بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى خاتـم الأنبيـاء وسيـد المرسـلين، وعلى آلـه وأصحـابه أجمعـين.

އާދެ! ދެންމެ މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދުދީދީ އެވިދާޅުވިފަދައިން، އަޅުގަނޑު މިހާރު މިދަތުރުކުރަނީ، ތިލަދުންމަތީ ދެކުނުބުރީގައި މީހުން އުޅޭ ބައެއް ރަށްރަށަށް. އެގޮތުން މިއަދަކީ، އަޅުގަނޑު މިދަތުރު ފެށިތާ 3 ވަނަ ދުވަސް.

މިއަދު އެންމެ ފުރަތަމަ އަޅުގަނޑަށް މިއާދެވުނީ، ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް. ވައިކަރަދުއަށް. ވައިކަރަދުއަށް މީގެކުރިން ދެފަހަރަކު އަޅުގަނޑުވާނީ ޒިޔާރަތްކޮށްފައި. ވަރަށް ކުރީގެ ތާރީޚެއްގައި ފުރަތަމަފަހަރު އައީ. އެއީ އާދެ! 1979 ވަނަ އަހަރު. މީގެ 28 އަހަރުކުރިން. އެހެންވީމާ، އެ ޒިޔާރަތުގެ ހަނދުމަފުޅު ހުރި ބޭފުޅުން މިތާނގައި މަދުވުމަކީ އެކަށީގެންވާ ކަމެއް. އެއީ އަޅުގަނޑުމެންގެ އާބާދީއަކީ ޒުވާން އާބާދީއަކަށްވާތީ، 28 އަހަރުގެ ކުރީގެ ހަނދާންތައް ހުންނަ މީހުން އެއްދުވަހުން އަނެއްދުވަހަށްދާނީ މަދުވަމުން. ކޮންމެއަކަސް އޭގެފަހުން އަދި އެއްފަހަރު އަޅުގަނޑު މިރަށަށް އައިން. އާދެ! އެއީ ހަނދާންވާ ގޮތުގައި 1998 ވަނަ އަހަރު.

މި ދެދަތުރުގައިވެސް އަޅުގަނޑަށް ފެނިގެންދިޔައީ، ވަރަށް އުފާވެރި މަންޒަރުތަކެއް. ދެންމެ އަތޮޅުވެރިން ވިދާޅުވި ފަދައިން، މިއަދު އަޅުގަނޑު ވައިކަރަދުއަށް އައުމުން، ވައިކަރަދޫގެ ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ވިދާޅުވީ ވަރަށް ހޫނު ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް. އެކަމަށްޓަކައި ވައިކަރަދޫގެ ވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށާއި، އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ އެކިއެކި ކްލަބް ޖަމްޢިއްޔާތަކާއި، ކޮމިޓީތަކާއި، ސްކޫލްތަކާއި، މި ހުރިހާ ތަނެއްގެ ބޭފުޅުންނަށާއި، އަދި ސްކޫލްތަކުގެ ދަރިވަރުންނަށާއި، އާންމުކޮށް ރަށުގެ ކުދިބޮޑު އަންހެން ފިރިހެން އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި ވައިކަރަދުއާބެހޭ ތަޢާރުފެއް ދެއްވައިފި. ނުވަތަ ވައިކަރަދޫ މީހުންނާބެހޭ މަޢްލޫމާތުކޮޅެއް ދެއްވައިފި. އެމަޢްލޫމާތުކޮޅަކީ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށްބޮޑު އުފާވެރިކަމެއް ގެނެސްދިން މަޢްލޫމާތުކޮޅެއް.

އެއްވާހަކައަކަށް އޭނާ ވިދާޅުވީ، ވައިކަރަދޫ ރައްޔިތުންނަކީ ތަޢްލީމީ ބައެކޭ. މިރަށުގައި ތަޢްލީމީ މީހުން ވަރަށް ގިނައޭ. ޝައްކެއްނެތް! އެއީ، އަޅުގަނޑުމެން އުފާކުރުން ޙައްޤުކަމެއް. ކުރިއެރުމުގެ މައިގަނޑު އަސާސަކީ އެކަށީގެންވާ ތަޢްލީމެއް ލިބިފައިވުން. އެ ލިބޭ ތަޢްލީމެއްގެ ސަބަބުން ރައްޔިތުން ހޭލުންތެރިވެފައިވުން. އެހެންވީމާ، ތަޢްލީމަކީ ކުރިއެރުމުގެ މައިގަނޑު ބިންގާކަމަށްވާތީ، ތަޢްލީމީ ބަޔަކު ދިރިއުޅޭ ރަށަކީ ކުރިއަށްދާނެ ރަށެއްކަމާމެދަކު ޝައްކެއްނެތް.

ދެވަނަ ވާހަކަޔަކަށް އޭނާ ވިދާޅުވީ، ވައިކަރަދޫ ރައްޔިތުންނަކީ ދީންވެރިބައެކޭ. އެއީވެސް އުފާކުރުން ވަރަށް ޙައްޤު ކަމެއް. އަޅުގަނޑުވެސް އެކަމާ ވަރަށްބޮޑަށް އުފާކުރަން. އެއީ، މާތް اللّـه އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެބޮޑު ނިޢްމަތަކީ މާތްވެގެންވާ އިސްލާމްދީން ކަމަށްވާތީ.

މާތް اللّه މުޅި އިންސާނިއްޔަތަށް ހަދިޔާ ކުރެއްވި އެންމެބޮޑު ރަޙްމަތް. އެރަޙްމަތާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ محمّد صلّى اللّه عليه وسلّم، އެކަލޭގެފާނާ މުޚާޠަބު ކުރައްވައި މާތް اللّه وحى ކުރައްވާފައިވަނީ، "وَمَاأَرْسَلْنَـٰكَ إِلاَّرَحْمَةً لِّلْعَـٰلَمِينَ" "ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ."

އެހެންވީމާ، މި އާޔަތުން ވަރަށް ރަނގަޅަށް އެނގޭގޮތުގައި، ކީރިތި ރަސޫލާ صلّى اللّه عليه وسلّم ވަޑައިގަތީ، ރަޙްމަތުގެ ރަސޫލެއްގެ ގޮތުގައި. އެކަލޭގެފާނުގެ ވަޑައިގަތުން ހިމެނުނީ، މާތް اللّه މުޅި އިންސާނިއްޔަތަށް ދެއްވި ވަރަށްބޮޑު ރަޙްމަތެއް ކަމުގައި. އަޅުގަނޑުމެން މިތިބީ އެ ރަޙްމަތުގެ ހިޔާވަހިކަމުގައި.

އެހެންވީމާ، އެ ރަޙްމަތުގެ ހިޔާވަހިކަމުގައި ތިބޭ ބަޔަކު، އެ ރަޙްމަތުގައި ހިމެނޭ ކަންތައްތަކަށް ޢަމަލުކުރަންވާނެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ސާފުސީދާ ޢަޤީދާތަކަށް، އަޅުގަނޑުމެން އެންމެން ބޯލަނބައި ޙުރްމަތްތެރިކޮށްހިތާ ކިޔަމަންވާންވާނެ. އެ އަޤީދާތައް ހިތުގެއަޑިން ޤަބޫލުކުރަންވާނެ. ހަމައެއާއެކުގައި މާތް اللّه ބާވާލައްވާފައިވާ ދީނުގައި ހިމެނިފައިވާ ޢިބާދާތު، އާދެ! އަޅުކަމުގެ ހުރިހާ ކަމަކަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. ފަރްޟު ފަސްނަމާދު ޤާއިމުކުރުން، ރަމަޟާންމަހު ރޯދަހިފުން، ޒަކާތްދިނުން، އެކަމުގެ މަގު ތަނަވަސްވެގެންވާ މީހާ ޙައްޖާއި ޢުމްރާވުން. މިކަންކަމަކީ، ދީނުގެ އަސާސްތައް، ރުކުންތައް. މި ރުކުންތަކަށް އަޅުގަނޑުމެން ކަމޭހިތައި، ކޮންމެ ރުކުނެއްވެސް އެ ރުކުނެއް އަދާކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެން އަދާކުރަންޖެހޭނެ. އެހެންވީމާ، މިއީ، ވައިކަރަދޫ ރައްޔިތުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ ކަމަކަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ އަދިވެސް އެއްފަހަރު ދަންނަވާލަން.

އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއެއް އެބައޮތް. އެއީ، މާތްވެގެންވާ އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށާއި، ހުރިހާ ތަނަކަށް އެކަށީގެންވާ ގޮތެއްގައި މާތް اللّه ފޮނުއްވި ދީނެއްކަން. ޢިލްމުވެރިން ވިދާޅުވެފައިވަނީ، "اَلإِسْلاَمُ دِينٌ صَالِحٌ لِكُلِّ زَمَانٍ وَمَكَانٌ" "މާތްވެގެންވާ އިސްލާމްދީނަކީ ކޮންމެ ޒަމާނަކަށާއި، ކޮންމެ ތަނަކަށް ފުދޭ، ކަމުދާ އެކަށީގެންވާ ދީނެކޭ".

މިއިން އެނގޭއެއްޗަކީ ދިރިއުޅުން ބަދަލުވަމުންދާ ދިޔުމަށް ދީނުގައި ރިޢާޔަތް ކުރައްވާފައިވާކަން. އެއީ، އަޅުގަނޑުމެން މިހާރު ދިރިއުޅެމުން މިގެންދަނީކީ، މީގެ ސާދަސައްތަ އަހަރު ކުރިން، މީހުން ދިރިއުޅުނު ގޮތަކަށްނޫން. އަދި މީގެ ދެހާސް އަހަރުކުރިން މީހުން ދިރިއުޅުނު ގޮތަކަށް ނޫން. މީގެ ފަސްހާސް އަހަރުކުރިން މީހުން ދިރިއުޅުނު ގޮތަކަށް ނޫން. އަދި ކީއްކުރަންތޯ! މީގެ ސަތޭކަ އަހަރު ކުރިން ނުވަތަ މީގެ ފަންސާސް އަހަރު ކުރީން މީހުން ދިރިއުޅުނު ގޮތަކަށްވެސްނޫން. އަޅުގަނޑުމެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބައާދޭ. މިވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށްވެސް މިއޮތީ ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައި. އެހެންވީމާ، އެބަދަލުތަކާ ގުޅޭގޮތުން އަޅުގަނޑުމެން ކުރާ ކަންތައްތަކަކީ، ދީނުގެ މައިގަނޑު ހަމަތަކާއި އުސޫލުތަކާ ޚިލާފު ނުވާ ކަމެއް ކަމަށްވަންޏާ، އެއީ ހަމަ ހުއްދަކަމެއް. އެކަން ކުރުންވަނީ ދީނުގައި ހުއްދަ ކުރައްވާފައި. ބައެއް މިސާލު ދަންނަވާލިޔަދެއްވާ.

رسول اللّه صلّى اللّه عليه وسلّم ދުނިޔޭގައި ހުންނެވިއިރު އެކަލޭގެފާނަށް މާތް اللّه ވަނީ ކީރިތި قرآن ބާވައިލައްވާފައި. ކީރިތި قرآن ބާވާލެއްވީ އެއްފަހަރަކާނޫން. އެކިފަހަރު އެކި ސޫރަތް، އެކި އާޔަތް، މިކަހަލަގޮތަކަށް. ބައެއްފަހަރު އާޔަތުން ތަންކޮޅެއްވެސް ބާވައިލައްވާފައި އޮވެދާނެ. ކީރިތި قرآن ބާވާލައްވަން އެންމެ ފުރަތަމަ ފެށުނު ދުވަހުން ފެށިގެން ނިމުނުދުވަހާ ހަމައަށް ބާވީސް އަހަރުވަނީ ވޭތުވެފައި. ކީރިތި قرآن، ރަސޫލާގެ މައްޗަށް اللّه ބާވާލެއްވީ ބާވީސް އަހަރު ދުވަހުގެތެރޭގައި.

ކީރިތި ރަސޫލާ މިދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގެންނެވިއިރު، މިދެންނެވި قرآن ގެ ސޫރަތްތަކާއި އާޔަތްތައް، އެއްފޮތެއްގައި ލިޔެވިފައެއް ނެތް. ކީރިތި قرآن ގެ ސޫރަތްތަކާއި އާޔަތްތައް ލިޔެވިފައިހުރީ މަދުމީހެއްގެ އަތުގައި. އެއީ، އެ ޒަމާނަކީ ލިޔަންކިޔަން ދަންނަ މީހުން، ގިނަ ޒަމާނަކަށް ނުވާތީ. أصحاب ންގެ ތެރެއިންވެސް ލިޔަންކިޔަން ދެނެވަޑައިގަންނަވާ ބޭފުޅުން ވަރަށްމަދު. އެހެންވީމާ، ރަސޫލާ "كاتب الوحى" ގެގޮތުގައި މާނައަކީ، "ވަޙީ ލިޔުއްވާ ކާތިބުންގެ ގޮތުގައި" އޭގެތެރެއިން ބޭފުޅުންކޮޅެއް ގެންގުޅުއްވީ.

މާތް اللّه قرآن ން ބައެއް ބާވާލައްވާ ކޮންމެ ހިނދަކު އެކަލޭގެފާނު، އެކަލޭގެފާނުގެ ވަޙީ ލިޔުއްވާ ބޭފުޅުން ގެންނަވައި އެބޭފުޅުން އަރިހުގައި ވިދާޅުވަނީ، މިވެނި ގޮތަކަށް ލިޔުއްވާށޭ. މާތް اللّه މިވެނި އާޔަތެއް މިވެނި ސޫރަތެއް މިވެނި ގޮތަކަށް ބާވައިލައްވައިފިޔޭ. ދެން ކިޔާދެއްވަނީ. ކިޔާދެއްވީމާ އެބޭފުޅުން ލިޔުއްވަނީ އެކިކަހަލަ އެއްޗެތީގައި. އެޒަމާނަކީ އާންމުކޮށް ކަރުދާސް ލިބެން ހުންނަ ޒަމާނެއްވެސް ނޫން. އެކިކަހަލަ ހަންކޮޅުކޮޅުގައި ލިޔެފައި އެބަ ހުރޭ. ކަދުރުރުކުގެ އޮށީގައި ލިޔެފައި އެބަ ހުރޭ. ހިލަހިލައިގައިވެސް ލިޔެފައި އެބަ ހުރޭ. އެކިއެއްޗެތީގައި ލިޔެފައި އެކިމީހުން ރައްކާކޮށްފައި މިހުރީ.

ކީރިތި ރަސޫލާ މިދުނިޔެ ދޫކުރައްވައި ވަޑައިގެންނެވިއިރު މިއިން އެއްވެސް އެއްޗެއް، ފޮތެއްގެ ސިފައިގައި ޝާއިޢުކުރެވިފައެއް ނުވަތަ އެއްކުރެވިފައެއް ނެތް. ދެންވީގޮތަކީ ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހުގައި، މުސްލިމުންގެ ޚަލީފާއަކަށް ހޮވިވަޑައިގަތީ ابوبكر الصدّيق رضى اللّه عنه. އެޒަމާނުގައި ހިނގި ބައެއް ހަނގުރާމަ، އާދެ! އެންމެ ޚާއްޞަކޮށް ފާހަގަކުރެވެނީ މުރުތައްދުވީ މީހުންނާ ދެކޮޅަށް ابوبكر ގެފާނު ކުރެއްވި ހަނގުރާމަ. ޒަކާތްދިނުމުން މަނާވެގަތް މީހުންނާ ދެކޮޅަށް ابوبكرގެފާނު ކުރެއްވި ހަނގުރާމަ. މި ހަނގުރާމަތަކުގައި ވަރަށްގިނަ އަދަދަކަށް ދެބައިންވެސް މީހުން މަރުވެގެންދިޔަ. މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އަވަހާރަވި. އޭގެތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ، ކީރިތި قرآن ހިތުން ދަސްކުރައްވާފައިވާ ބޭފުޅުން. އެޒަމާނުގައި ލިޔަންކިޔަން ދަންނަ މީހުން މަދުވެފައި އޮތުމާއެކުގައި އެބޭފުޅުން ގެންދެވީ قرآن ހިތްޕުޅުން ދަސްކުރައްވަމުން. ކީރިތި ރަސޫލާ ކޮންމެ ސޫރަތެއް، ކޮންމެ އާޔަތެއް، ވިދާޅުވެދެއްވީމާ، أصحاب ބޭކަލުން ވަޑައިގަތީ އެ ސޫރަތް ނުވަތަ އެ އާޔަތެއް ދަސްފުޅުކުރައްވަމުން. އެހެންވީމާ، قرآن ހުރީ އެބޭފުޅުންގެ ހިތްޕުޅުގައި. ލިޔެފައި އޮތް ފޮތެއްގައެއްނޫން.

ދެން މިދެންނެވި ހަނގުރާމަތަކުގެތެރޭގައި قرآن ހިތްޕުޅުން ދަސްކުރައްވާފައިވާ ވަރަށް ގިނަ ބޭފުޅުން ޝަހީދުވެވަޑައިގަތީމާ عمر بن الخطّاب رضى اللّه عنه ، أبوبكرގެފާނު އަރިހަށް ވަޑައިގެން ވިދާޅުވީ، އަވަހަށް قرآن ސަލާމަތްކުރައްވަން މަސައްކަތްޕުޅު ފަށްޓަވާށޭ! އެއީ، قرآن ހިތްޕުޅުން ދަސްކުރައްވައިގެން ތިއްބެވި ވަރަށްގިނަ ބޭފުޅުން އެދަނީ އަވަހާރަވަމުންނޭ. ނެތެމުންނޭ. ދުވަސްކޮޅަކުން قرآن ހިތުދަސް އެއްވެސް މީހަކު ނުހުރުމަކީ އެކަށީގެންވާ ކަމެކޭ. އެހެންވެއްޖިއްޔާ މާތްاللّه ގެ ކަލާމްފުޅު ގެއްލުނީއޭ. ދެން ابوبكر ގެފާނު މިވާހަކަ ގަބޫލުކުރައްވައި زيد بن ثابت رضى اللّه عنه ކިޔުނު ޞަހާބީ ބޭކަލަކަށް އަމުރުކުރެއްވީ، ކަލޭގެފާނު ވަޑައިގެން އެކިމީސްމީހުންގެ އަތުގައި ހުރި قرآن ގެ سورة ތަކާއި އާޔަތްތަކުގެ ފަތްފުށްތައް ގެންނަވާށޭ. އެކިމީހުން ލިޔެފައިހުރީ އެކިއެއްޗެތީގައި. އެ ހުރިހާ އެއްޗެއް އެއްކުރައްވާށޭ. އެއްކުރައްވައިގެން قرآن ފެށުނީއްސުރެ ނިމެންދެން ފޮތެއްގެ ސިފައިގައި ލިޔުއްވާށޭ.

އެ މަސައްކަތްޕުޅު ކުރެއްވީ زيد بن ثابت. އެކި އަޞްޙާބުންގެ އަރިހަށް، އެކިބޭކަލުންގެ އަރިހަށް ވަޑައިގެން އެބޭފުޅުންގެ އަތްޕުޅުގައިހުރި ހުރިހާ ފަތްފުށްތަކެއް ހޯއްދަވައިގެން ގެންނަވައިގެން ފެށުނީއްސުރެ ނިމެންދެން ލިޔުއްވީ. قرآن ބާވައިލެއްވީ 22 އަހަރު ދުވަހުގެތެރޭގައި، އެކިފަހަރު އެކި ސޫރަތް އެކި އާޔަތްކަމަށްވިޔަސް، ކޮންމެ ސޫރަތެއް، ކޮންމެ އާޔަތެއް، ބާވައިލެއްވުމުންވެސް رسول اللّه صلّى اللّه عليه وسلّم ، أصحاب ންނަށް އަންގަވާނެ ތިމަންނަ މިއަދު މިވިދާޅުވެދެއްވި އާޔަތް، މިވެނި ސޫރަތެއްގެ މިވެނި އާޔަތަކާއި މިވެނި އާޔަތަކާ ދޭތެރެއަށް ލައްވާށޭ. ސޫރަތެއްވިއްޔާ އެ ސޫރަތް މިވެނި ސޫރަތަކާއި މިވެނި ސޫރަތަކާ ދޭތެރެއަށް ލައްވާށޭ.

އެހެންވީމާ، قرآن ފެށުނީއްސުރެ ނިމެންދެން އައިސްފައި މިއޮތް ތަރުތީބު، އެންމެ ފުރަތަމަ އަޅުގަނޑުމެން މިކިޔަވާ الفاتحة سورة، الحمد سورة، ދެން البقرة سورة، ދެން آل عمران سورة މިގޮތަށްގޮސް ނިމެންދެން النّاس ސޫރަތާ ހަމައަށް. قل أعوذ بربّ النّاس ސޫރަތާ ހަމައަށް. މި ސަތޭކަސާދަ ސޫރަތް މިއޮތީ ރަސޫލާ ވިދާޅުވިގޮތަށް ތަރުތީބު ކުރެވިފައި. އަދި ކޮންމެ ސޫރަތެއްގައިވާ އާޔަތްތައްވެސް އެހެރީ ރަސޫލާ ވިދާޅުވެދެއްވިގޮތަށް، ފުރަތަމަ އާޔަތުން ފެށިގެން ސޫރަތުގެ ނިޔަލަށް. އެވިދާޅުވި ތަރުތީބުން ލިޔެވިފައި. މިކަން މިކުރީ ފަހުން. އެހެންވެ މިދަންނަވަނީ، ދިރިއުޅުމަށް މިއަންނަ ބަދަލާގުޅިގެން ބަދަލު އަންނަން އެބަޖެހެއޭ.

قرآن އެއްފޮތެއްގެ ސިފައިގައި ޖަމްޢު ކުރެއްވުމަކީ ރަސޫލާ ކުރެއްވިކަމެއްނޫން. އޭރު އެކަން ކުރައްވާކަށެއް ޖެހިވަޑައެއްނުގަންނަވާ. އެހެންވީމާ، ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހުގައި أبوبكرގެފާނު މިކަން މިކުރެއްވީ. އެއީ ކުރިން ކޮށްފައި ނެތްކަމެއް. އެހެންވީމާ، ދިރިއުޅުމަށް މިއަންނަ ބަދަލުގެ ސަބަބުން އަޅުގަނޑުމެން ކުރާ ކަންތައްތަކަށް އެބަ ބަދަލުއަންނަންޖެހޭ.

އަނެއް މިސާލަކީ، عمر بن الخطّاب رضى اللّه عنه ގެ ޚިލާފަތުގައި އައި ބަނޑުހައިހޫނުކަން ވަރަށްބޮޑު އަހަރެއް. ވަރަށްގިނަ މީހުން އުޅެންޖެހުނީ ބަނޑުހައިހޫނުކަމުގެ ތެރޭގައި. އެއަހަރަށް ކިޔަނީ "عامّ المجاعة". "ބަނޑުހައިހޫނުކަމުގެ އަހަރު". އެއަހަރު ވައްކަން ވަރަށްގިނަވި. އެއީ ވާނެވެސް ގޮތް. މީހުން ބަނޑުހައިހޫނުކަންމަތީ ތިބޭއިރު ހަމަ ނުހުރެވިގެންގޮސް އެހެންމީހެއްގެ އެއްޗެއް ވަގަށްނަގައިގެން ކައިފާނެ.

އެނގިވަޑައިގަންނަވާނެ، ވައްކަން ކުރުމުގެ ޙައްދެއްގެ ގޮތުގައި ކީރިތި قرآن ގައި ކަނޑައަޅުއްވާފައި އޮންނަނީ އަތްކެނޑުން. އެއީ، އިސްލާމީ ޝަރީޢަތުގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް. އެހެންވީމާ، ވައްކަންކުރި ކޮންމެ މީހެއްގެ އަތް ކަނޑަން އެބަޖެހޭ. އެމީހާ އިޢްތިރާފްވެސްވޭ، އެކަން ސާބިތުވެސް އެބަވޭ. އެހެންނަމަވެސް، އެއްކަލަ އަހަރު "عامّ المجاعة"، ބަނޑުހައިހޫނުކަމުގެ އަހަރު ޢުމަރުގެފާނު ވިދާޅުވީ، ތިމަންނަ މިއަހަރު އެއްވެސް މީހެއްގެ އަތެއް ނުކަނޑުއްވާނަމޭ، އެއީ، އެމީހުންނަށް ދިމާވި މަޖްބޫރީ ޙާލަތެއްގައޭ ވައްކަން ކުރަމުން އެގެންދިޔައީ. އެހެންވީމާ، މިއޮތީވެސް ބަދަލުއައިސްފައި. ކީރިތި قرآن ގައި އޮތް އާޔަތެއްގައި އޮތް ޙުކުމަކަށް. އެފަހަރު ދިރިއުޅުމަށް އައިސްފައިއޮތް ބަދަލުގެ ސަބަބުން ޢުމަރުގެފާނު އެކަން ދޫކޮށްލެއްވީ.

ހަމައެހެންމެ، ތިންފަށް ވަރިކުރުމުގެ ކަންތައް. އޭގެމާނައަކީ، މީހަކު ފިރިމީހާ ބުނާ އެންމެ ބަހަކުން އަނބިމީހާ ތިންވަރިކުރަނީ. މިކަން رسول اللّه صلّى اللّه عليه وسلّمގެ ޒަމާނުގައިވެސް، އަބޫބަކުރުގެފާނުގެ ޒަމާނުގައިވެސް، އަދި ޢުމަރުގެފާނުގެ ޒަމާނުގެ ޚިލާފަތުގެ ފުރަތަމަ ދެއަހަރުވެސް އޮތީ އެއްވަރިއެއްގެ ގޮތުގައި. ތިންވަރިކޮށްފީމޭ ބުންޏަސް އެއީ އެއްވަރި. އެގޮތަށް އޮތީ. އޮއްވާ ޢުމަރުގެފާނުގެ ޚިލާފަތުގެ ފުރަތަމަ ދެއަހަރަށްފަހުގައި، އެކަލޭގެފާނު ދެކެވަޑައިގަތީ މީހުން މިކަން ވަރަށް ފަސޭހަކޮށްލައިފި ކަމަށް. މާގިނައިން އެހެން ބުނަމުންދަނީ. ކޮންމެ މީހަކުވެސް ތިންވަރިކޮށްފީމޭ އެހެން ބުނަނީ، މާފަސޭހައިން. ކިތަންމެ ކުޑަކަމަކާ ދިމާވިޔަސް.

އެހެންވީމާ، އެކަން ހުއްޓުވުމަށްޓަކައި ޢުމަރުގެފާނު އެޅުއްވި ފިޔަވަޅަކީ، އެތިންވަރި އެއީ ތިންވަރިކަމަށް ހެއްދެވީ. އެހެން ހެއްދެވީމާ ވަރަށްބޮޑު އުނދަގުލެއް ފިރިންނަށް ކުރިމަތިވީ. ދެން އެމީހާގެ އަނބިމީހާ رجوع އެއް ނުކުރެވޭނެ، އެހެންމީހަކާ އިނުމުގެކުރިން ނުވަތަ ޝަރްޢުގައި މިއޮންނަ ޙުކުމްތައް އެގޮތަށް ތަންފީޒުކޮށްގެންނޫނީ. އެހެންވީމާ، އެގޮތަށް ވަރިކޮށްފިއްޔާ، ފިރިހެނުންނަށް ވަރަށްބޮޑު ދައްޗަކާ ކުރިމަތިލާންޖެހުނީ. ތިންވަރިކޮށްފީމޭ ބުނީމާ ތިންވަރިކަމަށް ވެއްޖެނަމަ، އަނބިމީހާ އަމިއްލައަށް رجوع ކުރުމުގައި ވަރަށްބޮޑު އުނދަގުލެއް މިދިމާވަނީ.

އެހެންވީމާ، ޢުމަރުގެފާނު މިހެން ހެއްދެވީ. މިހެން ހެއްދެވީމާ، އެއްކަލަ ވަރިތައް މަދުވެއްޖެ. މީހުން ވިސްނަން ފަށައިފި. ތިމަންނަމެންނަކަށް މިހެން ނުބުނެވޭނެއޭ. ބުނެވިއްޖިއްޔާ މިކަހަލަ ނިކަމެތި ހާލަތަކަށްކަން އޭނާވެސް، އޭނާގެ އަންހެނުންވެސްދާނީ. އެހެންވީމާ، އެކަން ހުއްޓުވުމަށްޓަކައި ޢުމަރުގެފާނު، ތިން ވަރިއަކީ ތިންވަރި ކަމަށް ހެއްދެވީ. އޭގެކުރިން އޮތީ ތިން ވަރިއަކީ އެއްވަރިކަމަށް.

ދަންނަވަން މިއުޅޭ އެއްޗަކީ، މިހިރީ އަންނަ ބަދަލޭ. އެއީ މި ބަދަލު އަންނަން ފެށީކީ މިހާރަކު ނޫނޭ. އެންމެފުރަތަމަ، ރަސޫލާ ދުނިޔެ ދޫކުރެއްވި ދުވަހުން ފެށިގެން މިއަންނަނީ ބަދަލުތައް އަންނަމުން، އަންނަމުން، އަންނަމުން. މިއީ، ހަމަ ޞައްޙަކަމެއް. ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައި އޮތްކަމެއް. ކާކުތޯ މިހާރު ބުނާނީ ކީރިތި قرآن ފޮތެއްގައި އޮތުން އެއީ، ބިދުޢާއެކޭ. ފޮތެއްގައި އޮވެގެން ނުވާނެއޭ. ރަސޫލާ ނުކުރައްވާ ކަމެކޭ. ކާކުތޯ ބުނާނީ މިހާރު މިގެންގުޅޭ ރެކޯޑު އެކިއެކި ސީޑީތަކާއި، އަދި ވީޑިއޯތަކާއި އަދި ނޫނީވިއްޔާ މިދެންނެވި ކެސެޓްރޯލުތަކާ މި ހުރިހާ އެއްޗެތީގައި قرآن ހުރީމާ އެއީ ބިދުޢާއެކޭ. އެއީ ހަމަ ރަނގަޅު ކަމެއްނޫންތޯ؟ އެއީ ހަމަ ރަނގަޅުކަމެއް. އެއީ އަޅުގަނޑުމެން قرآن ހިތުދަސްކުރަން، ނުވަތަ قرآن އަޑުއަހަން ބޭނުންކުރާ އެއްޗިހި. އެޒަމާނުގައި ހުރިކަމެއް ނޫން މިހާރު އަޅުގަނޑުމެން މިކުރަނީ. އެއީ ބިދުޢާއެއްނޫން. އެއީ ހަމަ ރަނގަޅުކަމެއް. އަދި ރޭޑިއޯ،ޓީވީ، މި އެއްޗެއްސަކީ އޭރު އެޒަމާނުގައި ހުރި އެއްޗެއް ނޫން. މާފަހުން އީޖާދު ކުރެވުނު އެއްޗެއް. އެ އެއްޗެތީގެ ބޭނުންކޮށްގެން އަޅުގަނޑުމެން ދީނީ وعظ ދެނީ. ދީނީ ނަސޭހަތް ދެނީ. قرآن ކިޔަވަނީ. މި ހުރިހާ ކަމެއް ކުރަނީ. އެއީވެސް ގޯސްކަމެއްނޫން.

އެހެންވީމާ، ރަސޫލާގެ ޒަމާނުގައި ނެތް ކޮންމެ ކަމަކީ ބިދުޢައެއް ނޫން. ބަލަންވީ އެއްޗަކީ، އަލަށް އެ އުފެދޭ ކަންތައް އެއީ ދީނުގެ އަޞްލަކާ ތަޢާރުޟުވާކަމެއްތޯ! ނޫންތޯ! މާތް اللّه ޙަރާމް ކުރައްވާފައިވާ ކަމެއްތޯ! ނޫންތޯ! މާތް اللّه ޙަރާމްކުރައްވާފައިވާ ކަމެއްކަމަށް ވަންޏާ ދުނިޔެ ކިތަންމެ ބަދަލުވިޔަސް އެކަމެއް ނުކުރެވޭނެ. އެހެނެއްނޫން. ކަނޑައެޅިގެން ކީރިތި قرآن ގައި މިވެނިކަމެއް ޙަރާމޭ އަންގަވާފައި ނެތިއްޔާ އެއީ ހުއްދަކަމެއް. ކީރިތި قرآن އާއި މާތް ރަސޫލާގެ ސުންނަތުގައި މިވެނި ކަމެއް އެއީ ޙަރާމްކަމެކޭ އަންގަވާފައިނެތިއްޔާ އެކަންވާނީ ހުއްދަ ކަމަކަށް.

އިހަކަށްދުވަހު އަޅުގަނޑު ދުށިން، ޓީވީ ޕްރޮގްރާމެއްގައި މިޞްރުގެ ވަރަށް މަޝްހޫރު ޢިލްމުވެރިއެއް. އޭނާގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެކަން ނޭނގެ. ޔޫސުފުލްޤަރަޟާވީ ކިޔުނު ޢިލްމުވެރިއެއް. އޭނާ މިވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ، އިސްލާމްދީނުގައި ހުރި ފަސޭހަކަމަކީ ދީނުގައި ޙަރާމް ކުރައްވާފައި ހުރި ކަންތައްތައް ވަރަށް މަދޭ. އެހެރީ ގުނާލެވޭށޭ. އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް ގޮސް ދިހައެއް، އެގާރަ، ބާރަ މިހިރީ ގުނާލެވޭށޭ. قرآن ންވެސް އެބަހުއްޓޭ ނެގެން. ރަސޫލާގެ ސުންނަތުންވެސް އެބަހުއްޓޭ ނެގެން. އެކަމަކު ދުނިޔޭގައިވަނީ ކިތައްހާސް ކިތައް މިލިއަން ކަންތައްހޭ؟ ދެންހުރި ހުރިހާ ކަމެއް އެހުރީ ހުއްދަކުރައްވާފައޭ. ހަމަ ކަނޑައެޅިގެން ޙަރާމް ނުވަތަ މަނާކުރައްވާފައިހުރި ކަންތައްތައް ފިޔަވައި ދެންހުރި ހުރިހާ ކަމަކީ ހުއްދަ ކަންތައްތައް.

ރަސޫލާގެ حديث އެއްގައި އޮންނަނީ "މާތް اللّه ތިޔަބައިމީހުންގެ މައްޗަށް فرض ތަކެއް فرض ކުރެއްވިއޭ. އެ فرض ތައް ނަގާނުލާށޭ. އަދި ތިޔަބައިމީހުންގެ މައްޗަށް ކަންތައްތަކެއް ޙަރާމްކުރެއްވިޔޭ. އެ ޙަރާމް ކަންތައްތަކަށް އަރައި ނުގަންނާށޭ".

އަދި ކިތަންމެ ކަމެއްގެ ވާހަކަ އޭގެ ޙުކުމް اللّه ބަޔާން ނުކުރައްވައި ދޫކޮށްލައްވާފައިވޭ. އެއީ، ފަހަރެއްގައިވެސް اللّه އަކީ ހަނދުމަފުޅުނެތުން ނިސްބަތްވެގެންވާ އިލާހަކަށްވާތީއެއްނޫނޭ. އަޅުގަނޑުމެންވިއްޔާ ހަނދާން ނެތިގެން ކަމެއް ދޫކޮށްލަފާނެ. އެކަމަކު اللّه سبحانه وتعالى އަކީ އެއަށްވުރެ މާ މަތިވެރި، ހުރިހާ ފުރިހަމަ ކަމެއް ލިބިވޮޑިގެންވާ މާތްރަސްކަލާނގެ. އެހެންވީމާ، އެކަން ދޫކޮށްލައްވާފައި އެވަނީކީ ހަނދުމަފުޅު ނެތުމުގެ ސަބަބަކުންނޫނޭ. ތިޔަބައިމީހުންނަށް ރަޙްމަތަށްޓަކައޭ. އެހެންވީމާ، ތިޔަބައިމީހުން އޭގެ ސުވާލުނުކުރާށޭ. "فَلاَ تَسْئَلُواْ عَنْهَا" އޭގެ ޙުކުމަކީ ކޮބައިތޯ އަހައިގެން އެއީ، ޙަރާމްކަމެއްތޯ އޮޅުންފިލުވަން ނޫޅޭށޭ.

މިހާ ފަސޭހަކޮށް ދީން އޮތީ. އެހެންވީމާ، އަޅުގަނޑުމެންވެސް އެބަ ގަބޫލުކުރަންޖެހޭ ދީނަށް އުޅޭއިރުވެސް ޒަމާނާއި، ދުނިޔެއާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ މިކަންކަމަށް އަންނަ ބަދަލުތައް އަންނާނެކަން. އަޅުގަނޑުމެން މިހާރު އެހެންނޫންތޯ މިކުރަނީ. ކުރީޒަމާނުގައި ޙައްޖަށް ދަނީ ކިހިނެއްތޯ؟ ފައިމަގުގައި ހިނގާފައި، ނޫނީވިއްޔާ އާގު ބޯޓްފަހަރު އުފެދުނީމާ އާގުބޯޓުފަހަރުގައި ކަނޑުދަތުރުކޮށްފައި. ދެންވެސް ހިނގާފައި. މިހާރު މިދަނީ މަތިންދާބޯޓުގައި. މިހިރީ އައިބަދަލު.

އަނެއްކާ އެޒަމާނުގައި މީހުން ސަވާރީގެ ގޮތުގައި ބޭނުންކުރީ ޖަމަލު ކަހަލަ އެއްޗެހި. އަހާއި، ޖަމަލާ މިއެއްޗެހި. މިޒަމާނުގައި މިހާރު އެ އެއްޗެހި މުޅިން އުވި ހިނގައްޖެ. އަދިވެސް ސަހަރާގައި، ސަހަރާއޭ މިދެންނެވީ ހަނަފަސް ބިންތަކުގައި، މީހުން ވަޅުލާތަނެއްނޫން. ހަނަފަސް ބިންތަކުގައި، ބޮޑެތި ސަހަރާތަކުގައި އަދިވެސް ހިސާބަކަށް ޖަމަލު އެއްޗެތީގައި މީހުން އެބަ ދަތުރުކުރޭ. އަހުގައި ދަތުރުކުރޭ. އަހުގައި ދަތުރު ކުރޭ އެނޫން ތަންތާނގައިވެސް. އެކަމަކު މިހާރު އެހެން ހުރިހާ ތަނެއްގައި މިއޮތީ ބަދަލުވެފައި. އެއްވެސް މީހަކު މިހާރު ދަތުރުކުރާކަށް އަހަކަށް ނާރާނެ. ކުޅިވަރަކަށް އަރާފާނެ. ނުވަތަ ރޭސްދުއްވަން އަރާފާނެ. އެކަމަކު އާދައިގައި އެއްތަނުން އަނެއްތަނަށް ދާން ވަރަށް ބޭނުން ނުކުރާނެ. މިހާރު ބޭނުންކުރާނީ އެހެން އެއްޗެހި. މިހިރަ އެކިވައްތަރުވައްތަރުގެ ދުއްވާ އެއްޗެހި. ކާރު، މޮޓޯސައިކަލް، ބަސް ނުވަތަ ރޭލު، މަތިންދާބޯޓު، ބޮޑެތި އާގު ބޯޓުފަހަރު.

މިހިރީ އައިސްފައި ހުރި ބަދަލު. އެގޮތަށް އަޅުގަނޑުމެންގެ ޙަޔާތަށް މިއަންނަ ބަދަލުތައްވާނެ އަޅުގަނޑުމެން ރަނގަޅަށް ދަންނަން. އޭގައި އެއްގޮތަކަށްވެސް ދީނާ ޚިލާފުވާ ކަމެއް ނެތިއްޔާ އެކަން ބަލަންޖެހޭނީ ހުއްދަކަމެއްގެ ގޮތުގައި.

މިހާރު މިވާހަކަ ދަންނަވާލަން މިޖެހޭ ސަބަބަކީ، ބައެއްމީހުން މާގިނައިން މިވެނިކަމެއް ޙަރާމޭ، މިވެނި ކަމެއް މަނައޭ، މިވެނި ކަމެއް ކޮށްގެނެއް ނުވާނެއޭ، މިހެން ކިޔައިގެން ވާހަކަ ދައްކަނީ. އެވާހަކަ ދައްކާއިރު އޭގައި ދީނީ އަޞްލެއްނެތް. މިދެންނެވީ ދީނުގައި ކަމެއް ޙަރާމްވާނީ ކީރިތި قرآنން އެކަމެއް ޙަރާމް ކުރައްވާފައި އޮތިއްޔާ ނުވަތަ رسول اللّه صلّى اللّه عليه وسلّم އެކަމެއް ޙަރާމް ކުރައްވާފައި އޮތިއްޔާ. އެއީ ޙަރާމްވާނެގޮތަކީ. صحّ حديث އަކުން މިވެނިކަމަކީ ޙަރާމް ކަމެއްކަން ސާބިތުވަންޏާ، އެގޮތަށް އެކަމެއް ކޮށްގެނެއް ނުވާނެ. ކީރިތި قرآن ގައި ކަނޑައެޅިގެން އެހެން އަންގަވާފައި އޮތިއްޔާ، އެހެން ހަދައިގެން ނުވާނެ. އެނޫންގޮތަކަށް ކަމެއް ޙަރާމެއް ނުވާނެ. މަނައެއް ނުވާނެ. މިކަންތައްވެސް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދެނެގަންނަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިވާހަކަވެސް ދަންނަވާލާނީއޭ.

އާދެ! މިރަށުގެ ރައްޔިތުންނަކީ ވަރަށް މަސައްކަތްތެރި ބައެއް. މިރަށަކީ ބިން ބޮޑު، އަދި ގަސްއިންދަން ފަސޭހަ، ދަނޑުވެރިކަންކުރަން ފަސޭހަ ރަށަކަށްވާތީ، މިރަށުގެ ބޮޑު މަސައްކަތަކީ އަޅުގަނޑަށް ހީވާގޮތުގައި ގަސްއިންދުމާއި، ދަނޑުވެރިކަމުގެ މަސައްކަތް. އެ މަސައްކަތުންވެސް މިރަށުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީ ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ކުދިލޯނު ދޫކުރުމާއި، ނުވަތަ އިތުރު ފަސޭހަތައް ހޯދައިދިނުމާ ބެހޭގޮތުން ސަރުކާރުން ވިސްނާ ވާހަކަ އަޅުގަނޑު އޮންނާނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ދަންނަވާފައި. އެހެންވީމާ، ދަނޑުވެރިކަމާބެހޭ ވުޒާރާއިން އެކަންތައް ކުރިއަށް ގެންދަވާނެ.

ދެން ދެންމެ އަތޮޅުވެރިން ވިދާޅުވެއްޖެ. މިރަށުގެ ބައެއް މީހުން ރަށުން ދަނިއްޔޭ. އެހެންވީމާ، އެކަމާވެސް އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. ކީއްވެގެންތޯ މީހުން ރަށް ދޫކޮށްފައިދަނީ. ދާނީ ކޮންމެވެސް ސަބަބެއް އޮވެގެން. ބައެއް ރަށްރަށުގެ މީހުން އެރަށް ދޫކޮށްފައިދާކަށް ބޭނުމެއްނޫން. އަޅުގަނޑު އިއްޔެ ބައްދަލުކުރި ރަށެއްގެ ވަފްދެއްގެ ބޭފުޅުން ވަޑައިގެން ވިދާޅުވި ތިމަންމެން ރަށުން މީހުން ބަދަލުކުރަނިއްޔޭ. އެކަމަކު ތިމަންނަމެން ރަށް ދޫކޮށްފައި ދާކަށް ބޭނުމެއްނޫނޭ. ކުޑަކުޑަ ރަށެއް. މަދު މީސްކޮޅެއް އޮތް ރަށެއް. ދާކަށް ބޭނުމެއްނޫނޭ.

އެހެންވީމާ، އެމީހުން ބޭނުންވަނީ އެމީހުންގެ ރަށުގައި ތިބެން. އެއީވެސް، ސަބަބުތަކެއް ހުރެގެން. ވައިކަރަދުއަކީ ބޮޑުރަށެއް. މިދެންނެވީ ބިންވެސް އޮތްރަށެއް. މިތަނުން މީހުން ބަދަލުވާނީ އެހެން ކޮންމެވެސް ކަމެއް އޮވެގެން. ވީމާ، އެކަން އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. އަޅުގަނޑުމެން ރަށުގެ އާބާދީ ބޮޑުކުރަން ބޭނުންކަމަށްވަންޏާ، މީހުން ހިފަހައްޓަން ބޭނުންކަމަށްވަންޏާ، އެމީހުން މިރަށުގައި ދިރިއުޅެން ޝައުޤުވެރިވާ ކަހަލަ ކަންތައްތަކެއް މިރަށުގައި ކުރަން އެބަޖެހޭ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން ހަމަ މިރަށުގެ ރައްޔިތުންވެސް އަދި އަތޮޅުވެރިންވެސް، އަދި ސަރުކާރުންވެސް ވިސްނަންވެއްޖެ ކަމެއް.

ވައިކަރަދުއަކީ އާޘާރީގޮތުންވެސް ފާހަގަކުރެވޭ ރަށެއް. މިރަށުގައި ބައެއް ތަންތަން އެބަހުރި ދޮއެއްތޯ. އުސްގަނޑެއް ހުރިވާހަކަވެސް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އެބައޮތް. އެތަނަށް "ޖާޑިވަޅުލިތަން" މިގޮތަށޯ ކިޔަނީ. އަޅުގަނޑު ނުދެކެން އެތަނެއް. ދެން އަދި މިރަށުގައި "ނޭކުރެންދޫ ބަލާ އުސްގަނޑު" ކިޔާތަނެއް އޮތްކަމަށްވެސް އެބަވޭ. "ރަށްމަތީ ބޮޑުގާ" ކިޔާ ވަރަށް އާސާރީ ގަލެއް އޮންނަ ކަމަށްވެސްއެބަވޭ. މިކަންކަން މިހެން ހުރިކަމަށްވަންޏާ، މިތަންތަނަށް އަޅުގަނޑުމެން ޖެހޭނެ ރައްކާތެރިވާން. އަދި އެކަމާބެހޭ ދިރާސާތައް ކުރެވެންވާނެ. އެއީ ކުރީ ޒަމާނުގައި ދިވެހިން އުޅެފައި، އެމީހުން ކޮންމެވެސް ކަމެއްގައި ބޭނުން ކުރި ތަންތަން ކަމަށްވާނީ. އެމީހުންގެ ދިރިއުޅުން އޮތްގޮތެއްވެސް އަޅުގަނޑުމެންނަށް އެނގޭނީ މިތަންތަން ބަލައިގެން. އެހެންވީމާ، މިއީ އަޅުގަނޑުހިތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް.

އާދެ! ދެން އަޅުގަނޑުގެ ވާހަކަ މާދިގެއް ނުކުރާނަން. އަދި އެއްވާހަކަ ދަންނަވާލާފައި ނިންމާލާނީ. މިރަށުގެ ދަރިޔަކަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ވާހަކަ ދަންނަވާލަން. 1990 ވަނަ އަހަރު ވައިކަރަދޫ ބްރީޒްވިލާ އަލްފާޟިލް ޙަސަން ޝަކީލަށްވަނީ މަސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައި. އޭނާއަކީ، މަސްވެރިކަމުގެ ގިނަ ތަޙްލީލުތަކެއް ކުރައްވާފައިވާ ބޭފުޅެއް. މިހާރު ހުންނެވީ މެރިން ރިސަރޗް ސެންޓަރުގެ ސީނިއަރ ބަޔޮލޮޖިސްޓުގެ މަގާމުގައި. އެހެންވީމާ، އަލްފާޟިލް ޙަސަން ޝަކީލަށް ތަހުނިޔާ ދަންނަވަން. އަދި މިރަށުގެ ދަރިޔަކަށް އެފަދަ އިނާމެއް ލިބުނީތީ، މިރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި دعاء އަކީ اللّه سبحانه وتعالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި، ނުގުޑާފަދަ ޢަޒުމަކާ އެކުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ މިރަށް ވައިކަރަދުއަށް، މިއަތޮޅަށް، މުޅިރާއްޖެއަށް، އިތުރު ކުރިއެރުމާއި ބާއްޖަވެރިކަމާއި އުފާވެރިކަމާއި ތަނަވަސްކަން މާތް اللّه މިންވަރު ކުރެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.