بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! މާޅޮސްމަޑުލު އުތުރުބުރީ ބައެއް ރަށްރަށަށް އަޅުގަނޑު ކުރަން ފަށާފައިމިވާ ދަތުރުގައި ކިނޮޅަހަށް އައުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހަނދުމަފުޅު ހުންނާނެ ފަދައިން، މިހެން ދެންނެވިޔަސް، ހަނދުމަފުޅު ހުންނާނީ ބައެއް ބޭފުޅުންކަން ނޭނގެ. މިރަށަށް އަޅުގަނޑު މީގެކުރިން އައީ، 1983 ވަނަ އަހަރު. އެއީ މީގެ 24 އަހަރު ކުރިން. އޭގެފަހުން މިރަށަށް އައުމުގެ އުފާ، މިއަދު ނޫނީ އަޅުގަނޑަކަށް ލިބިފައެއް ނުވޭ.

އެހެންވީމާ، މިއަދު އަޅުގަނޑަށް މި ލިބުނު އުފަލަކީ ދެގުނައަށް އިތުރުވެގެންދިޔަ އުފަލެއް ކަމުގައި ދަންނަވަން. އަދި މިރަށުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަކީ، ވަރަށް އިޚްލާޞްތެރި ހިތަކައިގެން އަޅުގަނޑު ބަލައިގަންނަ، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމެއް.

މިހާރުގެ ޢިބާރާތުން ދަންނަވަންޏާ، މިރަށަށް މިއާދެވުނީ، ފުދޭވަރެއްގެ ހޫނު ދުވަހެއްގައި. އަދި މިރަށަށް މި ފޭބުނީވެސް ފުދޭވަރެއްގެ ހޫނު ވަގުތެއްގައި. އެހެންނަމަވެސް، މި ހޫނު ތަޙައްމުލު ކުރައްވައި، ތިޔަ ހުރިހާ ބޭފުޅުން ފާލަންދޮށަށް ވަޑައިގެން، އަޅުގަނޑާ ބައްދަލުކުރައްވައި، އަޅުގަނޑާ ސަލާން ކުރެއްވިކަމީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދޭ، ސިފަކޮށްދޭ ކަމެއް. އެހެންކަމުން، ތިޔަބޭފުޅުން އަޅުގަނޑަށް މިއަދު ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ދެންމެ އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ ގެ ވާހަކަފުޅުގައިވެސް، ތިޔަބޭފުޅުންގެ ނަންފުޅުގައި އަޅުގަނޑަށް މަރްޙަބާ ވިދާޅުވީތީ، އޭނާއަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ކިނޮޅަހަކީ މިއަތޮޅުގެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކޭ. އެކަން އެހެން އޮތްނަމަވެސް، ކިނޮޅަހަކީ، ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ރަށެއް. ކިނޮޅަހަކީ ވަރަށް ކުރިއްސުރެ ބޭރުގެ ނައުފަހަރު ޖައްސައި އުޅުނު ރަށެއް. އަދި ބޭރު މީހުން ކުރަހާފައިވާ ޗާޓުތަކުގައިވެސް ފާހަގަކޮށްފައިވާ ރަށެއް. ހަމައެހެންމެ، ޕޯޗްގީޒުން އިންޑިޔާ ކަނޑުގައި ގަދަކޮށްގެން އުޅުނު ޒަމާނުގައި، އެމީހުންގެ ކިބައިން ސަލާމަތްވެގެން ތިބެގެން، މި ސަރަޙައްދުގެ ވިޔަފާރި ހިންގާ ތަނެއްގެ ގޮތުގައިވެސް، ކިނޮޅަސް އޮތީ އޭރު މަޝްހޫރުވެފައި. އަދި އަޅުގަނޑުމެންގެ ތާރީޚު ބުނާގޮތުން، އުތީމު އަލްޚަޠީބު ޢަލިތަކުރުފާނުގެ ދަރިކަނބަލުން މަރިޔަމް ކަބާފާނު ކައިވެނި ބައްލަވައިގެން އުޅުއްވީ، މިރަށުގެ ބޭކަލަކާ. އެހެންވީމާ، މިހުރިހާ ގޮތަކުންވެސް ކިނޮޅަހަކީ، މީސްކޮޅު މަދު ރަށެއް ކަމުގައިވިޔަސް، ދިވެހި ތާރީޚުގައި ލިޔެވިފައިވާ އަދި ފާހަގަކުރެވިފައިވާ ރަށެއްކަން އެބަ އެނގޭ. މިއީ، އަޅުގަނޑު ހިތުން ކިނޮޅަހުގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަޚްރަކާއި އުފަލެއް.

ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު މިކުރާ ދަތުރުގެ ބޭނުމަކީ، ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބަލާލުން. އެމީހުން ދިރިއުޅުމަށް ކުރަނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ. އަދި އެ މަސައްކަތްތައް ކުރުމަށް އެއްވެސްކަހަލަ ހުރަހެއް އެޅިފައިވޭތޯ. ސަރުކާރުން އެމީހުންނަށް ދޭންޖެހޭ ޚިދްމަތް ދެވެމުން ގެންދެވެނީ ކޮން ފެންވަރެއްގައި ކިހިނެއްތޯ. އެ ޚިދްމަތްތައް އިތުރަށް ފުޅާކުރުމަށް، ނުވަތަ އޭގެ ފެންވަރު މަތިކުރުމަށް ކުރަންޖެހެނީ ކޮންކަހަލަ ކަންތައްތަކެއްތޯ، އަދި ތަރައްޤީގެ މަގުގައި ރަށުގެ ރައްޔިތުން ކުރައްވަނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ، މިކަންކަން ބަލައިލުމަށް އަޅުގަނޑު މި ދަތުރުތައް ކުރަމުން މިގެންދަނީ.

އަދި އަޅުގަނޑުގެ އިތުރުން، ސަރުކާރުގެ އެކި މުހިންމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަޒީރުން އަދި ވަޒީރުންގެ ދަށުން މަސައްކަތް ކުރައްވާ ބޭފުޅުން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުންވެސް އެބޭފުޅުންނަށް މިދެންނެވިކަހަލަ ވަރަށްގިނަ މަޢްލޫމާތު ލިބިވަޑައިގަންނަވާނެ. އެހުރިހާ މަޢްލޫމާތު ތަކެއްގެ އަލީގައި އަތޮޅުތައް ތަރައްޤީކުރުމުގެ އެކިއެކި މަސައްކަތްތަކާއި މަޝްރޫޢުތައް ސަރުކާރުން ރާވައިގެން ހިންގަމުން މިގެންދަނީ. އެހެންވީމާ، މިކުރާ ދަތުރުތަކަކީ، އަޅުގަނޑަށް ވަރަށް ބޭނުންތެރި ދަތުރުތަކެއް ކަމުގައި ދަންނަވާލަން. އެންމެބޮޑު ބޭނުމަކީ، ރައްޔިތުންނާ ބައްދަލުކޮށްލުން. ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް އަބަދުވެސް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. އެއީ، އެންމެބޮޑު މަޤްޞަދު. ދެވަނަ މަޤްޞަދަކީ، މިދެންނެވީ. ރަށްރަށުގެ ޙާލަތު އޮޅުންފިލުވައި، ސަރުކާރުން އެރަށްރަށަށް ކޮށްދެވޭނީ ކޮންކަހަލަ ކަންކަމެއްތޯ ބަލައި، އެކަންކަން ކުރެވޭނެ ގޮތްތައް ހޯދުން.

އާދެ! މިގޮތުން ދަންނަވާނަމަ، މިރަށުގެ ރައްޔިތުންވެސް އެދިވަޑައިގަންނަވާ ކަންތައްތައް އެބަހުރި. ދެންމެ އަތޮޅުވެރިންގެ ފަރާތްޕުޅުންވެސް އަޅުގަނޑަށް އެ މަޢްލޫމާތު ލިބުނު. އަދި މިރަށުގެ ރަށު އޮފީސް މިވަގުތު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް ޢަބްދުލްޢަޒީޒު އިބްރާހީމުގެ ފަރާތްޕުޅުންވެސް އަޅުގަނޑަށް ވަނީ އެ މަޢްލޫމާތު ލިބިފައި. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ، މިރަށުގެ ބަނދަރުގެ ދަތިކަން. ދެންމެ އަތޮޅުވެރިންވެސް އެ ވިދާޅުވި ފަދައިން، އެއީ، މިރަށަށް އެކަންޏެއް ނޫން. މި އަތޮޅުގެ ވަރަށްގިނަ ރަށްތަކަށް އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދަތިކަމެއް. ތަރައްޤީއަށް ހުރަސްއެޅޭ ވަރަށް ބޮޑު، އުނދަގޫ ދަތި މައްސަލައެއް. އެކަން ޙައްލު ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ބަޖެޓު ތަންދޭގޮތުންނާއި، އަޅުގަނޑުމެންގެ ވަސީލަތްތައް ހުންނަގޮތުން، އެއްފަހަރާ މަސައްކަތް ކުރެވެން އޮންނަނީ މަދު ރަށްތަކެއްގައި. އަދި ކޮންމެ އަހަރަކުވެސް މަސައްކަތް ކުރެވެން އޮންނަނީ، ވަކި އަދަދެއްގެ ރަށްރަށުގައި. އެކަން އެހެން އޮތުމުގެ ސަބަބުން، ކިނޮޅަހުގެ ފަޅު ކޮނުމުގެ މައްސަލަ ނުވަތަ ލަފާފުރުން ދަތިވާ މައްސަލަ ޙައްލުކުރުމަށް ތަންކޮޅެއް ގިނަދުވަސްވަމުން މިދަނީ. އެހެންނަމަވެސް، ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވަން. މިހާރު ހަމަޖެހިފައިވާގޮތުން ކިނޮޅަހުގެ ފަޅު ފުންކުރުމުގެ އަދި ފަޅުގެ ދަތިކަން ޙައްލު ކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ ވާހަކަ.

އާދެ! ދެން ކަތީބު ވިދާޅުވި އަނެއް ވާހަކައަކީ، މިރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދްމަތް ލިބުމުގައި ދަތިވެފައިވާ ކަމެއްގެ ވާހަކަ. އެއީ، ފުދޭވަރަށް އިންޖީނު ނެތުން. ނުވަތަ ހުރި އިންޖީނުތައް ބާވެ ހަލާކުވުން. އެހެންވީމާ، ޖެނެރޭޓަރުގެ އެހީއަކަށްވެސް، ކަތީބު އެދިވަޑައިގެންނެވި. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ކަމާބެހޭ މިނިސްޓްރީގައި ދަންނަވައިގެން، އެކަންވެސް ޙައްލު ކުރެވޭތޯ މަސައްކަތް ކުރާނަން.

އާދެ! މިރަށުގެ ރައްޔިތުންނަކީވެސް ވަރަށް މަސައްކަތްތެރި ބައެއް. ރައްޔިތުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މަސްވެރިކަން، ދަނޑުވެރިކަން، ރާނާ ސިމެންތި ޖެހުން، މިކަހަލަ ކަންތައްތައްވެސް ހިމެނޭ. އެހެންނަމަވެސް، މިހާރަކަށްއައިސް ރައްޔިތުންގެ އެންމެގިނަ ބަޔަކު ކުރާ މަސައްކަތަކީ، ރިޒޯޓުތަކުގެ މަސައްކަތްކަމަށް އަޅުގަނޑަށް ވަނީ އެނގިފައި. އެއީ، ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންގެ ބައެއް މީހުން، މީދުއްޕަރު ރިޒޯޓުގައިވެސް މަސައްކަތް ކުރަމުންގެންދޭ. އަދި އެނޫން އެހެން ރިޒޯޓު ތަކުގައިވެސް މަސައްކަތް ކުރޭ. ވަޒީފާ އަދާކުރޭ. މީގެއިތުރުން، އެތަންތަނަށް ބޭނުންވާ އެކިކަހަލަ މަސައްކަތް ކުރުމުގައި މިރަށުގެ ރައްޔިތުން ބައިވެރިވަމުންދާކަން އަޅުގަނޑަށް އެނގިފައި އެބައޮތް. އެހެންވީމާ، މިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ރައްޔިތުންނަށް ޝުކުރު ދަންނަވަން. އެއީ އަޅުގަނޑުމެން ދިރިއުޅުމަށް މަސައްކަތް ކުރުމަކީ ހަމަކޮންމެހެން ކުރަންޖެހޭނެ ކަމަކަށްވާތީ. ތަރައްޤީގެ މަގުގައި އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ، އަޅުގަނޑުމެން މަސައްކަތްކުރާ މިންވަރަކުން ކަމަށްވާތީ. އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރެވޭނީވެސް، އަޅުގަނޑުމެން މަސައްކަތްކުރާ މިންވަރަކުން ކަމަށްވާތީ. އެހެންވީމާ، މިކަމަށްޓަކައި ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މަސައްކަތްތެރިކަމުގެ ވާހަކަ ދަންނަވާއިރު، ކިނޮޅަހުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ވަރަށް ހީވާގި މަސައްކަތްތެރި ޒުވާނެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ، މިއިންނެވި ޙާމިދު އިސްމާޢީލް. ޙާމިދު އިސްމާޢީލަކީ، ޞިނާޢަތު ކުރިއެރުވުމުގެ ދާއިރާއިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް. އޭނާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރިއާއި، ލޯންޗުފަހަރު ބަނދެ މަރާމާތުކުރުމުގެ މަސައްކަތާއި، އެއަރލައިންގެ ޚިދްމަތް ދެއްވުންވެސް ހިމެނޭ. އަދި އޭގެއިތުރުން އޭނާއަކީ، އިޖްތިމާޢީ ރޮނގުންވެސް ރަށަށް ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އެކަމާ ވަރަށް ބޮޑަށް އުފާކޮށް، އޭނާއަށް ތަހުނިޔާ ދަންނަވަން. އަދި އެފަދަ ޒުވާން މަސައްކަތްތެރިން ރާއްޖޭގައި އިތުރުވަމުން ދިޔުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން.

އާދެ! ކިނޮޅަހުގެ ރައްޔިތުންނަކީ ދީނީ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބައެއްކަން އަޅުގަނޑަށް އެނގޭ. އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. މާތް اللّـه ގެ ދީނަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށް ހިތަންވާނެ. އެ ދީނުގައި އަންގަވާފައިވާގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ! މާތްވެގެންވާ އިސްލާމްދީނަކީ މާތް اللّـه އަޅުގަނޑުމެންނަށް، މުޅި އިންސާނިއްޔަތަށް ދެއްވާފައިވާ އެންމެ އަގުބޮޑު ހަދިޔާ. އެންމެ މާތް، އެންމެ ތަނަވަސް ނިޢްމަތް. އަދި ރަޙްމަތް. އެހެންވީމާ، އެ ނިޢްމަތުގެ ބޭނުން ހެޔޮގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭނެ. މާތް اللّـه އެކަލާނގެ ދީނުގައި އަންގަވާފައިވާ ކަންތައްތައް، އަންގަވާފައިވާ ގޮތުގެމަތިން ކުރުމަށް އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ. އަދި ދީނާ ޚިލާފު އެއްވެސްކަމެއް ނުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި ޢަޒުމް ކަނޑައަޅައި، އެފަދަ އެއްވެސްކަމެއް ނުކުރުންމަތީ ދެމިތިބެންޖެހޭނެ.

އާދެ! މިކަން މިހެން އޮތްއިރު، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭނީ، ހަމަޖެހުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން. އެއީ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވާފައިވާގޮތް. ދެންމެ މި އުފާވެރި ޖަލްސާ ފަށައިދިނުމުގެ ގޮތުން ދަރިވަރު މުޙަންމަދު ނާއިލް ކިޔަވައިދިން އާޔަތްތަކުގައިވެސް އެވަނީ އެ ވާހަކަ.

"يَـٰأَ يُّهَا الَّذِيْـنَ ءَامَنُوْ ااتَّـقُواْ اللَّـهَ حَقَّ تُقَـاتِهِ وَلاَ تَمُـوتُنَّ إِلاَّ وَأَنْتُمْ مُسْلِمُـوْن" (آل عمران: 102) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން حقّ ގޮތުގައި މާތް اللّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން مؤمن ން ކަމުގައިވާ حال މެނުވީ، مسلم ން ކަމުގައިވާ حال ގައި މެނުވީ މަރުނުވާށެވެ."

އާދެ! މަރުވުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމެއް ނޫން. އެހެންވީމާ، މި އާޔަތުގެ މުރާދަކީ، އަޅުގަނޑުމެން އަބަދުވެސް، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭކަމުގައި ވަނީނަމަ، އަޅުގަނޑުމެން މަރުވާ ދުވަހަކުން މަރުވާނީވެސް، ހަމަ އެ ދީނުގައި ތިބެގެންނޭ. އެހެންވީމާ، އެގޮތުގައި ތިޔަބައިމީހުން ތިބޭށޭ.

އަދި ޖެހިގެން އޮންނަ އާޔަތުގައި އަންގަވަނީ، "وَاعْتَصِمُواْ بِحَبْـلِ اللّهَ جَمِيْعًـاوَّلاَ تَفَـرَّقُـواْ" (آل عمران: 103) "ތިޔަބައިމީހުން މާތް اللّـه ގެ ވާފަށުގައި، މާތް اللّـه ފޮނުއްވި هدايـه ގައި، މާތް اللّـه ގެ دين ގައި، އެންމެން އެކަތިގަނޑަކަށްވެގެން ތިބެގެން ހިފަހައްޓާށެވެ. އަދި ތިޔަބައިމީހުން ބައިބައިނުވާށެވެ."

އަދި އެ އާޔަތުގެ ފަހުން އެބަ ވަޙީކުރައްވާ. އޭގެކުރިން އިސްލާމްދީނުގެ ނިޢްމަތް، ތިޔަބައިމީހުންނަށް ލިބުމުގެ ކުރިން ތިޔަބައިމީހުން ތިބީ ޢަދުއްވުންތަކެއްގެ ގޮތުގައޭ. މާތް اللّـه އޭ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވީ. އަދި ތިޔަބައިމީހުންނަކީ އަޚުންތަކެއް ކަމުގައި ލެއްވީ. މި ނިޢްމަތުގެ މަތިން ތިޔަބައިމީހުން ހަނދާންކުރާށެވެ.

އަދި އޭގެފަހުގައިވެސް އަންގަވާފައި އެބައޮތް. ކުރިންވެސް އިސްވެދިޔަ މީހުން ފަދައިން ތިޔަބައިމީހުން ބައިބައިނުވާށެވެ. "وَلاَ تَكُـوْ نُـواْ كَالَّذِيْـنَ تَفَـرَّقُـواْ، وَاخْتَلَفُـواْ مِـنْ بَعْـدِ مَاجَاءَهُمُ الْبَيِّنَاتُ" (آل عمران: 105) "އެބައިމީހުންނަށް ފެންނަންހުރި ސާފުސީދާ ހެކިތައް އައުމަށްފަހުގައި ބައިބައިވެގެން އިސްތިރާފުވެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. އެހެންވެއްޖެ ބަޔަކަށް، މާތް اللّـه ގެ ގަދަފަދަވެގެންވާ عذاب ހުއްޓެވެ." އޭގެފަހުން ހުރި އާޔަތްތަކުގައި އެ ވާހަކަ ވަރަށް صريح ކޮށް މާތް اللّـه ބަޔާންކޮށްދެއްވާފައިވޭ. އެހެންވީމާ، މިގޮތުން އަޅުގަނޑުމެން އެބަބަލަންޖެހޭ، އަޅުގަނޑުމެން مؤمن ންގެ ގޮތުގައި، مسلم ންގެ ގޮތުގައި ދެމިތިބޭއިރު، އަޅުގަނޑުމެން ވާންޖެހޭނީ أخ ން ތަކެއް ކަމުގައިކަން. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަން ކަން. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، އެއްބަނޑުއެއްބަފާކަން ކަން. މިކަންކަން އަޅުގަނޑުމެން އެބަ ވަރަށް ރަނގަޅަށް ދަންނަންޖެހޭ.

ޙަޤީޤަތުގައި އިސްލާމްދީނަކީ، ވަރަށް މާތް، އަދި ވަރަށް ފަސޭހަ ދީނެއް. އިސްލާމްދީނުގެ ޢަޤީދާއަކީ، ދުނިޔޭގައިވާ އެހެން ހުރިހާ ދީންތަކުގެ ޢަޤީދާތަކަށްވުރެ މާ މާތް ޢަޤީދާއެއް. އާދެ! އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން، މާތްވެގެންވާ އިސްލާމްދީން އައުމުން، އެހެން ހުރިހާ ދީނެއް ނަޞްޚުވެ، ބާތިލުވެ، އުވިގެންދިޔައީ. އެހެން އެއްވެސް ދީނަކީ މާތް اللّـه ގަބޫލުކުރައްވާ ދީނެއް ނޫން. އެހެންވީމާ، އިސްލާމްދީނުގެ ޢަޤީދާތަކަކީ އެންމެ މާތް ޢަޤީދާތައް.

އޭގެއިތުރުން، އިސްލާމްދީނަކީ ދުނިޔޭގައިވާ ހުރިހާ ދީންތަކުގެ ތެރެއިންވެސް އެންމެ ތަކްލީފުތައް މަދު، ބުރަ ކަންތައްތައް އެންމެ މަދު، އެންމެ ފަސޭހަ ދީން. އަދި އެ ދީނުގައި އުޅުން ވަނީ ވަރަށް ފަސޭހަ ކުރައްވާފައި. އުޒުރެއް ދިމާވެއްޖެ މީހަކަށް، އެ އުޒުރަކަށްޓަކައި އެކަމެއް އަސްލުގައި ކުރަން އޮންނަގޮތާ ޚިލާފަށް ކުރުން ވަނީ ހުއްދަ ކުރައްވާފައި. ބަލިވެއުޅޭ މީހާ ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުން ވަނީ ހުއްދަ ކުރައްވާފައި. ދަތުރުވެރިޔާ، ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުން އޮތީ ހުއްދަ ކުރައްވާފައި. އޭގެފަހުން، ފާއިތުވެދިޔަ ދުވަސްތައް އަނބުރާ އިޢާދަކޮށް، ރޯދަ ހިފާގޮތަށް. ހަމައެފަދައިން، ފެން ބޭނުން ނުކުރެވޭ މީހަކުވިއްޔާ ވުޟޫކުރުމުގެ ބަދަލުގައި ތަޔައްމުމް ކުރުން ވަނީ ހުއްދަ ކުރައްވާފައި. އަދި 4 ރަކްޢަތް ނަމާދު 2 ރަކްޢަތަށް ކުރުކޮށްލައި، ޤަޞްރު ކުރުމާއި ޖަމްޢު ކުރުން، ވަކި ޙާލަތްތަކެއްގައި ވަނީ اللّـه ހުއްދަ ކުރައްވާފައި. މިގޮތުން اللّـه ދެއްވާފައިވާ ލުއިތައް، ގުނާ އަދަދު ނުކުރެވޭހާ ގިނަ. އެހެންވީމާ، މި ލުއިތައް އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އެއީ اللّـه ދެއްވާފައިވާ ނިޢްމަތެއް ކަމަށްވާތީ. އަދި އިސްލާމްދީނަކީ މެދުމިންކަމުގެ ދީނޭ. މާނައަކީ، އެއްވެސްކަހަލަ ގޮތަކަށް ހައްދުފަހަނަޅައިދިޔުން އޭގައި ހިމެނޭ ދީނެއް ނޫން.

ކީރިތި ރަސޫލާ އަންގަވާފައިވަނީ، داعى މީސްތަކުންނަށް ދީނުގެ ޙުކުމްތައް ބަޔާންކޮށްދޭ މީހުންނަށް އަންގަވާފައިވަނީ، "بشروا ولا تعسـروا" (البخارى) "ތިޔަބައިމީހުން މީސްތަކުންނަށް ކަންތައްތައް ފަސޭހަކޮށްދޭށޭ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ކަންތައްތައް އުނދަގޫ ނުކުރާށޭ." "بشـروا ولا تنفـروا" (البخـارى) "ތިޔަބައިމީހުން މީސްތަކުންނަށް އުފާވެރިކަމުގެ خبـر ދޭށެވެ. ތިޔަބައިމީހުން މީސްތަކުންނަށް އެމީހުންގެ ހިތްތައް نفـرت ވާކަހަލަ خبـر ތައް ނުދޭށެވެ."

އެހެންވީމާ، މިހިރީ ކީރިތި قرآن ގަޔާއި އަދި މާތް ރަސޫލާގެ ސުންނަތުގައި އަޅުގަނޑުމެންނަށް ދީނުގެ ކަންތައްތައް ބަޔާންކޮށްދެއްވާފައިވާގޮތް. އެހެންވީމާ، މިގޮތް އެބަޖެހޭ އަޅުގަނޑުމެން ގަބޫލުކުރަން. މާތް اللّـه ގެ ދީނަކީ ލުއިފަސޭހަ ދީނެއްކަން ގަބޫލުކޮށް، ދީނުގެ ކަންތައްތައް ކުރުމުގައި މީސްތަކުންނަށް ލުއިގޮތްތައް ހޯދައިދީ، އަދި އެންމެންވެސް އެގޮތްގޮތަށް އުޅުން. އެއީ، އަޅުގަނޑު ހިތުން މިފަދަ ކޮންމެ ވަގުތެއްގައިވެސް ހަނދާންކުރުން ވަރަށް މުހިންމު ކަމެއް.

އާދެ އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالـى އަޅުގަނޑުމެން އެންމެންނަށް އެކަލާނގެ ފޮނުއްވި މާތް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި އެކަލާނގެ ރުއްސަވާވޮޑިގެންވާ ގޮތުގެމަތިން ދުނިޔޭގެ ދުވަސްތައް ވޭތުކުރުމަށްފަހުގައި، އާޚިރަތުގައި އެކަލާނގެ ދެއްވާ ދަރުމައާއި ބާއްޖަވެރިކަމާއި ސަވާބު ލިބެނިވި ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ ކުށްތައް ޢަފޫކުރައްވައި ފާފަތައް ފުއްސަވައި، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ހެޔޮކަން މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތްތަކުގައި ބަރަކާތްލައްވައި، ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި، ތަނަވަސްކަމާއި، އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިރާދަކުރެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.