بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ! އަޅުގަނޑު މާޅޮސްމަޑުލު އުތުރުބުރިއަށް މިކުރާ ދަތުރުގައި، މިއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރުމަށްފަހުގައި އެންމެފަހު މަންޒިލެއްގެ ގޮތުގައި އަޅުގަނޑަށް މިއާދެވުނީ ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް. އުނގޫފާރަށް. އުނގޫފާރަށް އައުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، އަޅުގަނޑު މީގެކުރިން އެތައްފަހަރަކު، އުނގޫފާރަށްވަނީ ޒިޔާރަތްކޮށްފައި. އުނގޫފާރުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ އެތައްފަހަރަކު އަޅުގަނޑަށް ވަނީ މާތްﷲ މެދުވެރިކޮށްދެއްވާފައި. އެންމެފަހުން، 2005 ވަނަ އަހަރު މާޗްމަހުގެ ތެރޭގައި. އާދެ! އެއީ، އޭގެ ކުރީއަހަރު އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ގެއްލުންތައް ބަލާލުމަށް އުތުރަށް ކުރި ދަތުރެއްގައިވެސް، އަޅުގަނޑު މިރަށަށް އައިން. ކޮންމެއަކަސް، މިއަދު އަޅުގަނޑު އުނގޫފާރަށް އައުމުން އުނގޫފާރުގެ ވެރިންނާއި ލޮބުވެތި ރައްޔިތުންނާއި އަދި ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަވިދާޅުވި ވަރަށް ހޫނު ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑަށް މިރަށަށް އާދެވުނީ، ވަރަށް ހޫނު ވަގުތެއްގައި. އެހެންނަމަވެސް، ޖައްވުގެ ހޫނުކަމަށްވުރެ ތިޔަބޭފުޅުންގެ މަރްޙަބާގެ ހޫނުކަން ބޮޑުވެގެން ދިޔުމުން އަޅުގަނޑުގެ ހިތަށް ލިބުނީ ވަރަށްބޮޑު ފިނިކަމެއް. އެހެންކަމުން، އެކަމަށްޓަކައި އުނގޫފާރުގެ އަންހެން، ފިރިހެން، ކުދިބޮޑު އެންމެހާ ރައްޔިތުންނަށް އަދި މިރަށުގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު، މިއަދު އުނގޫފާރަށް އައުމުގައި، ވަރަށް މުހިންމު ދެބޭނުމެއް އެބައޮތް. އެއްބޭނުމަކީ، އުނގޫފާރުގެ ލޮބުވެތި ރައްޔިތުންނާއި އަދި މިވަގުތު މިރަށުގައި ދިރިއުޅުއްވާ ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލައި، އެ އެންމެންގެ ހާލުއަހުވާލު ބަލާލުން. އެބޭފުޅުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި އެބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކާއި، އަދި ތަރައްޤީގެ މަގުގައި، ޚާއްޞަކޮށް މިރަށުގައި ކުރެވެމުންދާ މަސައްކަތްތައް ބަލާލައި، އެކަންތައްތަކުގެ މަޢްލޫމާތު ހޯދައި ހެދުން. ހަމައެއާއެކު، ސަރުކާރުން ދެމުން ގެންދާ ޚިދްމަތްތައް މިހާރު ދެމުން ގެންދާ ފެންވަރަށްވުރެ ރަނގަޅަށް، އެއަށްވުރެ ފުޅާކޮށް، ދެވޭނީ ކިހިނެއްތޯ ބަލާލުމަށްޓަކައި. އެކަމުގެ މަޢްލޫމާތު އޮޅުންފިލުވާލުމަށްޓަކައި.

އަނެއް ބޭނުމަކީ، މިއަހަރު ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ، މިރަށުގައި ކަމަށްވާތީ، އެ އިޙްތިފާލުތަކުގައި ބައިވެރިވުން. އާދެ! މިއަދަކީ، މާޗުމަހުގެ 1 ވަނަ ދުވަސް. ޒުވާނުންގެ ދުވަސް. އެހެންކަމުން، ރާއްޖޭގެ ލޮބުވެތި ހުރިހާ ޒުވާނުންނަށް އަދި ޚާއްޞަކޮށް މިއަދު އުނގޫފާރަށް ޖަމާވެފައި މިވާ ރާއްޖޭގެ ލޮބުވެތި ޒުވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާ އަދާކޮށް މުބާރަކުބާދީ ދަންނަވަން.

ޒުވާނުންގެ ދުވަހުގެ އިޙްތިފާލުތަކުގައި، ބައިވެރިވެވަޑައިގަތުމަށް މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މަރްޙަބާ ދަންނަވަން. އޭގެތެރެއިން އެންމެ އިސްބޭފުޅަކީ، ޒުވާނުންގެ ކަންތައްތަކާއި ކުޅިވަރުގެ ކަންތައްތަކާބެހޭ ވަޒީރު އަލްފާޟިލް ޙުސައިން ޙިލްމީ. އެމަނިކުފާނަށާއި އެމަނިކުފާނުގެ ނާއިބު އަލްފާޟިލާ ޢާއިޝަތު ޝިހާމަށާއި އަދި އެ މިނިސްޓްރީގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު، ދުވަހުގެ ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރަން. އޭގެއިތުރުން، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރި މިނިސްޓަރުންނަށާއި އަދި އެހެން ބޭފުޅުންނަށްވެސް ދުވަހުގެ ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ! އުނގޫފާރަކީ، ސަރުކާރުގެ އެންމެގިނަ މުއައްސަސާތައް މިއަތޮޅުގައިހުރި ރަށް. އަދި ގިނަ އަދަދެއްގެ މީހުން، ސަރުކާރުގެ ވަޒީފާ އަދާކުރާ ރަށް. މިރަށުގެ ތަރައްޤީއަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. އެވާހަކަތަކުގެ ތަފްޞީލު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެހުރިހާކަމެއް އެނގިވަޑައިގަންނަވާނެ. އަދި މިހާރުވެސް ވަރަށްގިނަ ކަންތައްތައް އެބަކުރެވެމުންދޭ. އޭގެތެރެއިން އެއްކަމަކީ، އުނގޫފާރުގައި ހިނގަމުން މިދާ ސަރަޙައްދީ ހަސްފަތާލުގެ ޑައިގްނޯސްޓިކް ސަރވިސަސް ބިލްޑިން، ތަޙްލީލުކުރުމުގެ ޚިދްމަތްތަކާބެހޭ ޢިމާރާތް، މާދަމާ ހުޅުވާގޮތަށް ހަމަޖެހިފައި އޮތުމާއެކުގައި އެ މަސައްކަތް. އެއީވެސް، މިރަށަށް އިތުރަށް ތަޢާރުފުވެގެންދާ ކަމެއް.

ހަމައެހެންމެ، ޔުނިސެފުގެ އެހީގައި މިރަށުގެ ނަރުދަމާ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައި. ޝައްކެއްނެތްގޮތުގައި، ނަރުދަމާގެ ނިޒާމަކީ، ޞިއްޙީގޮތުން ރައްޔިތުން ދުޅަހެޔޮކަންމަތީ ތިބުމަށްޓަކައި، ވަރަށް ބޭނުންތެރި ނިޒާމެއް. އެ މަސައްކަތް މިރަށުގައި ފެށުމަށް މިހާރުވަނީ، ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވަނީ. މީގެއިތުރުން، އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓުގެ ދަށުން، އާދެ! ދުރުގައިވާ ރަށްތަކުގެ ކަރަންޓުގެ ޚިދްމަތާބެހޭ މަޝްރޫޢުގެ ދަށުން، މިރަށުގެ ކަރަންޓުގެ ޚިދްމަތް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވޭ. މިއީ، ފަހަކަށް އައިސް މިރަށަށް ހަމަޖެހިގެންދާ ކަންތައްތައް.

ޝައްކެއްނެތްގޮތުގައި، ރައްޔިތުން ބޭނުންވާ ޚިދްމަތްތައް ބޭނުންވާ ފެންވަރުގައި ދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެމުންގެންދާކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ މީހުން ދިރިއުޅޭ ރަށްތައް ގިނަކަމާއި، ކޮންމެ ރަށަކަށްވެސް ބޭނުންވެފައިވާ ކަންތައްތައް ގިނަކަމާއި، އަދި އަޅުގަނޑުމެންގެ ތަނަވަސްކަން ކުޑަކަމާއި، ވަސީލަތްތައް މަދުކަމުން، މިހުރިހާކަމެއް ސަރުކާރުން އެދޭހާ ހަލުވިކޮށެއް ނުވަތަ ބާރަކަށް ނުވަތަ ރައްޔިތުން އެދޭ އަވަސް މިނެއްގައި ނުގެންދެވޭ. އެކަން ތިޔަ ހުރިހާބޭފުޅުންވެސް ޤަބޫލުކުރައްވާނެކަމަށް އަޅުގަނޑު ހީކުރަން.

މިއަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްފައި މިވާ ބަޖެޓަކީ، ވަރަށްބޮޑު ބަޖެޓެއް. އެ ބަޖެޓް ބޮޑުވާންޖެހުނު ސަބަބަކީ، އެއީ އަތޮޅުތަކުގެ ރައްޔިތުންނަށް ތަފާތު އެކި ޚިދްމަތްތައް ދޭން ބޭނުންވާތީ. އަދި މިހާރުވެސް ކުރަންޖެހިފައި ނުކުރެވި ހުރި ބައިވަރު ކަންތައްތައް ހުރުމާއެކީގައި އެކަންތައްތައް ކުރުމަށް ފައިސާ ހަމަޖެއްސުން. އެގޮތުން އިރާދަކުރެއްވިއްޔާ މީގެކުރިން އެހެން އަހަރުތަކުގައި އަތޮޅުތަކަށް ކުރެވުނު ޚަރަދަށްވުރެ ބޮޑު ޚަރަދެއް، މިއަހަރު ސަރުކާރުގެ ބަޖެޓުން އަތޮޅުތަކަށް ކުރެވޭނެ.

އާދެ! ސުނާމީ ކާރިސާއަކީ، ރާއްޖެއަށް ދިމާވި ވަރަށްބޮޑު ހިތާމައެއް. އެކާރިސާގެ ސަބަބުން، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށްވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައި. ވަރަށްގިނަ މީހުންގެ ގެދޮރުވަނީ ހަލާކުވެ ގޮސްފައި. އަދި އެމީހުންގެ ދިރިއުޅުމަށް ވަނީ ވަރަށްބޮޑެތި ހުރަސްތަކެއް އެޅިފައި. އެކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. މިކަމުގައި އަޅުގަނޑުމެންގެ ފޯރުންތެރިކަންހުރިވަރުން، ހުރިހާ ކަމެއް އަޅުގަނޑުމެން އަމިއްލައަށް ނުކުރެވޭނެތީ، ބޭރުގެ އެހީވެސް ވަރަށް މަތީ ދަރަޖައަކަށް ހޯދަމުން މިގެންދަނީ. އިރާދަކުރެއްވީތީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ބޭރުގެ އެހީވެސް ވަރަށް ގިނަ އަދަދަކަށްވަނީ ލިބިފައި. މިހެން ދެންނެވިޔަސް، ސުނާމީ ކާރިސާއަށްފަހު އޭރު އޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ރާއްޖޭގެ ކަންތައްތައް ގެންދިޔުމަށްޓަކައި ބޭނުންވާ މިންވަރަށް ހުރިހާ ފައިސާއެއް ނުލިބޭ. އޭގައި ނުލިބޭ މިންވަރުވެސް އެބައޮތް. އެކަންވެސް ހަމަޖެއްސޭތޯ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރަމުން އެބަގެންދޭ.

ސުނާމީ ކާރިސާގައި އެންމެބޮޑަށް ހާލުގައި ޖެހުނު އެއްރަށަކީ ކަނދޮޅުދޫ. އެންމެބޮޑަށް ހިތާމަކުރަންޖެހުނު ބަޔަކީ ކަނދޮޅުދޫ ރައްޔިތުން. ކަނދޮޅުދޫ ރައްޔިތުން މިހާރުވަނީ ތަފާތު އެތައް ރަށަކަށް ބެހިފައި. އެއީ އެއްރަށެއްގައި އެހުރިހާ އެންމެންނަށް ދިރިއުޅެވޭނެގޮތް ނެތުމުން. ވަގުތީ ހިޔާވަހިކަމުގައި، އެކި ރަށްރަށުގައި މިހާރު އެމީހުން ދިރިއުޅެމުން އެގެންދަނީ. އިރާދަކުރެއްވިއްޔާ އެމީހުން އެނބުރި ދިއުމަށް ރަށެއް އެބަ ތައްޔާރުވަމުންދޭ. އެރަށުގެ މަސައްކަތްވެސް އެބަހިނގާ. އެހެންނަމަވެސް، ހައެއްކަސަތޭކަ ގެ އިމާރާތްކޮށް، ގޭގޭގެ ހުރިހާ ކަންތައްތަކެއް ފުރިހަމަކޮށް އަދި އެރަށުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދްމަތްތައް ލިބިދިނުމަށްޓަކައި ރަށުގައި ރަށު އޮފީހަކާއި، ރަށު ކޯޓަކާއި، މިސްކިތާއި، ސްކޫލާއި، ކަރަންޓާއި، ފެނާއި މިހެންގޮސް ބޭނުންވާ ހުރިހާ ވަސީލަތްތައް ޤާއިމުކުރުމަށް ވަރަށްގިނަ ޚަރަދުވެސް ހިނގާނެތީއާއި، ވަރަށް ދިގު މުއްދަތެއް ބޭނުންވާތީ، ކަނދޮޅުދޫ ރައްޔިތުން ދާންއޮތް ރަށުގެ މަސައްކަތްވަނީ ވަކި ހިސާބެއްގައި އަދި ފުރިހަމަ ނުކުރެވި. އެހެންނަމަވެސް، މަސައްކަތް ހިނގަމުން އެބަދޭ. އަޅުގަނޑު އުންމީދުކުރަނީ، އިރާދަކުރެއްވިއްޔާ ވީ އެންމެ އަވަހަކަށް މިދެންނެވި ކަންތައްތައް ހަމަޖެހިގެން، ކަނދޮޅުދޫ ރައްޔިތުންނަށް ހިޔާވަހިކަމުގެ ފުރިހަމަ އިންތިޒާމެއް، އެމީހުން ދިޔުމަށް ހަމަޖެހިފައިވާ ރަށުގައި ހަމަޖެހިގެން ދާނެކަމަށް.

އާދެ! މި މުއްދަތުގެ ތެރޭގައި ކަނދޮޅުދޫ ރައްޔިތުން އެކިރަށްރަށަށް ބެހިފައިވާތީ، ކަނދޮޅުދޫ ރައްޔިތުން މިހާރު ދިރިއުޅުއްވާ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ކަނދޮޅުދޫ މީހުންނަށް، އެދެއްވާ މެހްމާންދާރީކަމުގެ ފުރިހަމަކަމާއި ބަހައްޓަވާ ގާތްކަމަށްޓަކައި އުނގޫފާރު ރައްޔިތުންނަށާއި އަދި ކަނދޮޅުދޫ ރައްޔިތުން ދިރިއުޅުއްވާ އެހެންރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަދު ރާއްޖެވަނީ، ސިޔާސީގޮތުން އިޞްލާޙީ ބޮޑެތި ބަދަލުތަކަކާ ކުރިމަތިލާފައި. އެ ބަދަލުތައް ގެންނަން ބޭނުންވާ ސަބަބަކީ، ރައްޔިތުންނަށް އިތުރު ލާބައާއި މަންފާ ހޯދައިދިނުން. ރާއްޖޭގައި ޒަމާނީ މިނިވަން ޑިމޮކްރަސީއެއް ޤާއިމުކޮށް، އެ ޑިމޮކްރަސީން ލިބިދޭންޖެހޭ ޙައްޤުތަކާއި، އެކިއެކި ޚިދްމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބިދިނުން. މިގޮތުން ވަރަށްގިނަ މަސައްކަތްތައް މިހާރު ކުރެވެމުންދަނީ. އޭގެތެރޭގައި ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެއްދުމާއި، އަދި ރާއްޖޭގައި އިންސާނީ ޙައްޤުތަކާބެހޭ މުސްތަޤިއްލު ކޮމިޝަނެއް އުފެއްދުމާއި، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ފުޅާކުރުމާއި، ޢަދުލު އިންޞާފުގެ ނިޒާމު ހަރުދަނާކުރުމާ، މިހެންގޮސް ވަރަށްގިނަ ކަންތައްތަކެއް މިހާރުވެސްވަނީ ކުރެވިފައި. އަދި ދަނީ އިތުރަށް ކުރެވެމުން. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން ބޭނުންވާނެ، އެންމެން އެކަތިގަނޑަކަށްވެގެން ޤައުމީ ރޫޙެއްގައި މަސައްކަތްކުރަން.

އާދެ! މިވާހަކަ ކޮންމެހެން މާދިގުކޮށް ދަންނަވާކަށް ނުޖެހޭނެކަން ނޭނގެ. ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، ވަރަށް ފުރިހަމަކޮށް މިވާހަކަ ދައްކަވައި ދެއްވައިފި. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސްކަހަލަ ބައިބައިވުމަކަށް ތަންދީގެން ނުވާނެކަމާއި، ބައިބައިވުމަށް މެދުވެރިވާ ސަބަބުތައްވެސް ވަރަށް ރަނގަޅަށް ކިޔައި ދެއްވައިފި. އެހެންވީމާ، އެކަމުގެ ތެރެއަކަށް އަޅުގަނޑު ދާކަށް ނެތިން.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދިވެހި ސަރުކާރުން ބޭނުންވަނީ މި އިޞްލާޙީ ބަދަލުތައް އަމާންކަމާ އޮމާންކަމާއެކީގައި ޤާނޫނީ އޮނިގަނޑުތެރެއިން އަންނާށޭ. އެނޫންގޮތަކަށް އަޅުގަނޑުމެން ޢަމަލުކޮށްގެން އަޅުގަނޑުމެންގެ ރާއްޖެއަކަށް ކުރިއެރުމެއް ނުލިބޭނެޔޭ. ހަމަޖެހުމެއްވެސް ނުލިބޭނެޔޭ.

އެނގިވަޑައިގަންނަވާނެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވާހެން، އޭގެ މިސާލުތައް އަޅުގަނޑުމެންނަށް އަބަދު ފެންނަމުންދާހެން ރާއްޖޭގައިވެސް ބައިބައިވުމެއް އުފެދި ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް އުފެދިއްޖެނަމަ، އަޅުގަނޑުމެން މިކުރަމުން ގެންދާ އެއްވެސް މަސައްކަތެއްގެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެހެންވެއްޖިއްޔާ ރާއްޖެއަށް ފަތުރުވެރިންވެސް ނާންނާނެ. ރާއްޖޭގައި ހަމަނުޖެހުންތައް އުފެދިގެން، މީހުން ތަޅާފޮޅާ ކަންތައް ކުރާކަމަށްވަންޏާ ކާކުތޯ ރާއްޖެ އަންނާނީ. ރާއްޖެއަށް މީހުން މިއަންނަނީ ރާއްޖޭގެ އަމާންކަން ބޮޑުކަމުން. ރާއްޖޭގައި އެމީހުން ތިބޭއިރު އެއްވެސްކަހަލަ ބިރެއް ނެތީމާ. ފުރިހަމަ އަމާންކަމާއެކީގައި ހިތްހަމަޖެހުމާއެކީގައި އެމީހުންނަށް ޗުއްޓީ ހޭދަކޮށްލެވޭތީ.

މިދިޔަ ދެރޭ އަޅުގަނޑު މިހޭދަކުރީ މިއަތޮޅުގެ ރިޒޯޓެއްގައި. އާދެ! މީދުއްޕަރު ރިޒޯޓުގައި. އަޅުގަނޑު އެތަނަށް ދިޔައިރު ވަރަށްގިނަ އަދަދަކަށް ފަތުރުވެރިން އައިސްތިބި. މިހާރުވެސް އެރަށް އޮތީ ހަމަމުޅިން ފުރިފައި. އެންމެންވެސް އެތިބެނީ ވަރަށް އުފަލުން. އަޅުގަނޑާ ބައްދަލުވާ ކޮންމެމީހަކު ބުނޭ. ކަލޭމެންގެ ރާއްޖެ ހާދަ ރީއްޗޭ. ހާދަ އަމާނޭ. ތިޔައީ ހާދަ ހަމަޖެހޭ ތަނެކޭ. ތިޔައީ ހަމަ މިދުނިޔެމަތީގައި އޮތް ސުވަރުގެއޭ. މިއީ އަޅުގަނޑުމެން ދަމަހައްޓަންވީ ކަމަކީ. މާތްﷲ ދެއްވާފައި މިވާ ބޮޑު ނިޢްމަތް، އަޅުގަނޑުމެން ދަމަހައްޓަންވީ.

ނިޢްމަތްތައް ދެމެހެއްޓުމަކީ، އެ ނިޢްމަތްތައް އިތުރުކޮށްދެއްވާނެކަމެއް ކަމުގައި މާތްﷲ ވަނީ ވަޙީކުރައްވާފައި. "لَئِن شَكَرْتُمْ لأَزِيدَنَّكُمْ" "ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ޝުކުރުކޮށްފިނަމަ ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާ ނިޢްމަތްތައް އިތުރުކޮށްދެއްވާހުށީމޭ." "وَإِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا" "ތިޔަބައިމީހުން މާތްﷲ ގެ ނިޢްމަތްތައް ގުނާ އަދަދުކުރަން އުޅުނުނަމަވެސް އެ ނިޢްމަތްތައް ގުނާ އަދަދެއް ނުކުރެވޭނެއޭ." އެއަށްވުރެ މާތްﷲގެ ނިޢްމަތްތައް މާގިނައޭ. މާފުރިހަމައޭ.

ދެންމެ ވަޙީދުއްދީނުގެ ވާހަކަފުޅުގައި އެވާހަކަވެސް ވިދާޅުވެއްޖެ. އެހެންވީމާ، ކޮންމެހެން މާދިގުކޮށް އެވާހަކަ ދަންނަވާކަށެއް ނޫން. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން މިގެންނަ އިޞްލާޙީ ބަދަލުތައް ގެންނަންވާނީވެސް އަމާންކަމާއެކީގައޭ. ސުލްހަމަސަލަސްކަމާއެކީގައޭ. އެންމެން އެކުވެރިވެގެން އެކަތިގަނޑަކަށްވެގެން، މުޅި ޤައުމު އެދޭ މަންޒިލް މަޤްޞޫދަކަށް ދިޔުމަށްޓަކައި އަތުގުޅާލައިގެން މަސައްކަތްކުރުމުގެ ތެރޭގައޭ. އެހެންވީމާ، މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް، އެންމެން ދޭންޖެހޭތީ މިވާހަކަ އަޅުގަނޑު ދަންނަވާލީ.

އާދެ! ރާއްޖޭގެ އަތޮޅުތައް ތަރައްޤީކުރުމުގައި މިވޭތުވެދިޔަ 28 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުންވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައި. އެކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އޭގެކުރިން ސަރުކާރުން ނުކުރައްވައެކޭ ނޫން. އޭގެކުރިންވެސް ކުރެއްވި. ކުރައްވާފައިހުރި ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭނީ އަޅުގަނޑު ޙަވާލުވިފަހުން، އަޅުގަނޑުގެ ވެރިކަމުގައި ކުރެވުނު މަސައްކަތްތައް. އެހެންވީމާ، އެވާހަކަ މިދަންނަވާލީ.

ވަރަށްގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައި. އޭރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެނގިވަޑައިގަންނަވާނެ. އެންމެ ދިހަހާސް މީހުން. މިހާރު ހަލައްކައަށްވުރެ އިތުރުވެއްޖެ. އޭރު ރާއްޖޭގެ ސަރުކާރުން ހިންގާހުރީ އެންމެ ހަތަރު މަދަރުސާ. މިހާރު ގުނާ އަދަދު ނުކުރެވޭހާ ގިނަ އަދަދަކަށް ސަރުކާރުގެ މަދަރުސާތައް ރާއްޖޭގައި އެހެރީ. އޭރު ކުޑަކުދިންގެ ތެރެއިން ޅަފަތުގައި މަރުވާ ކުދިންގެ އަދަދުއޮތީ 120 ގައި. މިހާރު އެ އަދަދު 12 އަށް ތިރިވެއްޖެ. މީހެއްގެ މެދުމިން އުމުރުކަމަށް ބެލޭ އުމުރު، އާދެ! އެމީހަކު ދުނިޔޭގައި ހުންނާނެކަމަށް ބެލޭ އުމުރު އޭރު އޮތީ، 46 އަހަރުގައި. މިހާރު އެ އުމުރު 71 އަށް ބަދަލުވެގެން ހިނގައްޖެ. މިހިރީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ރާއްޖެއަށް އައިސްފައިވާ ތަރައްޤީ. އައިސްފައިވާ ކުރިއެރުން. މިއީކީ އެއްވެސް މީހަކަށް އިންކާރުކުރެވޭނެ ޙަޤީޤަތްތަކެއް ނޫން.

މި ބަދަލުތައް މިހެން މިއައީވެސް، ރާއްޖޭގައި މިއޮތް ހަމަޖެހުމާއި އަމަންއަމާންކަން މިގޮތުގެމަތިން އޮތީމަ. އަދި ސަރުކާރުން ރައްޔިތުންގެ ބޭނުންތަކަށް ސަމާލުކަންދީގެން، ރައްޔިތުންނަށް އެ ބޭނުންތައް ފުއްދައިދެވޭތޯ މަސައްކަތްކޮށްގެން. ރާއްޖޭގައި އިންވެސްޓްކުރުމާއި، ވިޔަފާރީގެ ސިޔާސަތު ހުޅުވާލައި އެކަމަށް ބޭނުންވާ އެންމެންނަށް އެކަމުގެ ފުރުޞަތު ދީގެން. ހަމަހަމަ ފުރުޞަތު ދީގެން. އެއްވެސް ބަޔަކާބެހޭގޮތުން ބޭ އިންޞާފު ޢަމަލެއް ނުކޮށް، ހުޅުވިފައިވާ ވިޔަފާރީގެ ސިޔާސަތެއްގެ ދަށުން މަސައްކަތްކުރުމުގެ ފުރުޞަތު އެންމެންނަށްވެސް ސަރުކާރުން ހުޅުވާލާފައި އޮވެގެން.

މިކަންކަން މިހެން ކުރުމުގެ ނަތީޖާއެއްގެގޮތުން މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ދިވެހިރާއްޖެ މިއަދު މިވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، އިޤްތިޞާދީގޮތުން އެންމެ ފުދުންތެރި ޤައުމަށް. އަޅުގަނޑުމެންގެ ކައިރީގައިވާ އުތުރުކަރައަށްވުރެވެސް މާބޮޑަށް. އޮޅުދޫކަރައަށްވުރެވެސް މާބޮޑަށް. އެހެން މިދެންނެވީ، ތަނެއްގެ ފުދުންތެރިކަން ބެލުމަށްޓަކައި އެތަނަކަށް ލިބޭ އާމްދަނީ އެތަނެއްގެ ރައްޔިތުންގެ މައްޗަށް ބަހާލައިގެން ބޮލަކަށް ޖެހޭ މިންވަރު ބަލަނީ. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ގާތްގަނޑަކަށް ބޮލަކަށް އަހަރަކަށް އެބަޖެހޭ 2800 ޑޮލަރު. ވަރަށް މަތީ އަދަދެއް މިއީ. މިއާ ކައިރިކުރާ އަދަދަކަށްވެސް އުތުރުކަރައިގައިވެސް އޮޅުދޫކަރައިގައިވެސް އަދި މި ސަރަޙައްދުގެ އެހެން އެއްވެސް ޤައުމެއްގައިވެސް މައްޗަކަށް ނުދޭ. އަދި ރާއްޖެއަށް މިހާރު އަންނަ ކޮންމެ މީހަކު ޙައިރާންވޭ، ރާއްޖެ ތަރައްޤީވެފައިވާ މިންވަރު ބަލާފައި.

އިއްޔެ އަޅުގަނޑާ ބައްދަލުކުރެއްވި މީދުއްޕަރު ރިޒޯޓް މިހާރު ހިންގާ ކުންފުނީގެ އެންމެ މަތީވެރިޔާ މިސްޓަރ ހެރީ ޖަޔަވަރުދަނާ. އޭނަ އެއީ 1973 ގައި ރާއްޖެ ވަޑައިގެންނެވި ބޭފުޅެއް. އެންމެފުރަތަމަ ވަޑައިގަތީ އެއަހަރު. މިހާރުގެ ޝްރީލަންކާގެ ރައީސް މަހިންދަރާޖަޕަކްސާވެސް ވަޑައިގެންނެވި އޭނާއާއެކު. އޭރު އެއީ، އެތާނގެ ޕާލަމެންޓުގެ މެންބަރެއް. އޭނައާ އަދި މިހާރުގެ ވަޒީރެއް ކަމުގައިވާ އަނުރާ ބަންޑާރަނަޔަކައާ ތިންބޭފުޅުން ވަޑައިގަތީ، ވަރަށްކުޑަކުޑަ ކަނޑުބޯޓެއްގައި. ވަޑައިގެން ތިއްބެވީ ބްލޫހެވަންގައި. އޭރު ކަންތައް އޮތްގޮތުގެ ވާހަކައާއި، މިހާރު ވަޑައިގަތީމާ މިފެނުނު، މިއައި ބަދަލުގެ ވާހަކަ އޭނަ ދައްކަވާ ކޮޅުންނުލި.

އޭނާ ވިދާޅުވި، މިވާހަކަތައް ވާނެއޭ ސަރުކާރުން މީހުންނަށް ކިޔައިދޭން. މިކަންތައްތަކެއް ޒުވާނުންނަކަށް ނޭނގޭނެއޭ. އެއްވެސް މީހަކަށް ނޭނގެއޭ، މީގެ 30 އަހަރުކުރިން ރާއްޖެ އޮތްގޮތެއް. މިހާރުގެ ޒުވާނުން ހަމަ ހޭލުންތެރިވާއިރު މިފެންނަނީ، ނުލާހިކުބޮޑެތި ޢިމާރާތްތަކާ ބައިވަރު ކާރުތަކާއި މޯބައިލް ފޯނުތަކާއި ކުލަ ޓީ.ވީީތަކާއި އެއަރޕޯޓްތަކާ، މިހުރިހާ އެއްޗިއްސެއް. މިއިން އެއްވެސް އެއްޗެއް އޭރު ކޮބައިހޭ؟ އޭރު މިއިން އެއްވެސް އެއްޗެއް ނެތް. އެކަމަކު ރައްޔިތުންކުރި ހިންމަތުން ރައްޔިތުންކުރި މަސައްކަތުން، އަދި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މިހުޅުވާލެވިފައިވާ ސިޔާސަތު ގެންގުޅުމުގެ ސަބަބުން، އަދި އޭގެއިތުރުން، ރާއްޖޭގައި މިއޮތް ހަމަޖެހުމާއި އަމަންއަމާންކަމުގެ ސަބަބުން، މާތްﷲ އަޅުގަނޑުމެންނަށް ކުރިޔަށް ދިޔުމުގެ މަގު މިތަނަވަސްކޮށްދެއްވީ. އެއީ އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ވާނެކަމެއް ނޫން.

އާދެ! ކޮންމެއަކަސް އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންވަނީ ކޮށްފައި. އަދި މިހާރުވެސް ކުރަމުން އެބަގެންދޭ. އެކަންތަކުގައި އުޅުއްވި ބޭފުޅުންނަށް ޝުކުރު ދަންނަވާލަން އަޅުގަނޑު ބޭނުން. އާދެ! އެންމެގިނަދުވަސްވަންދެން އަތޮޅުތަކާބެހޭ ވުޒާރާ ހިންގެވި ބޭފުޅަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. ވަރަށްގިނަ އަހަރުތަކެއް ވަންދެން، ވަރަށް ބުރަ މަސައްކަތްތަކެއް، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް އޭނާވަނީ އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާފައި. އެހެންކަމުން، އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް. އަދި މިދެންނެވި ވަޒީރުގެ އިތުރުން އަތޮޅުތަކާބެހޭ ވުޒާރާ ހިންގަވައިދެއްވި ތަފާތު ބޭފުޅުންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި އަލްފާޟިލް ޢަބްދުﷲ ޖަމީލު، އަލްފާޟިލް އިލްޔާސް އިބްރާހީމް، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ހިމެނިވަޑައިގަންނަވާ. އޭގެއިތުރުން، މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނަވައިގެން އަތޮޅުތަކާބެހޭ ވުޒާރާ ހިންގަވައި ދެއްވި ޑޮކްޓަރ މުޙަންމަދު ލަޠީފުގެ ނަންފުޅުވެސް އަޅުގަނޑު މިއަދު ހަނދާންކުރަން. މިހުރިހާ ބޭފުޅުން އެކޮށްދެއްވި ޚިދްމަތްތަކަށްޓަކައި މިހުރިހާ ބޭފުޅުންނަށް ޙައްޤު ޝުކުރު އަޅުގަނޑު ދަންނަވަން.

އާދެ! ދެންއޮތީ މިހާރުގެ ވަޒީރުގެ ވާހަކަ ދަންނަވާލުން. އެވާހަކަ ދަންނަވާލާކަށް އަޅުގަނޑަކަށް މާފަސޭހައެއް ނޫން. އޭނަ މިތާ އިންނެވީމާ. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ވަޙީދުއްދީނަކީ މިޒާޖުފުޅުގެ ގޮތުންވެސް، މީހުންނާ ވަރަށް ގުޅޭ ވަރަށް ރަޙްމަތްތެރި ބޭފުޅެއް. މީހުންގެ ކޮނޑަށް އަތް އެއްލައްވައިގެން ވާހަކަ ދައްކަވައި މީހުން ހަމަޖައްސަވާ ހައްދަވާނެ. އަދި އޭނާގެ އަމިއްލަ ޖީބުންވެސް ޚަރަދުކުރައްވައިގެން، ނުވިކަމެއްވިއްޔާ ކޮށްދެއްވާނެ. ވަރަށް ދީލަތި ބޭފުޅެއް. ވަރަށް ބޮޑެތި މަސައްކަތްތަކެއް އަތޮޅުތަކުގެ ތަރައްޤީއަށް އޭނާ އެބަކޮށްދެއްވާ. އެހެންވީމާ، އެކަމަށްޓަކައި ވަޙީދުއްދީނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަތޮޅުގެ ޒުވާން އަތޮޅުވެރިޔާ، މިއަދު ޒުވާނުގެ ދުވަސް ދޮއެއްތޯ! އަލްފާޟިލް ސަޢުދު ޢަބްދުﷲގެ ވާހަކަވެސް ދަންނަވާލުމަކީ، މާ ފަސޭހަކަމެއް ނޫން. އޭނަވެސް އިންނެވީމާ. އެހެންނަމަވެސް، އަޅުގަނޑަށް ފެނުނުތަނުގައި އޭނައަކީ ވަރަށް ޒިންމާދާރުގޮތެއްގައި، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޚިދްމަތް ކުރައްވާ ބޭފުޅެއް. ހުރިހާ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެވަޑައިގަންނަވާ. އެރަށަކަށް އަޅުގަނޑު ފޭބުމުގެ ކުރިން، އެރަށަކާބެހޭ ހުރިހާ ވާހަކައެއް ކިޔައިދެއްވާނެ. އެންމެންނާ ވަރަށް ގާތް ގުޅުމެއް ބަހައްޓަވާ ބޭފުޅެއް. އަތޮޅުގެ އެންމެންވެސް ވަރަށް ލޯބިވާ ތާރީފުކުރާ ބޭފުޅެއް. އެހެންވީމާ، އަތޮޅުވެރިން އެކުރައްވާ މަސައްކަތްޕުޅަށް އަތޮޅުވެރިންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މި އަތޮޅުގެ ބައެއް ރަށްރަށަށް މިކުރާ ދަތުރުގައި ކުރިންވެސް ދެންނެވިހެން، އެންމެފަހުން އާދެވުނު ރަށަކީ މިރަށް ކަމަށްވާތީ، މިރަށުގައި ދައްކާ ވާހަކަ ކުޑަތަންކޮޅެއް އިތުރުވެގެން މިދަނީ. މުހިންމު ބޭނުންތަކެއްވެސް އެވާހަކައިގައި ގެންނަންޖެހޭތީ. އަދި އޭގެތެރެއިން އެއްވާހަކަ ދަންނަވާލާނަން.

މިދަތުރުގައި އަޅުގަނޑާއެކީ އެބަ ބައިވެރިވެވަޑައިގެން ދެއްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަކާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއް. އާދެ! ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހީމް ޝަހީދު ޒަކީ، މިދަތުރުގައި އަޅުގަނޑާއެކީ އެބަ ބައިވެރިވެވަޑައިގެން ދެއްވާ. އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙަންމަދު ޢާޠިފުވެސް އަޅުގަނޑާ އެކީގައި މިދަތުރުގައި ބައިވެރިވެވަޑައިގެން ދެއްވާ. އެހެންވީމާ، އެބޭފުޅުން އަޅުގަނޑާއެކީގައި ބައިވެރިވެވަޑައިގެން ދެއްވައި، އެބޭފުޅުންގެ ޚިޔާލުފުޅު އަޅުގަނޑަށް ދެއްވައި، މިދަތުރުގެ ކަންތައްތައް ކާމިޔާބު ކުރެއްވުމުގައި ކޮށްދެއްވި މަސައްކަތްތަކަށްޓަކައި އެ ދެބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިރޭވެސް އަދި އަޅުގަނޑު ވާހަކަ ދައްކަން އެބައޮތް ދޮއެއްތޯ! އެހެންވީމާ، މިރެއަށްވެސް ކޮންމެވެސް ވާހަކަތަކެއް ބަހައްޓަންޖެހޭނެކަން ނޭނގެ. އެހެންވެ، މިހިސާބުން ނިންމާލަން ގަސްދުކުރަނީ. އެއްފަހަރާ ހުރިހާ ވާހަކައެއް ހުސްކޮށްލައިފިއްޔާ އަޅުގަނޑު ދައްކާ ވާހަކަ އަޑުއަހާކަން މިރޭ މީހަކު ނުދާނެ. އެހެންވީމާ، ކޮންމެވެސް ވަރެއް ބަހައްޓާފައި މިހާހިސާބުން ނިންމާލަންކަމަށް. އާދެ! އަޅުގަނޑުގެ ވާހަކަ އައްސަވަން ތިއްބެވިކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللَّـه سبحانه وتعالى އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެންތިބޭ ބަޔަކުކަމުގައި ލެއްވުން. ދިވެހިރާއްޖެއަށް، ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް، އަބަދުވެސް ކުރިއެރުމާއި ތަރައްޤީއާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ހަމަޖެހުން އެކަލާނގެ މިންވަރުކުރެއްވުން.

والسّـلام علـيكم ورحمة اللَّـه وبركاتة.