ސަރުކާރު މުވައްޒަފުންނަށް، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުމްލަ އެއްބިލިޔަން ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. އަދި 1 ފެބްރުއަރީ 2009ން ފެށިގެން ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ، ހެނދުނު 8.00 ން މެންދުރު 12.00 އަށް އަދި މެންދުރު 1.00 ން ހަވީރު 4.00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަންކަން ހަމަޖެއްސެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢްލާނު ކުރެއްވީ، ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށާއި ރަސްމީ ގަޑިއަށް ގެންނަވާ ބަދަލުގެ ތަފްޞީލު ހާމަކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ މުވައްޒަފުންނަށް އެއް ބިލިޔަން ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް މިދެއްވަނީ، ސަރުކާރުގެ މާލީ ސިޔާސަތާއި އިޤްތިޞާދީ ސިޔާސަތު ވަރަށް ބޮޑަށް ބަދަލުކުރައްވައިގެން ގެންދަވާ ގެންދެވުމެއްގައި ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މީގެކުރީގެ ސަރުކާރުގައި ހުރި ގެއްލުންވާ ވަރަށްގިނަ މުއައްސަސާތައް، މި ސަރުކާރުން ޢާންމު ވިޔަފާރީގެ އުޞޫލަށް މިހާރު ބަދަލުކުރައްވަމުން އެބަ ގެންދަވާ ކަމަށާއި، މިގޮތަށް ގެންދެވީމާ މަހެއްގެ މައްޗަށް ދުއިސައްތަ މިލިޔަން ރުފިޔާގެ ޚަރަދަކީ ވިޔަފާރީގެ އުޞޫލުން ކުރެވޭ ޚަރަދަކަށްވެ، އެ ޚަރަދު ސަރުކާރުގެ ބަޖެޓުން ނުކުރާ ޚަރަދެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްބިލިޔަން ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ސަރުކާރު މުވައްޒަފުންނަށް ފޯރުއްވައިދެއްވޭނީ، ކޯޕަރޭޓް އުޞޫލުން ޕްރަވަޓައިޒް ކުރައްވާ ސަރުކާރުގެ މުއައްސަސާތައް، ޕްރަވަޓައިޒް ކުރުމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ އެއްބާރުލެއްވުން ލިބިގެން، އެމުވައްޒަފުން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވައިގެން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަބަދުގެވެސް އަމާޒަކީ، ސަރުކާރު މުވައްޒަފުންނަށް ވީހާވެސް ރަނގަޅު އެއްޗެއް ދެއްވައިގެން، އެބޭފުޅުންގެ މަސައްކަތް، އެބޭފުޅުން ފުރިހަމައަށް ކުރައްވައިގެން، އޭގެ ސަބަބުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ރައްޔިތުންނަށް ލިބިގެންދިޔުން ކަމުގައި ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސްއެއްގެ އެންމެބޮޑު އެއްބޭނުމަކީ، ސިޔާސަތު ތަންފީޒުކޮށްދެއްވުން ކަމަށާއި، މި ސަރުކާރުގެ މިދިޔަ ފަސްދޮޅަހަކަށް ދުވަހުގެ ތެރޭގައި، ސިވިލް ސަރވިސް ބޭފުޅުންގެ އަދި ސިވިލް ސަރވިސް މުވައްޒަފުންގެ އެހީތެރިކަން ސަރުކާރަށް ލިބިވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1 ފެބްރުއަރީ 2009ން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަވާއިރު، ސިވިލް ސަރވިސްގެ އޮނިގަނޑު ބައްޓަން ކުރައްވާ ގޮތުގެ ތަފްޞީލު، މިއަދުގެ ރަސްމިއްޔާތުގައި ދެއްވީ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފެވެ.

މިރަސްމިއްޔާތުގައި، ސަރުކާރު މުވައްޒަފުންގެ މުސާރައާއި، މުވައްޒަފުން މަސައްކަތްކުރާ ގަޑިއަށް ގެންނަވާ ބަދަލާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.

މިރަސްމިއްޔާތުގައި ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ އިސްބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ސަރުކާރުގެ އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓަރީން ބައިވެރިވެވަޑައިގެންނެވިއެވެ.