بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى خاتـم الأنبيـاء وسيـد المرسـلين، وعلى آلـه وأصحـابه أجمعـين.

އާދެ! އަޅުގަނޑު ތިލަދުންމަތީ ދެކުނުބުރީ ބައެއް ރަށްރަށަށް މިކުރާ ދަތުރުގައި މިއަދު އެންމެފުރަތަމަ މިއައީ ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް. ކުމުންދުއަށް. ކުމުންދުއަށް އައުމުން ކުމުންދޫގެ ރައްޔިތުންގެ ފަރާތުންނާއި ވެރިންގެ ފަރާތުން، އަދި ކުމުންދޫގެ ކްލަބް ޖަމްޢިއްޔާތަކާއި، ކޮމިޓީތަކާއި އަދި ސްކޫލް ކުދިންނާއި، ޓީޗަރުންނާއި އަދި ސަރުކާރުގެ މުވައްޒަފުންނާއި، ޙަޤީޤަތުގައި ކުމުންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް ހޫނު މަރްޙަބާއެއް. އެކަމަށްޓަކައި ކުމުންދޫގެ ރައްޔިތުންނަށް ކުދިބޮޑު އަންހެން ފިރިހެން އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަށް އެނގިފައިވާގޮތުގައި ކުމުންދޫ ރައްޔިތުން ބޭނުންފުޅުވީ އަޅުގަނޑު މިރަށަށް ހަމަ ލަފާތަނުން، އެތަނަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށްލައްވަން. އެއީ ދުރުތަނެއްކަމުގައި ވިޔަސް، ހޫނުގަދަ ވަގުތެއް ކަމުގައިވިޔަސް، އެއިންވެސް ދައްކައިދެނީ ކުމުންދޫ ރައްޔިތުން މިދަތުރަށް އިންތިޒާރުކުރައްވާފައިވާލެއް ބޮޑުކަން. ހަމައެއާއެކު، މިރަށަށް އައުމުން އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށް އުފާވެރި ވަރަށް ރަޙްމަތްތެރި މޫނުތަކެއް. ވަރަށް ގިނަ މީހުން ވަރަށް ބޮޑަށް އުފާކޮށް މަރްޙަބާގެ ބަސްތައް އަޅުގަނޑުގާތުގައި ބުނަމުން ގެންދިޔަ. އެކަން އަޅުގަނޑު ވަރަށް އުފަލާއެކު ހަނދާންކުރަން. އަދި އަޅުގަނޑު މިރަށަށް އައުމާއެކުގައި ތިޔަބޭފުޅުން ވިދާޅުވި މަރްޙަބާގެ ތެރޭގައި ހިމެނޭ ވަރަށް ރީތި ލަވައެއްވެސް އަޑުއަހާލަން އަޅުގަނޑު މަޑުކުރިން. އެއީ މިރަށު ސަމާ ބޭންޑުގެ ފަރާތުން ކުޅުނު އަދި އިއްވައިދިން ލަވައެއް. ލަވައަކީ ވަރަށްވެސް ރީތި ލަވައެއް އަދި ބެރުޖެހި މީހުންނާއި ނެށި މީހުންނާއި، އަދި ލަވައިގައި ބައިވެރިވި އެންމެންނަކީވެސް، ވަރަށް ރަނގަޅަށް މިކަންކުރި ބައެއްކަމަށް އަޅުގަނޑަށް ފެންނާތީ އަދި އެގޮތަށް ދެކޭތީ، އެ ހުރިހާ އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ، މިއީ އަޅުގަނޑު މިމަގާމުގައި ހުރެގެން ކުމުންދުއަށް ކުރާ ދެވަނަ ޒިޔާރަތް. އެންމެފުރަތަމަ އައީ ވަރަށް ކުރިން. އެއީ، 1979 އަހަރުގެ މާޗްމަހުގެ 8 ވަނަ ދުވަހު. ދެން މިތާ ތިއްބެވި ގިނަބޭފުޅުންނަކީ، އެދަތުރުގެމަތިން ހަނދުމަފުޅު ހުންނާނެ ބޭފުޅުންނެއްނޫން. އެހާ ކުރީގެ ތާރީޚަކަށްވާތީ، އެ ދަތުރު އަޅުގަނޑު ކުރީ އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ 4 މަސްދުވަހުގެ ތެރޭގައި. އޭރު އެންމެ ފުރަތަމަ އަޅުގަނޑުކުރި ދަތުރަކީ، ތިލަދުންމަތީ ދެބުރިއަށް ކުރި ދަތުރެއް. އެހެންވީމާ، އެދަތުރުގައި މިރަށަށް އައުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި.

ކުމުންދުއަކީ ތާރީޚީގޮތުންވެސް ފާހަގަކުރެވޭ ރަށެއް. މިރަށުގައި އުސްކުންނަ ކިޔާ އުސްގަނޑެއް އޮވޭ. އަދި އިތުރު އެހެން އުސްތަނެއްވެސް އޮންނަ ވާހަކަ އަޅުގަނޑުއޮތީ އަހާފައި. ތަންކޮޅެއް ކުރީޒަމާނުގެ މީހުން ހަދާފައިވާ ބައެއް އިމާރާތްތަކުގެ ބިންގާ ނުވަތަ ތަރަޙަ އެތަނުން ފެނިފައިވޭ. މިކަމަކީ އިތުރަށް ބަލައި ތަޙްޤީޤުކޮށް ދިރާސާކުރަން ޖެހިފައިވާ ކަމެއް. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަންޖެހޭނެ ވާހަކަ ދަންނަވާލަން.

އާދެ! އަޅުގަނޑު ރާއްޖޭގެ އަތޮޅުތަކަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ، ރައްޔިތުންގެ ހާލުއަހުވާލު ބަލާލުން. ރައްޔިތުން ދިރިއުޅުމަށް ކުރައްވާ މަސައްކަތާއި، އެ މަސައްކަތުގައި ކުރިއަށްދާ މިންވަރާއި، އެ މަސައްކަތަށް އެޅިފައިވާ ހުރަސްތަކާއި، މިކަންތައްތައް ބަލާލައި ކަންތައްތައް ފަސޭހަކޮށްދީ، ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދްމަތުގެ ދާއިރާ ފުޅާކޮށް ފެންވަރުމަތިކޮށް އަދި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢްލޫމާތު ހޯދުން.

މިގޮތުން އެނގިވަޑައިގަންނަވާނެފަދައިން ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމުގެ ޕްރޮގްރާމުގެ ދަށުން 1979 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ވަނީ ކޮށްފައި. އޭގެ ބައެއް ކަންތައްތައް މިރަށުންވެސް ފެންނަން އެބަހުރި. އޭގެ އެއްމިސާލަކީ މި ސްކޫލް. ކުމުންދޫ ސްކޫލަކީވެސް، ރަށުގެ ތަރައްޤީގައި ކުރެވިފައިވާ ވަރަށްބޮޑު މަސައްކަތެއް. އަދި ރަށުގައި ހުރި ބައެއް އެހެން ތަންތަން އެއީވެސް، އަޅުގަނޑު މިދެންނެވި ބަހުގެ ހެއްކަކަށް ފުދޭ.

ކުމުންދުއަށް މިހާރު ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ލަފާފުރުމުގެ ދަތިކަން. އަޅުގަނޑު މިއައި އައުމުގައި އެކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް ވަޒަންކުރެވިއްޖެ. މިރަށަށް ފައިބާން ޖެހުނީވެސް ވަރަށް އުނދަގޫ ގޮތަކަށް. އަދި ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އެވާހަކަ ވިދާޅުވެއްޖެ. ކުމުންދޫ ރައްޔިތުން އަތޮޅުވެރިންނާ ބައްދަލުކުރައްވާ ކޮންމެފަހަރަކު އެވާހަކަ ވިދާޅުވާ ވާހަކަ. އެނގިވަޑައިގަންނަވާނެ ފަދައިން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށުގެ އެދަތިކަން ފިލުވާލަދެވޭތޯ ސަރުކާރުން މަޝްރޫޢެއް ރާވައިގެން މިދަނީ ހިންގަމުން. ދަންނަވާލަން އޮތް އުފާވެރި ޚަބަރަކީ، އިރާދަކުރެއްވިއްޔާ އެ މަސައްކަތުގެ ތެރެއިން، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، މިއަހަރު ފަހުކޮޅު މިރަށުގައި އެ މަސައްކަތް ކުރަން ފެށޭނެ ވާހަކަ.

އާދެ! ލަފާފުރުމުގެ ދަތިކަމަކީ، ޙަޤީޤަތުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ދަތިކަމެއް. އެ ހުރިހާ ކަމެއް އެއްފަހަރަކާ ނުކުރެވޭނެ. ކޮންމެ އަހަރަކުވެސް ބަޖެޓުގައި ފައިސާ ހުރިވަރަކަށް ބަލާފައި، އަދި އަޅުގަނޑުމެންގެ ވަސީލަތް ތަންދިން މިންވަރަކުން އެކި ރަށްރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް ނުވަތަ ބަނދަރު ހަދައިދިނުމުގެ މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، މިކަމަށް ވަގުތުކޮޅެއް ހޭދަވާނެކަން ތިޔަބޭފުޅުންވެސް ވަޒަންކުރައްވާނެކަމަށް އަޅުގަނޑުދެކެން. އެހެންނަމަވެސް، އަޅުގަނޑު ދެންމެ މިދެންނެވި ފަދައިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވި ކަމާބެހޭ ހޯދުންތައް ހޯދައި، އަދި ފަޅު ފުންކުރުމުގެ ޚަރަދު މިއަހަރުގެ ބަޖެޓުގައި ހިމެނިގެން މިކަން މިއޮތީ ފެށޭގޮތަށް ހަމަޖެހިފައި. އަޅުގަނޑު މިރަށަށް އައިސް މިރަށަށް ފޭބުމާއެކުގައި ބައެއް އަމިއްލަ މީހުން، އަޅުގަނޑުގާތުގައި ދެއްކި ވާހަކައިގެ ތެރޭގައިވެސް، މިކަމަކީ ވަރަށް މުހިންމު ގޮތެއްގައި އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމެއް.

އާދެ! ސަރުކާރުން މިރަށުގެ ތަރައްޤީއަށް، އަދި ރައްޔިތުންގެ ލުއިފަސޭހައަށް ކަންތައްތައް ކުރަމުންގެންދާއިރު، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާނެ. އެއީ ކިތަންމެ މުހިންމު މަޝްރޫޢަކަށްވިޔަސް އަދި ކިތަންމެ އާދައިގެ މަޝްރޫޢަކަށްވިޔަސް އެކަން ކާމިޔާބު ކުރެވޭނީ ރައްޔިތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވައިގެންކަމަށްވާތީ. މިކަމަކީ، ކުމުންދޫ ރައްޔިތުންވެސް ގަބޫލުކުރައްވާނެ ކަމެއްކަމަށް އަޅުގަނޑު ދެކެން. ސަރުކާރުން އެކިއަތޮޅުތަކުގައި ތަފާތު ބޮޑެތި މަސައްކަތްތައް ހިންގަމުން އެބަގެންދޭ. ތަފާތު މަޝްރޫޢުތައް ރާވައި އެ މަޝްރޫޢުތައް ހިންގަމުން އެބަގެންދޭ. މިއިން ކޮންމެ މަސައްކަތެއްވެސް، ކޮންމެ މަޝްރޫޢެއްވެސް، ކާމިޔާބުވަނީ ރައްޔިތުންގެ ރުހުމާއި، ތާއީދާއި، އެއްބާރުލެއްވުން ސަރުކާރަށް ލިބިގެން. އެހެންވީމާ، ކުމުންދޫ ރައްޔިތުންވެސް އެކަމަށް ވަރަށްބޮޑަށް ވިސްނާވަޑައިގެން ކުރިއަށްއޮތްތާނގައިވެސް ސަރުކާރާ އެއްބާރުލައްވައިގެން ކަންތައްތައް ކުރައްވަމުން ގެންދެވުމަކީ، މިރަށުގެ ތަރައްޤީއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑުދެކެން.

ހަމައެއާއެކު ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެކަމަށް އަޅުގަނޑު ދެކެން. އާދެ! ކޮންމެ ގައުމެއްގައިވެސް ޤާނޫނުތަކާއި ގަވާއިދުތަކެއް ހެދިފައި ހުންނަނީ އެ ޤައުމެއްގެ ރައްޔިތުންގެ ރައްކަލަށްޓަކައި، އެޤައުމެއްގެ ރައްޔިތުންގެ ސަލާމަތަށްޓަކައި، އެމީހުންގެ ހިމާޔަތަށްޓަކައި. އަދި އެންމެންނަށް ކުރިއަށް ދިޔުމުގެ ފުރުސަތުތައް ހަމަހަމަވާނެ ގޮތެއް ހަދައިދިނުމަށްޓަކައި.

އެހެންވީމާ، ކޮންމެ މީހަކުވެސް ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތަން އެބަޖެހޭ. އަދި ރަށެއްގެ ރައްޔިތުންވެސް އެކަން ކުރައްވަންޖެހޭނީ އެހެން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ނުވަތަ ބަޔަކު އަދި އެއްވެސް ފަރާތެއްގެ ހެއްލުމަކަށް ނަމަވެސް، ނުފޫޒަކަށް ނަމަވެސް، ގަވާއިދާ ޚިލާފު ކަންތައްތައް ކުރުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން. އެއިން އެއްވެސް ހާލެއްގައި ރަނގަޅު ފައިދާއެއް ނުކުރާނެ. ވަންޏާ ވާނީ ގެއްލުން. މިވާހަކަ މާ ދިގުކޮށް ނުދެންނެވިޔަސް އަޅުގަނޑު މިދަންނަވާ ވާހަކަ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް ހީކުރަން. އަދި ކުރިޔަށްއޮތްތާނގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ލިބެމުންދާނެކަމަށް ޔަޤީންކުރާ ވާހަކަވެސް ދަންނަވާލަން.

އާދެ! ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު ޒުވާނުންގެ ޙިއްޞާއަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑު މިރަށަށް އައިސް މީހުންނާ ސަލާންކުރަމުން ދިޔައިރު މިރަށުގެ ޒުވާނަކު އަޅުގަނޑުގާތު ބުނި ޒުވާނުން ބައްދަލުކޮށްލަން ބޭނުމޭ. އާދެ! އަޅުގަނޑަށް އެނގޭ ޒުވާނުންގެ ކުރިއެރުމާއި، އަދި އެމީހުންގެ ތަޢްލީމާއި، އެމީހުން ބޭނުންވާ ކަންތައްތަކަށް ސަރުކާރުން ފުރުޞަތު ދޭންވާނެކަން. އެކަން މިގެންދަނީ ކުރަމުން. ތަޢްލީމީގޮތުން ދަންނަވަންޏާ ހަމަ ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ ފެންވަރެއްގެ މަދަރުސާއެއް ނުވަތަ ސްކޫލެއް ހިންގޭތޯ މިދަނީ ބަލަމުން. އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެން ތަރައްޤީވަމުންދާއިރު އެމަދަރުސާތައްވެސް ހުންނަނީ ކުދިވެފައި. އަދި ޖާގަވެސް އޮންނަނީ ކުޑަވެފައި. މިރަށުގެ މި މަދަރުސާއަށްވެސް އެ މައްސަލަ ކުރިމަތިވެފައިވާކަމަށް ދެންމެ އަތޮޅުވެރިން އެ ވިދާޅުވީ. އެއީ ހަމަވާނެގޮތް. އެހެންނަމަވެސް، އަޅުގަނޑުމެންޖެހޭނީ އެކަންތައް އަނެއްކާވެސް ބަލައި، ކުރިއަށް އޮތްތާނގައި ކޮންކަހަލަ އިތުރު ފުރުސަތުތަކެއްތޯ ތަނަވަސްކަމެއްތޯ ހޯދައިދެވޭނީ ބަލަން. ކުޑަކޮށް ފަށާކަމެއްވެސް އަޅުގަނޑުމެން ފަހުން އެބަޖެހޭ ބޮޑުކުރަން. މީހުންވެސް ދަނީ އިތުރުވަމުން. އަދި މީހުންގެ ދިރިއުޅުމުގެ ފެންވަރުވެސް ދަނީ މަތިވަމުން.

އެހެންވީމާ، ވަކިވަރަކަށް ކަމެއްކޮށްފައި އެހިސާބުން ނިންމާލައިގެން ފަރުޖެހޭކަށްނޯވޭ. އެތައް އަހަރެއްގެފަހުން ޖެހެނީ އެ ކުރިކަންތައް އަލުން ކުރަން. ނުވަތަ އެއަށްވުރެ ބޮޑުކޮށް އެއަށްވުރެ ރަނގަޅަށް ކުރަން. މިއީ ތަރައްޤީވަމުންދާ ޤައުމަކަށް ކުރިމަތިވާނެ މައްސަލަތަކެއް. އެ މައްސަލަތައް އަޅުގަނޑުމެންނަށްވެސް ކުރިމަތިވަމުން މިދަނީ. އެހެންވީމާ، ސްކޫލް ބޮޑުކުރުމާއި، އަދި ޒުވާނުން ބޭނުންވާ އެހެން ކަންތައްތަކަށް މަގުފަހިކޮށްދިނުމާ އެކަންތައްތައްވެސް ސަރުކާރުން ކުރަމުންގެންދާނެ. ޒުވާނުން ބޭނުންވާނެ ކުޅިވަރު ކުޅޭ ދަނޑުތަކެއް އޮންނަން. ކުޅިވަރުގެ ވަސީލަތްތައް ހަމަޖެހިފައި ހުންނަން. އަދި އެނޫން ގޮތްގޮތުންވެސް އެމީހުންނަށް ކުރިޔަށް ދެވޭނެ، އެމީހުންގެ ޙަރަކާތްތެރިކަން އިތުރުކުރެވޭނެ ގޮތްތައް ސަރުކާރުން ހޯދައިދޭން. އެހެންވީމާ، ސަރުކާރުން އެކަމާބެހޭ ވުޒާރާއެއްވެސް މިވަނީ އުފައްދާފައި. އެއީ ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާ. އެ ވުޒާރާގެ ފަރާތުން ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް އެކަހަލަ ކަންތައްތައް ކޮށްދެއްވަމުން އެބަގެންދަވާ.

އެހެންވީމާ، އެއީ އަޅުގަނޑުމެން މިއަދު ވިސްނަންވެއްޖެ ކަމެއް ކަމުގައި އަޅުގަނޑު މިދަންނަވަނީ، ޒުވާނުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަން ތިބި ބަޔަކަށްވާތީ. އެމީހުން އެބަޖެހޭ ތަޢްލީމީ ބަޔަކަށްވާން. ހޭލުންތެރި ބަޔަކަށްވާން. ޤައުމަށް ވަފާތެރި ބަޔަކަށްވާން. ދީނަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށްވާން. އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަން ދަމަހައްޓާ ބަޔަކަށްވާން. އަޅުގަނޑުމެންގެ ޘަޤާފަތަށް ރައްކާތެރިވާ ބަޔަކަށްވާން. މި ހުރިހާ ކަންކަމަކަށް ޒުވާނުން ހޭލުންތެރިވެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގައި އެމީހުންގެ އަމިއްލަ ވިސްނުމާއި، އަމިއްލަ ޙަރަކާތްތަކަށް މަގުފަހިވެގެން ހިނގައްޖެނަމަ، އަޅުގަނޑު ހިތުން ޒުވާނުންގެ ޙިއްޞާ، ވަރަށް އެކަށީގެންވާގޮތެއްގައި ޤައުމަށް ލިބެމުންދާނެ.

އާދެ! ކޮންމެ މީހަކުވެސް ބޭނުންވާނީ ޤައުމުގެ ހުރިހާ ރައްޔިތުންނަކީވެސް ވަރަށް އެކުވެރި، ރަޙްމަތްތެރި، އަދި އޯގާވެރި، އަދި ކަންކަމުގައި ޒިންމާދާރުވާ ބަޔަކަށްވާން. ޤައުމެއް ކުރިއަށްދާއިރު މިކަންކަން މިގޮތަށް ހަމަޖެހިފައި އޮތުމަކީ، ވަރަށް މުހިންމުކަމެއް. އެހެންވީމާ، މިރަށުގެ ޒުވާނުންނަށްވެސް، އަދި އެހެން ރަށްރަށުގެ ޒުވާނުންނަށްވެސް، އަޅުގަނޑުގެ އިޚްލާޞްތެރި ނަސޭހަތަކީ، ތިޔަ ޒުވާނުންގެ ލޭގެ ހޫނުކަމާއި ޙަރަކާތްތެރިކަން، ޤައުމުގެ ފައިދާއަށްޓަކައި ހޭދަކުރާށޭ. ރަށުގެ ފައިދާއަށްޓަކައި ހޭދަކުރާށޭ. ރަށުގެ ފައިދާއަށާއި ޤައުމުގެ ފައިދާއަށް ތިޔަ ހުރިހާ ޒުވާނުން މަސައްކަތްކުރާށޭ. ރަނގަޅު ތަޢްލީމެއް ލިބިގަންނާށޭ. ރަނގަޅު އަޚްލާޤެއް ލިބިގަންނާށޭ. ތިޔަ ޒުވާނުންނަކީ ދީނަށް ޙުރުމަތްތެރިކޮށް ހިތާ، ޤައުމަށް ވަފާތެރިބަޔަކަށްވާށޭ. އަދި ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި މަޞްލަޙަތު ގާއިމުކުރާ ބަޔަކަށްވާށޭ. އަދި ހުރިހާ ނުބައި އާދަތަކުން ދުރުހެލިވެގެންވާ ބަޔަކަށްވާށޭ. މިސާލަކަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، އަދި އެއަށްވުރެވެސް ބޮޑުނުރައްކަލެއް ކަމުގައިވާ މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެ ތިބުމާއި، އަދި އަޅުގަނޑުމެންގެ ދީން ހުއްދަ ނުކުރާ، އަޅުގަނޑުމެންގެ ޘަޤާފަތު ހުއްދަ ނުކުރާ އެނޫންވެސް ކަންތައްތަކުން ދުރުހެލިވެ، އެއްކިބާވެ، ޞިއްޙަތު ރަނގަޅު، ޒިންމާދާރު، މަސްއޫލިއްޔަތު އުފުލާ ޒުވާނުންގެގޮތުގައިވާށޭ. މިގޮތަށް އަޅުގަނޑުމެން ކަންތައްތައް ކޮށްފިއްޔާ ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ފައިދާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެނިގެންދާނެ.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް، ކުމުންދޫ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ކުމުންދުއަށާއި ދިވެހިރާއްޖެއަށް، اللّه سبحانه وتعالى ގެ މިންވަރުފުޅުން ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ތައުފީޤުދެއްވުންއެދި އަޅުގަނޑު دعاء ކުރަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.