بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين

އާދެ! އަޅުގަނޑު މިއަދު މިއައީ އުނގޫފާރުގައި ވަގުތީގޮތުން ދިރިއުޅުއްވާ ކަނދޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށްލުމަށްޓަކައި. އެހެންވީމާ، މިއަދު މިތަނަށް އައިސް، އުނގޫފާރުގައި ދިރިއުޅުއްވާ ކަނދޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު އައުމުން، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކަނދޮޅުދޫ ރައްޔިތުންނަކީ، ވަރަށް މަސައްކަތްތެރި، ވަރަށް ހީވާގި ބަޔެއް. ރަށުގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބަޔެއް. އަދި އެމީހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް އަށަގެންފައިވާ، ވަރަށް އެކުވެރި، ގުޅުންތައް ވަރަށް ރަނގަޅު ބަޔެއް. އަދި ސަރުކާރަށް އަބަދުވެސް ވަރަށް އިޚްލާޞްތެރިކޮށް ތިއްބަވާ ބަޔެއް. އެކަމަށްޓަކައި ކަނދޮޅުދޫ ރައްޔިތުންނަށް، އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! މިވަގުތު ތިޔަ ހުރިހާ ބޭފުޅުން މިތާނގައި ތިޔަ ދިރިއުޅުއްވަނީ ވަގުތީގޮތުން. އެއީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ތިޔަބޭފުޅުންގެ ރަށަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން، މުޅި ރަށް ހަލާކުވެދިޔުމުގެ ސަބަބުން، ރަށުން އެންމެން ފައިބަން ޖެހުމުން. އޭގެތެރެއިން ތިޔަބޭފުޅުން ވަޑައިގެން ތިޔަ ތިއްބެވީ އުނގޫފާރުގައި. އަދި ކަނދޮޅުދޫ ރައްޔިތުންގެ ވަރަށްގިނަ މީހުން ވެއްޖެ އެހެން ރަށްރަށުގައި. ތިޔަބޭފުޅުން މިވަގުތު ތިޔަ ދިރިއުޅުއްވަނީ ވަގުތީ ހިޔާވަހިކަމެއްގައި. ވަގުތީ ހިޔާވަހިކަމަކީ، އޭގެ ޒާތުގައިވެސް ހުރިހާ އަރާމުތަކެއް، ފަސޭހަތަކެއް ލިބެން ހުންނާނެ ތަނެއް ނޫން. އޭގައި ވަރަށްގިނަ ދަތިތަކެއްވެސް ހުންނާނެ. އެހެން ނަމަވެސް، އެދަތިތައް ތިޔަބޭފުޅުން ތަޙައްމުލު ކުރައްވަމުން ތިޔަ ގެންދަވަނީ، ތިޔަބޭފުޅުންނަށް ވަރަށްވެސް ޝުކުރު ޙައްޤުވާފަދަ ގޮތެއްގައި. ތިޔަބޭފުޅުން މިވަގުތު ތިޔައުޅުއްވާ ދަތި ކަންތައްތަކަށް، ތިޔަ ކެތްކުރައްވާ ކެތްކުރެއްވުމަކީ، އިރާދަކުރެއްވިއްޔާ މާތްﷲގެ އަޖުރު އަދި ސަވާބު، ތިޔަބޭފުޅުންނަށް ދެއްވާނެ ކަމެއް.

އާދެ! ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ކަނދޮޅުދޫ ރައްޔިތުންނަށް، ދާއިމީ ހިޔާވަހިކަން ހޯދައިދިނުމަށްޓަކައި. އެގޮތުން، ދުވާފަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ހިނގަމުންއެބަދޭ. އިރާދަކުރެއްވިއްޔާ، ކަނދޮޅުދޫ ހުރިހާ ރައްޔިތުންނަށް، ދުވާފަރަށް ވަޑައިގެން، އެތާނގައި ދާއިމީ ގޮތުން ދިރިއުޅުއްވޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ. 

އިރާދަކުރެއްވިއްޔާ މިއަދު މެންދުރުފަހުން އަޅުގަނޑު ދުވާފަރަށް ދާނަން. ގޮސް އެތާނގައި މިހާރު ހިނގަމުންދާ މަސައްކަތްތައް ބަލާލައި ހަދާނަން. އެތަނަށް އެހީ ދެއްވާ ފަރާތަކީ، އައި.އެފް.އާރު.ސީ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެފަރާތުގެ ދީލަތި އެހީގައި އެތާނގެ އިމާރާތްތައް ކުރެވެމުން މިދަނީ. އެހެންވީމާ، ވަރަށް އަވަހަށް މިކަންކަން ނިމި، އަދި ތިޔަބޭފުޅުންނަށް ދާއިމީ ހިޔާވަހިކަން ލިބިވަޑައިގަތުމަކީ، އަޅުގަނޑުގެ އެންމެބޮޑު، އެންމެ އިޚްލާޞްތެރި އެދުން.

މިހެން ދެންނެވި ނަމަވެސް، ރަށެއް އަލަށް އާބާދުކުރުމަކީ، ވަރަށް ބުރަ ކަމެއް. ރަށުގައި ހުންނަންޖެހޭނީ ހަމައެކަނި ރައްޔިތުން ދިރިއުޅޭ ގެތަކެއް ނޫން. އޭގެއިތުރަށް ރައްޔިތުން ބޭނުންވާ ހުރިހާ ޚިދްމަތްތަކެއްވެސް ލިބެން ހުންނަން ޖެހޭނެ. ރަށުއޮފީހެއް ހުންނަންޖެހޭނެ. މިސްކިތެއް ހުންނަންޖެހޭނެ. ސްކޫލް ހުންނަންޖެހޭނެ. ހެލްތް ސެންޓަރެއް ހުންނަންޖެހޭނެ. އަދި ރައްޔިތުންނަށް ބޭނުންވާ އެނޫންވެސް ތަފާތު ޚިދްމަތްތައް ލިބެން ހުންނަން ޖެހޭނެ. މިހުރިހާ ކަންތައް ކުރުމަށްޓަކައި ވަގުތު ބޭނުންވޭ. ފައިސާ ބޭނުންވޭ. އެހެންވެގެން މިކަމުގައި އަޅުގަނޑުމެންނަށް އަދި މުޅިން ކަންތައްތައް ނިންމާނުލެވިގެން މިއުޅެނީ. ކަނދޮޅުދޫ ރައްޔިތުން މިކަން ގަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

އާދެ! އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މިތަނަށް އަޅުގަނޑު އައުމުން، ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި. އަދި ދުވާފަރުގެ މަސައްކަތް ފެށުނު ދުވަހުވެސް، ތިޔަބޭފުޅުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާގެ މަތިން އަޅުގަނޑު ހަނދާން އެބަހުރި. އެކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. 

މާތް اللّـه ތިޔަ ހުރިހާ ބޭފުޅުންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، ތިޔަބޭފުޅުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވައި، އަވަސް މަގަކުން ތިޔަބޭފުޅުންނަށް ދާއިމީ ހިޔާވަހިކަމާ ހަމައަށް ވަޑައިގަތުމުގެ ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.