بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين

އަޅުގަނޑު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިއަދު ކުރަން މިފެށި ދަތުރުގައި، ދެވަނައަށް އަޅުގަނޑަށް މިއާދެވުނީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް، އާދެ! ނޮޅިވަރަމަށް. ނޮޅިވަރަމަށް އައުމުން، ނޮޅިވަރަމުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށްވެސް ހޫނު ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ތިޔަ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! ދެންމެ އަތޮޅުވެރިން އަލްފާޟިލް މުޙަންމަދުދީދީ، އެ ވިދާޅުވި ފަދައިން ބަނދަރުން ފެށިގެން މިހާ ހިސާބަށް އަންނަންދެންވެސް ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ، މަރްޙަބާގެ ޝުޢޫރުތަކާއި އަދި އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތައް. އާދެ! އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ރައްޔިތުންނަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މިރަށުގެ މިހާގިނަ އަދަދެއްގެ ބަޔަކު މިހޫނުދުވަހު، މިހޫނު ވަގުތުގައި، އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބެވީތީ، ވަރަށް ބޮޑަށް އުފާކޮށް، އެއީ ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަން ހާމަކޮށްދޭ ކަމަކަށްވާތީ، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އާދެ! މިއީ، ނޮޅިވަރަމަށް އަޅުގަނޑު ކުރާ ތިންވަނަ ދަތުރު. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ އެންމެ ފުރަތަމަ 1978 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވުމަށްފަހު، އުތުރަށް ކުރި ދަތުރަކީ، ޖެހިގެން އައި އަހަރު، އާދެ! 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މާޗް މަހުގެ މެދެއްހާ ހިސާބަށް ކުރި ދަތުރެއް. އެދަތުރުގައި، ހއ. އަތޮޅާއި ހދ. އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް، އަޅުގަނޑު ޒިޔާރަތް ކުރިން. އޭގެތެރޭގައި، ނޮޅިވަރަމަށް އަޅުގަނޑަށް އާދެވިފައި މިވަނީ، 1979 ވަނަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު. އެހެންވީމާ، މީގެ 28 އަހަރު ކުރިން، މިފަދަ މާޗް މަހެއްގައި. އާދެ! މިއަދަކީ މާޗް މަހުގެ 12 ވަނަ ދުވަސް. އެހެންވީމާ، މީގެ 28 އަހަރާއި 3 ދުވަސް ކުރިން. އޭގެފަހުން 1999 ވަނަ އަހަރުވެސް އަޅުގަނޑު މިރަށަށް ޒިޔާރަތެއް ކުރިން. މިރަށުގެ ވަރަށްގިނަ ތަންތަން ބަލާލައި، ބައެއް މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމުގެ އުފާ، އެދުވަހު އަޅުގަނޑަށް ލިބުނު.

އަޅުގަނޑަށް އޭރުވެސް އަދި މިހާރުވެސް އެނގިފައިވާ އެއްޗަކީ، ނޮޅިވަރަމަކީ މަސައްކަތްތެރި ރައްޔިތަކު ދިރިއުޅޭ ރަށެއްކަން. މިރަށުގެ ރައްޔިތުން ދިރިއުޅުއްވުމަށް ކުރައްވާ އެންމެބޮޑު މަސައްކަތަކީ، ބިލެތުގެ މަސައްކަތް. އަދި ކޮންމެވެސްވަރަކަށް ފަތްކޭލުގެ މަސައްކަތް.

ޝައްކެއްނެތް! މިފަދަ ބިންބޮޑު އަދި ފަސްގަނޑު މޮޅު ރަށެއްގައި ކުރެވެން އޮންނާނެ އެންމެމޮޅު މަސައްކަތަކީވެސް ގަސް ހެއްދުމާއި، ދަނޑުގޮވާން ކުރުން. އެހެންވީމާ، މިގޮތުން މިރަށުގެ ރައްޔިތުން، އެކުރައްވާ މަސައްކަތުން ރަށުގެ ރައްޔިތުންނަށް އިތުރު އާމްދަނީ ލިބި، ރަށުގެ ތަރައްޤީއަށް މަގުފަހިވެގެންދާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވާލަން.

އާދެ! ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި، މިރަށުގައި މިހާރު ހިނގާ ވަރަށް މުހިންމު މަސައްކަތެއްގެ ވާހަކަ ވިދާޅުވެއްޖެ. އެއީ ބަނދަރު ހެދުމުގެ މަސައްކަތް. އެމަސައްކަތް މިވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައި. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް. އެހެން ނަމަވެސް، އޭނަ ދެންމެ ވިދާޅުވިފަދައިން، ބަނދަރު އަދި ހެދުނަކަސް، އޭގެ އެންމެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ނުލިބި ދިޔުމަކީ، އެކަށީގެންވާ ކަމެއް ކަމަށް، މިރަށުގެ ރައްޔިތުން ދެކެވަޑައިގަންނަވާ. އެއީ، ނެރުމަތި އޮތްގޮތުން. އެކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގެ ބޭފުޅުން މިރަށަށް މިހާރު ވަޑައިގެން، އެތަން ބައްލަވައި، ކޮންމެވެސް ކަހަލަ ހުށަހެޅުންތަކެއް ހުށަހެޅުއްވުމަށް، އެބޭފުޅުން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނީ. އިރާދަކުރެއްވިއްޔާ އެމަސައްކަތް ނިމޭއިރު، މިރަށުގެ ރައްޔިތުން ބޭނުންފުޅުވާ ގޮތަށް، ނެރުގެ ކަންތައްތައްވެސް ހަމަޖެހިގެންދާނެ.

އާދެ! މިރަށުގެ ރައްޔިތުންނަކީ، ވަރަށް އެކުވެރި ބަޔެއް. އެކަން މިއަދުވެސް އަޅުގަނޑަށް ފެނިގެން ހިނގައްޖެ. އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވުމާއެކު، މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެއްބާރުލައްވައިގެން، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އަޅުގަނޑަށް އެނގޭ. އަދި އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާއަކުން އެތަން ފެންނަންވެސް އެހެރީ. މިރަށުގެ ބަނދަރުން މިހިސާބަށް އައިއިރު، މަގުގެ ދެފަރާތުގައި ދިވެހިދިދަ ވަރަށް ރީތި ގޮތަކަށް ކައްތިރި ކުރައްވާފައި ޖައްސަވާފައި ހުރި. އަދި ރަށުތެރެ ޒީނަތްތެރި ކުރެއްވުމަށް، އެނޫންވެސް ވަރަށްގިނަ ކަންތައްތައް ކުރައްވާފައި އެބަހުރި. އަޅުގަނޑުމެންގެ ޤައުމީ ދިދަ ވިހުރުވި ވިހުރުވި އެހުންނަނީ ފަޚުރުވެރިކަމާ އެކީގައި. ހޯލްތެރޭގައިވެސް، ހޯލުން ބޭރުގައިވެސް.

މިބާވަތުގެ ވަރަށްގިނަ ކަންތައްތައް، މިރަށުގެ ރައްޔިތުން ކުރައްވާފައި އެބަހުރި. އެއިން ދައްކަނީ، މިކަންކަމުގައި ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލެއްވުން އޮތް މިންވަރު. އަޅުގަނޑު އެއްވެސް ރަށަކަށް ޒިޔާރަތްކުރާތީ، އެރަށެއްގެ ރައްޔިތުން މިކަހަލަ ބޮޑެތި ކަންތައްތައް ކުރެއްވުމަކީ، އަޅުގަނޑު އެދޭ ކަމެއް ނޫން. އަޅުގަނޑު އަބަދުވެސް އެދެނީ، ރައްޔިތުން، އެމީހުންގެ ދިރިއުޅުން ތަރައްޤީ ކުރުމަށް، އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އަބަދުވެސް މަޝްޣޫލުވެތިބުން. އެހެން ނަމަވެސް، މިބާވަތުގެ ކަންތައްތައް ރައްޔިތުން މިކުރައްވަނީ، ރައްޔިތުންގެ ހިތްތަކުގައި، ސަރުކާރާ ދޭތެރޭގައި އޮތް އިޚްލާޞްތެރި ޝުޢޫރު ފާޅުކުރެއްވުމަށްޓަކައިކަން އަޅުގަނޑަށް ގަބޫލު ކުރެވޭތީ، އަޅުގަނޑު އެގޮތުގައި އެކަން ބަލައިގަންނަމުން މިގެންދަނީ.

އާދެ! ރަށުގެ ތަރައްޤީއަށް އެކިއެކި މަސައްކަތް ކުރެވެމުންދާއިރު، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލުމަކީ، އަޅުގަނޑު އިތުރަށް ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް.

އާދެ! އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ބައެއް ކަންތައްތަކުގައި މިރަށުގެ ދެއަވަށުގެ ދޭތެރޭގައި ހިސާބަކަށް ވާދަވެރިކަމެއް އޮވޭ. އަޅުގަނޑުމެން ބޭނުންނުވާ ގޮތްގޮތަށްވެސް ބައެއްފަހަރަށް ބައެއް ކަންތައްތައްދޭ. އެއީ، އަޅުގަނޑު ހިތުން މިހާރު ދެން އަޅުގަނޑުމެން އެއްގޮތަކަށްވެސް ސަމާލުކަންދޭންވީ ކަމެއް ނޫން. މިދެންނެވީ ކޮންމެ އަވަށަކަށް މީހަކު ނިސްބަތްވިޔަސް، އެމީހަކީ، ހަމަ ނޮޅިވަރަމުގެ ރައްޔިތެއް. އެއީ، އުތުރު އަވަށް ކަމަށްވިޔަސް، ދެކުނު އަވަށް ކަމަށްވިޔަސް، ރައްޔިތުންނަކީ ނޮޅިވަރަމުގެ ރައްޔިތުން. މުސްލިމުން. އެހެންވީމާ، މުސްލިމުންގެ މެދުގައި އަދި އެއްރަށެއްގެ ރައްޔިތުންގެ މެދުގައި ހުރިހާ ކަމެއްގައިވެސް އޮންނަންޖެހޭނީ، އެކުވެރިކަމާއި އެއްބާރުލުން. އެއްބަނޑުއެއްބަފާކަން. އެނޫން ގޮތަކަށް އެކަން އޮވެއްޖެނަމަ، އޭގެ ހިތި ނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުންދާނެ. އަދި އަޅުގަނޑުމެން ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ފައިދާވެސް މާއަވަހަކަށް ނުއެއް ފެންނާނެ.

އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، ނޮޅިވަރަމުގެ ރައްޔިތުން، މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން. ދެއަވަށުގެ ދޭތެރޭގައި މިއޮންނަ ވާދަ ކުޑަކުރެއްވުމަށާއި، އެވާދައިގެ ސަބަބުން އެއްވެސްކަހަލަ ދެރައެއް، ނިކަމެތިކަމެއް، ރައްޔިތުންގެ އެކަކަށްވެސް ލިބިގެން ނުދިޔުން. އަދި އެކަން މުޅިން ހަމަޖައްސަވައި، ހުރިހާ ރައްޔިތުންނަކީ، ނޮޅިވަރަމުގެ ރައްޔިތުންގެ ގޮތުގައި ދެކެވަޑައިގަތުން. ހުރިހާ ރައްޔިތުންނަކީ، މުސްލިމުން ކަމުގައި ދެކެވަޑައިގަތުން. ހުރިހާ ރައްޔިތުންނަކީ، ދިވެހިން ކަމުގައި ދެކެވަޑައިގަތުން. ހުރިހާ ރައްޔިތުންނަކީ، ތިލަދުންމަތީ ދެކުނުބުރީ، އާދެ! މިއަތޮޅުގެ ރައްޔިތުން ކަމުގައި ދެކެވަޑައިގަތުން. ހުރިހާ ރައްޔިތުންނަކީ، މިއަތޮޅުގެ ނޮޅިވަރަމުގެ ރައްޔިތުން ކަމުގައި ދެކެވަޑައިގަތުން. އެއަށްވުރެ ބޮޑަކަށް ދެން އެއްވެސް ކަހަލަ ތަފާތުވުމެއް އޮވެގެނެއް ނުއެއްވާނެ.

އެހެންވީމާ، މިކަމަށް ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، މިހާރު ހިސާބަކަށް އެކަހަލަ ކަންތައްތައް ހުންނަ ކަމަށްވަންޏާ، އެކަންތައްތަކުގެ މަތިން ހަނދާންނައްތާލައްވައި، ކުރިއަށް އޮތް ތާނގައި، ދެއަވަށުގެ މީހުންވެސް ގުޅިގެން، ހުރިހާ ކަމެއްގައިވެސް މަސައްކަތް ކުރައްވަމުން ގެންދެވުމަށް، އަޅުގަނޑު ނަސޭހަތްތެރިވެ އިލްތިމާސް ކުރަން.

އާދެ! އަޅުގަނޑުމެންގެ ރާއްޖެ މިއަދު ދެކެމުން މިދަނީ، ތަރައްޤީގެ އާ މަރްޙަލާއެއް. އެއްމަރްޙަލާއަކަށްފަހު، އަނެއް މަރްޙަލާއެއް، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ގިރާކުރަމުން މިގެންދަނީ، ވަރަށް ހިތްހަމަޖެހުމާ އެކީގައި. ވަރަށް ކާމިޔާބާ އެކީގައި. އެކަމަށްޓަކައި، އަޅުގަނޑުމެން އެންމެން اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޝުކުރު ކުރުން ވާޖިބު. އެންމެ ފުރަތަމަ އަޅުގަނޑުމެންނަކީ، މުސްލިމުން ކަމަށްވީތީ. މާތްﷲ، އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ހިދާޔަތު ދެއްކެވީތީ. އަދި އެހިދާޔަތުގެ އަލިމަގުގައި ފައިތިލަ ސާބިތު ކުރުމުގެ ތައުފީޤު، އަޅުގަނޑުމެންނަށް ދެއްވާފައިވާތީ. ރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލައްވާފައިވާތީ. މިކަމަށްޓަކައި އަޅުގަނޑުމެން އަބަދާ އަބަދު اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން ޖެހޭނެ.

ހަމައެޔާއެކީގައި، ތަރައްޤީގެ މަގުގައި ރާއްޖެ ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާތީ، އެކަމަށްޓަކައިވެސް އަޅުގަނޑުމެން މާތްﷲ އަށް ޝުކުރުވެރިވާންޖެހޭނެ. އާދެ! ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިމާރާތް ކުރުމާއި، އަދި ރައްޔިތުން ކުރާ ތަފާތު އެހެން މަސައްކަތްތަކާއި، މިހުރިހާ ކަންތައްތަކެއް ވަރަށް ބާރަށް މިހާރު ކުރިއަށް އެބަދޭ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ތަނަވަސްކަން މިދަނީ، އިރާދަކުރެއްވީތީ، އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް. އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގެ ތަނަވަސްކަންވެސް މިދަނީ މައްޗަށް. މިކަންކަމުގެ މައްޗަށް އަޅުގަނޑުމެން އަބަދުވެސް ވިސްނަންވާނެ. މިއީ، ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ބޮޑެތި ނިޢުމަތްތަކެއްކަން ހަނދާން ކުރަންވާނެ. އެ ނިޢުމަތްތައް ދެމެހެއްޓުމަށްޓަކައި، އެކަލާނގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކޮށް، އެންމެންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުމާއި، ލޯބީގެ ގުޅުން އޮތުމަކީ، ވަރަށް މުހިންމު ކަމެއް.

އާދެ! މިއަދުގެ މިހޫނުގަދަ ވަގުތުގައި، އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށް ގަސްދެއް ނުކުރަން. އަޅުގަނޑު މިއަދު މިރަށަށް އައުމުން، ނޮޅިވަރަމުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފެނިގެން އެދިޔަ އިޚްލާޞްތެރި ޝުޢޫރުތަކާއި، އަދި ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް މުޙަންމަދުދީދީގެ ވާހަކަފުޅުގައިވެސް އަޅުގަނޑަށް ވިދާޅުވި މަރްޙަބާއަށާއި، އަޅުގަނޑާ ބެހޭގޮތުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އޭނާއަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، ހެޔޮބަސްއަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން އަބަދު ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން މިކުރާ ތަރައްޤީގެ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.