بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين

އާދެ! އަޅުގަނޑު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިކުރާ ދަތުރުގައި މިހާރު އައިސް މިހިރީ މިއަތޮޅުގެ ވެރިކަންކުރާ ރަށުގައި. އާދެ! ތިޔަބޭފުޅުންގެ ރަށުގައި. ކުޅުދުއްފުށީގައި. ކުޅުދުއްފުށްޓަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ވަރަށް ޚާއްޞަ އުފަލެއް. އަޅުގަނޑު ކުޅުދުއްފުށްޓަށް އައުމާއެކީގައި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނާއި، އަތޮޅު އޮފީހުގެ އިސްވެރިންނާއި، މުވައްޒަފުންނާއި، އަދި ކުޅުދުއްފުށީގެ ވެރިންނާއި، ކުޅުދުއްފުށީގެ ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ސަރުކާރުގެ އެކިއެކި އޮފީސްއޮފީހުގެ ވެރިންނާއި، މުވައްޒަފުންނާއި، އަދި ސްކޫލް މަދަރުސާތަކުގެ ވެރިންނާއި، ޓީޗަރުންނާއި، ކިޔަވާ ކުދިންނާ، ތެދުތެދަށް ދަންނަވަންޏާ ކުޅުދުއްފުށީގެ ރައްޔިތުންގެ ކުދިބޮޑު އަންހެން ފިރިހެން އެންމެން، އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކުޅުދުއްފުށްޓަކީ އަޅުގަނޑަށް އާ ރަށެއްނޫން. އަދި އަޅުގަނޑަކީ ކުޅުދުއްފުށީ ރައްޔިތުންނަށް އާ މީހެއްވެސް ނޫން. މީގެކުރިން، ކުޅުދުއްފުށްޓަށް ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑަށް ވަރަށްގިނަފަހަރު ލިބިފައި އެބަހުރި. ރަސްމީގޮތުންވެސް ވަރަށްގިނަފަހަރު މިރަށަށް އަތުވެއްޖައިން. އަދި ނުރަސްމީ ސިފައެއްގައިވެސް މިރަށަށް އެތައްފަހަރަކު އަތުވެއްޖައިން. އެހެންވީމާ، އެއީ އަބަދުވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން. އެންމެފަހުން އަޅުގަނޑަށް ކުޅުދުއްފުށްޓަށް ޒިޔާރަތް ކުރެވުނީ 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހު. އެއީ އެ ދަތުރުކުރީ 1425 ވަނަ އަހަރުގެ ފިތުރުޢީދު ބަންދުގެ ތެރޭގައި. އެދުވަހު ޢީދު ސަލާންކުރުން އޮތީ މިރަށުގައި.

އާދެ، އެންމެފުރަތަމަ އަޅުގަނޑު ކުޅުދުއްފުށްޓަށް އައި ދުވަސް ހަނދުމަފުޅު ހުންނާނެ ބޭފުޅުން ފަހަރެއްގައި މަދުވެދާނެ. އެއީ، މީގެވަރަށް ކުރީގެ ތާރީޚަކަށްވާތީ. އަޅުގަނޑު އެންމެ ފުރަތަމަ ރައީސްކަމާ ހަވާލުވެގެން އެންމެ އުތުރުގެ ދެ އަތޮޅަށް، އާދެ! ތިލަދުންމަތީ އުތުރުބުރިއަށާއި ދެކުނުބުރިއަށް ކުރި ދަތުރުގައި އަޅުގަނޑު ކުޅުދުއްފުށްޓަށް އައީ 1979 ވަނަ އަހަރުގެ މާޗްމަހުގެ 1 ވަނަ ދުވަހު. އެއީ، މީގެ 28 އަހަރު ކުރިން. އޭގެފަހުން، މިދެންނެވި ވަރަށްގިނަ ދަތުރުތައްވަނީ މިރަށަށް ކޮށްފައި. މި ދަތުރަކީ އަޅުގަނޑު މި މަގާމާ ހަވާލުވިފަހުން ކުޅުދުއްފުށްޓަށް ކުރެވޭ 18 ވަނަ ދަތުރު.

އާދެ! އަޅުގަނޑު ކުޅުދުއްފުށްޓަށް އަންނަ ކޮންމެފަހަރަކުވެސް އަޅުގަނޑަށް ފެނޭ ކުޅުދުއްފުށީ ރައްޔިތުންގެ މަސައްކަތްތެރިކަމާއި، ހީވާގިކަމާއި، މުރާލިކަމާއި، އަދި އިޚްލާޞްތެރިކަން. މިއީ، މިގޮތުން އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް ކުޅުދުއްފުށީ ރައްޔިތުން ދައްކަވައި ދެއްވާ ވަރަށްރީތި، ވަރަށް ފުރިހަމަ ނަމޫނާއެއް. އެކަމަށްޓަކައި ކުޅުދުއްފުށީ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިއަދު އަޅުގަނޑު މިތަނަށް އައިސް ހުއްޓުނުއިރު މިޖަލްސާވެސް ހިނގަމުންދާތާ އިރުކޮޅެއްވެއްޖެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަވެސް މާދިގު ކުރުމަކީ، ވަގުތު ތަންދޭ ކަމެއްނޫންކަން ނޭނގެ. އެހެންވީމާ، ތަންކޮޅެއް ކުރުކުރެވޭތޯ އަޅުގަނޑު ބަލާނަން.

އާދެ! ކުޅުދުއްފުށްޓަކީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން ތަރައްޤީގެ ވަރަށްގިނަ ވަސީލަތްތައް މިހާރު ގާއިމުވެފައިވާ ރަށެއް. އެންމެފަހުން ނިންމުނު އެންމެ މުހިންމު މަޝްރޫޢަކީ، ސަރަޙައްދީ ބަނދަރުގެ މަޝްރޫޢު. އެ ބަނދަރު މިހާރުވަނީ ނިމި އޭގެ ޚިދްމަތްދޭން ފަށާފައި. އޭގެކުރިންވެސް ކުޅުއްފުށީގައި ވަރަށްގިނަ ކަންތައްތަކެއްވަނީ ކުރެވިފައި. ސަރުކާރުގެ ވަރަށްގިނަ މަޝްރޫޢު ތަކެއްވަނީ ހިންގިފައި. ވަރަށްގިނަ މުއައްސަސާތައް ޤާއިމުކުރެވިފައި. އޭގެ ސަބަބުންވެސް ކުޅުދުއްފުށީ ރައްޔިތުންނަށް ވަރަށް ރަނގަޅު ޚިދްމަތްތަކެއް މިދަނީ ލިބެމުން. ހަމައެކަނި ކުޅުދުއްފުށީ ރައްޔިތުންނަކަށް ނޫން. ކުޅުދުއްފުށީ ރައްޔިތުންނަށާއި، ކައިރި ރަށްރަށުގެ ރައްޔިތުންނަށާއި، ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށްވެސް، މިތާނގައި، މިރަށުގައި މިއުފެއްދޭ މުއައްސަސާތަކުގެ ފައިދާ ނުވަތަ ޚިދްމަތް ލިބެމުން އެބަދޭ.

އާދެ! މިއަހަރުވެސް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެންމެ މުހިންމު އެއްމަޝްރޫޢަކީ، މިރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު. މިހާރު މިއޮތީ ސަރަޙައްދީ ބަނދަރެއް ހެދިފައި. އެހެންނަމަވެސް، ރަށުގެ ބަނދަރު މާކުރިން ހެދިފައި އޮތީމާ މިހާރު ރަށަކަށް ކަމަކު ނުދޭ. ވަނީ ރަނގަޅު ކުރަންޖެހިފައި. އެހެންވީމާ މިރަށުގައި އާ ބަނދަރެއް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ހިނގަމުން.

ދެން އަނެއް ކަމަކީ ނަރުދަމާގެ ނިޒާމު. އެވާހަކަ މީގެކުރިން ވާހަކަ ދެއްކެވި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާވެސް ވިދާޅުވެއްޖެ. އެ މަޝްރޫޢުވެސް މިހާރު ވަނީ ކުރިއަށްދާގޮތަށް ހަމަޖެހިފައި. މިކަމަކީ މިހާރުވެސް ރައްޔިތުން ވަރަށްބޮޑަށް އެދިވަޑައިގަންނަވާކަމެއް. އެކަން މި ހިނގަނީ ބޭރުގެ އެހީއެއްގައި. އެހެންވީމާ، އަޅުގަނޑުމެން ކިތަންމެ ބާރަށް ކުރިއަށްގެންދަން ތިއްބަސް ބޭރުގެ އެހީދޭ ފަރާތްތަކުން ބޭނުންވާ ކަންތައްތައް ފުރިހަމަވެގެން އެކަން ކުރިއަށްދާނީ. މިދެންނެވީ އެމީހުންގެ މީހުން އައިސް، އެކަން ދިރާސާކޮށް އެމީހުން ހުށަހަޅާ ކުރެހުންތަކާއި ނުވަތަ އެ ޑިޒައިންތަކާ މިއެއްޗެތި އަޅުގަނޑުމެން ރަނގަޅުތޯ ބަލައި، ރަނގަޅުކަމަށްވަންޏާ އެ ގަބޫލުކޮށް އެގޮތަށް މަސައްކަތް ހިނގަމުންދާތީ، މިކަމަކީ ހަމައެކަނި ސަރުކާރުގެ އަތުގައިއޮތް ކަމެއްނޫނޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އެހެންނަމަވެސް، މިހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާގޮތަށް ހަމަޖެހިފައި އޮތް ވާހަކަ ތިޔަބޭފުޅުންގެ މަޢްލޫމާތަށްޓަކައި އަޅުގަނޑު މިދަންނަވާލީ.

އާދެ! ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް އަޅުގަނޑަށް ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވެއްޖެ. އެހެންވީމާ، އެކަމަށްޓަކައި އަތޮޅުވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، އަދި ތިޔަބޭފުޅުންގެ ނަންފުޅުގައި އޭނާ އެ މަރްޙަބާ ވިދާޅުވީތީ ތިޔަބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. ތިޔަބޭފުޅުން ވަރަށް އައްސަވަން ބޭނުންފުޅުވާ ކަހަލަ ވަރަށްގިނަ ވާހަކަ އޭނާ ވިދާޅުވެދެއްވި. އަދި މި މިނިސްޓްރީ އޭނާއާ ހަވާލުކުރި ދުވަހު އަޅުގަނޑު ދެންނެވި ކަންތައްތަކެއްގެ ވާހަކަވެސް ވިދާޅުވި. އޭގެތެރެއިން ދެކަމެއްގެ ވާހަކަ ވިދާޅުވެފައި ތިންވަނަ ކަންތަކުގެމަތިން އެހާ ރަނގަޅަކަށް ހަނދުމަފުޅެއް ނެތޭ ވިދާޅުވި. އެކަމަކު އެވާހަކަފުޅުވެސް އޭނާގެ ވާހަކަފުޅުގެ ތެރޭގައި އޭގެފަހުން އަތުވެއްޖެ. އަޅުގަނޑު އަހަން އިންދާ އެވާހަކަވެސް ގެންނަވައިފި.

އެވާހަކައަކީ، އަޅުގަނޑު ދަންނަވާލި ތިންވަނަކަމަކީ، ރައްޔިތުންގެ އަޑު އައްސަވާށޭ! އަތޮޅުތަކުގެ ރައްޔިތުން ބޭނުންވަނީ ކިހިނެއްތޯ ކަންތައްތައް ގެންދަން؟ ރައްޔިތުންގެ ބޭނުންތަކަކީ ކޮބައިތޯ؟ އެމީހުން އެދޭގޮތަކީ ކޮބައިތޯ؟ މިކަންކަން ބައްލަވާފައި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ރައްޔިތުންނާ ގުޅިވަޑައިގެން ތިޔަ ވުޒާރާއިން މަސައްކަތްކުރައްވާށޭ! އަދި އެވާހަކަ ރަށްރަށުގެ ވެރިންނަށްވެސް ދަންނަވައިގެން ރައްޔިތުންނާ ގުޅިވަޑައިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކީ ކަންތައްތައް ކުރައްވާށޭ! އެއީ ތިންވަނަ ވާހަކައަކަށް އަޅުގަނޑު ދަންނަވާލި ވާހަކައަކީ. މިހާރު ހަނދުމަފުޅު ވެދާނެކަންނޭނގެ. ދެން އެހެންނޫނަސް އޭނާގެ ވާހަކަފުޅުގައި ފަހުން އެބައި އައި.

އާދެ! ދަންނަވާލަން މިއުޅޭ ވާހަކައަކީ، މިރަށުގެ ތަރައްޤީއަށާއި މިއަތޮޅުގެ ތަރައްޤީއަށާއި، އަދި މިހިސާބުގަނޑުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ފައިދާއަށާއި މިހުރިހާ ކަމަކަށް ބަލާފައި މިރަށުގައި މިހިންގާ މަޝްރޫޢުތައް ނިމުމުން އިރާދަކުރެއްވިއްޔާ މިހާރަށްވުރެ އަދި އިތުރު ފަސޭހަތަކަކާއި އިތުރު ޚިދްމަތްތަކެއް މިރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެޔޭ.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ރާއްޖެއަށް އަންނަމުންމިދާ ސިޔާސީ އިޞްލާޙީ ބަދަލުތަކުގެ ވާހަކަ. އެވާހަކަ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވެއްޖެ. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އެބަދަލުތައް އަންނަންވާނީ އޮމާންކަމާއެކީގައޭ. ޤާނޫނީ އޮނިގަނޑުގެ ތެރެއިންލާފައޭ. ޤާނޫނާ ޚިލާފަކަށް އަޅުގަނޑުމެން އެއްވެސް ކަމެއްކޮށްގެންނެއް ނުވާނެއޭ. ޤާނޫނުތައް ހެދިފައި މިހުންނަނީ އަޅުގަނޑުމެންގެ އަމިއްލަ ރައްކަލަށް، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތަށް. އަޅުގަނޑުމެންނަށް ހަމަހަމަ ޙައްޤުތަކެއް ލިބިދިނުމަށްޓަކައި. އެހެންވީމާ، ކޮންމެ މީހަކުވެސް ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތަންވާނެ. ކަމޭހިތަންވާނެ. ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއްކޮށްގެނެއްނުވާނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް އެހެންއޮތްކަމެއް. މިހާރުވެސް އެ އޮންނަގޮތަކަށް ބޭނުންކުރުމަކީ މައްސަލައެއްނޫން. އަދި އެނޫން ކަންތައްތައްވެސް ހިނގަންވާނީ ޤާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރެއިން. އޭގެ ބޭރުން ކަމެއް ކުރުމުގެ އިޚްތިޔާރެއް އެއްވެސް މީހަކަށް ނޯންނާނެ. ޚުދު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ނޯންނާނެ ޤާނޫނާ ޚިލާފަށް ޢަމަލުކުރުމުގެ ބާރެއް. ރައީސުލްޖުމްހޫރިއްޔާވެސް ޤާނޫނުއަސާސީ ބުނާގޮތުން ޢަމަލުކުރަން ޖެހޭނީ، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން.

އެހެންވީމާ، ޤާނޫނުން ބޭރުވުމަކީ އެއްވެސް ދިވެއްސަކަށްއޮތް އިޚްތިޔާރެއްނޫން. އެންމެންވެސް އެ ޤާނޫނަށް ތަބަޢަވާންޖެހޭނެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ ރައްޔިތަކުވެސް ޤާނޫނަށް ތަބަޢަވާންޖެހޭނެ. އެގޮތަށް ގެންގޮސްގެން އަޅުގަނޑުމެން ބޭނުންވާ އިޞްލާޙުތައްވެސް އަޅުގަނޑުމެންނަށް ގެނެވިދާނެ. އެއީކީ ދަތިކަމެއްނޫން. މިހާރުވެސް ބައިވަރު އިޞްލާޙުތައް މިވަނީ އައިސްފައި. މިދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް ވެގެން ހިނގައްޖެ. މީގެކުރިން ދުވަހަކުވެސް ރާއްޖެ ދެކެފައިނުވާފަދަ ވަރަށްގިނަ ތަރައްޤީތަކެއް ސިޔާސީ ދާއިރާއަށް އަތުވެއްޖެ. އެކަންތައްތައް މިއައީ ހަމަރީތިކޮށް، އޮމާންކޮށް ޞުލްޙަވެރިކަމާއެކީގައި، އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން. ކުރިއަށްއޮތްތާނގައިވެސް އެކަން ދާންޖެހޭނީ ހަމައެހެން. އަޅުގަނޑުމެން ގެންނަށް ބޭނުންވާ ބަދަލުތައް ގެންނަންވާނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން އޮމާންކަމާއި އަމާންކަމާއެކީގައި.

އާދެ! މިއާ ގުޅުންހުރި ވާހަކައެއް އަޅުގަނޑު އަދި ދަންނަވާލަން ބޭނުން. ގުޅުން ހުއްޓަސް އެގުޅުންހުރީ ވަކިގޮތަކުން. އެއީ، އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުން އަބަދުވެސް އިޙްތިރާމްކުރަންވާނީ އަޅުގަނޑުމެންގެ ދީނަށް. އަޅުގަނޑުމެންގެ ޢަޤީދާއަށް. އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ކަންތައްތަކަށް. އެއާ ޚިލާފަށް ޢަމަލުކުރުމަކީ، އަޅުގަނޑުމެންނަށް އޮތް އިޚްތިޔާރެއްނޫން. އެހެންނަމަވެސް، ދީނުގައި އޮންނަ އެއްޗެއް އަޅުގަނޑުމެންނަށް އެނގެނީ ކިހިނެއްތޯ މިއީ، ވަރަށް މުހިންމު ސުވާލެއް.

ޝައްކެއްނެތްގޮތުގައި ދީނުގައި ބުނާ އެއްޗެއް އަޅުގަނޑުމެންނަށް އެނގެން އޮންނާނެ މަގުތައް އެހެރީ ކަނޑައެޅިފައި. އެއްގޮތަކީ ކީރިތި ޤުރްއާން. ޤުރްއާނުގައި މާތް اللَّـه މިވެނިކަމެއް މިވެނި ގޮތަކަށް ކުރާށޭ ނުވަތަ މިވެނި ކަމެއް ނުކުރާށޭ އަންގަވާފައި އޮވެއްޖިއްޔާ އެއަށް އަޅުގަނޑުމެން ތަބަޢަވާންޖެހޭނެ. އެއާ ދޭތެރޭގައި ސުވާލެއް ނުކުރެވޭނެ. ދެންއޮތީ ކީރިތި ރަސޫލާގެ ސުންނަތް. ކީރިތި ރަސޫލާގެ ސުންނަތަކީ، އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކާއި ޢަމަލުކުރެއްވި ގޮތްގޮތާއި އަދި އެކަލޭގެފާނުގެ ޒަމާނުގައި ވަކިކަމެއް ވަކިގޮތަކަށް ހިނގާފައި، އެކަމަކަށް އިންކާރު ނުކުރައްވައި ހުއްދަ ކުރެއްވި ކަންތައްތަކާ މިތިންބައި އެކުލެވޭ އެއްޗެއް.

އެހެންވީމާ، އެކަލޭގެފާނުގެ ބަސްފުޅުތަކުންވެސް އެބަދޭހަވޭ ނުވަތަ އެކަލޭގެފާނު ޢަމަލު ކުރެއްވި ގޮތުންވެސް އެބައެނގޭ ކަންކުރަންވީ ކިހިނެއްކަން. ނުވަތަ އެ ޒަމާނުގައި އެހެންބަޔަކު ކަމެއްކޮށްފައިމެ އެކަމެއް އެކަލޭގެފާނަށް އެނގިވަޑައިގެން އެހެންނަމަވެސް، އެއީ ގޯސްކަމެކޭ ވިދާޅުނުވެ ހުއްދަ ކުރައްވައިފިއްޔާ އެއީވެސް، އެކަލޭގެފާނުގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެއް. މިއީ، ޙަޤީޤަތުގައި އިސްލާމްދީނުގެ އަޞްލުތަކަކީ. ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތް. ދެންއޭގެފަހުން ޢިލްމުވެރިންގެ ޢިޖްމާޢު ނުވަތަ ޤިޔާސް އެއީ މި ދެ އަޞްލުގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް.

އެހެންވީމާ، ދީނުގައި މިވެނިކަމެއް އޮތީ މިވެނިގޮތަކަށޭ ބުނީމާ އޭގެ މާނަޔަކީ ޤުރްއާނުގައި އެހެން އެބައޮތޭ ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި އެހެން އެބައޮތޭ. އެނޫންގޮތަކަށް ދީނުގައި މިކަންއޮތީ މިހެނޭ ބުނާކަށް ޖާގައެއްނެތް.

ދެން ޤުރްއާނުގައި اللِّـه وحى ކުރައްވާ! "مايريد اللّـه ليجعل عليكم من حرج" މާނައަކީ: "ތިޔަބައިމީހުންގެ މައްޗަށް ދަތި އުނދަގޫ ކަމެއް ލައްވާކަށް اللّـه އިރާދައެއް ނުކުރައްވައޭ". ހަމައެހެންމެ، اللِّـه وحى ކުރައްވާ! "وماجعل عليكم فى الدّين من حرج" "އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ދީނުގައި ދަތިއުނދަގޫ ކަމެއް ނުލައްވައޭ".

އެހެންވީމާ، ދީނަކީ ފަސޭހަ އެއްޗެއް. ދީނަކީ އުނދަގޫ އެއްޗެއްނޫން. އަޅުގަނޑުމެން އެދީން އުނދަގޫކުރަން ނުވަތަ މީހުންނަށް ދަތިކުރަން އުޅޭކަށެއް ނުވާނެ. ކީރިތި ރަސޫލާ ކަނޑައެޅިގެން އަންގަވާފައި އެބައޮތް އެއީ، ޢިލްމްވެރިންނަށް ވިދާޅުވި ބަސްފުޅެއްގައި، ދީނުގެ ކަންތައްތައް މީހުންނަށް އޮޅުންފިލުވައި ދެއްވާ ޢިލްމުވެރިން، މުފައްކިރުން، މިބޭފުޅުންނަށް ވިދާޅުވި ބަސްފުޅެއްގައި ކީރިތި ރަސޫލާ ވިދާޅުވެފައި އޮންނަނީ "ތިޔަބައިމީހުން މީސްތަކުން އުފާވާ ކަހަލަ ޚަބަރުދޭށޭ، މީސްތަކުން ނަފްރަތުކުރާ ކަހަލަ ޚަބަރު ނުދޭށޭ، ތިޔަބައިމީހުން މީސްތަކުންނަށް ކަންތައްތައް ފަސޭހަކޮށްދޭށޭ، ތިޔަބައިމީހުން މީސްތަކުންނަށް ކަންތައްތައް އުނދަގޫ ނުކުރާށޭ."

ދެން މިދަންނަވާލަނީ ވަރަށް ކުޑަކުޑަ ވާހަކައެއް. އެއްވެސް ބޭފުޅަކު އެއްޗެކޭ ހީފުޅު ނުކުރެއްވުން އެދެން. މިހާރަކަށް އައިސް އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް މީހުން ވަރަށްގިނައިން ކަޅުހެދުންލާތަން. ފިރިހެނުންވެސް އަންހެނުންވެސް ކަޅުކުލައިގެ ހެދުންލާތަން. މިވެސް ބައެއް މީހުންނަށް ހީވަނީ ދީނުގެ ކަމެކޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކަޅުހެދުމާބެހޭ އެއްވެސް އެއްޗެއް ކީރިތި ޤުރްއާނަކު ނެތޭ. ރަސޫލާ حديث ކުރައްވާފައެއްވެސް ނެތޭ. އެއީ، އަޅުގަނޑުމެންގެ އިޚްތިޔާރުގައި އޮތް ކަމެއް. އަޅުގަނޑަށް ރީތީ ހުދުކުލަވިއްޔާ އަޅުގަނޑު ހުދުކުލަ ލާންވީ. އަޅުގަނޑަށް ރީތީ ފެހިކުލަ ވިއްޔާ ފެހިކުލަ ލާންވީ. އަޅުގަނޑަށް ރީތީ ކަޅުކުލަވިއްޔާ ކަޅުކުލަ. މައްސަލައެއްނެތް. އެކަމަކު އެއީ ދީނީކަމެއްކަމަށް ހަދައިގެން އުޅޭކަން ނުވާނެ.

އަޞްލުގައި ކަޅުހެދުންލުން، ކަޅުފޭރާންލުން އައިސްފައި މިއޮތީ ޝިޔަޢީންގެ ތެރެއިން. އެއީ ސުންނީންގެ ތެރެއަކުން ނޫން. އަޅުގަނޑުމެން މިއީ، ސުންނީ މަޒުހަބުތަކުގެ މީހުން. ސުންނީ ޖަމާޢަތުގެ މީހުންނަކީ ސުންނީ ހަތަރު މަޒުހަބުގެ މީހުން. މިކަން އައިސްފައި މިއޮތީ ޝިޔަޢީންގެ ތެރެއިން. އެއީ ހިތާމައިގެ ކުލައެއް. ދުނިޔޭގެ އެންމެންވެސް ގަބޫލުކުރާ ގޮތުގައި ޒަމާނުއްސުރެ އާދަކާދައިގެ ގޮތުން ބެލެނީ ކަޅުކުލައަކީ ހިތާމައިގެ ކުލައެއްގެ ގޮތުގައި.

ޙުސައިނުގެފާނު އަވަހާރަވީމާ ޝަހީދުކޮށްލެވުނީމާ އެކަމުގެ ހިތާމައިގައި ޝިޔަޢީންގެ މީހުން ކަޅުކުލައިގެ ހެދުންލާންފެށީ. ފިރިހެނުންވެސް، އަންހެނުންވެސް، އަދި އެމީހުންގެ ޢިލްމްވެރިންވެސް ކަޅުކުލައިގެ ފަގުޑި އަޅުއްވަން ފެށްޓެވީ.

ދެން އަޅުގަނޑުމެން ބަލާލާއިރު އިޙްދާދު ކުރުމުގެ ތެރެއިން، އިޙްދާދު ކުރުމަކީ މީހަކު މަރުވީމާ އެކަމަށް ހިތާމަކުރުން. އެހެންވީމާ، އިޙްދާދުކުރާ އަންހެނާ، ފިރިމީހާ މަރުވީމާ 4 މަސް 10 ދުވަސް ވަންދެން އެ އިޙްދާދުގެ ތެރޭގައި ހުންނަންޖެހޭ. މީހަކާ ނުވެސް އިނދެވޭނެ. އެ ހިތާމައިގައި ހުންނަންޖެހޭނީ. އެދުވަސްވަރު ކަޅުހެދުންލުމަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެއީ ހިތާމައިގެ ކުލައަކަށްވާތީ. މިއީކީ ޝަރްޢީ ޙުކުމެއްނޫން. މިދެންނެވީ ޤުރްއާނުގައި އޮތް އެއްޗެއް ނޫން. ރަސޫލާ ވިދާޅުވެފައި އޮތް އެއްޗެއް ނޫން. އެހެންވީމާ، ކީއްކުރަންތޯ އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ކަންތައްތައް ދަތިކުރުމަށްޓަކައި މާތް اللّـه ދެއްވާފައިވާ ތަނަވަސް އިޚްތިޔާރުން އެއްބައި އުނިކޮށްލާފައި ހަމައެކަނި ވަކިކަމެއް ކުރަންވީ. ބައެއްމީހުން ބުނަނީކަންނޭނގެ އަންހެނުން އަޅަންޖެހޭނީ ކަޅުކުލައިގެ ހެދުމޭ. އަޅަންޖެހޭނީ ކަޅުކުލައިގެ ބުރުގާއޭ. މިއީކީ، ޙަޤީޤަތުގައި ދީނުގައި މިކަންއޮތް ގޮތެއްނޫން.

އެހެންވީމާ، މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަންދީގެން އަޅުގަނޑުމެންނަށް މާތްاللّـه ދެއްވާފައިވާ ލުއި ފަސޭހަކަން ޤަބޫލުކޮށްގެންއުޅެން. މާތް اللّـه ދެއްވާފައިވާ ލުއި ފަސޭހަކަމުގެ ތެރޭގައި އެމީހަކު ބޭނުންވާ ކުލައެއްގެ ހެދުންލުން. އެމީހަކު ބޭނުންވާ ވައްތަރެއްގެ އެކަމަކު އޭގައި ޝަރްޠުތަކެއް ހުރޭ ދޮއެއްތޯ! ޢައުރަ ނިވާވާންޖެހޭ. ޠާހިރު ހެދުމަކަށްވާންޖެހޭ. މި ޝަރްޠުތައް ހަމަވާގޮތަށް ކޮންމެ ކުލައެއްގެ ހެދުމެއް ލިޔަސް، އެއީކީ މައްސަލައެއްނޫން. އެހެން ހެދުންލާ މީހަކާ ދޭތެރޭގައި އެހެންމީހަކު އެއްޗެއް ބުނެގެންވެސް ނުވާނެ. އަދި ތިޔަ ހެދުން ދޫކޮށްލާފައި މިވެނި ކުލައެއްގެ ހެދުމެއްލާށޭ ބުނެގެންވެސް ނުވާނެ. އެނގިތިބެގެން ނަމަވެސް ނޭނގިތިބެނަމަވެސް، މިހިރީ ދީން ދަތިކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތައް. އެހެންވީމާ، މިކަންތައްތައް މިހެން ނުކުރުމަށް ސަމާލުވުމަށްޓަކައި އަޅުގަނޑު މިވާހަކަ މިދަންނަވާލީ.

އާދެ! ކުޅުދުއްފުށްޓަކީ ވަރަށް ބޭނުންތެރި މުވާޠިނުންތަކެއް އުފައްދާފައިވާ ރަށެއް. ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް މުވާޠިނަކީ، އަޅުގަނޑުމެންގެ ޤައުމީ ބަޠަލެއް. އާދެ! އެއީ ކޯޕްރަލް ޙުސައިން އާދަމް. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްލާމްދީނުގެ ދިފާޢުގައި ޝަހީދުވެގެންދިޔަ ޤައުމީ ބަޠަލެއް. އޭނާގެ ހަނދާނަށް މިނިވަން 25ގެ އިނާމުވެސް ސަރުކާރުން ވަނީ ދީފައި. އެހެންވީމާ، މިއަދުވެސް އަޅުގަނޑުމެން އެންމެން އެ މާތް ބަޠަލު، ޤައުމަށްޓަކައި އެވީ ޤުރްބާނީގެ މަތިން ހަނދާންކޮށް އޭނާގެ ފުރާނައަށް މާތް اللّـه ރަޙްމަތް ލެއްވުން އެދި ދުޢާކުރަންޖެހޭނެ. ހަމައެއާއެކީގައި އޭނާގެ މައިންބަފައިންނަށާއި، އާއިލާގެ އެންމެންނަށް ކެތްތެރިކަން ދެއްވައި ޘަވާބު އިތުރުކުރެއްވުން އެދިވެސް އަޅުގަނޑުމެން ދުޢާ ދަންނަވަންޖެހޭނެ.

އާދެ! ސަރުކާރުންދޭ އާންމު ޚިދްމަތުގެ އިނާމާއި، މިނިވަން 25 އިނާމާއި، ދިވެހިރާއްޖެއަށް ރީތިނަމެއް ހޯދައިދީގެން ސަރުކާރުންދޭ ޚާއްޞަ އިނާމުވެސް، މިރަށުގެ ބައެއް ބޭފުޅުންނަށް ވަނީ ލިބިވަޑައިގެންފައި. އެބޭފުޅުންގެ ތެރޭގައި، ޞިއްޙީ ޚިދްމަތުގެ ދާއިރާއިން އާންމު ޚިދްމަތުގެ އިނާމު ލިބިވަޑައިގެން ޑޮކްޓަރ މުޙަންމަދު އަޙްމަދު ހިމެނިވަޑައިގަންނަވާ. އޭނާއަށްވަނީ މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައި. އަދި އިޖްތިމާޢީ ޚިދްމަތް ކުރުމުގެ ރޮނގުން ޢާންމު ޚިދްމަތުގެ އިނާމު ކުޅުދުއްފުށީ ހަޒާރުމާގޭ އަލްފާޟިލް ޔޫސުފް ޙުސައިނަށްވެސް ވަނީ ލިބިވަޑައިގެންފައި. މިނިވަން 25 ގެ އިނާމު ކުޅުދުއްފުށީ ގިނިރާހިގޭ އަލްފާޟިލް އަޙްމަދު އިބްރާހީމަށްވެސް ވަނީ ލިބިވަޑައިގެންފައި. އަދި ރާއްޖެއިން ބޭރުގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭ ފަރާތްތަކަށް ސަރުކާރުންދޭ ޚާއްޞަ އިނާމު، ތަޢްލީމީ ރޮނގުން ކުޅުދުއްފުށީ ކުދީނާގޭ މުޞްޠަފާ އަޙްމަދަށް ދެފަހަރުވަނީ ލިބިވަޑައިގެންފައި. އެއީ 1998 ވަނަ އަހަރާއި 2004 ވަނަ އަހަރު. އޭނާއަކީ މިހާރު އެމް.އެން.ޑީ.އެފް.ގެ ސާޖެންޓެއް.

މިބޭފުޅުންގެ އިތުރުން މިއަތޮޅުގެ އެހެން ރަށްރަށުގެ ބައެއް ބޭފުޅުންނަށްވެސް ޢާންމު ޚިދްމަތުގެ އިނާމާއި، ޚާއްޞަ އިނާމު ވަނީ ލިބިވަޑައިގެންފައި. އެހެންވީމާ، އެ ހުރިހާ ބޭފުޅުން އެކުރެއްވި ޚިދްމަތުގެ އަގު ވަޒަންކޮށް އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި ސަރުކާރުން މިކުރަމުން ގެންދާ މަސައްކަތްތަކުގައި މިހާތަނަށް އަޅުގަނޑަށް އެހީތެރިވެދެއްވާފައިވާ ބޭފުޅުންނަށް، ޚާއްޞަކޮށް އަތޮޅުތަކާބެހޭ ވުޒާރާ ހިންގަވައި ދެއްވާފައިވާ ހުރިހާ ވަޒީރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އޭގެތެރެއިން އެންމެދިގު މުއްދަތެއްގައި އެ ވުޒާރާ ހިންގަވައިދެއްވައި އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅަކީ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. އެހެންވީމާ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ނަންފުޅު ޚާއްޞަގޮތެއްގައި ހަނދާންކޮށް އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެމަނިކުފާނުގެ އިތުރުން، އެ ވުޒާރާ ހިންގަވައިދެއްވި އަލްފާޟިލް ޢަބްދުﷲ ޖަމީލަށާއި، އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށް، އަޅުގަނޑު ވަރަށް ޝުކުރު ދަންނަވަން. ޢަބްދުއްރަޝީދު މިތަނުގައި ވަޑައިގެންވެސް އެބަ އިންނެވި. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނަވައިގެން އެމިނިސްޓްރީ ހިންގަވައި ދެއްވި ޑޮކްޓަރ މުޙަންމަދު ލަޠީފަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިހާރުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، ތިޔަބޭފުޅުންނަށް އާ ބޭފުޅެއްނޫން. ދެންމެ މިތާނގައި ވަރަށް އަގުހުރި ވާހަކަފުޅުތަކެއް ދައްކަވައި ދެއްވައިފި. އަތޮޅުތަކުގެ ތަރައްޤީއަށް އޭނާ އެކޮށްދެއްވަމުން ގެންދަވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތަކަށްޓަކައި ހިތުގެ އެންމެ ފުންމިނުން އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ދެމެންބަރުން ކަމުގައިވާ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އަލްފާޟިލް ޢަބްދުއްޝަކޫރަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އެބޭފުޅުން އަޅުގަނޑާއެކީ ބައިވެރިވެވަޑައިގެންދެއްވައި އެބޭފުޅުންގެ ޚިޔާލުފުޅާއި މަޝްވަރާ އަޅުގަނޑަށް ދެއްވާތީ. ހަމައެއާއެކީގައި އަޅުގަނޑުގެ މިދަތުރުގައި ބައިވެރިވެވަޑައިގެންދެއްވީތީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަބްދުﷲ ނަޞީރަށްވެސް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللّـه سـبحانه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، ހެޔޮބަސްބުނާ ބަޔަކު ކަމުގައި ލެއްވުން. اللّـه وحى ކުރައްވަނީ "وقُولواْ لِلنَّاس حُسْنًا" "ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށޭ".

އަބަދުވެސް އަޅުގަނޑުމެން ބުނަންޖެހޭނީ ހެޔޮބަސް، ރަނގަޅުބަސް، ޙައްޤު ތެދުބަސް. މީހުންނަށް ދަސްކޮށްދޭން ޖެހޭނީ ރަނގަޅު ފިލާވަޅު. ދޭންޖެހޭނީ ހެޔޮ ނަސޭހަތް. އަދި އަޅުގަނޑުމެންނަކީވެސް، ހެޔޮބަސް ގަބޫލުކުރާ ބަޔަކަށް ވާންއެބަޖެހޭ. އެއީ، މުއުމިނުންގެ ސިފަތައް ބަޔާންކުރައްވައި މާތް اللّـه وحى ކުރައްވާފައިވާ އާޔަތެއްގައި އަންގަވާފައިވޭ. "އެބައިމީހުންނަކީ ހެޔޮބަސް އަހާ އަދި އެމީހުންނަށް އިވޭ ބަސްތަކުގެ ތެރެއިން އެންމެ ހެޔޮބަސް ގަބޫލުކުރާ މީހުންނޭ".

އެހެންވީމާ، އަޅުގަނޑުމެން ވާންއެބަޖެހޭ ހެޔޮބަސް ގަބޫލުކުރާ ބަޔަކަށް. އެއީ، މިކަހަލަ ޒަމާނެއްގައި ނުވަތަ ކޮންމެ ޒަމާނެއްގައިވެސް ވަރަށްގިނަ ވައްތަރުވައްތަރުގެ ވާހަކަ އިވޭނެ. އެކަމަކު، އޭގެތެރެއިން އަޅުގަނޑުމެންގެ އަމިއްލަ ބުއްދި ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ސިކުނޑީގެ މީޒާނުން ކިރާލައިގެން، ކޮބައިތޯ ރަނގަޅު ބަހަކީ، ކޮބައިތޯ ނުބައި ބަހަކީ، އަޅުގަނޑުމެން ދަންނަން އެބަޖެހޭ. ދަނެގެން އެ ހެޔޮބަހަށް ކިޔަމަންވާން މިޖެހެނީ.

އަބަދުވެސް اللّـه އަންގަވަނީ މުސްލިމުންނަކީ، މުއުމިނުންނަކީ، ހެޔޮބަސްއަހާ އަދި އިވޭ ބަސްތަކުގެ ތެރެއިން އެންމެ ހެޔޮބަސް ގަބޫލުކުރާ މީހުންނޭ. މާތް اللّـه އެފަދަ ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާށި!

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحانه وتعالـٰى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވައި އަޅުގަނޑުމެންނަކީ ހެޔޮބަސްބުނާ އަދި ހެޔޮބަސް އަހާ އަދި ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަދި ކުޅުދުއްފުށްޓަށާއި، މިއަތޮޅަށާއި، މުޅިރާއްޖެއަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅައި އަދި ރައްޔިތުންނަށް ލާބައާއި، މަންފާހުރި ގޮތްތައް އެކަލާނގެ މެދުވެރިކޮށްދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.