މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ބާއްވަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމަކީ ޚާއްޞަ އިނާމަށް ނަން ހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ބައްދަލުވުމުގެ ބައިވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވާ، އިނާމަށް ކުރިމަތިލުމަށް ހިއްވަރުދެއްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އިނާމަށް ނަން ހުށައެޅުމަށް ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތަކާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ. 

ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުއްވައިލައްވާފައި ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 15ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވުމަށް ކަމާބެހޭ ފޯމު ފޮނުއްވާނީ ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މި ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.