بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ! މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ލޮބުވެތި ރަށް ފަރެސް މާތޮޑާއަށް އައުމުން، އެންމެ ފުރަތަމަ މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ޝަރީފާއި އަދި އަތޮޅުއޮފީހުގެ އިސްބޭފުޅުންނާއި، ފަރެސް މާތޮޑާގެ ވެރިންނާއި، ފަރެސް މާތޮޑާގެ ލޮބުވެތި ހުރިހާ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް ހޫނު މަރްޙަބާއެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! އަޅުގަނޑުމެން މިހާރު މިވޭތުކުރަމުންދަނީ، ބަރަކާތްތެރި ރަބީޢުލްއައްވަލްމަސް. ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހަކީ، އަޅުގަނޑުމެންގެ ޤައުމީ ދުވަސް. އެއީ އިއްޔެ. އެހެންކަމުން، އަޅުގަނޑުމެން މިތިބީ އަދިވެސް އަޅުގަނޑުމެންގެ އުފާވެރި އަދި ފަޚްރުވެރި ޤައުމީ ދުވަހުގެ އިޙްތިފާލުތަކުގެ ތެރޭގައި ކަމަށްވާތީ، މިއުފާވެރި އަދި ފަޚްރުވެރި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.

އާދެ! މިފަހަރު އަޅުގަނޑު، ހުވަދުއަތޮޅު ދެކުނުބުރިއަށް މިކުރާ ދަތުރުގައި، އެންމެ ފުރަތަމަ މިއާދެވުނީ، ފަރެސް މާތޮޑާއަށް. އެހެން ނަމަވެސް، މިއީ އަޅުގަނޑު މިރަށަށް ކުރާ ފުރަތަމަ ދަތުރެއް ނޫންކަން ވަރަށްގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހަމަގައިމުވެސް އުމުރުން ތަންކޮޅެއް ދޮށީ ބޭފުޅުން، އަޅުގަނޑު އެންމެ ފުރަތަމަ މިރަށަށް އައި ދުވަސް ހަނދުމަފުޅު ހުންނާނެކަންނޭނގެ.

އާދެ! އެންމެ ފުރަތަމަ އަޅުގަނޑު ފަރެހަށާއި މާތޮޑާއަށް (އޭރު އޮތީ ވަކި ދެރަށެއްގެ ގޮތުގައި) އައީ، މީގެ 33 އަހަރު ކުރިން. 1974 ވަނަ އަހަރު. އެއީ، އޭރުގެ ވަޒީރުލްއަޢުޒަމް އަލްފާޟިލް އަޙްމަދު ޒަކީ ފޮނުއްވީމާ، މާލެއިން ދެކުނުގެ ހުރިހާ ރަށަކަށް. އާދެ! މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ކުރި ދަތުރެއްގައި.

މިހެން ދެންނެވީމާ މިތާ ތިއްބެވި ވަރަށްގިނަ ބޭފުޅުން ޙައިރާންފުޅުވާނެކަންނޭނގެ. އޭރު ދުނިޔޭގައި ނުވެސް ތިއްބަވާނެކަންނޭނގެ މިތާ ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން. ތިއްބެވި ނަމަވެސް އޭރު ވަރަށް ތުއްޕުޅުވާނެ. އެހެންވީމާ، ހަނދުމަފުޅު ހުރުމަކީވެސް މާކައިރީގައިވާނެ ކަމެއް ނޫންކަންނޭނގެ. ކޮންމެއަކަސް، އެދުވަހަކީ މިއަދުހާ ހިތްގައިމު، މޫސުމް ރީތި ދުވަހެއް ނޫން. އެދުވަހަކީ ވިއްސާރަ ދުވަހެއް. އެދުވަހު އަޅުގަނޑުމެން ޖަލްސާ ކުރީވެސް މިކަހަލަ ރީތި ޢިމާރާތެއްގައެއް ނޫން. ވަރަށް ކުޑަކުޑަ ތަނެއްގައި. ހިޔާކޮށްފައި ހުރީވެސް ވަގުތީގޮތުން. ރިޔާ ނަގައިގެން ހިޔާކޮށްފައި. ހަމައެކަނި ވަގުތީގޮތުން ރައްޔިތުން ބައްދަލުކޮށްލާ ތަނެއްގެ ގޮތުގައި އެތަން ހުރީ. އަދި އެވަގުތުކޮޅުތެރޭގައި ވިއްސާރަވެސް އައި. އެހެންވީމާ، ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް އޭރު އެހެންކަހަލަ އިޙްސާސްތަކެއް ކުރަންޖެހުނު.

އެއާ ޚިލާފަށް މިއަދު އަޅުގަނޑުމެން މިތިބީ ވަރަށް ރީތި ހޯލެއްގައި. އާދެ! މިރަށުގެ އިޖްތިމާޢީ މަރްކަޒުގައި. ވަރަށް ރީތިކޮށް ޢިމާރާތް ކުރެވިފައިވާ، ވަރަށް ތަނަވަސް ތަނެއް. މިއިންވެސް އޭރާއި މިހާރާ ހުރި ތަފާތު އަޅުގަނޑުމެންނަށް އެބަފެނޭ. އޭރުވެސް، އަޅުގަނޑަށް ފަރެހާއި މާތޮޑާ ފެނިގެންދިޔައީ ވަރަށް ހިތްގައިމުކޮށް. ވަރަށްރީތި ދެރަށެއްގެ ގޮތުގައި. އަދި އެދުވަހު އެދެރަށުގެ ރައްޔިތުން އަޅުގަނޑަށް ވިދާޅުވި މަރްޙަބާގެ މަތިން މިހާރުވެސް ހަނދާން އެބަހުރި. އޭގެފަހުން، އަޅުގަނޑު މިރަށަށް އައީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވިފަހުން. އެފަހަރުވެސް، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ވަރަށްހޫނު މަރްޙަބާއެއް ވިދާޅުވިކަން ހަނދާން އެބަހުރި. އެހުރިހާ ކަމަކަށްޓަކައި މިއަދުވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑަށް މިއަދު މިރަށަށް މިއާދެވުނީ، ވަރަށް ހޫނުގަދަ ވަގުތެއްގައި. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު. އަދި ތެދުތެދަށް ދަންނަވަންޏާ، އިރު، ދެކުނުން އުތުރަށް އަހަރަކު މިކުރާ ދަތުރުގައި ޚައްޠުއިސްތިވާ މަތިންދާ ދުވަހު. އެއީ، މާޗް މަހުގެ 21 ވަނަ ދުވަހު. ޚައްޠުއިސްތިވާ އޮތީ އަޅުގަނޑުމެންނާ ވަރަށް ކައިރީގައި. ވަރަށް ކުޑަކުޑަ ތަންކޮޅެއް ދެކުނުގައި އޮތީ. އެހެންވީމާ، ގާތްގަނޑަކަށް މިއަދު މެންދުރުވަގުތު އިރު ހުންނާނީ ހަމަ ސީދާ ބޯމަތީގައި. އަދި މާދަމާވެސް ހުންނާނީ އެހެން. އެހެންވީމާ، މެންދުރުގަޑިއަކީ މިދުވަސްކޮޅު މިރަށަށްވެސް އަދި މިހިސާބުގަނޑުގެ އެހެން ރަށްރަށަށްވެސް ވަރަށް ހޫނު ވަގުތަކަށްވާނެ. އެހެން ނަމަވެސް، އެހޫނަށް ތަޙައްމުލް ކުރައްވައި، މިރަށުގެ ލޮބުވެތި ރައްޔިތުން ނިކުމެވަޑައިގެން، ފާލަންދޮށުގަޔާއި އަދި މިތާ ބޭރުގައި ގަދަ އަވީގައި ތިއްބެވުން ދޭހަވަނީވެސް، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަން ބޮޑުކަން. ސްކޫލް ކުދިން އެދެއްކި ޘަގާފީ އައިޓަމުންވެސް ދޭހަވަނީ، ތިޔަބޭފުޅުން ދިވެހިރާއްޖޭގެ ތާރީޚަށާއި ޘަޤާފަތަށް ލޯބިކުރައްވާ މިންވަރު. އަދި އެކަން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ މިންވަރު.

އާދެ! މިތާ ދެންމެ އަޅުގަނޑުގެ ކުރީގައި ވާހަކަފުޅު ދެއްކެވީ މިރަށުގެ ކުޑަކަތީބު ލަޔާޤަތު ޢަލީ. ލަޔާޤަތު ޢަލީގެ ނަން ފުރަތަމަ އަޑުއިވުނީމާ އަޅުގަނޑު ދިޔައީ ސިއްސައިގެން. އެއީ، ތިޔަބޭފުޅުން ހަނދުމަފުޅު ނެތަކަސް، އަޅުގަނޑަކީ ތަންކޮޅެއް އުމުރުން ދޮށީ މީހެއްވީމާ ހަނދާން ހުންނަނީކަންނޭނގެ. މިނަން ކިޔާ ބޭފުޅަކު ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި. އެއީ، ލަޔާޤަތު ޢަލީޚާން. މީނާގެ ނަންފުޅުން ހަމައެކަނި މަދުވަނީ ޚާން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އެއީ މީގެ ފަންސާސް އެތައް އަހަރެއް ކުރީގެ ވާހަކަ މިދަންނަވަނީ. އެ ބޮޑުވަޒީރުގެ ހުރި ވާހަކަ ދެއްކުމުގެ ކުޅަދާނަކަމުގެ ވަރަށްބޮޑު ބައެއް، އަޅުގަނޑުމެންގެ ކުޑަކަތީބު ލަޔާޤަތު ޢަލީ ވަނީ ޙާޞިލު ކުރައްވާފައޭ. އެހެންވީމާ، އޭނާ އެ ވާހަކަފުޅު ދެއްކެވިލެއް ފުރިހަމަ ކަމަށާއި، ބަލާޣާތްތެރިކަމަށާއި، ބަސްމަގު ރީތިކަމަށްޓަކައި، އަދި ޢަރަބި ލަފްޒުތައް ވިދާޅުވާލެއް ރީތިކަމަށްޓަކައި، ލަޔާޤަތު ޢަލީއަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި ފަރެސް މާތޮޑާގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއާ އަދި އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައިވެސް، ލަޔާޤަތު ޢަލީއަށާއި ފަރެސް މާތޮޑާގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ރީތިކޮށް ޢަރަބި އަކުރު ކިޔާ ވާހަކަ ދައްކާއިރު، ހުވަދޫ ސްކޫލްގެ ޤުރްއާން މުދައްރިސާ އަލްފާޟިލާ ތަސްލީމާ ޢަބްދުﷲގެ ވާހަކަވެސް ދައްކަންޖެހޭ. އޭނާ އަޅުގަނޑުމެންނަށް އެ ކިޔަވާ ވިދާޅުވެދެއްވީ ވަރަށް ރީތިކޮށް. ތަޖުވީދުގެ ހަމަތަކާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވަރަށް ރީތިކޮށް. ކޮންމެ އަކުރެއްވެސް އެއަކުރެއްގެ މަޚްރަޖުން ނެރުއްވައި، ވަރަށް މަތީ ފެންވަރަކަށް ޤުރްއާން ކިޔަވާ ވިދާޅުވެދެއްވި. އެހެންވީމާ، އަލްފާޟިލާ ތަސްލީމާ ޢަބްދުﷲ އަށްވެސް ވަރަށް ތަހުނިޔާ ދަންނަވައި މުބާރިކްބާދީ އަދާކުރަން.

އަޅުގަނޑު މިރަށަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ޝަރީފް އަޅުގަނޑު ގާތު ވިދާޅުވި. ފަރެސް މާތޮޑާގެ ރައްޔިތުން، ރައީސް، ކޮންމެވެސް އުފާވެރި ޚަބަރެއް ދޭނެކަމަށް އިންތިޒާރު ކުރައްވައޭ.

އެއީ، ތެދުފުޅެއްހެން އަޅުގަނޑަށް ހީވަނީ. ކުރިން މިދެރަށް އޮތީ ދެރަށެއްގެ ގޮތުގައި. ޖޯގްރާފީ ގޮތުންވެސް މުޅިން ވަކިވެފައި. ދެރަށުގެ ދޭތެރޭގައި މޫދު އޮތީ. އޮއްވާ މިހާރު މިއޮތީ ދެބައި ގުޅާލާފައި. ދެރަށް އެއްފަސްގަނޑަކަށް ހަދާފައި. އަދި މިދެރަށުގެ ހުރިހާ ކަންތައްވެސް މިދަނީ އެއްރަށެއްގެ ގޮތުގައި. ހުރިހާ ޚިދްމަތްތަކެއް ދެރަށުގެ ރައްޔިތުންނަށް މިފޯރުވައިދެވެނީ އެއްވަރަކަށް، އެއްހަމައަކަށް، އެއްއިމާރާތްތަކަކުން. އަދި މިދެރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، ގުޅުންބޮޑު ދެރައްޔިތެއް. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިދެރަށުގެ ރައްޔިތުން އެދިވަޑައިގަންނަވަނީ، މިދެރަށަކީ ރަސްމީގޮތުން އެއްރަށެއްގެ ގޮތުގައި ސަރުކާރުން ހަދައިދޭން.

މިކަންތައްވަނީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އަޅުގަނޑަށް ހުށަހަޅުއްވާފައި. އަޅުގަނޑު، މިދަތުރު ކުރުމުގެ ކުރިން އެބޭފުޅުންގެ ހުށަހެޅުއްވުން ބަލައިލިން. އޭގައި ވިދާޅުވާގޮތުން އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިކަން ވަރަށް ރަނގަޅަށް ހިނގަމުންއެބަދޭ. އަދި މިދެރަށަކީ ކޮންމެ ގޮތަކުންވެސް އެއްރަށަކަށްވެއްޖެނަމަ، މުސްތަޤްބަލުގައި ދެވޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދި ރައްޔިތުންނަށް އިތުރު ފައިދާތަކެއް ކުރާނެ.

އެހެންވީމާ، މިއުފާވެރި ދުވަހު އާދެ! އެއީ 1428 ވަނަ އަހަރުގެ ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ 2 ވަނަ ދުވަހު، މީލާދީ ސަނަތުން 2007 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު. އާދެ! މިއަދަކީ ރަބީޢު މޫސުމްވެސް ފެށޭ ދުވަސް. އެހެންވީމާ، މިއުފާވެރި ދުވަހު، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައިހުރެ، ފަރެސް މާތޮޑާ އެއްރަށެއްގެ ގޮތުގައި ހަމަޖެއްސި ވާހަކަ ވަރަށް އުފަލާއެކު އިޢުލާނު ކުރަން.

އާދެ! އަޅުގަނޑު މިދަންނަވާލި ދަންނަވާލުމަށް ދެއްވި ތަރުޙީބުން އެނގޭގޮތުގައި، މިކަމަކީ ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށް ބޮޑަށް ބޭނުންފުޅުވެފައިވާ ކަމެއް. އެހެންވީމާ، ފަރެސް މާތޮޑާ އެއްރަށެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން، މިރަށުގެ ލޮބުވެތި ރައްޔިތުންނަށާއި ވެރިންނަށް، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މުބާރަކްބާދީ އަދާކުރަން.

އާދެ! ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެމަސައްކަތްތަކުގެ ވާހަކަ ތަފްޞީލުކޮށް ނުދެންނެވިޔަސް، ކުޑަކަތީބު ލަޔާޤަތު ޢަލީގެ ވާހަކަފުޅުގައި އެވާހަކަ ވިދާޅުވެއްޖެ. އަދި މިރަށުގައި ހުރި އިންޖީނުގެއަކީ ވަރަށް ކާމިޔާބު އިންޖީނުގެއެއް ކަމުގައިވެސް ވިދާޅުވި. އައިސް ޕްލާންޓްގެ ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި. އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް، އަތޮޅުގެ ކުރިއެރުމަށް، ސަރުކާރުން ކުރާ ކަންތައްތައް އެބަހުރި. އޭގެތެރޭގައި، ހުވަދޫ ސްކޫލް، އާ ޢިމާރާތަކަށް ބަދަލުވުން. އާދެ! މިހާރު އެހެރީ އެސްކޫލްގެ ބިންގާ އެޅިފައި. އިރާދަކުރެއްވިއްޔާ މިއަހަރު އޭގެ ވަރަށްބޮޑު ބައެއް ނިމޭނެ. މިއަހަރުގެ ބަޖެޓުގައި ފައިސާވެސް އޮތީ ހިމެނިފައި. އެހެންވީމާ، އެސްކޫލްވެސް ޙަޤީޤަތަކަށްވުމުން، އަޅުގަނޑު ހިތުން މިއިންވެސް މިރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ފައިދާތަކެއް ކުރާނެ.

އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބުވާނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމާއި ތާއީދު، އެކަންކަމަށް ލިބިގެން. އަޅުގަނޑު ހިތުން މިކަން ފަރެސް މާތޮޑާގެ ރައްޔިތުން ވަރަށް ރަނގަޅަށް ގަބޫލު ކުރައްވާ. މީގެކުރިންވެސް، މިރަށުގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން އައިސްފައިވަނީ، ވަރަށްބޮޑު ތާއީދަކާއި އެއްބާރުލެއްވުމެއް. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް، ހަމަ އެ އެއްބާރުލެއްވުމާއި، އެ ތާއީދު ސަރުކާރަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ލަޔާޤަތު ޢަލީގެ ވާހަކަފުޅުގައި، އިޞްލާޙީ ޕްރޮގްރާމްގެ ވާހަކަވެސް ވިދާޅުވި. އެކަމަށްޓަކައިވެސް ޝުކުރު ދަންނަވަން. އާދެ! މި އިޞްލާޙީ ޕްރޮގްރާމަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ތަޢާރުފު ކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެއް. އެޕްރޮގްރާމްގެ ވަރަށްގިނަ ކަންތައްތަކެއް މިހާރުވަނީ ހިނގާ ނިމިފައި. އަދި މިހާރުވެސް އެޕްރޮގްރާމްގެ ވަރަށްގިނަ ކަންތައްތަކެއް ކުރިއަށް ހިނގަމުން އެބަދޭ. އަޅުގަނޑު އުންމީދު ކުރަނީ، އިޞްލާޙީ ޕްރޮގްރާމްގެ މަގުޗާޓުގައިވާ ގޮތުގެ މަތިން، އެކިކަންތައްތައް އެ މަގުޗާޓުގައި ބަޔާން ކޮށްފައިވާ ތާރީޚުތަކަށް ނިމެމުންދާނެ ކަމަށް. އެކަން އެހެންވެއްޖެނަމަ، ޝައްކެއްނެތް އަޅުގަނޑުމެން ތިބޭނީ މުޅިން އެހެން މަރްޙަލާއަކަށް ބަދަލުވެފައި. ފުރިހަމަ މިނިވަން ޑިމޮކްރަސީއަކަށް ބަދަލުވެފައި. މިހެން ދަންނަވާއިރު ރާއްޖޭގައި މިހާރުވެސް މިއޮތީ ޑިމޮކްރަސީއެއްކަން އަޅުގަނޑުމެން ހަނދާން ބަހައްޓަން އެބަޖެހޭ. އެއީ ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާކަންމަތީގައި ރާއްޖޭގައި ހުރީމާ.

ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އޮތުން. ދިވެހިރާއްޖޭގައި އެކަން ހިނގަމުން މިއަންނަނީ އެގޮތުގެ މަތިން. ރާއްޖޭގައި މިއޮތް ސަރުކާރަކީ، ނުވަތަ ސަރުކާރުގެ އެންމެ އިސް މަގާމުގައި ހުންނަ މީހަކީ، އާދެ! ރައީސުލްޖުމްހޫރިއްޔާއަކީ، ރައްޔިތުން އިންތިޚާބު ކުރައްވާ މީހެއް. އަޅުގަނޑުވެސް މިމަގާމުގައި މިހުރީ، ރައްޔިތުން އިންތިޚާބު ކުރައްވައިގެން.

ކޮންމެ ފަސްއަހަރަކުން އެއްފަހަރު އިންތިޚާބު ބާއްވަންޖެހޭ. އެ އިންތިޚާބުގައި އެއިރަކު އެހުރި ރައީސަކީ، ރައްޔިތުންނަށް ކަމުދާ ރައީސަކަށް ނުވަންޏާ، އެ ރައީސަކު ބަދަލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ރައްޔިތުންނަށް އޮވޭ. އެހެން ނަމަވެސް، ދިވެހި ރައްޔިތުންގެ އިޚްލާޞްތެރިކަން ބޮޑުކަމުން، އަޅުގަނޑަށް ކުރެވުނު ކަންތައްތައް ނުވަތަ އެކިފަސްއަހަރު މަތިން ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ޚިދްމަތްތައް އެއީ ރަނގަޅު ޚިދްމަތްތަކެއް ކަމުގައި ގަބޫލު ކުރައްވައިގެން، ރައްޔިތުން ވަޑައިގަތީ އަޅުގަނޑު އިންތިޚާބު ކުރައްވަމުން. އެހެންވީމާ، އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާ ހާލު، ރާއްޖޭގައި މިހާރުވެސް މިއޮތީ ޑިމޮކްރަސީއެކޭ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

އަޅުގަނޑުމެން މިހާރު މިހިންގާ އިޞްލާޙީ ޕްރޮގްރާމްގައި، ރާއްޖޭގައި ކުރިން ތަޢާރުފު ނުވާ ބައެއް ކަންތައްތައް އެބަ ތަޢާރުފު ކުރެވޭ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގައި ތަފާތު ސިޔާސީ ޕާޓީތައް އުފެދުން. މިހާރު މިދެންނެވި އިޞްލާޙީ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ފަސް ސިޔާސީ ޕާޓީ އުފެދި، ގަވާއިދުން ރަޖިސްޓްރީ ކުރެވި ހިންގަމުން އެބަދޭ. އޭގެ ސަބަބުންވެސް، ރާއްޖެއަށް ދީމުޤްރާޠީ ނިޒާމު ތަޢާރުފު ކުރުމުގައި އެހީތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިނުކުތާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުދާ ކޮންމެ ތަނެއްގައިވެސް ދަންނަވާލާ ވާހަކައެއް. ތަކުރާރުކުރާ ވާހަކައެއް. އެއީ، ތަކުރާރު ކުރުން މުހިންމުވެސް ވާހަކައެއް. އާދެ! އެވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ކިތަންމެ ބޮޑެތި ބަދަލުތަކެއް އައި ކަމުގައިވިޔަސް، އެބަދަލުތައް އަންނަންޖެހޭނީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިންނޭ. އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާ އެކީގައޭ. ރައްޔިތުން ޚިޔާލު ބަދަލުކޮށްގެން، މަޝްވަރާ ކޮށްގެން، ރައްޔިތުންގެ ގިނަބަޔަކަށް ފެންނަ ގޮތެއްގެ މަތިންނޭ. މިއާ ޚިލާފަށް، ޕާޓީތައް އުފެދުމުގެ ސަބަބުން ނަމަވެސް އަދި އެނޫން ސަބަބަކާހުރެ ނަމަވެސް، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، ފިތުނަފަސާދަ އުފެދުމަކީ، އިޞްލާޙަށް މަގުފަހިކޮށްދޭނެ ކަމެއް ނޫން. އޭގެ ސަބަބުން، އިޞްލާޙުގެ ބަދަލުގައި ޤައުމު ވަމުންދާނީ ހަލާކު. އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ.

މިޒަމާނުގެ ދީމުޤްރާޠީ ޤައުމުތަކުގައި އެންމެ އިސްކަންދޭ ކަމަކީ، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުން. ”ރޫލް އޮފް ލޯ“. ކޮންމެ މީހަކުވެސް، ކޮންމެ ބަޔަކުވެސް، އެޤައުމެއްގައި ހިމެނޭ ކޮންމެ ޖަމާޢަތަކުންވެސް، އެޤައުމެއްގައި ހިނގާ ޤާނޫނުތަކަށް ކިޔަމަންވާންޖެހޭނެ. ޙުރްމަތްތެރިކޮށްހިތަން ޖެހޭނެ. މިއީ، ދީމުޤްރާޠީ ޤައުމުތަކުގައި އެންމެބޮޑު އަސާސެއް ކަމަށް ބަލާ ކަމަކީ. އެންމެންވެސް ޤާނޫނަށް ތަބާވާންޖެހޭނެކަމާއި، އެންމެންވެސް ޤާނޫނާ އެއްގޮތަށް ޢަމަލު ކުރަންޖެހޭނެ ކަމާއި، އެއްވެސް މީހަކު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްގެން ނުވާނެ ކަމާއި، ޤާނޫނާ ޚިލާފަށް ޢަމަލުކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅެން ޖެހޭނެ ކަމާއި، މިކަންކަން މިއީ، ރޫލް އޮފް ލޯގެ އުޞޫލުގެ ދަށުން ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ހިނގަމުންދާ ކަންތައްތަކެއް. މިއީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެކަން އޮތްގޮތް.

ޑިމޮކްރަސީއޭ ބުނީމާ އަޅުގަނޑުމެންގެ ހިތަށް ފަހަރެއްގައި ވަދެދާނެ، އެދައްކަނީ އިނގިރޭސިވިލާތުގެ ވާހަކަ ކަމަށް ނުވަތަ ފަރަންސޭސިވިލާތް ނުވަތަ އެމެރިކާ ނުވަތަ އިންޑިޔާ ނުވަތަ އެނޫން ޤައުމެއްގެ ވާހަކަ ކަމަށް. ރަނގަޅު. އެއިން ކޮންމެ ޤައުމެއްގައިވެސް އެންމެ މުހިންމު ކަމަކީ، ރޫލް އޮފް ލޯ. ޤާނޫނަށް ތަބާވުން. އެތަންތާނގައި ތަފާތު ޕާޓީތަކެއް ހުރި ކަމުގައިވިޔަސް، އަދި ތަފާތު ކަންތައްތަކެއް ހިނގަމުންދިޔަ ކަމުގައިވިޔަސް، ޤާނޫނުގެ ބާރު ހިންގޭ. ޤާނޫނަކީ އެންމެންގެ މައްޗަށް ބާރުފޯރާ އެއްޗަކަށްވޭ. ވަކިމީހެއްގެ މައްޗަކަށް ނޫން.

ދިވެހިރާއްޖޭގެ ޤާނޫނަކީވެސް، ރާއްޖޭގެ އެންމެންގެ މައްޗަށް ބާރުފޯރުވޭނެ އެއްޗެއް. ރައީސުލްޖުމްހޫރިއްޔާއަކީވެސް ވަކި ޤާނޫނީ ހަމަތަކެއްގެ މަތިން ޢަމަލުކުރަން ހުރި މީހެއް. އެމަގާމުގައި ހުންނަ މީހަކުވެސް ޤާނޫނާ ޚިލާފަކަށް ޢަމަލުކޮށްގެނެއް ނުވާނެ. ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބުނާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާވެސް އަދި ދައުލަތުގެ އެކިއެކި ވުޒާރާތަކާ ޙަވާލުވެވަޑައިގެން ތިއްބަވާ މިނިސްޓަރުންވެސް، އެނޫން ވެރިންވެސް އަދި މުވައްޒަފުންވެސް ކަންތައް ކުރައްވަން ޖެހޭނީ. ހަމަ އެގޮތަށް ރައްޔިތުންވެސް. ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ޢަމަލުކުރަން ޖެހޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން. މިއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހަނދާން ބަހައްޓަންޖެހޭ ކަމެއް.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ދެވާހަކައެއް ދަންނަވާލަން އެބަ ބޭނުންވޭ. އެއްވާހަކައަކީ، އަނެއްކާވެސް ވަރަށް އުފާވެރި ވާހަކައެއް. އެހެން މިދެންނެވީ، އެއީ ސަރުކާރުންދޭ ޢާންމު ޚިދްމަތުގެ އިނާމު، މިރަށުގެ ބޭފުޅަކަށް ލިބިވަޑައިގެންފައިވާ ވާހަކަ. އާދެ! އެއީ ފަރެހުގެ ބޭފުޅެއް. އޭނާއަކީ، ފަރެސް ހުސްނުހީނާގޭ އަލްފާޟިލް މުޙަންމަދު ޢާމިރު. އޭނާއަށް އިނާމު ލިބިވަޑައިގެންފައިވަނީ ޅެންވެރިކަމުގެ ރޮނގުން. އޭނާއަކީ ވަރަށްރީތި ޅެން ހައްދަވައި، ވަރަށް މަތީ ފެންވަރުގެ ޅެންތަކެއް ޝާއިޢު ކުރައްވާފައިވާ ބޭފުޅެއް. އަޅުގަނޑަކީވެސް ދިވެހިބަހަށާއި ދިވެހި އަބަދިއްޔާތަށް ލޯބިކުރާ މީހެއް ކަމަށްވާތީ، އޭނާގެ ޅެންތަކުގައި ހުރި ރީތިކަމާއި ފުރިހަމަކަން އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭ. އެހެންވީމާ، މިރަށުގެ ބޭފުޅަކު އެ އިނާމު ޙާޞިލު ކުރައްވާފައިވާތީ، އޭނާއަށާއި އަދި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! ދެން ނިންމާލުމުގެ ކުރިން، ދަންނަވާލަންޖެހޭނެ ކަމަށް ފެންނަ އަނެއް ވާހަކައަކީ، ލަޔާޤަތު ޢަލީގެ ވާހަކަފުޅުގައި ވިދާޅުވި، މިރަށުގެ ވަރަށްގިނަ މީހުން އޭނާއާ އަމާނާތެއް ހަވާލުކުރި ވާހަކަ. އެ އަމާނާތް އަޅުގަނޑަށް ރައްދުކޮށްދެއްވުމަކީ، އޭނާގެ ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ވާހަކަ. އެ އަމާނާތް، ދެންމެ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އޭނާ އަޅުގަނޑަށް ރައްދުކޮށްދެއްވި. ދެން ކުރެއްވީ ސުވާލެއް. އެސުވާލުގެ ޖަވާބު ދެންނެވުމަކީ، އަޅުގަނޑަކަށް ނޭނގެ ކޮންކަހަލަ ކަމަކަށްވާނެ ކަމެއް ކަމެއް.

މިހާރު އަޅުގަނޑުމެން މިހުށަހަޅާފައި އޮތް އިޞްލާޙީ ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް، ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެމަސައްކަތް މިހާރު އެދަނީ ހިނގަމުން. އެހެންވީމާ، ކުރިޔަށް އޮތް ތާނގައި، މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ސަރުކާރުން ބޭނުންވަނީ، ޕާޓީތަކުގެ މެދުގައި ވާދަކުރެވޭ އިންތިޚާބެއްގެ ގޮތުގައި. މިހާރު ރާއްޖޭގައި ސިޔާސީ ގޮތުން ޙަރަކާތްތެރިވާ ފަސް ޕާޓީ އޮތީމާ، އޭގެތެރެއިން އެޕާޓީތަކުން ރައީސް ކަމަށް ކުރިމަތިކުރަން ބޭނުންވާ ބޭފުޅުން ތިއްބެވިއްޔާ އެބޭފުޅުންވެސް ކުރިމަތިލައްވާ ގޮތަށް މަސައްކަތް ކުރަމުން މިދަނީ.

ޤާނޫނުއަސާސީ ފާސްވެ، އެގޮތަށް ޢަމަލު ކުރަން ފަށައިފިނަމަ، މިއަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ވާނީ ޕާޓީތަކުގެ މެދުގައި ވާދަކުރެވޭ އިންތިޚާބަކަށް. އެއީ އަޅުގަނޑު އެދޭގޮތް. އަދި އެގޮތަށް ކަންތައްތައް ކޮށްދެއްވުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަރިހުގައި ވަރަށް ގިނައިން ދަންނަވަމުން އެބަގެންދަން. ޤާނޫނުއަސާސީ އިޞްލާޙުކޮށްދެއްވުން އަވަސްކޮށްދެއްވާށޭ.

އެނގިވަޑައިގަންނަވާނެ ފަދައިން، އިޞްލާޙީ ޕްރޮގްރާމްގެ މަގުޗާޓުގައިވާ ގޮތުން، މިއަންނަ މެއިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޤާނޫނުއަސާސީ އިޞްލާޙުވެ ނިމެންޖެހޭ. މިހާރު މިއޮތީ، އެމުއްދަތު ވަރަށް ކައިރިވެފައި. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ބަލާއިރު އަދި އެމެންބަރުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީތަކަށް ބަލައިލާއިރު، ދެޕާޓީއެއް އެބައޮތް. އެއީ ދިވެހި ރައްޔިތުންގެ ޕާޓީ، "ޑީ.އާރު.ޕީ" އާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، "އެމް.ޑީ.ޕީ" އާ ދެޕާޓީ. މިދެޕާޓީގެ މެންބަރުންގެ މެދުގައި، އެކަން އަވަސް ކުރުމަށް މިހާރު ދަނީ މަޝްވަރާތަކެއް ކުރެވެމުން. އޭގެ ބޭނުމަކީ، ޤާނޫނުއަސާސީ ފާސްކުރުން އަވަސް ކުރުމަށްޓަކައި، ދެޕާޓީ ގުޅިގެން ކޮންކަހަލަ މަސައްކަތެއްތޯ ކުރެވޭނީ ބަލަން. މިމަސައްކަތް މާލޭގައި ހިނގަމުން އެބަދޭ. މީގެ ނަތީޖާއެއްގެ ގޮތުންވެސް، ޤާނޫނުއަސާސީ އިޞްލާޙު ކުރުން އަވަސްވެ، ކުރިން މިދެންނެވި ތާރީޚަށް ނިމިއްޖެނަމަ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އޮންނަ އިންތިޚާބުވާނީ، ޕާޓީތަކުގެ މެދުގައި ވާދަކުރެވޭ މަލްޓިޕާޓީ އިލެކްޝަނަކަށް.

އެހެންވީމާ، ދެން ދަންނަވާލަން ޖެހެނީ، އަޅުގަނޑުމެންގެ ޕާޓީތަކުގެ ގަވާއިދު މިހާރު މިއޮންނަ ގޮތުން، ޚާއްޞަކޮށް، ޑީ.އާރު.ޕީ. އަޅުގަނޑަކީ ޑީ.އާރު.ޕީ.އަށް ނިސްބަތްވާ މީހެއްވީމަ، މިދަންނަވާލަނީ، އޭގައި މިއޮންނަނީ ރައީސް ކަމަށް ކުރިމަތިލާނީ އެޕާޓީން ހޮވާ މީހެކޭ. އެހެންވީމާ، މިއަންނަ އަހަރު އެޕާޓީން ރައީސް ކަމަށް، އެޕާޓީގެ ނަމުގައި ކުރިމަތިލާން ހޮވާނީ ކާކުކަމެއް އަޅުގަނޑަކަށް އަދި ދަންނަވާކަށް ނޭނގެ. އެހެންވީމާ، އެސުވާލުގެ ޖަވާބު އެހާ ފުރިހަމަކޮށް މިވަގުތު ދެންނެވެން ނެތް ވާހަކަ މިދަންނަވާލީ. ކޮންމެއަކަސް ޑީ.އާރު.ޕީ އިން ރައީސް ކަމަށް ކުރިމަތިކުރުވާ މީހަކު އެމަގާމަށް ކުރިމަތިލާނެ. އަދި އެމީހަކު ރައްޔިތުންގެ ވޯޓު ހޯދައި، އެމީހަކަށް ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ، ކުރިއަށް އޮތް ތާނގައި ރައީސަކަށްވާނެ. އެހެންވީމާ، މިހިސާބުން އެސުވާލުގެ ޖަވާބު ލިބިވަޑައިގެންފިކަމަށް ހީކުރެއްވުން އަޅުގަނޑު އެދެން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ފަރެސް މާތޮޑާގެ ރައްޔިތުން އަޅުގަނޑާމެދު ތިޔަ ބެހެއްޓެވި ގާތްކަމާއި، ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކާއި އަދި ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، އަޅުގަނޑު 1974 ވަނަ އަހަރު މިރަށަށް ފުރަތަމަ އައިއިރުވެސް، އަޅުގަނޑަށް ފެނިފައިވާ ފަދައިން، މިރަށަކީ ދެން ނުދަންނަވާނަން ދެރަށެކޭ. މިދެރަށަކީ، ފަރެސް މާތޮޑާއަކީ، ހަމަ މިހާ ރީތިކޮށް، މިހާ ހިތްގައިމުކޮށް، މިހާ ހިތްހަމަޖެހޭ ގޮތަކަށް އޮތް ރަށެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުން. އަދި ފަރެސް މާތޮޑާގެ ރައްޔިތުންނަކީ، ވަރަށް ގުޅިގެން މަސައްކަތް ކުރައްވާ، ޤައުމުގެ ތަރައްޤީއަށް އިސްކަންދެއްވާ ރައްޔިތަކު ކަމުގައިވުން. އަދި އެބޭފުޅުން އެކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރަށަށާއި މިއަތޮޅަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދިޔުން. އަދި އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި މާތްﷲ ލެއްވުން. އަދި މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން، ދީނުގެ ޢަޤީދާތަކަށް ރައްކާތެރިވެ އަދި ދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި އަޅުގަނޑުމެންވުން.

އަދި އެއްވާހަކަ ދަންނަވާލާނަން. މާތޮޑާއިން ޢާންމު ޚިދްމަތުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކު އަދި އެބަހުންނެވި. އެއީ މާތޮޑާ ބިނާ މުޙަންމަދު މަނިކު. ބުޅިޖެހުމުގެ މަސައްކަތުން އިނާމު ލިބިވަޑައިގެންނެވި ބޭފުޅެއް. ދެން އެހެންވީމާ، އޭނާއަށްވެސް މިފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި އަދި ފަރެސް މާތޮޑާގެ ރައްޔިތުންނަށްވެސް މިމުނާސަބަތުގެ މަރްޙަބާ ދެންނެވުމަށް، މިފުރުޞަތުގެ ބޭނުންކުރަން.

އާދެ! އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، ދިވެހި ޤައުމު ދާނީ ކުރިއަށް. ރާއްޖޭގައި އޮންނާނީ ޒަމާނީ ޑިމޮކްރަސީއެއް. ރާއްޖޭގައި ދިރިއުޅެމުންދާނީ، ހިތްހަމަޖެހިފައިވާ ރައްޔިތުންތަކެއް. އެ އިޚްލާޞްތެރި އެދުން ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަމުން، އެކަން ޙަޤީޤަތަކަށް ހެއްދެވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.