بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! ހުވަދުއަތޮޅު އުތުރުބުރީގަޔާއި ދެކުނުބުރީގައި މީހުންއުޅޭ ބައެއް ރަށްރަށަށް އަޅުގަނޑު މިކުރާ ދަތުރުގައި މިއަދު މިހާރު އަޅުގަނޑު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެރި ރަށުގައި. އާދެ! ގދ.ތިނަދޫގައި. މިރަށަށް އަޅުގަނޑު އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް ޢަލީ ޝަރީފާއި، އަތޮޅު އޮފީހުގެ ވެރިންނާއި، ތިނަދޫގެ ވެރިންނާއި، ތިނަދޫގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ތިނަދޫގެ އެކި ކޮމިޓީތަކުގެ މެންބަރުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުންނާއި، ތިނަދޫގެ ލޮބުވެތި ރައްޔިތުން، ކުދިބޮޑު އަންހެން ފިރިހެން އެންމެން، އަޅުގަނޑަށް ތިޔަ ވިދާޅުވި އިޚްލާޞްތެރި އަދި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނާއި، އެ މިނިސްޓްރީގެ އިސްވެރިންވެސް ތިއްބެވި. އެހެންވީމާ، އެބޭފުޅުންނަށްވެސް މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ތިނަދުއަށް ޒިޔާރަތްކުރުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ! މީގެ ހެއްކަކީ، އަޅުގަނޑު މިރަށަށް އެތައްފަހަރު ޒިޔާރަތްކޮށްފައިވާކަން. މިއީ، މިމަގާމުގައި ހުރެގެން އަޅުގަނޑަށް މިރަށަށް ޒިޔާރަތްކުރެވޭ 10 ވަނަ ފަހަރު.

އެންމެފަހުން، މިރަށަށް އަޅުގަނޑު ޒިޔާރަތްކުރީ ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅިގެން. އެއީ 2004 ވަނަ އަހަރުގެ މާޗްމަހުގެ 17 ވަނަ ދުވަހުގެރޭ ތިނަދޫ "އެނަމާ ބޯޓު" ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން، ރަށުގެ ރައްޔިތުންނަށް ތަޢުޒިޔާ އަދާކޮށް ސަރުކާރަށް ވެދެވެންއޮތް އެހީތަކަކީ ކޮބައިތޯ ބެލުމަށް ކުރިދަތުރު. އެފަހަރު އަޅުގަނޑު މިރަށަށް އައީ އެހާދިސާ ހިނގިތާ ތިންވަނައަށްވި ދުވަހު ނުވަތަ ތިންދުވަހަށް ފަހުގައި. މާޗްމަހުގެ 20 ވަނަ ދުވަހު.

ހަނދުމަފުޅު ހުންނާނެ ފަދައިން އެ ހާދިސާ ހިނގިއިރު އަޅުގަނޑު ހުރީ އަމިއްލަ ފަރުވާއަކަށް ރާއްޖެއިން ބޭރުގައި. އެ ހާދިސާގެ ޚަބަރު އިވުމާ ގުޅިގެން އަޅުގަނޑުގެ އެ ދަތުރު މެދުކަނޑާލާފައި ރާއްޖެ އައީ. ރާއްޖެ އައިސް ތިނަދުއަށް ޒިޔާރަތްކޮށް، ތިނަދޫގެ ރައްޔިތުންނާ ބައްދަލުކޮށް އަދި އަޅުގަނޑުމެންގެ ތެރެއިން އެ ހާދިސާގައި ވަކިވެގެންދިޔަ އަޚުންނާއި އުޚުތުންގެ އާއިލާތަކުގެ މީހުންނާ ބައްދަލުކޮށް ތަޢުޒިޔާ އަދާކުރިން. މިކަންކުރީ އަޅުގަނޑުގެ ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކޮށްގެން.

އާދެ! އެ ހިތާމަވެރި ހާދިސާގައި މިދުނިޔެ ދޫކުރި އަޚުންނާއި އުޚުތުންނަށް މާތް اللَّـه ހެޔޮރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި މިފުރުޞަތުގައިވެސް އަޅުގަނޑު ދުޢާ ދަންނަވަން. އަދި އެ މަރްޙޫމުންގެ އާއިލާގެ މެންބަރުންނަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން ދެއްވައި ސަވާބު އިތުރުކުރެއްވުން އެދި ދުޢާ ދަންނަވަން.

އާދެ! އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގައި ތިނަދޫގެ ރައްޔިތުންގެ ފަރާތުން ދެންމެ ވާހަކަފުޅު ދެއްކެވި އަލްފާޟިލް މުޙަންމަދު ޙުސައިން، އެފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އޭނާއަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. މުޙަންމަދު ޙުސައިނަށް އަމިއްލަ ތަޖުރިބާއިން އެނގިވަޑައިގެންފައި އެއޮތީ، މީގެ 28 އަހަރު ކުރިން ރާއްޖޭގެ ހާލަތު އޮތްގޮތާއި އަދި މިހާރު މިއައި ބަދަލުތަކާއި، މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް މިއައި ތަފާތު ބަދަލުތައް.

އާދެ! އޭނާގެ ވާހަކަފުޅުގައި ހުރިހާ ކަމަކަށް އިޝާރާތް ކުރެއްވި. ޞިއްޙީ ދާއިރާއަށް ލިބުނު ކުރިއެރުން، ތަޢްލީމަށް ލިބުނު ކުރިއެރުން، އަދި ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ތަރައްޤީ. މިހެންގޮސް ގާތްގަނޑަކަށް އަޅުގަނޑުމެން މުހިންމުކަންދޭ ހުރިހާ ދާއިރާއެއްގައި، މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ކަންތައްތައް ކުރެވިފައިވާގޮތާއި، އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވި. އެކަމަށްޓަކައި އަލްފާޟިލް މުޙަންމަދު ޙުސައިނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އޭނާގެ ވާހަކަފުޅުގައި އެފާޅުކުރެއްވި ޝުޢޫރުތަކަކީ، ތިނަދޫ ރައްޔިތުންގެ ފަރާތުން ފާޅުކުރެއްވި ޝުޢޫރުތަކެއް ކަމަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. ހަމައެހެންމެ، މި ޖަލްސާ ތަޢާރުފުކޮށްދެއްވި ގދ.އަތޮޅު ތަޢްލީމީ މަރްކަޒުގެ ސުޕަވައިޒަރު އަލްފާޟިލާ ޢަޒީމާ ވަޙީދުގެ ވާހަކަފުޅުގައިވެސް، އަޅުގަނޑަށް މަރްޙަބާ ވިދާޅުވެފައިވާތީ، އޭނާއަށްވެސް ޝުކުރު ދަންނަވަން.

އާދެ! ތިނަދޫގެ ތަރައްޤީއަށް މިވޭތުވެދިޔަތާނގައި ސަރުކާރުން ވަރަށްގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައި. އެވާހަކަތަކުގެ ތަފްސީލު ދެންނެވުމަކީ ބޭނުމެއްއޮތް ކަމެއްކަމަށް އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، އެމަޝްރޫޢުތަކުގެ ފައިދާ މިރަށުގެ ރައްޔިތުންނަށާއި މިއަތޮޅުގެ ރައްޔިތުންނަށް މިދަނީ ލިބެމުން. އެކަން އަޅުގަނޑު ހިތުން މިރަށުގެ ލޮބުވެތި ރައްޔިތުންވެސް އަދި މިއަތޮޅުގެ ލޮބުވެތި ރައްޔިތުންވެސް ގަބޫލުކުރައްވާނެ. ހަމައެއާއެކު، މިރަށުގެ ތަރައްޤީއަށް އަލަށް ހިންގާ ވަރަށްގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ފެށޭގޮތަށް ވަނީ ހަމަޖެހިފައި. ބަޖެޓުގައި އެކަންތައްތަކަށް ފައިސާވެސްވަނީ ކަނޑައެޅިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންތައްތައް ލަހެއްނުވެ ފެށޭނެ. އެކަންތައްތައް ފެށުމުން އަދި ޚާއްޞަކޮށް އެކަންތައްތައް ނިމުމުން، ރަށުގެ ރައްޔިތުންނަށާއި އަތޮޅުގެ ރައްޔިތުންނަށް އިތުރު ފައިދާއާއި ކުރިއެރުން ލިބޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ! ތިނަދުއަކީ މަސްވެރިކަމަށް ވަރަށް މަޝްހޫރު ރަށެއް. މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލައަކީ، ބައެއް ރަށްރަށަށް މިހާރު ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ މައްސަލައެއް. މިއަތޮޅު ހޯނޑެއްދޫގައި މިހާރު ހަދަމުންދާ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގެ ސަބަބުންވެސް، މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި މިއަދުގެ މިބައްދަލުކޮށްލުމަށްފަހު، ތިނަދޫ އައިސް ޕްލާންޓާއި މަސްމާރުކޭޓް ހުޅުވައިދިނުން އެބައޮތް. މިތަންތަން ހުޅުވުމުންވެސް، ހަލާކުވެގެން އުކާލަންޖެހޭ މަސް އުކާނުލައި ރައްކާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން. މީގެ ސަބަބުން، ތިނަދޫ ރައްޔިތުންނަށާއި، ޚާއްޞަކޮށް ތިނަދޫ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި އަދި މިއަތޮޅުގެ ކައިރި ރަށްރަށުގެ މަސްވެރިންނަށާއި، އެމީހުންގެ އާއިލާތަކަށްވެސް، އިތުރު ތަނަވަސްކަމާއި ތިޔާގިކަން ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ތިނަދުއަކީ ތަޢްލީމަށްވެސް ވަރަށްބޮޑަށް ލޯބިކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. މިއަތޮޅު ތަޢްލީމީ މަރްކަޒުގައި އޭ.ލެވެލަށް ކިޔަވައިދޭން މިދިޔަ އަހަރުވަނީ ފަށާފައި. ތަޢްލީމުގެ މަގު މިހާފުޅާވަމުންދާއިރު ކިޔަވާ ކުދިން، އަޅުގަނޑުމެންގެ ދަރިން ރަނގަޅު ތަރުބިއްޔަތެއްގެ މަތިން ބޮޑެތިކުރުމަކީ، ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންވީކަމަކީ، އަޅުގަނޑުމެންގެ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން. އެކުދިންނަކީ، މާތްވެގެން އިސްލާމްދީނަށް ލޯބިކުރާ، އެދީނުގެ އުސޫލުތަކަށާއި ޙުކުމްތަކަށް ޙުރުމަތްތެރިކޮށް ހިތާ އަދި ޤައުމަށް ވަފާތެރި އިޚްލާޞްތެރި އަދި ޤައުމާއި ރައްޔިތުންނަށް ފައިދާހުރި އުފެއްދުންތެރި މަސައްކަތްތަކެއްކުރާ ބަޔަކަށް ހެދުން.

މިއީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މަންމަޔަކުވެސް، ކޮންމެ ބައްޕަޔަކުވެސް، ކޮންމެ ބެލެނިވެރިޔަކުވެސް، އަދި ސްކޫލްތައް ހިންގަވާ ފަރާތްތަކުންނާއި ޓީޗަރުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހިފައިވާ ކަމެއް. މިއަދުގެ ދުނިޔޭގައި ތަފާތު ކަންތައްތައް ހިނގަމުން އެބަދޭ. އޭގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ކުދިންނަށްވެސް ކުރަމުންދާނެ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެއްޖެ ކަމެއް. ހުރިހާ ކުދިންނަކީ، އެކުދިންގެ މައިންބަފައިންނަށް ކަމޭހިތާ، މައިންބަފައިންގެ ބަސްއަހާ، މުދައްރިސުންނާއި ޓީޗަރުންގެ އިރުޝާދުތަކަށް ޙުރްމަތްތެރިކޮށްހިތާ، އަދި ޤާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ބަޔަކު ކަމުގައި އަޅުގަނޑުމެން ހަދަންޖެހޭ. ހަމައެއާއެކުގައި އެކުދިންނަކީ، ރީތި އަޚްލާޤީ ސިފަތަކެއް ލިބިގެންވާ ބަޔަކު ކަމުގައިވެސް އަޅުގަނޑުމެން ހަދަންޖެހޭނެ. މިއީ އަޅުގަނޑުމެން ހަމަކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ! މިހާރު ކަންތައްތައް ވަމުންދާގޮތުން އެކުދިންގެ ކަންފަތްތަކަށް ނޭދެވޭ އަޑުތައް އިވެމުންދާނެ. ނޭދެވޭ ވާހަކަތައް ލިޔެފައި ހުއްޓާ އެކުދިންގެ ލޯތަކަށް ފެންނާނެ. އަދި ޓީވީގެ ޒަރީޢާއިންވެސް މިކަހަލަ ކިތަންމެ ވާހަކައެއް އިވި، ކިތަންމެ ތަނެއް ފެނި، މިކަމުގެ އިޙްސާސްތައް އެކުދިން ކުރާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކީ، މިކަންކަމުން ކިޔަވާކުދިންނަށް، ޅަކުދިންނަށް، ޒުވާނުންނަށް، ނޭދެވޭ އަސަރެއް ކުރިޔަނުދޭތޯ މަސައްކަތް ކުރުން.

އާދެ! ސިޔާސީ މިނިވަންކަން އޮތުމުގެ މާނައަކީ، އަޅުގަނޑުމެންގެ އަޚްލާޤީ ފެންވަރު ދަށްވެގެން ދިޔުމެއްނޫން. އަޅުގަނޑުމެންގައި ހުންނަންވީ ރީތި ސިފަތައް ދޫކޮށްލަންވީ ސަބަބެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށް ކުރިއްސުރެ އިސްލާމީ އަޚްލާޤުގެ މަތިވެރި ހަމަތަކުގައި ހިފަހައްޓައިގެން ތިބި ބަޔަކު ދިރިއުޅެމުން އައި ޤައުމެއް. މިއަދުވެސް އަޅުގަނޑުމެންނަކީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއް.

އެހެންވީމާ، އަޅުގަނޑުމެންގެ ކުދިން ތަރުބިއްޔަތުވާން ޖެހޭނީ ދީނުގެ ތަރަހައިގެ މަތީގައި. ދީނުގެ އަޚްލާޤުގެ މަތީގައި. އެކުދިންނަކީ، އެކުދިންނަށް މިހާރު އިވެމުންދާކަހަލަ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ބަސްބަހާއި ޢިބާރާތްތައް ބޭނުންކުރާ ކުދިބަޔަކަށް ވެގެނެއްނުވާނެ. އަދި، އެކުދިންނަކީ އެއްވެސް ހާލެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބަޔަކަށް ނުވަތަ ދީނަށް ޙުރްމަތްތެރިކޮށްނުހިތާ ބަޔަކަށް ނުވަތަ މައިންބަފައިންގެ ބަސްނާހާ ބަޔަކަށް ނުވަތަ ދައުލަތުގެ ނިޒާމަށް ހުރަސްއަޅާ ބަޔަކަށް ވެގެނެއް ނުވާނެ. މިކަންކަން އަޅުގަނޑުމެން އެންމެންވެސް ވަރަށް ރަނގަޅަށް ދަންނަންޖެހޭނެ. އަދި އަޅުގަނޑުމެން، އެގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކުރިމަގަށް އޮތް ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދަންނަވަން ބޭނުންވޭ.

އާދެ! ތަޢްލީމާބެހޭ ވާހަކަ ދައްކާއިރު، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިރަށުގެ ވަރަށްގިނަ ރައްޔިތުން އަދި ޚާއްޞަކޮށް، ކުޑަކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އެދިވަޑައިގަންނަވާ، މިރަށުގައި ދެވަނަ ޕްރައިމަރީ ސްކޫލެއް ހެދުމަށް. އެއީ، މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އެދިވަޑައިގަންނަވާ ކަމެއް ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި.

އެހެންވީމާ، ތިނަދުއަކީ މިހާރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބައްލަވާ އުސޫލުން އެކަމުގެ ޝަރްޠު ހަމަވާ ރަށަކަށް ނުވިޔަސް، ތިނަދުއަކީ ވަރަށް ޚާއްޞަ ރަށެއް. އެއީ، މީގެކުރިން އެނގިވަޑައިގަންނަވާނެ ފަދައިން، މިރަށަށް ދިމާވެފައިވާ ނިކަމެތި ހާލެއްގެ ސަބަބުން ސަރުކާރުން ކަނޑައަޅާފައިވަނީ ތިނަދުއަށް ޚާއްޞަގޮތެއް އަބަދުވެސް ގެންގުޅެން. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށްގިނަ ކަންތައްތައް ތިނަދޫގައި ސަރުކާރުން ވަނީ ކޮށްދީފައި. 1978 ން ފެށިގެން މިހާހިސާބަށް އައިއިރު އެހެން ރަށްރަށާ ޚިލާފަށް ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުން ތިނަދޫގައި ވަނީ ހިންގާފައި. އެއީ، ތިނަދުއަކީ މާޒީގައި ޚާއްޞަ ހާލަތެއް ދިމާވުމުގެ ސަބަބުން، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަން ފޫބެއްދުމަށްޓަކައި ސަރުކާރުން އިތުރުގޮތްތަކެއް ހަދައިދޭންޖެހޭނެ ރަށަކަށްވާތީ. ހަމައެއާއެކީގައި، ތިނަދޫގައި ދެވަނަ ޕްރައިމަރީ ސްކޫލެއް ހައްދަވައިދެއްވާނެ ކަމަށް ކުރީގެ ތަޢްލީމާބެހޭ ވަޒީރަކުވެސް ވަނީ ވިދާޅުވެފައި. އެހެންވީމާ، އެއީ ސަރުކާރުން އިޙްތިރާމް ކުރަންޖެހޭ ވަޢުދެއް. މިކަންކަން މިހެން އޮތުމާ އެކުގައި އިރާދަކުރެއްވިއްޔާ ތިނަދޫގައި ދެވަނަ ޕްރައިމަރީ ސްކޫލެއް ހަދަން ސަރުކާރުން ގަސްދުކުރާ ވާހަކަ ދަންނަވާލަން.

އާދެ! ތިޔަބޭފުޅުންވެސް ހަނދުމަފުޅު ކުރައްވަންޖެހޭނެ މިކަމަކީ ކުރިންވެސް ދެންނެވި ފަދައިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެގެންދަވާ އުސޫލާ ތަފާތު ކަމަކަށްވާތީ، އެމިނިސްޓްރީގެ ބަޖެޓްގައި މިއަހަރަކަށް އެ ފައިސާ ލައްވާފައެއްނެތްކަން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮންމެވެސް ގޮތަކުން މި މަޝްރޫޢު ފެށޭވަރު ކޮށްދެވޭނެ ބަޖެޓްގެ ތެރެއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފައިސާ ދީގެން ނަމަވެސް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ މިއަހަރުގެ ތެރޭގައި، މިމަސައްކަތް ފެށި، މިއަންނަ އަހަރު ނަމަވެސް އެއީ ބަޖެޓްގައިވެސް ހިމެނޭނީ އެއްބައި ދޮއެއްތޯ. އެއްއަހަރަކުން މިވަރު ބޮޑުކަމެއް ނުކުރެވޭނެ. އެހެންވީމާ، މިއަންނަ އަހަރާ ލައިގެން އެކަން ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދުކުރާ ވާހަކަ ދަންނަވާލަން.

އާދެ! ދެންމެ މުޙަންމަދު ޙުސައިންގެ ވާހަކަފުޅުގައި މިރަށަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކުގެ ވާހަކަ ވިދާޅުވި. އެއީ، ހަމަތެދުފުޅެއް، އަޅުގަނޑުވެސް ޤަބޫލުކުރަން ވަރަށްގިނަ ކަންތައްތައް ރަށަށް ބޭނުންވާ ކަމަށް. އެހެންނަމަވެސް، އެކަންތައްތައް ކޮށްދެވޭނީ ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކުން، ބަޖެޓުގައި ފައިސާ ހުރިވަރަކުން. އަދި ރާއްޖޭގައި މީހުން އުޅޭ ވަރަށް ގިނަ ރަށްރަށް ހުރުމާ އެކީގައި، އެހުރިހާ ރަށްރަށަކަށްވެސް ސަރުކާރުގެ ޢިނާޔަތާއި، އެހީތެރިކަމާއި، އެއްބާރުލުން ބޭނުންވާތީ، ބަޖެޓްގައި އެހުރިހާ ކަމެއްވެސް އޮންނަން ޖެހެނީ ހިމެނިފައި. އެހެންވީމާ، ވަކި އެއްރަށަކަށް، އެރަށަކަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭ ގޮތަކަށް ބަޖެޓް ހަމަޖެހިފައެއް ނޯވޭ. އެވަރަކަށް އަޅުގަނޑުމެންގެ ވަސީލަތްތަކެއް ނުހުރޭ. އެހެންވީމާ، މިކަން ތިނަދޫ ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އޭގެތެރެއިން އެއްވާހަކައަކީ، ނަރުދަމާގެ ނިޒާމް ރަނގަޅު ކުރަންޖެހޭ ވާހަކަ. އެއީވެސް ހަމަވަރަށްބޮޑު ތެދުފުޅެއް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ފަރަންސޭސިވިލާތުން އެ ލޯނު ހޯދުމަށް ބޭނުންވާ އެއްބަސްވުމުގައި ސޮއިކުރަން މިހާރު މިއޮތީ ތައްޔާރުވެފައި. އެހެންވީމާ، އެއެއްބަސްވުމުގައި ސޮއިކުރެވުނީމާ އިރާދަކުރެއްވިއްޔާ އަދި ފަރަންސޭސި އެހީ ދިވެހި ސަރުކާރަށް ލިބުނީމާ، އޭގެތެރެއިން މި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ހިނގާނެ.

އާދެ! ކުޑަކުދިންނާއި ޒުވާނުންނާއި ހުރިހާ ދިވެހި ރައްޔިތުން، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެހެންމެ، އަޅުގަނޑުމެންގެ ތެރޭގައި ކުށްކުރާ މީހުން މަދުކުރުމަކީވެސް، ނުވަތަ ކުށްކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީވެސް، ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައާއި، ވައްކަމުގެ މައްސަލައަކީ ތިނަދޫގައި މީގެ އަހަރެއްހާ ދުވަސް ކުރިން ވަރަށްބޮޑުވެފައިވާ ދެ މައްސަލަ ކަމަށް. އެހެން ނަމަވެސް، ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލެއްވުމަކާއި އެހީތެރިކަމަކާއެކު ސަރުކާރުގެ ފަރާތްތަކުން ކުރި މަސައްކަތެއްގެ ސަބަބުން، މިދެ މައްސަލައަށް މިހާރުވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިފައި ކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އެކަމަށްޓަކައި ތިނަދޫ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ! ރަށުގެ ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކުރެވެމުންދާއިރު، އެކަންކަމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވޭ. ޚާއްޞަކޮށް އަޅުގަނޑުމެން ހިންގާ އެކިއެކި ބޮޑެތި މަސައްކަތްތަކާއި މަޝްރޫޢުތަކުގައި އެއީ، އިޤްތިޞާދީ ކަމަކަށްވިޔަސް، އިޖްތިމާޢީ ކަމަކަށްވިޔަސް މިކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު، ސަރުކާރަށާއި އަދި އެކަންކަން ހިންގަވާ ފަރާތްތަކަށް ބޭނުންވޭ. މިއީ، މީގެކުރިންވެސް ތިނަދޫގެ ރައްޔިތުން ކުރައްވާފައިވާ ކަމެއް. ހުރިހާ ކަމެއްގައިވެސް، ތިނަދޫ ރައްޔިތުން ސަރުކާރާ ވަނީ ވަރަށްބޮޑަށް އެއްބާރުލައްވައި ދެއްވާފައި. ވަރަށްބޮޑު އެހީތެރިކަމެއް ދެއްވާފައި. އެހެންވީމާ، އެގޮތުގެމަތިން މިރަށުގައި ހިންގާ ހުރިހާ ކަންތައްތަކެއްގައިވެސް ރަށުގެ ހުރިހާ ރައްޔިތުންގެ އިޚްލާޞްތެރި އެއްބާރުލެއްވުމާއި ތާއީދާއި އެހީތެރިކަން، ކުރިއަށްއޮތްތާނގައިވެސް ސަރުކާރަށް ނުވަތަ އެ މަސައްކަތް ހިންގަމުންގެންދާ ފަރާތަކަށް ލިބެމުންދާނެ ކަމަށް ޔަގީންކުރާ ވާހަކަ ދަންނަވާލަން.

އާދެ! މުޙަންމަދު ޙުސައިންގެ ވާހަކަފުޅުގައި، ސިޔާސީ އިޞްލާޙުގެ ވާހަކަ ވިދާޅުވި. އަދި ޤާނޫނުއަސާސީ އިޞްލާޙު ކުރާ ވާހަކަވެސް ވިދާޅުވި. ތެދުފުޅެއް، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ސިޔާސީ އިޞްލާޙީ ޕްރޮގްރާމުގެ މައިގަނޑު އެއްބިންގާ. ވަރަށް މުހިންމު ކަމެއް. އެމަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަމުން އެބަގެންދަވާ. އަޅުގަނޑު އެދެނީ އެމަސައްކަތް ވީހާ އަވަހަކަށް ޚާއްޞަ މަޖިލީހުން ނިންމަވައިދެއްވައި، އާ ޤާނޫނުއަސާސީގެ ހިމާޔަތާއި ހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބެމުންދިޔުން.

ހަމަ އެއާއެކީގައި، އޭނާ އެވިދާޅުވިފަދައިން ދިވެހި ދައުލަތުގެ ރަސްމީ ދީނަކީ، އިސްލާމްދީން ކަމުގައިވެސް އެ ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަންވާނެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ފުރިހަމަކޮށް ރައްޔިތުންނަށް ލިބިދިނުމަށް ބާރުއަޅައި ނުވަތަ ލިބިދެވޭ މާއްދާތަކެއްވެސް ހުންނަންވާނެ. ހަމައެއާއެކީގައި، ހުރިހާ ރޮނގެއްގައި ރާއްޖެ ކުރިއަށް ދިޔުމަށް މަގުފަހިވާގޮތަށް ކަންތައްތައް ރޭވިފައި ހުންނަންވާނެ. އަދި ރާއްޖޭގައި އޮންނަނީ ފުރިހަމަ މިނިވަން ދީމުޤްރާތީ ނިޒާމެއްކަން ސާބިތުކޮށްދޭ ހަރުދަނާ ބިންގާތަކެއް، އެ ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަންވާނެ. އަޅުގަނޑުމެންގެ ވެށްޓަކީ، ދީމުޤްރާތީ ވެށްޓެއް ކަމުގައި ހެދުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތައް ގާއިމުކުރެވޭނެގޮތް އެ ޤާނޫނުއަސާސީގައި އޮންނަންވާނެ. އެހެންވީމާ، އެކަމަށް އަޅުގަނޑު ތާއީދުކުރާ ވާހަކަ ދަންނަވާލަން. އިރާދަކުރެއްވިއްޔާ، ރާއްޖޭގައި ކުރިއަށްއޮތްތާނގައި ފާސްކުރެވޭ ގާނޫނުއަސާސީގައިވެސް މިދެންނެވި ކަންތައްތައް ފުރިހަމައަށް ހުންނާނެ. އަދި ޚާއްޞަކޮށް ދިވެހި ދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމުގައި ކަނޑައެޅިގެން ލިޔެވިފައި އޮންނާނެ.

އާދެ! ޤާނޫނުއަސާސީ އިޞްލާޙުކުރުމާއި، އިޞްލާޙީ ޕްރޮގްރާމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިއުޅޭ މައްސަލަތަކުގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ދައްކާލަން ބޭނުންވޭކަންނޭނގެ. އާދެ! ތަފާތު ސިޔާސީ ޕާޓީތަކެއް ގާއިމުކުރުމަކީ، ރައްޔިތުންގެ ފައިދާއަށާއި، ޤައުމުގެ ކުރިއެރުމާއި މަންފާއަށްޓަކައި ސަރުކާރުން ހަމަޖައްސާފައިވާ ކަމެއް.

އާދެ! ރާއްޖޭގައި މިހާރު ރަޖިސްޓަރީ ކުރެވިގެން ހިނގާ 5 ސިޔާސީޕާޓީ އެބައޮތް. އެހެންނަމަވެސް، ސިޔާސީޕާޓީތަކެއް އުފެދުމުގެ މާނައަކީ، ރައްޔިތުން ބައިބައިވުމެއްނޫން. އަދި ރައްޔިތުން ބައިބައިކުރުމަށް މަސައްކަތް ކުރުމެއްވެސްނޫން. އަދި އެއްބަޔަކު އަނެއް ބަޔަކަށް އެކަށީގެންނުވާ ޢިބާރާތުން މުޚާޠަބު ކުރުމެއްވެސް ނޫން. އަޅުގަނޑުމެންގެ އަޚްލާޤީ މިންވަރު، ފެންވަރު، ދަށް ކުރުމެއްވެސްނޫން. އެކަކު އަނެކަކު ފަޟީޙަތް ކުރުމެއްވެސް ނޫން. އެއްބަޔަކު އަނެއްބަޔެއްގެ ޙައްޤުތަކަށް އަރައިގަތުމެއްވެސް ނޫން. މިކަންކަން ވަމުން އެދަނީ ސިޔާސީ ޕާޓީތަކުގެ ނިޒާމު އަޅުގަނޑުމެންނަށް ނޭނގޭތީ. ނުވަތަ އޭގެތެރެއިން ބައެއް މީހުން އެކަން އޮޅުވާލަން މަސައްކަތްކުރާތީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، ރާއްޖޭގައި ޕާޓީތަކެއް ގާއިމުވެފައި އޮތަކަސް، އޭގެ މާނައަކީ ރައްޔިތުން ބައިބައިވެގެންވާނެއެކޭ ނޫން. ރައްޔިތުން ޖެހޭނީ އެއްބައިވަންތަ އެކުވެރި ބަޔަކަށްވާން. ޚާއްޞަކޮށް އަޅުގަނޑުމެންކަހަލަ ކުޑަ ޤައުމެއްގައި، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދެންވީ އެއްވެސް ސަބަބެއްނެތް. ދީނީގޮތުން ބެލިނަމަވެސް، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް. ބަހުގެ ގޮތުން ބެލިނަމަވެސް، އަޅުގަނޑުމެން ވާހަކަ ދައްކާ ބަހަކީ އެއްބަހެއް. އާދެ! އަޅުގަނޑުވެސް ޤަބޫލުކުރަން ހުވަދޫބަހާއި އާދައިގައި މާލޭ މީހުން ވާހަކަ ދައްކާ ބަހުރުވައާއި، ނުވަތަ އައްޑޫ މީހުން ވާހަކަ ދައްކާ ބަހުރުވައާއި، ފުވައްމުލަކު މީހުން ވާހަކަ ދައްކާ ބަހުރުވައާ ތަފާތު. އެހެން ނަމަވެސް، އެއީ އެއްބަހެއްގެ ތެރޭގައި ހުންނަ ތަފާތުތަކެއް.

އެހެންވީމާ، ހުވަދޫ ބަހަކީވެސް، ހަމަ ދިވެހިބަހުގެ މުހިންމު ބައެއް. ފުވައްމުލަކު ބަހަކީވެސް، ހަމަ ދިވެހިބަހުގެ މުހިންމު ބަހުރުވައެއް. ހަމައެހެންމެ، އައްޑޫ ބަހަކީވެސް، ނުވަތަ ބަހުރުވައަކީވެސް ދިވެހިބަހުގެ ތެރޭގައި މުހިންމު ބައެއް. އެހެންވީމާ، މިހުރިހާ ބައިތަކަކީވެސް ދިވެހިބަހުގެ ތެރޭގައި ހިމެނޭ ބައިތައް. މި ބައިތަކަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އެއްބަހަކުން ވާހަކަ ދައްކާ އެއްބައިވަންތަ ބަޔަކަށްވުމުގެ ޝުޢޫރު އަޅުގަނޑުމެންގެ ހިތުގައި އޮންނަންވާނެ.

އެހެންވީމާ، މިކަންތައްތައް މިހެން ހުރުމާއެކީގައި އަދި ޚާއްޞަކޮށް އަޅުގަނޑުމެންނަކީ އެއް ޘަޤާފަތެއް ޙިއްޞާކުރާ ބައެއް. އެއް އާދަކާދަތަކެއް ގަބޫލުކުރާ ބައެއް. އެހެންވީމާ، ޙަޤީޤަތުގައި އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް އުފެދެންވީ އެއްވެސް ސަބަބެއްނެތް. ރައްޔިތުން ބޭނުންވާ ސަރުކާރެއް އިންތިޚާބު ކުރުމަކީ، ރައްޔިތުންގެ ޙައްޤެއް. އެހެންވީމާ، އެ ޙައްޤު އަބަދުވެސް ރައްޔިތުންނަށް އޮންނާނެ. ކުރިންވެސްއޮތް. އަދި ފަހުންވެސް އޮންނަންޖެހޭނެ. ކުރިންވެސް ހަމަ ރައްޔިތުން އިންތިޚާބު ކުރައްވާ ބަޔަކު، އެކިކަންކަމާ ހަވާލުވެގެން ތިބެނީ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުން އިންތިހާބު ކުރައްވާ މީހެއް. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީވެސް، ރައްޔިތުން އިންތިޚާބު ކުރައްވާ މެންބަރުން. އަދި ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި ހޮވިފައިވާ ޚާއްޞަ މަޖިލީހުގެ މެންބަރުންނަކީވެސް، ރައްޔިތުން އިންތިޚާބު ކުރައްވާފައިވާ މެންބަރުން. ދެން ތިއްބެވި މެންބަރުންނަކީ، ޤާނޫނުއަސާސީ ބުނާ އުސޫލެއްގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުން. މެންބަރު ކަމުގައި އެއްވެސް ތަފާތެއްނެތް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި އެއްވެސް ތަފާތެއް ނޯންނާނެ. ހުރިހާ މެންބަރުންނަކީވެސް ހަމަ ހުރިހާ އިމްތިޔާޒުތަކަކާއި ޙައްޤުތަކަކާއި އިޚްތިޔާރުތަކެއް، އެއްގޮތަކަށް ލިބިވަޑައިގެންފައިވާ ބޭފުޅުން. އެބޭފުޅުންނަކީ، ރައްޔިތުންގެ ބަޔަކު، ބަޔެކޭ މިދެންނެވީ އެކި ދާއިރާގެ މީހުން އިންތިޚާބު ކުރާނީ. ރައްޔިތުންގެ ބަޔަކު އިންތިޚާބުކޮށްފައި ތިއްބެވި މެންބަރުންކަމަށްވިޔަސް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކީ. ރާއްޖޭގެ ހުރިހާ ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ މީހަކަށްވާތީ، އޭނާ ޢައްޔަންކުރާ މެންބަރުންނަކީވެސް، ހަމަ އެއްހަމައެއްގައި، އެއްޙައްޤެއް ލިބިގެންވާ، އެއް އިމްތިޔާޒުތަކެއް، އެއްޢިނާޔަތްތަކެއް، އެއްބާރުތަކެއް ލިބިވަޑައިގެންފައިވާ މެންބަރުން.

ދަންނަވަން މިއުޅޭ އެއްޗަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޚާއްޞަ މަޖިލީހުގެ މެންބަރުންވެސް މިހޮވެނީ، މިދެންނެވިފަދަ ޤާނޫނީ ހަމަތަކެއްގެ މަތިންނޭ. އެހެންވީމާ، އެއީވެސް ދީމުޤްރާތީ އުސޫލުގެ ބައެއް. އެހެންވީމާ، ރާއްޖެއަކީ ހަމަ ދީމިޤްރާތީ ޤައުމެއް، ކޮންމެ ގޮތަކުން ބެލިނަމަވެސް. އެހެންވީމާ، މިއީކީ އާ ކަމެއްނޫން. އަޅުގަނޑުމެން މިއުޅެނީ ކޮންމެ ކަމެއްވެސް އިތުރަށް ފުރިހަމަކުރަން. ރާއްޖޭގައި ޢަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުވެސް ގާއިމުވެފައި އެބައޮތް. އެހެންނަމަވެސް، އެ ނިޒާމުވެސް އަޅުގަނޑުމެން ބޭނުންވަނީ، މިހާރުއޮތް ވަރަށްވުރެ ފުރިހަމަ ކުރަން. އެހެންވީމާ، އެ މަސައްކަތް މިހާރު މިކުރަނީ. ޑިމޮކްރަސީއަކީ ރާއްޖޭގައި ނެތް އެއްޗެއްނޫން. އަލަށް އަޅުގަނޑުމެން ހަދައިގެން ގެންނަ އެއްޗެއް ނޫން. ރާއްޖޭގައި ކުރިއްސުރެވެސް އޮތް އެއްޗެއް. އެހެންނަމަވެސް، އެއަށް ބޭނުންވާ އިތުރު ފުރިހަމަކަން ގެނެސްދެވޭތޯ މަސައްކަތް މިކުރަނީ.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއް އެބައޮތް. އަޅުގަނޑުމެން އެންމެންވެސް އެންމެ އިސްކަންދޭންޖެހޭނީ ދިވެހި ޤައުމަށް. ދިވެހި ޤައުމުގެ ހެވާއި ލާބައަށް. ރާއްޖޭގައި އުފެދިފައިވާ ސިޔާސީޕާޓީތަކުންވެސް އެންމެ އިސްކަންދޭންޖެހޭނީ ޤައުމީ މަޞްލަޙަތަށް. ޤައުމު އޮންނަންޖެހޭނީ އެންމެންގެ މަތީގައި. އެއްވެސް ޕާޓީއަކަށް ޤައުމަށްވުރެ އެޕާޓީއެއްގެ އަމިއްލަ މަޞްލަޙަތުވެސް ކުރިއަށް ނެރެވިގެނެއް ނުވާނެ. އަޅުގަނޑުމެންގެ ޤައުމިއްޔަތު، އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންގެ ސިޔާދަތު ރަމްޒުކޮށްދޭ އެއްޗަކީ ދިވެހިދިދަ. މިހިރީ ވަށައިގެން، ފެއްސާއި ރަތާއި ހުދުގެ ދިވެހިދިދަ. މިއީ، އަޅުގަނޑުމެން އެންމެ ބޮޑަށް އިޙްތިރާމް ކުރަންވީ ނިޝާން. ދިވެހި ދިދައިގެ މައްޗަށް އެހެން އެއްވެސް ކުލައެއްގެ ދިދައެއް ނެގިގެނެއް ނުވާނެ. ދުނިޔޭގެ އެއްވެސް ތަނެއްގައި، އެ ޤައުމެއްގެ ޤައުމީ ދިދައިގެ މައްޗަކަށް، އެއަށްވުރެ ބޮޑަކަށް އެހެން އެއްވެސް ފަރާތެއްގެ ދިދައެއް ނުއުފުލޭނެ. އެއީ، ހުއްދަ ކަމެއްނޫން. އަޅުގަނޑުމެންވީ މިކަހަލަ ކަންތައް ދަސްކުރަން. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ދިވެހި ދިދައިގެ މައްޗަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް، އެހެން އެއްވެސް ފަރާތެއްގެ ދިދައެއް އުފުލިގެނެއް ނުވާނެ. އެއީ އަޅުގަނޑުމެން ހުއްދަ ކުރަންވީ ކަމެއްނޫން. މިއީ، އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެއްޖެ ކަމެއް. އަޅުގަނޑުމެން ހުރިހާ ޕާޓީތަކަކުންވެސް ހުރިހާ އެންމެންވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ، ދިވެހި ޤައުމަށް، ދިވެހި ދިދައަށް. ދިވެހި މިނިވަންކަމަށް.

އާދެ! އިއްޔެނޫން އިހަށްދުވަހަކީ، އަޅުގަނޑުމެންގެ ޤައުމީ ދުވަސް. އެހެންވީމާ، މިއީ އަޅުގަނޑުމެން ދައްކަންވެއްޖެ ވާހަކައެއް. ޤައުމިއްޔަތު ދިރުވައި ޤައުމިއްޔަތަށް ލޯބިޖެއްސުން. ޤައުމިއްޔަތަކީ ކޮބައިކަން، އަޅުގަނޑުމެންގެ މިނިވަންކަމަކީ ކޮބައިކަން، އަޅުގަނޑުމެންގެ ސިޔާދަތު ރައްކާތެރިކުރާނީ ކިހިނެއްކަން. މިވާހަކަ ދައްކާއިރު އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބު، ޤައުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަންޖެހޭ ލޯބި، ޤައުމުގެ މަޞްލަޙަތަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު، މިހުރިހާ ކަމެއްގެ ވާހަކަ، މިފަދަ މުނާސަބަތުގައި ދައްކައި، މިކަން އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ.

އާދެ! އިއްޔެނޫން އިހަށްދުވަހަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީދުވަސް ކަމަށްވާތީ، އެމުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން.

އާދެ! ތިނަދޫ ރައްޔިތުންގެ ތެރޭގައި ތަރައްޤީގެ ތަފާތު ރޮނގުރޮނގުން ކުރިއަށް ވަޑައިގެންފައިވާ ބޭފުޅުން އެބަތިއްބެވި. އެކަމުގެ ހެއްކެއްގެގޮތުން ސަރުކާރުންދޭ ޢާންމު ޚިދްމަތުގެ އިނާމު މިރަށުގެ 8 ބޭފުޅަކަށް ލިބިވަޑައިގެންފައިވާ ވާހަކަ އުފަލާއެކު ދަންނަވާލަން. އެއީ މަސްވެރިކަމާއި، ބޭސްވެރިކަމާއި، ޅެންވެރިކަމާއި، ތަޢްލީމަށް ޚިދްމަތްކުރުމާއި، ކުޅިވަރަށް ޚިދްމަތްކުރުމާއި، ކުރެހުމާއި، ލަވަކިޔުމާ މިރޮނގުރޮނގުން މިދެންނެވި 8 ބޭފުޅަކަށްވަނީ އިނާމު ލިބިވަޑައިގެންފައި.

އެ 8 ބޭފުޅުންނަކީ ތިނަދޫ ސްޕާރކްލިން ޢަލީ އިބްރާހީމްދީދީ، ތިނަދޫ ސްޓާރލިން މަރިޔަމް އަޙްމަދުދީދީ، ތިނަދޫ ކޭވަކުގޭ ޙުސައިން ޢަފީފް، ތިނަދޫ އަލިދޯދި ޢަބްދުﷲ ޢަފީފު، ތިނަދޫ ދުންތަރި ޚަދީޖާ ޙުސައިން، ތިނަދޫ ސިލްވަރ އަޙްމަދު ފަތުޙީ، ތިނަދޫ ކުދިމާގެ މުޙަންމަދު ސަޢީދު، ތިނަދޫ ޖަނަވަރީގޭ އާމިނަތު ޙިލްމީ. އެހެންވީމާ، އެހުރިހާ ބޭފުޅަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު މި ފުރުޞަތުގައި ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދަންނަވާލަން.

މިދެންނެވި 8 ބޭފުޅުންގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަފޮތް ލިޔުއްވައިގެން ސަރުކާރުންދޭ ޚާއްޞަ އިނާމު، މިރަށުގެ 4 ބޭފުޅަކަށް ލިބިވަޑައިގެންފައިވޭ. އެބޭފުޅުންނަކީ، ތިނަދޫ ޕްލެނެޓް ޢަޒްރާ ތައުފީޤު، ތިނަދޫ އަލިދޯދި ޢަޒީޒާ ޢަފީފް، ތިނަދޫ ތިބުރޯޒުގޭ މުޙަންމަދު ނަސީމް އަދި ތިނަދޫ ޕާމްޝޭޑް ޔުމްނާ ޙަބީބު. އެހެންވީމާ، މި 4 ބޭފުޅުންނަށްވެސް ތަހުނިޔާ ދަންނަވައި، އެބޭފުޅުން އެކޮށްދެއްވާ ޚިދްމަތުގެ އަގު ވަޒަންކުރާ ވާހަކަ އިޚްލާޞްތެރިކަމާއެކު ދަންނަވާލަން. އާދެ! މި މުނާސަބަތުގައި މިފަދަ އުފެއްދުންތެރި އަދި އިނާމު ޙައްޤުވާ ދަރިންތަކެއް އުފެއްދެވި ތިނަދުއަށް ވަރަށް ޚާއްޞަ މަރްޙަބާއަކާއި ޝުކުރެއް ދަންނަވަން.

އާދެ! އެނގިވަޑައިގެންފައި އޮވެދާނެ ފަދައިން ތިނަދުއަކީ، އަޅުގަނޑުގެ މިދަތުރުގެ އެންމެފަހު މަންޒިލް. މީގެފަހުން އަޅުގަނޑު ދެންއޮތީ މާލެދާގޮތަށް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ޝަރީފް، މިދަތުރުގެ ކަންތައްތައް އިންތިޒާމްކޮށްދެއްވައި އަދި އަތޮޅާބެހޭ މަޢްލޫމާތާއި، ރަށްރަށާބެހޭ މަޢްލޫމާތު އަޅުގަނޑަށް ދެއްވުމުގައި އޭނާ އަދާކުރެއްވި މުހިންމު ދައުރަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އޭނާއަށް ޝުކުރު ދަންނަވަން. ހަމައެފަދައިން، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން އަތޮޅުތަކުގެ ކުރިއެރުމަށް ކުރައްވާ ހީވާގި އަދި މުރާލި މަސައްކަތްޕުޅުތަކަށްޓަކައި، އެ މަނިކުފާނަށްވެސް ޝުކުރު ދަންނަވަން. މިއާއެކު އަތޮޅުތަކާބެހޭ ވުޒާރާ ކުރިން ހިންގަވައި ދެއްވި ހުރިހާ ވަޒީރުންވެސް، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދައުރުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދްމަތްކޮށްދެއްވާފައިވާތީ، އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، އެދާއިރާގައި އެންމެ ގިނަދުވަހު ޚިދްމަތްކޮށްދެއްވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ނަންފުޅު ފާހަގަކޮށް، އެމަނިކުފާނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެއިތުރުން، މިތާނގައި ވަޑައިގެން އެބައިންނެވި އަތޮޅުތަކުގެ ދާއިރާގައި ވަރަށްގިނަދުވަހު ޚިދްމަތްކޮށްދެއްވި ވަރަށް އިޚްލާޞްތެރި ވަފާތެރި ބޭފުޅެއް. އެއީ، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ނާއިބު އަލްފާޟިލާ ފާޠިމަތު ޝީރީން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިދާއިރާގައި އޭނާ 32 އަހަރަށްވުރެ ގިނަދުވަހު ޚިދްމަތް ކުރައްވައިފި. އަތޮޅުތަކާ ވަރަށް ގުޅުންހުރި، އަތޮޅުތަކުގެ ހާލަތު ދެނެވަޑައިގަންނަވާ އަދި އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށް މަސައްކަތްކޮށްދެއްވާ ބޭފުޅެއް. އެހެންވީމާ، އޭނާއަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ވާހަކަ ދަންނަވާލަން.

އާދެ! މިއަދުގެ މިއުފާވެރި ޙަފްލާއަށްފަހުގައި އަދި މިރަށުގައި ވަރަށް މުހިންމު އެހެން މަޝްރޫޢެއްގެ ފެށުންވެސް އެބައޮތް. ނުވަތަ އޭގެ ނިމުން ފާހަގަކުރުންވެސް އެބައޮތް. އެހެންވީމާ، އެކަމަށްޓަކައި ވަގުތު ދިނުމުގެ ގޮތުންނާ އެކީގައި އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحانه وتعالى އަޅުގަނޑުމެންނަށް އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި އަޅުގަނޑުމެންނަކީ، އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއެކީގައި، ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. އަދި ދިވެހިރައްޔިތުންނާއި ސަރުކާރާ އަދި އަމިއްލަ ފަރާތްތައް ގުޅިގެން ކުރާ ތަރައްޤީގެ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތްލައްވައި، އެކަމުގެ ތަނަވަސްކަމާއި ފައިދާއާއި ތިޔާގިކަން ރައްޔިތުންނަށް މިންވަރު ކުރެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.