بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އުނގޫފާރުގައި ހިނގަމުންދާ ސަރަޙައްދީ ހަސްފަތާލުގެ އާ އިމާރާތެއް، އާދެ! އެއީ ބަލިތައް ތަޙުލީލު ކުރުމުގެ ޚިދްމަތްތައްދޭ އިމާރާތް. އެ އިމާރާތް ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ދެންމެ މިނިސްޓަރ އޮފް ހެލްތްގެ ނާއިބު ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް އެ ވިދާޅުވި ފަދައިން، މިތާނގައި ހިނގަމުންމިދާ ހަސްފަތާލަކީ، މީގެ 23 އަހަރު ކުރިން، އާދެ! 1984 ވަނަ އަހަރު ހުޅުވުނު ހަސްފަތާލެއް. އެތަން ހުޅުވައިދިނުމަށް، މިރަށަށް އައި ހަނދާން އަޅުގަނޑު އެބަހުރި. އެކަމުގެ އުފާ އަޅުގަނޑަށް ވަނީ އޭރު ލިބިފައި.

މި ހަސްފަތާލުގެ ބޭނުންތެރިކަން މިހާރު މިވަނީ ވަރަށްބޮޑުވެފައި. އަޅުގަނޑުމެންގެ އާބާދީ އިތުރުވުމާއި، އަދި ޚިދްމަތަށް ބޭނުންވާ މީހުން އިތުރުވުމާއި، މިކަންކަމާ ގުޅިގެން، އަޅުގަނޑުމެން ރާއްޖޭގައި ހަދާ ޚިދްމަތްދޭ ކޮންމެ މަރްކަޒެއްވެސް ވަނީ ނުފުދިފައި. ކޮންމެ މަރްކަޒެއްވެސް ވަނީ އިތުރަށް ފުޅާކޮށް ބޮޑުކުރަންޖެހިފައި. އެގޮތުން، މި ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިސަރަޙައްދީ ހަސްފަތާލުގެ ކަންތައްތައްވެސް އޮތީ މިހާރު އިތުރަށް ތަރައްޤީ ކުރަން ޖެހިފައި. އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ، ބަލިތައް ތަޙުލީލު ކުރެވޭނެ ގޮތްތައް ހޯދުން. އެހެންވީމާ، މީގެކުރިންވެސް މިތާނގައި ކުރެވެމުންދާ ތަޙުލީލުތަކުގެ އިތުރުން، އެތައް ތަޙުލީލުތަކެއް މިހާރު އިތުރަށް ކުރެވޭގޮތަށް ހަމަޖެހިގެން، އެކަމާބެހޭ ވަސީލަތްތަކާއި، އާލާތްތައް ގެނެވިގެން، މި އިމާރާތް މިއަދު މިހުޅުވެނީ. އަދި ހަމައެޔާއެކީގައި، ވަރަށް ޚާއްޞަ ދެ ޚިދްމަތެއް މިއަދު އަލަށް ތަޢާރުފު ކުރެވޭ ކަމަށް އަޅުގަނޑަށް އެނގިފައިވޭ. އޭގެތެރެއިން އެއްޚިދްމަތަކީ، ދަތާބެހޭ ފަރުވާ. މިއީ ފުރަތަމަފަހަރަށް މިތާނގައި ޤާއިމުކުރެވޭ ޚިދްމަތެއް. އަނެއް ޚިދްމަތަކީ ފިޒިއޮތެރަޕީ. މި ދެޚިދްމަތް މިއަދު އަލަށް މި ތަޢާރުފު ކުރެވެނީ، އެއީ މި ދެޚިދްމަތަށް ވަރަށްގިނަ އަދަދެއްގެ މީހުން ބޭނުންވެފައިވާތީ.

އާދެ! ދެންމެ މިނިސްޓަރ އޮފް ހެލްތްގެ ނާއިބުގެ ވާހަކަފުޅުގައި، އެވިދާޅުވި ފަދައިން، ގައިން ގަޔަށް އަރާ ބަލިތައް ރާއްޖޭގައި އިރާދަކުރެއްވީތީ މިހާރު ވަރަށްމަދު. އެއީ، އޭނަ އެވިދާޅުވިހެން، ކަމާބެހޭ ވެކްސިންތައް ދިނުމާއި، އަދި އޭގެއިތުރުން، ބަލިވެއްޖެނަމަ ފަރުވާކުރުމަށް ހަމަޖެހިފައިވާ އިންތިޒާމުތައް ކުރިއަށްވުރެ ފުރިހަމަވުމާއި، ރާއްޖޭގައި ޚިދްމަތް ކުރައްވާ ޑަކްޓަރުންނާއި ނަރުހުންނާއި، އަދި އެކިއެކި ތަޙުލީލު ކުރައްވާ ބޭފުޅުންނާއި، މިދާއިރާގައި ޚިދްމަތް ކުރައްވާ ބޭފުޅުން، އެތައް ގުނައަށް އިތުރުވުމާއި، މިކަންކަމުގެ ސަބަބުން. 

ގައިންގަޔަށްއަރާ ބަލިތައް މަދުކުރެވުނަސް، އޭނާ އެ ވިދާޅުވި ފަދައިން، ގައިން ގަޔަށް ނާރާ ބައެއް ބަލިބަލި މިހާރުދަނީ ރާއްޖޭގައި އިތުރުވަމުން. އެއީ، ތަރައްޤީވެފައިވާ ޤައުމުތަކުގައި ފެންނަ ކަމެއް. ހިތުގެ ބަލިތައް، ލޭމައްޗަށް ދިޔުން، ހަކުރުބަލި، އަދި ވާގިނެތޭ ބަލި. މިކަހަލަ ބަލިތައް އިތުރުވަމުން މިދަނީ، ދިރިއުޅުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން. މިއީ، މީހުން މާބުރަކޮށް އެއްވެސް އަރާމެއްނެތި، އަދި ކަސްރަތެއްނެތި އުޅެންޖެހުމުގެ ސަބަބުން ޖެހޭ ބަލިތަކެއް ކަމަށްވަނީ.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަންކަމަށް ސަމާލުވާން. އަޅުގަނޑުމެންގެ ރާއްޖެވެސް ތަރައްޤީގެ މަގުގައި ކުރިއަށްދާ ދިޔުމުގައި، މިހާރު މިބަލިތައް ކުރިއަށްވުރެ އިތުރަށް ފެންނަމުންދާކަމީ، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އެހެންނަމަވެސް، އެކަމަށްވެސް އެޅެންހުރި ފިޔަވަޅުތަކެއް ހުންނާނެ. ދުރާލާ ވިސްނައިގެން، ކޮންމެ މީހަކުވެސް، އެމީހެއްގެ ބައްޔަށް ފަރުވާ ހޯދުމަށް ނުވަތަ އެމީހަކަށް އެދިމާވާ އުނދަގޫތަކާ ގުޅިގެން ޑަކްޓަރަށް ދައްކައި، އަވަހަށް ފަރުވާ ހޯދުމަކީ، މިކަމުގައި އޮތް އެންމެ ރަނގަޅު މަގު. .

ޚާއްޞަކޮށް، އުމުރުން ދުވަސްވަމުންދާ ދިޔުމުގައި، މިކަހަލަ ބަލިތަކަށް ވަރަށް ފަސޭހައިން ފުރުޞަތު ލިބޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެކަމަށް ވިސްނައިގެން، ގިނަގިނައިން މިކަމުގެ ޚިދްމަތް ހޯދުމަށް މަސައްކަތް ކުރުމަކީ، އަދި ކިތަންމެ ކުޑަ އުނދަގުލެއް އިޙްސާސްވިޔަސް، އެކަމާ ގުޅިގެން ޑަކްޓަރެއްގެ މަޝްވަރާ ހޯދައިގަތުމަށް އަވަސްވުމަކީ، ވަރަށް މުހިންމު ކަމެއް.

އާދެ! މީގެއިތުރުން، އަޅުގަނޑުމެންގެ ރާއްޖޭގައި، މިހާރަކަށްއައިސް ބައެއް އެހެންކަހަލަ ބަލިބަލިވެސް ވަރަށް ބާރަށް ފެތުރެމުންދޭ. އޭގެތެރެއިން ދެބައްޔެއްގެ ވާހަކަ ދަންނަވާލާނަން. އެއްބައްޔަކީ ޑެންގޫ. އަނެއް ބައްޔަކީ ޗިކުންގުންޔާ. މިދެބަލިވެސް ރާއްޖޭގައި ފަހަކަށްއައިސް ވަރަށް ބާރަށް ވަނީ ފެތުރިގެން ގޮސްފައި. އަދި މިސަރަޙައްދުގައިވެސް އެ ބަލި ވަރަށް ބާރަށް ފެތުރިގެންދިޔަ ކަމަށް މަޢްލޫމާތު ލިބިފައިވޭ. އެހެން ނަމަވެސް، ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، މި ދެބަލިވެސް މިހާރުވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި.
އާދެ! މިއަދު މިހުޅުވޭ ތަޙުލީލުކުރާ މަރްކަޒުގެ ސަބަބުން، މި ހޮސްޕިޓަލުންދޭ ޚިދްމަތްތައް އިތުރަށް ފުޅާވެގެންދާނެކަމާމެދަކު ޝައްކެއްނެތް. އަދި އެކަމުން، މިތަނަށް އިތުރު ދިރުމާއި ކުރިއެރުން ލިބޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އޭގެ ސަބަބުން، މިއަތޮޅުގެ ރައްޔިތުންނަށާއި، މިސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް، އިތުރު ފަސޭހަތައް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެންމެ ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފްގެ ވާހަކަފުޅުގައި، އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި މި ޚިދްމަތް ދޭން ތިބި މީހުންގެ ޢަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ކުރީގައި ރާއްޖޭގައި ތިބީ ވަރަށް މަދު ޑަކްޓަރުންކޮޅެއް. އެހެން ނަމަވެސް، މިހާރު އޭނަ އެވިދާޅުވި ގޮތުން، މާލެއިން ބޭރުގައިވެސް ގާތްގަނޑަކަށް 210 ވަރަކަށް ޑަކްޓަރުން ޚިދްމަތް ކުރަމުންއެބަދޭ. އެހެންވީމާ، އެއީ ވަރަށްބޮޑު ކުރިއެރުމެއް. އަދި ހަމަ އެޔާ އެކަށީގެންވާ އަދަދަކަށް، ނަރުހުންގެ ޢަދަދުވެސް، އަދި އެނޫން ޞިއްޙީ ޚިދްމަތް ދެއްވާ ބޭފުޅުންގެ އަދަދުވެސް މިވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައި. އަދި ރާއްޖޭގެ އެތަން މިތާނގައި، ސަރަޙައްދީ ހަސްފަތާލުތަކާއި، އަތޮޅު ހަސްފަތާލުތަކާއި، ހެލްތް ސެންޓަރުތަކާއި އަދި ހެލްތް ޕޯސްޓްތަކާ، މިކަހަލަ ވަރަށްގިނަ ތަންތަން މިހާރު މިވަނީ އުފެދި، އެތަންތާނގެ ޚިދްމަތް، ދިވެހި ރައްޔިތުންނަށް ލިބިދޭން ފަށާފައި. އެހެންވީމާ، މިދާއިރާ މިއަދު މިވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައި. އަދި އެއަށްވުރެވެސް ބޮޑަށް ފުޅާކުރަންޖެހޭނެކަން އަޅުގަނޑަށްވެސް އެނގޭ.

މިފުރުޞަތުގައި، މި ޚިދްމަތްތައް ރައްޔިތުންނަށް ދެއްވާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އެންމެ ފުރަތަމަ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމް، މިތާނގައި ވަޑައިގެން ނެތުމަކީ، މިއަދުގެ މި ޙަފްލާއަށް ލިބުނު ވަރަށްބޮޑު އުނިކަމެއް. ޞިއްޙީ ދާއިރާ ފުޅާކުރައްވައި ތަރައްޤީ ކުރެއްވުމަށް، އެމަނިކުފާނު އެކުރައްވާ މަސައްކަތްޕުޅުތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު، އެމަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މިނިސްޓަރ އޮފް ހެލްތްގެ ނާއިބު ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފްވެސް ވަރަށް މިންނެތް މަސައްކަތްތަކެއް، މިދާއިރާ ތަރައްޤީ ކުރައްވައި ކުރިއެރުވުމަށް ކުރައްވާތީ، އެމަނިކުފާނަށްވެސް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެޔާއެކީގައި، އެމިނިސްޓްރީގެ އެހެން ވެރިންނާއި މުވައްޒަފުންނާއި އަދި ޞިއްޙީ ޚިދްމަތުގެ ދާއިރާގައި އުޅުއްވާ ޑަކްޓަރުންނާއި، ނަރުހުންނާއި، އެހެން ޚާއްޞަ މީހުން، އަޅުގަނޑުގެ މިޝުކުރުގައި ހިމަނަން.

މީގެއިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް، ރާއްޖޭގެ ޞިއްޙަތާބެހޭ ވުޒާރާ ކުރިން ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށްވެސް އަޅުގަނޑު މިފުރުޞަތުގައި ޝުކުރު ދަންނަވަން.

އާދެ! މިއަދު ހެނދުނު މިޕްރޮގްރާމްގެ އިތުރުންވެސް، ބައެއް ކަންތައްތައް ހަމަޖެހިފައި އޮތުމާ އެކީގައި، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އަޅުގަނޑަށް މިތަނަށް އައިސް، މި އިމާރާތް ހުޅުވައިދިނުމުގެ އުފާ ދެއްވީތީ، މިނިސްޓަރ އޮފް ހެލްތަށް، އަދި މިނިސްޓަރުގެ ނާއިބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދެއްވުން. އަޅުގަނޑުމެންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކޮށްދެއްވައި، ބަލިބަލިން ދިފާޢުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، އަޅުގަނޑުމެންނަށް ތައުފީޤު ދެއްވައި، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮ ޢާފިޔަތުގައި ދިރިއުޅޭ ބަޔަކު ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.