޔިތުންގެ ކޯޕަރޭޓިވާ ހަވާލުކުރެވިފައިވާކަމީ، އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރާ ކަމެއް. އެއީ، މަސްވެރިންނަށާއި މަހުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް ދެވޭ ޚިދްމަތްތައް ދިނުން، ރާއްޖޭގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ޢަމަލީގޮތުން ފަށާ ފުރަތަމަ ފަހަރުކަމަށްވާތީ. އަދި މިކަމުގެ ފައިދާ ގިނަ އަދަދެއްގެ ރައްޔިތުންގެ މައްޗަށް ބެހިގެންދާނެތީ.

އާދެ! މި މަޝްރޫޢުގެ ކޮންޓްރެކްޓަރުން ކޮށްދެއްވާފައިވާ މަސައްކަތްތަކަށްޓަކައި އެ ދެފަރާތަށް ޝުކުރު އަދާކުރަން. ދެންމެ މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. މަޝްރޫޢުގެ އެއް ކޮންޓްރެކްޓަރަކީ އެމް.ޓީ.ސީ.ސީ. ކަމަށް. ދެން އެ ކޯޕަރޭޓިވްގެ އެންމެ މުހިންމު ހިއްސާދާރަކީ އެސް.ޓީ.އޯ. ކަމަށް. އެހެންވީމާ، އެސް.ޓީ.އޯ.ވެސް މިކަމުގައި ބައިވެރިވެވަޑައިގެން ދެއްވާތީ، އެސް.ޓީ.އޯ. އަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރައްވައި ކުރިއަށް ގެންދެވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރީން ރިސޯސަސް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށާއި، އެމަނިކުފާނުގެ މިނިސްޓްރީގެ ހީވާގީ ވެރިންނަށާއި، މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މަސްވެރިކަމުގެ ޞިނާޢަތަކީ، ރާއްޖޭގެ ރައްޔިތުން އެންމެ ކުރިއްސުރެ އެންމެ ރަނގަޅު ފެންވަރަކަށް ކުރަމުން އަންނަ މަސައްކަތް. އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދީފައިވާ އަދި މިހާރުވެސް ކޮށްދެމުންގެންދާ އަދި ކުރިމަގުގައިވެސް ކޮށްދެމުން ގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ރާއްޖޭގެ އެންމެގިނަ ރައްޔިތުންނަށް އޭގެ ސީދާ ފައިދާކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ މަސްވެރިކަން.

އެހެންވީމާ މަސްވެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރިއަރުވައި އަދި ޒަމާނީ ވަސީލަތްތަކާ ގުޅިގެން، ޒަމާނީ ޞިނާޢަތްތަކަށް މިއަންނަ ކުރިއެރުންތައް އަޅުގަނޑުމެންވެސް ދަސްކޮށްގެން، އެގޮތަށް މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުމެން މިހާރު ކުރަންޖެހޭނެކަމެއް.

އާދެ! އެ ވިދާޅުވި ފަދައިން ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމަކަށް ވިޔަސް، އިންޑިޔާ ކަނޑުން ބާނާ ކަޅުބިލަމަހުގެ ބާވީސް އިންސައްތައަކީ، ރާއްޖެއިން ބާނާމަސް ކަމަށްވިކަން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭނެ ކަމެއް. ރާއްޖެއަށްވުރެ މާބޮޑެތި ޤައުމުތައް މި ސަރަޙައްދުގައި ހިމެނޭ. އަދި ދެންމެ އެ ވިދާޅުވީ، މުޅި ދުނިޔޭގައި މި މަސްވެރިކަމުގެ ސަތޭކައަކުން ތިނެއް އެއީ ރާއްޖެއިން ހިއްސާކުރާވަރޭ. އެއީވެސް، ވަރަށް ބޮޑު އަދަދެއް. އެހެން މިދެންނެވީ، ދުނިޔޭގައިވާ ޤައުމުތަކުގެ އަދަދަށް ބަލާއިރު އ.ދ. ގައިވެސް 180 އެތައް ޤައުމެއް އޮވޭ. އަދި އެނޫން ޤައުމުތައްވެސް ބައިވަރު. މިއިން ކޮންމެ ޤައުމަކީ ނުވަތަ ގިނަ ޤައުމުތަކަކީ ރާއްޖެއަށްވުރެ އެތައް ސަތޭކަ ގުނައެއް ބޮޑެތި ޤައުމުތައް. އަދި އޭގެ ތެރެއިން ވަރަށް ގިނަ ޤައުމުތަކަކީ، ވަރަށް ބޮޑެތި އައްސޭރިތަކެއް ހުރެގެން ވަރަށްފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން ގެންދާ ޤައުމުތައް. ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން. އަޅުގަނޑުމެން މިބާނާހެން ދޮށިން މަސްބާނައިގެނެއްނޫން. މަސްބާނާ ވަސީލަތްތައް ގިނަ އަދަދަކަށް ބޭނުންކޮށްގެން އެފަދަ ބޮޑެތި ޤައުމުތަކުން މަސްވެރިކަން ކުރަމުންދާއިރު މުޅި ދުނިޔޭގެ މިދެންނެވި މަސްވެރިކަމުގެ ތިނެއް އިންސައްތަ ދިވެހިރާއްޖެއިން ހިއްސާކުރާކަން އެއީ، އަޅުގަނޑު ހިތުން ވަރަށް ބޮޑުކަމެއް. އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ފަޚުރުވެރިވާން ޖެހޭނެކަމެއް. ދިވެހި އޮޑިވެރިންނަށާއި، މަސްވެރިންނަށާއި، ކެޔޮޅުންނަށް، އެކަމަށްޓަކައި އަޅުގަނޑުމެން ތަހުނިޔާ އަދާކޮށް މުބާރަކްބާދީ ކިޔަންޖެހޭނެކަމެއް.

އާދެ! ހަމަ މިނިސްޓަރުގެ ވާހަކަފުޅަށް ތާއީދުކުރުމުގެ ގޮތުން ދަންނަވާލާނަން. މިވަގުތު މިކަން މިހެން އޮތްނަމަވެސް، މަޑުކޮށްލައިގެން އަޅުގަނޑުމެން ފަރުޖައްސާލައިގެން ތިބޭކަން ނުވާނެ. އެއީ ދުނިޔެ މިދަނީ ތަރައްޤީވަމުން ޤައުމުތައް މިދަނީ ކުރިއަރަމުން މުއްސަނދިވަމުން. އަޅުގަނޑުމެންވެސް އެބަޖެހޭ، އަޅުގަނޑުމެންގެ ދާއިރާތަކުގައި ވާދަކޮށްގެން ކުރިއަށްދާން. އެންމެ މުހިންމު ދެ ދާއިރާއަކީ، މަސްވެރިކަމާއި ފަތުރުވެރިކަން. މި ދެ ދާއިރާގައި މިހާރުވެސް ރާއްޖެވަނީ ކާމިޔާބީތަކެއް ހާސިލުކޮށްފައި. އެ ކާމިޔާބީތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. ވާޖިބެއް. އަދި އެއީ ކުރިޔަށް އޮތްތާނގައި، އަންނަންއޮތް ޖީލުތަކުގެ ކޮނޑުގައިވެސް އެޅިފައިވާ މަސްއޫލިއްޔަތެއް. ރާއްޖެއާއި މަސްވެރިކަމާ މިއީ ވަކިކޮށްލެވޭނެ ދެކަމެއްނޫން. ރާއްޖެ އޮތްހާ ދުވަހަކު މާތް اللّـه ގެ ރަޙްމަތްފުޅުން މަސްވެރިކަންވެސް ރާއްޖޭގައި އޮންނާނެ. ހަމައެހެންމެ، މިހާރު ފަތުރުވެރިކަން ތަރައްޤީވެ އާލާވަމުންދާއިރު ރާއްޖެ އޮތްހާ ހިނދަކު ފަތުރުވެރިކަންވެސް ރާއްޖޭގައި އޮންނާނެ. މިހާރުވެސް މިދެއަތޮޅުގައި ގއ.އާއި ގދ.އަތޮޅުގައި، މި ދެ އަތޮޅުގައި 12 ރިޒޯޓު ހެދުމުގެ މަޝްރޫޢުއެއް މިވަނީ ފެށިފައި. އެއީ ވަރަށްބޮޑު އަދަދެއް. އޭގެ ސަބަބުން، މިދެއަތޮޅުގެ މުސްތަޤްބަލުގައި ރައްޔިތުންނަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމާމެދަކު ޝައްކެއްނެތް.

އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް އަބަދު ކުރަން އެބަޖެހޭ. ދުރާލާ ވިސްނައިގެން ޕްލޭން ކޮށްގެން. ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް އަދި މިހާރު މިކުރާ މަސައްކަތުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް އުނިކަމެއް އެއްވެސް ގެއްލުމެއް އިޙްސާސްވާން ނުޖެހޭގޮތަށް، މިކަން ރާވާ ހިންގަން އެބަޖެހޭ. އެހެންވީމާ މިއަދު ފެށުނު މިދެ މަޝްރޫޢަކީ މިގޮތުން އަޅުގަނޑުމެންނަށް އެހީވެދޭނެ ދެ މަޝްރޫޢެއްކަމުގައި އަޅުގަނޑު ޔަޤީންކުރަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ތެދުމަގު ދައްކަވައި އަދި އެކަލާނގެ ފޮނުއްވި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވައި ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަނަވަސްކަމާއި ތިޔާގި ކަމަށްޓަކައި ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި އަދި މިކަމުގެ ނަތީޖާ އެދެވޭ ގޮތެއްގައި އަޅުގަނޑުމެންނަށް ދައްކަވައި ދެއްވުން އެދި اللّـه ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.