بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على أشرف المرسـلين، سـيدنا محـمَّدٍ، وَعلى آلـه وأصـحَابِه أجمـعـين

އާދެ! މާޅޮސްމަޑުލު އުތުރުބުރީގައި މީހުން އުޅޭ ބައެއް ރަށްރަށަށް އަޅުގަނޑު މިކުރާ ދަތުރުގައި، މިއަދު އެންމެ ހެނދުނާ މިއާދެވުނީ ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް. މަޑުއްވަރީއަށް. މަޑުއްވަރީއަށް ޒިޔާރަތްކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މަޑުއްވަރީއަށް އަޅުގަނޑު އައުމުން، މިރަށުގެ ވެރިންނާއި ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި ވަރަށް ހޫނު މަރްޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިސްތިޤްބާލަށްޓަކައި ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނާއި ކުދިންގެ އަތުގައި ދިވެހި ޤައުމީ ދިދަ ވިހުރުވިވިހުރުވި ހުރި. އެއީ، އަޅުގަނޑު ހިތަށް ވަރަށްބޮޑު އުފަލެއް އިޙްސާސްކޮށްދިން ކަމެއް. އެއިން ދައްކައިދެނީ، މަޑުއްވަރީ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޤައުމީ ލޯބި. މަޑުއްވަރީ ރައްޔިތުން ދެކެވަޑައިގަންނަވާ ގޮތުގައި، އެންމެ އިސްކަންދޭންޖެހޭނީ ޤައުމީ ކަންތައްތަކަށްކަން މިކަމުން ވަރަށްބޮޑަށް ދޭހަވެގެންދިޔަ. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް، މަޑުއްވަރީ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މަޑުއްވަރިއަށް އަޅުގަނޑަށް ޒިޔާރަތެއް ނުކުރެވި ވަރަށް ގިނަ އަހަރުތަކެއް ހިނގައްޖެ. އެހެންނަމަވެސް މަޑުއްވަރީ ރައްޔިތުން ކުރައްވާ މަސައްކަތްތަކާއި، މަޑުއްވަރިއަށް ލިބެމުންދާ ކުރިއެރުމާއި ތަރައްޤީއާއި، އަދި މަޑުއްވަރިއަށް ދިމާވާ މައްސަލަތަކާ، މިހުރިހާ ކަމެއް އަޅުގަނޑު މިދިޔައީ ބަލަމުން. ސީދާ އަޅުގަނޑަށް މަޑުއްވަރިއަށް ޒިޔާރަތް ނުކުރެވުނަސް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ ވަޒީރުން ވަރަށް ގިނައިންވަނީ މިރަށަށް ވަޑައިގެންފައި. އެދެއްވާ ޚިދްމަތްތަކުގެ ފެންވަރުހުރި ގޮތަކާއި ދިމާވާ ދަތިތަކާއި، އިތުރަށް އެ ޚިދްމަތްތައް ތަރައްޤީ ކުރައްވަން ޖެހޭނެ ކަންތައްތަކާ، މިހުރިހާ ކަމެއް އެބޭފުޅުން ގެންދެވީ ބައްލަވަމުން. އަދި، އެކަންތައްތައް އެބޭފުޅުން ގެންދެވީ، މަޑުއްވަރީ ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން. އެހެންވީމާ، އެހުރިހާ ބޭފުޅުން، އެކޮށްދެއްވަމުން ގެންދެވި އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްތަކަށްޓަކައި އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

މިއަދު އަޅުގަނޑަށް ލިބުނު އަނެއް އުފަލަކީ، މިރަށުގައި އަލަށް އިމާރާތްކުރި މިސްކިތް، މަސްޖިދުލްއަމާނާ ހުޅުވައިދިނުން. މި މިސްކިތަކީ، މިރަށުގެ އެކުވެރިންގެ ކްލަބުގެ ފަރާތުން އިސްނަންގަވައިގެން، ރަށުގެ ރައްޔިތުންގެ ވަރަށްބޮޑު ހިއްސާއަކާ އެކުގައި އިމާރާތް ކުރެއްވި މިސްކިތެއް. ސަރުކާރުގެ އެހީވެސް އެ މިސްކިތަށްވަނީ ކޮންމެވެސް ވަރަކަށް ލިބިފައި. މިފަދަ މުހިންމު މަސައްކަތްތައް ކުރުމަކީ، ޝައްކެއްނެތްގޮތުގައި ރަށުގެ ރައްޔިތުންގެ ލާބައާ މަންފާއަށް ކުރެވޭ ކަންތައްތަކެއް. އެހެންވީމާ، މި މިސްކިތުގެ ކަންތައްތަކުގައި އިސްނަންގަވައިގެން އުޅުއްވި ހުރިހާ ބޭފުޅުންނަށާއި، އެ މަސައްކަތުގައި ތަފާތު ގޮތްގޮތުން ބައިވެރިވެވަޑައިގެން ދެއްވި ރައްޔިތުންނަށާއި ރަށުގެ ވެރިންނަށާއި، އަދި ޢަމަލީގޮތުން މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރާއްޖޭގެ އެކިރަށްރަށުގައި އަމިއްލަ ކްލަބް، ޖަމްޢިއްޔާފަދަ ތަންތަނުން އިސްނަގައިގެން ތަރައްޤީގެ ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ގެންދޭ. އެއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް. އަދި މިފަދަ މަސައްކަތްތަކުގައި ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން މުހިންމު ދައުރެއް އަދާކުރަމުން ގެންދާކަން އެއީ، އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ހަނދާންކުރާ ކަމެއް. ސަރުކާރުގެ މިކަމާބެހޭ އިދާރާއެއް އެބަހުރި. އެ އިދާރާއަކީ، ކޮމިއުނިޓީ އޮގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލް. މިއިދާރާގެ އިސްވެރިއަކަށް ހުންނަވަނީ، އަލްފާޟިލް ސަމަރުބުލޫ އިބްރާހީމްމަނިކު. މި މަސައްކަތް، އޭނާ ވަރަށްބޮޑަށް ކުރައްވަމުން އެބަގެންދަވާ. ރާއްޖޭގެ އެކިއެކި ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކާ ގުޅުއްވައިގެން. އެ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން، ރައްޔިތުންނަށްދޭ ޚިދްމަތްތައް ވިލަރެސް ކުރައްވައި، އެކަންތައްތައް އިތުރަށް ކުރެވޭނެ މަގު ސަރުކާރުގެ ފަރާތުން ފަހިކޮށްދެއްވަމުން ގެންދަވާ. އެހެންވީމާ، އެކަމަށްޓަކައި އަލްފާޟިލް އިބްރާހީމް މަނިކަށާއި، އޭނާގެ ދަށުން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މަޑުއްވަރިއަކީ، ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން މަސްވެރި ރަށެއް. ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް އެވާހަކަ ވަރަށް ރަނގަޅަށް ވިދާޅުވެއްޖެ. އަދި މިއަތޮޅުގެ އާބާދީ އެންމެބޮޑު ދެރަށުގެ ތެރެއިން އެއްރަށް ކަމުގައިވެސް އޭނާ ވިދާޅުވި. މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެބޮޑު އެއްބިންގާ. ޒަމާނުއްސުރެ ދިވެހި ރައްޔިތުން ކުރަމުން އައި އެންމެ ފައިދާހުރި އަދި އެމީހުން އެންމެ މޮޅަށް، އެންމެ ރަނގަޅަށް ކުރަމުން އައި މަސައްކަތް. މި މަސައްކަތް އިތުރަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޭނުންތެރި ކަމެއް. އަދި މަސްވެރިކަންކުރާ ފަރާތްތަކަށާއި، އޮޑިދޯނިފަހަރުގެ ވެރިންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި އަދި އެކަމުގައި ޝާމިލުވާ އެންމެންގެ ދިރިއުޅުން މިކަމުގެ ސަބަބުން ތަނަވަސްވެ، އިތުރު އާމްދަނީ ލިބުމަށް މަގުފަހިކޮށްދޭ ކަމެއް.

މިދެންނެވި ސަބަބުތަކަށްޓަކައި، ސަރުކާރުން މަސްވެރިކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް މިއަންނަނީ ދެމުން. މަސްވެރިކަން ތަރައްޤީކޮށް އާލާކޮށް ކުރިއެރުވުމަށްޓަކައި ވަރަށްގިނަ މަޝްރޫޢުތަކެއް ސަރުކާރުންވަނީ މިހާތަނަންވެސް ހިންގާފައި. އަދި މިހާރުވެސް އެފަދަ މަޝްރޫޢުތައް ހިންގަމުން އެބަގެންދޭ. ހަނދުމަފުޅު ހުންނާނެ ފަދައިން، މަސްވެރިކަމުގެ އާގޮތްތައް ރާއްޖެއަށް ތަޢާރުފުކޮށް، މިކަމުގެ ޝައުޤުވެރިކަން ހުރި މީހުންނަށް ކުރިޔަށް ދެވޭނެ މަގު، ތަނަވަސްކޮށްދިނުމުގެ ގޮތުން، ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ވާހަކަ އިހަކަށް ދުވަހު އަޅުގަނޑުގެ ރިޔާސީ ބަޔާނުގައިވެސްވާނީ ދަންނަވާފައި.

އަޅުގަނޑު މަޑުއްވަރީ ރައްޔިތުންގެ ކިބައިން އެދެނީ، އަދިވެސް މިކަމުގައި ސާބިތުކަމާއެކު އިތުރަށް ކުރިޔަށްވަޑައިގަތުމަށް. އާދެ! އެއީ މަސްވެރިކަން ތަރައްޤީ ކުރުމަކީ، މިރަށުގެ ތަރައްޤީއަށާއި، މިރަށުގެ ރައްޔިތުންގެ އާމްދަނީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށްވާތީއާއި، އޭގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ރަނގަޅު ފައިދާތަކެއް ކުރާނެތީ.

މަޑުއްވަރީގެ ތަރައްޤީއަށްޓަކައި، ސަރުކާރުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފައި. އެކަންތައްތަކުގެ ތަފްޞީލު ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް އެކަންތައްތައް އެނގިވަޑައިގަންނަވާނެ. މިހާރު ހިނގަމުންދާ އެއްކަމަކީ، މަސްވެރިކަމުގެ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީން ހިންގަވާ ޕްރޮގްރާމުގެ ދަށުން މަޑުއްވަރީގައި ހަދާ މަސްމާރުކޭޓުގެ މަސައްކަތް. އެއީ ދެބުރިޔަށް ހަދާ ތަނެއް. އެ މަސައްކަތުގައި އުޅުއްވާ ފަރާތަކުން، އަޅުގަނޑަށް މަޢްލޫމާތު ދެއްވިގޮތުގައި، އެ މަސައްކަތުގެ ސަތޭކައަކުން ހަތްދިހަފަހެއް މިހާރުވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މަސްމާރުކޭޓުގެ މަސައްކަތް ނިމިގެން، އެތަން ހުޅުވޭނެ. އެތަން ހުޅުވުމުން، މަޑުއްވަރީ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! އަޅުގަނޑުމެން މިތާ މި ޖަލްސާ ކުރާއިރު، ހަނދާކޮށްލަންޖެހޭ އެއްކަމެއް އެބައޮތް. އެއީ، މިއަދަކީ، މާޗް މަހުގެ 1 ވަނަ ދުވަސްކަން. މާޗް މަހުގެ 1 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަސް. އެހެންކަމުން، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް، މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ، މިއަދު މިތާނގައިހުރެ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި ޚާއްޞަކޮށް، މަޑުއްވަރީ ޒުވާނުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ އެއަށްވުރެވެސް ބޮޑު އުފަލެއް.

އަޅުގަނޑު މިތަނަށް އައި އައުމުގައި، މަޑުއްވަރީ ރައްޔިތުންގެ އެކިއެކި ޚިޔާލުތަކާ ތަޞައްވުރުތައް ލިޔުއްވާފައިވާ ޢިބާރާތްތަކެއް ފެނުނު. އޭގެތެރެއިން އެއް ޢިބާރާތެއްގައި އޮތް، "ޒުވާނުންގެ ގުޅުން - މަޑުއްވަރީގެ ކުރިއެރުން." އަޅުގަނޑަށް ހީވަނީ އެއީ ވަރަށްބޮޑު ޙަޤީޤަތެއްހެން. ޒުވާނުން، ގުޅިގެން މަސައްކަތް ކުރުމަކީ، ކޮންމެ ރަށެއްގެވެސް ކުރިއެރުމަށް އެޅޭ ވަރަށްބޮޑު ބާރެއް. ހަމައެހެންމެ، މަޑުއްވަރީ ރައްޔިތުން، ކުރިމަގު ތަޞައްވުރު ކުރައްވާ ގޮތުގެ ލިޔުމެއްވެސް، އަޅުގަނޑު ދުށިން. އޭގައި ލިޔެފައި އޮންނަނީ، "އަމާން އޮމާން ހޭލުންތެރި އަދި ފުދުންތެރި ރަށަކަށް މަޑުއްވަރީވުން." އާދެ! މިކުރު ޢިބާރާތުގައި އަޅުގަނޑުމެން ބޭނުންވާ ހުރިހާ މަޤްޞަދުތަކެއް ވަނީ ވަރަށް ރަނގަޅަށް ބަޔާންކުރެވިފައި.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ، އަމާން ދިރިއުޅުމެއް ޤާއިމުކުރަން. ސުލްހަމަސަލަސްކަމާއި އެކުވެރިކަމާއި އެއްބާރުލުން ހަމަޖެހިފައިވާ ޖަމާޢަތެއްގެ ތެރޭގައި ދިރިއުޅެން. ދިވެހިރާއްޖެއަކީ، އެފަދަ ތަނަކަށްވުން. މިހާރުވެސް ރާއްޖެއަކީ އެފަދަ ތަނެއް. އަދި މުސްތަޤްބަލުގައިވެސް އެގޮތަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެހެންމެ، އަޅުގަނޑުމެންގެ ތެރެއަށް ޒަމާނާ ގުޅިގެން އަންނަންޖެހޭ އެކިއެކި ހެޔޮބަދަލު އަންނަންވާނީ، އޮމާންކަމާއެކީގައި. އެބަދަލުތައް އައުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބައިބައިވުމެއް އުފެދިގެނެއް ނުވާނެ. ހަމަނުޖެހުމެއް އުފެދިގެނެއްނުވާނެ. އެހެންވީމާ، އެއީވެސް މަޑުއްވަރީ ރައްޔިތުން ތަޞައްވުރު ކުރައްވާފައިވާ ގޮތުގައި، މަޑުއްވަރީގެ މުސްތަޤްބަލަށް، އެބޭފުޅުން އެދިވަޑައިގަންނަވާގޮތް. އެއީ، މުޅި ޤައުމުވެސް، ޤައުމުގެ ރައްޔިތުން އެދޭގޮތް.

އަނެއް ކަމަކަށް މިއޮންނަނީ، ހޭލުންތެރި ބަޔަކަށްވުން. ޝައްކެއްނެތް. ކޮންމެ މަގެއްގައިވެސް އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނީ، އެ މަގެއްގައި އެ ރޮނގެއްގައި ހޭލުންތެރިވެގެން. ހޭލުންތެރިކަމަކީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް ރަނގަޅު މަޢްލޫމާތު ލިބެންޖެހޭ. ކަންތައްތައް ވާނުވާގޮތް އެނގެންޖެހޭ. އަދި ކޮންމެ ކަމެއްގައިވެސް އޮތް، ހެޔޮގޮތަކާއި ނުބައިގޮތެއް އަޅުގަނޑުމެންނަށް ވިސްނެންޖެހޭ. މިކަންކަން މިހެންވާނީ، ހޭލުންތެރިކަމެއް އުފެދިގެން. ހަމައެހެންމެ، އުފެއްދުންތެރި ބަޔަކަށްވެސް އަޅުގަނޑުމެން ވާން އެބަޖެހޭ. އެއީ، ކޮންމެ ރައްޔިތަކީވެސް އުފެއްދުންތެރި ރައްޔިތަކަށްވެގެން ޤައުމު، ޤައުމެއްގެ ގޮތުގައި ކުރިޔަށް ދާނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަޑުއްވަރީ ރައްޔިތުންގެ މި ތަޞައްވުރަކީ، އެއަށް އަޅުގަނޑު ފުރިހަމައަށް ހިއްސާކުރާ ވަރަށް ތާއީދުކުރާ ވަރަށް ތަރުޙީބުދޭ ތަޞައްވުރެކޭ.

އާދެ! ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން މަޑުއްވަރީ ކަތީބު އަލްފާޟިލް ޢަބްދުﷲ ޙަމީދު، ދެންމެ އަޅުގަނޑާ ދެއްކެވި ވާހަކަތަކުގައި މަޑުއްވަރީއަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ވިދާޅުވި. އޭގެތެރެއިން ގިނަ ކަންތައްތަކަކީ، އަޅުގަނޑު ހިތުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މެދުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދިދާނެ ކަންތައްތަކެއް. މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ދެންމެ ވިދާޅުވި. އަތޮޅުވެރިންނާއި ތިމަންނައާއި ރަށުގެ ވެރިންނާ މިކަމާ ބެހޭގޮތުން ވާހަކަ ދައްކާލައިގެން ގޮތްތަކެއް ފެނޭތޯ ބަލަމާ ހިނގާށޭ! އަދި މިކަންކަމަކީ، ހަމައެކަނި އެމިނިސްޓްރީން ކުރެއްވޭވަރުގެ ކަމެއްކަމަށް ނުވަންޏާ، ސަރުކާރުގެ އެހެން ދާއިރާތަކަކާ މަޝްވަރާ ކުރައްވައިގެންވެސް އެކަންތައްތަކަށް އަލިމަގެއް ފެނޭތޯ ބަލަމާ ހިނގާށޭ! އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންތައްތައް ކުރައްވަމުން ގެންދަވާނެ. މިހެން ދެންނެވިޔަސް، އަޅުގަނޑުވެސް ދަންނަވާލަންޖެހޭ، ހުރިހާކަމެއް އެއްފަހަރަކާ ނުވާނެ. އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުން ވަރަށްގިނަ ކަންތައްތަކަށް އެދޭ. ސަރުކާރުގެ ވަސީލަތްތަކާ ފުދުންތެރިކަން ހުންނަވަރަކުން، އެކަންތައްތައް ކުރަމުން ގެންދެވޭނީ. އެހެންވީމާ، އެއްރަށަކުން އެދޭ ހުރިހާކަމެއް، އެއްފަހަރަކާ ނުވެ ހިނގައިދާނެކަން ތިޔަބޭފުޅުންވެސް ޤަބޫލު ކުރައްވަންޖެހޭނެ. ޚާއްޞަކޮށް، ރާއްޖެކަހަލަ މީސްކޮޅުމަދު އަދި ތަނަވަސްކަމުގެ ވަސީލަތްތައް މަދު ކުޑަކުޑަ ޤައުމެއްގައި، އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް ކަންތައްތައް ގެންދެވޭގޮތް ނުވުމަކީ އެކަށީގެންވާ ކަމެއް.

އާދެ! އޭގެތެރެއިން ބައެއް ކަންތައްތަކުގެ ވާހަކަ އަތޮޅުވެރިންވެސް ވިދާޅުވި. އެކަންތައްތަކަށް ސަރުކާރުން ވިސްނަމުން ގެންދާނެ. ފަސްމަންދޫގެ މައްސަލައިގައި މިއަދުވެސް މަޝްވަރާތަކެއް ސަރުކާރުން ކުރަމުން އެބަ ގެންދޭ. އެއީ މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވަނީ، އެރަށް، މިރަށުގެ ރައްޔިތުންގެ ޞިނާޢީ ބޭނުންތަކަށް ސަރުކާރުން ހަމަޖައްސައިދޭން. ޙަޤީޤަތުގައި މިރަށަކީ، ދިގު މުއްދަތަކަށް އިޤްތިޞާދީ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ރަށެއް. ބީލަމުގެ އުސޫލުން ދޫކޮށްގެން، އިޤްތިޞާދީ ކޮންމެވެސް ބޮޑު މަސައްކަތެއް ހިންގައިގެން، އެކަމުން އާމްދަނީ ލިބޭގޮތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް. އެހެންވީމާ، އެ އުސޫލު ދޫކޮށްލާފައި، މަޑުއްވަރީ ރައްޔިތުންނަށް އެރަށް ހަމަޖައްސައިދިނުމުގެ ކަންތަކަކީ، އެކަމާ ދޭތެރޭގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވިސްނަވާފައި ރަނގަޅު ގޮތެއް ނިންމަވަންޖެހޭ ކަމެއް. އެހެންވީމާ، އެމަސައްކަތް، މިހާރު ހިނގަމުންދާ ވާހަކަ ދަންނަވާލީ. އިރާދަކުރެއްވިއްޔާ އެކަންތައްތައް ނިމިގެންދާނީ، ހަމަ ރައްޔިތުންވެސް ބޭނުންފުޅުވާގޮތަށް. ނުވަތަ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެގޮތަކަށް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ އެވާހަކަވެސް ދަންނަވާލާނަމޭ.

އާދެ! މިއަދު މަޑުއްވަރީއަށް އައުމުން، އަޅުގަނޑަށް ތިޔަ ހުރިހާބޭފުޅުން ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި މާތްﷲ، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުމާއި އަދި ކަންތައްތަކުގައި ކުރިޔަށް ދިއުމަށް މަގުފަހިވާނެގޮތަށް އަޅުގަނޑުމެންގެ ވިސްނުން ބައްޓަންކޮށްދެއްވައި އެ ނިޢްމަތް އަޅުގަނޑުމެންނަށް ދެއްވުން އެދެން. ހަމައެއާއެކީގައި، ދިވެހިރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމުވެފައި އޮތުމަށްޓަކައ، ސަރުކާރާ ރައްޔިތުން މިކުރާ މަސައްކަތްތަކުގައި ކާމިޔާބު ދެއްވުން އެދެން. ހަމައެހެންމެ، ރައްޔިތުންނާއި ޤައުމުގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ރައްޔިތުން ކުރަމުން މިގެންދާ ބުރަ މަސައްކަތްތައް، އެކަލާނގެ ހެޔޮގޮތުގައި ނިންމަވައިދެއްވުން އެދެން. މަޑުއްވަރީއަށް އަޅުގަނޑު އެދެނީ، ހުރިހާވެސް ކުރިއެރުމަކާއި ތަރައްޤީއެއް. ރައްޔިތުންނަށް އުފާފާގަތިކަމާއި ބާއްޖަވެރިކަމާއި ހަމަޖެހުން.

والسّـلام علـيكم ورحمة اللَّـة وبركاتة.