بســم اللَّـه الرّحمـن الرّحيــم

الحمـد لِلَّه ربّ العـالمـين، والصّـلاة والسّـلام عـلى خاتـم الأنبياء وسيد المرسلين وعلى آله وأصحابـه أجمعـين.

އާދެ، މިއަދު އަޅުގަނޑު ރ.އަތޮޅަށް ކުރަން މިފެށި ދަތުރުގައި މިހާރު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށުގައި. އާދެ! ރަސްމާދޫގައި. ރަސްމާދުއަށް އަޅުގަނޑު އައުމުން މިރަށުގެ ވެރިންނާއި ރައްޔިތުންނާއި، އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ އެކި ގިންތީގެ އެކި ފެންވަރުގެ އެކި ޖިންސުގެ އެކި އުމުރުގެ ބޭފުޅުން، އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މި ޖަލްސާ ފެށުމާ އެކީގައި ރަސްމާދޫ ސްކޫލުގެ ޓީޗަރ އަލްފާޟިލާ ޝަމްސިއްޔާ ވަރަށް ފަށުވި އިބާރާތްތަކަކުން އަޅުގަނޑަށް މަރްޙަބާ ވިދާޅުވެއްޖެ. ތިޔަބޭފުޅުންގެ ނަންފުޅުގައި. އެހެންވީމާ، އޭނާއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިރަށަށް ދެވަނަފަހަރު މިއައީ 24 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހުގައި. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރާ ދަތުރެއް އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވިތާ ކުރީކޮޅުގައި ފެށިން. އެ ދަތުރު ފެށީ 1979 ވަނަ އަހަރުގެ ފެބްރުއަރީމަހު ފަހުކޮޅު. ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު އެއްފަހަރު ޒިޔާރަތްކޮށް ނިމުނީ 4 އަހަރު ދުވަހުން. އޭގެ ތެރެއިން 1983 ވަނަ އަހަރުގެ މާޗުމަހުގެ 30 ވަނަ ދުވަހު އަޅުގަނޑަށްވަނީ ރަސްމާދުއަށް ޒިޔާރަތްކުރުމުގެ އުފާ ލިބިފައި.

އަޅުގަނޑަށް މާގިނަގިނައިން ޒިޔާރަތް ނުކުރެވުނަސް، އަޅުގަނޑު އަބަދުވެސް މިގެންދަނީ އަތޮޅުތަކުގެ ރައްޔިތުންގެ ހާލުއަހުވާލު ބަލަމުން. އެކި ރަށްރަށުގެ ކަންތައްތައް ހުރި ނެތްގޮތާއި، ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައި ހުންނަ ދަތިތަކާއި އަދި އެރަށްރަށުގައި ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، މިހުރިހާ ކަމެއް ބެލުމަކީ އަޅުގަނޑުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާތީ އެކަން އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަކަށް މިގެންދަނީ ކުރަމުން.

މިކަމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވާ ވަޒީރުން ތިއްބަވާ އާދެ! އޭގެ ތެރޭގައި އެވަގުތަކު އަތޮޅުތަކާބެހޭ ވުޒާރާ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރަކާއި، އަދި ސަރުކާރުގެ ތަފާތު ބޮޑެތި ޚިދްމަތްތައް ރައްޔިތުންނަށް ފޯރުވައިދޭ މިނިސްޓްރީތަކުގެ ވުޒާރާތަކުގެ ވަޒީރުންނާއި އަދި މިނޫންވެސް، ސަރުކާރުގެ އެކި ފެންވަރުގެ ވެރިން ހިމެނިވަޑައިގަންނަވާ. މިހުރިހާ ބޭފުޅުން، އެކުރައްވާ ދަތުރުފުޅުތަކުން ލިބިވަޑައިގަންނަވާ މަޢްލޫމާތު އަޅުގަނޑަށް ދެއްވަމުން ގެންދަވާ. އަދި އެ މަޢްލޫމާތުގެ މައްޗަށް ބިނާކޮށް އަތޮޅުތައް ތަރައްޤީކުރުމަށް ސަރުކާރުން އެކިއެކި މަޝްރޫޢުތައް ރާވައި އެކަންކަން މިގެންދަނީ ހިންގަމުން. އެހެންވީމާ، މިވޭތުވެދިޔަ ގާތްގަނޑަކަށް 27 އަހަރު ދުވަހުގެ ތެރޭގައި އަތޮޅުތަކުގެ ތަރައްޤީއަށް، ރަށްރަށުގެ ތަރައްޤީއަށް، ސަރުކާރުން ތަފާތު ގިނަ މަސައްކަތްތައް ކޮށްފައިވާކަން ރަސްމާދޫ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އާދެ! ރަސްމާދޫ ރައްޔިތުންނަކީ ވަރަށް ހީވާގި މަސައްކަތްތެރިބައެއް. ރަސްމާދޫ ރައްޔިތުން ދިރިއުޅުއްވުމަށް އެންމެބޮޑަށް ކުރައްވާ ދެމަސައްކަތަކީ، މަސްވެރިކަމާއި ދަނޑުވެރިކަން. އެއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހަމަ އެ މަސައްކަތްތައް އޮންނަގޮތް.

ޙަޤީޤަތުގައި މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް އަސާސް. އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ދެކަމަކީ، މަސްވެރިކަމާއި ފަތުރުވެރިކަން. ފަތުރުވެރިކަން މިހާރު މިވަނީ މިއަތޮޅަށްވެސް ވާޞިލުވެފައި. މި އަތޮޅުގައި ހިނގާ ރިޒޯޓެއް އެބަހުރި. އަދި އޭގެއިތުރުން ދެ ރިޒޯޓެއް މިހާރުވަނީ އަޅުގަނޑު ހިތުން ބިޑުކޮށް އެފަރާތްތަކާ ހަވާލުވެސް ކުރެވިފައި. އެތަންތާނގެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ރަނގަޅަށް ހިނގަމުންދާނެ.

ކޮންމެއަކަސް މަސްވެރިކަމަކީ، ޒަމާނުއްސުރެ ދިވެހިން އެންމެމޮޅަށް ކުރަމުން އަންނަ އެންމެބޮޑު ފައިދާ ގިނަބަޔަކަށް ލިބެމުންދާ މަސައްކަތް. އެހެންވީމާ، މި މަސައްކަތް ޒަމާނާ ގުޅޭގޮތުން ތަރައްޤީކޮށް ކުރިޔަށް ގެންދިޔުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެމުންގެންދާ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަދި ޒަމާނާ އެކަށީގެންވާ ގޮތެއްގެމަތިން ޓެކްނޯލޮޖީގެ ބޭނުންކޮށްގެން މަސްވެރިކަމުގެ އިތުރު ހުނަރުތައް ތަޢާރުފު ކުރުމާއި މަސްވެރިކަން ތަރައްޤީކުރުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭނެ ކަމެއްކަމުގައި މިއަހަރުގެ ރިޔާސީބަޔާނުގައި އަޅުގަނޑުވާނީ ދަންނަވާފައި.

މީގެއިތުރުން، ދަނޑުވެރިކަމަކީވެސް ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ވަރަށް ކާމިޔާބު ގޮތެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތެއް. އެ މަސައްކަތުގެ ފައިދާ، ދިވެހި ރައްޔިތުންނަށް މިދަނީ ލިބެމުން. އަދި ޚާއްޞަކޮށް ފަހަކަށްއައިސް ރާއްޖޭގައި ދަނޑުވެރިކަމަކީ ކުރިއަށްވުރެ މާބޮޑަށް ތަރައްޤީވެފައިވާ މަސައްކަތެކޭ އަޅުގަނޑު ދަންނަވާލާކަށް ޖެހިލުމެއްނުވޭ. ވަރަށްގިނަ ރަށްރަށުގައި ތަފާތު ވައްތަރުވައްތަރުގެ ތަރުކާރީއާއި މޭވާއާއި، މިބާވަތުގެ އެއްޗެތި ހައްދާ. އެއިން ރައްޔިތުންނަށް ލިބޭ ކާނާގެ އިތުރުން އާމްދަނީ ލިބުމަށްވެސް ވަރަށްގިނަ މަގުތަކެއްދަނީ ކޮށެމުން. އެހެންވީމާ، ދަނޑުވެރިކަމަކީވެސް، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެމުންގެންދާކަމެއް. މިކަމާ ގުޅޭގޮތުން ދަނޑުވެރިކަން ތަރައްޤީ ކުރުމަށްވެސް ޚާއްޞަ މަސައްކަތެއް ކުރާނެ ވާހަކަ މިއަހަރުގެ ރިޔާސީބަޔާނުގައި އަޅުގަނޑުވާނީ ދަންނަވާފައި. އާދެ! ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ތަފާތު ބާވަތްތަކުގެ އަދަދާއި މިންވަރު މިއަދު މިދަނީ މާތް اللّـه ގެ ހެޔޮ ރަޙްމަތްފުޅުން އިތުރުވަމުން. އަދި މިކަމުގެ ޙަޤީޤީ ފައިދާ، މުޅި ރައްޔިތުންނަށް މިދަނީ ލިބެމުން.

ކުރިންވެސް ދެންނެވި ފަދައިން ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދަން. އެ މަސައްކަތްތައް ކޮށްދެއްވަނީ ކަމާބެހޭ ވުޒާރާތަކުން، މިނިސްޓްރީތަކުން. މިނިސްޓްރީތަކުން އެ ކޮށްދެއްވާ މަސައްކަތްތައް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެނގިވަޑައިގަންނަވާނެ. މިހާރުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ މަޝްރޫޢުތަކެއް ސަރުކާރު ހިންގަމުން އެބަގެންދޭ.

މިކަންކަން ކާމިޔާބު ގޮތެއްގައި ހިނގަމުންދާނީ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. އަދި ސަރުކާރުގެ ފަރާތުން އެ މަސައްކަތްތައް ހިންގަވާ ފަރާތަކާވެސް، ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ އެއްބާރުލެއްވުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށްވެސް ލިބިވަޑައިގެން.

އެހެންވީމާ، އެގޮތުގައި ރަސްމާދޫ ރައްޔިތުން އަބަދުވެސް ތިއްބެވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމަކަށްވާތީ ދަންނަވާލީ. ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. ރަސްމާދޫ ރައްޔިތުންނަކީ، ވަރަށް އެކުވެރި ރޫޙެއްގައި މަސައްކަތް ކުރައްވާ ބައެކޭ. އާދެ! އަޅުގަނޑު މި ރަށަށް އަންނަން ހަމަޖެހުނުކަން އެނގިވަޑައިގަތުމާއެކީގައި، ވޭތުވެދިޔަ ތިންހަތަރު ދުވަހުގެ ތެރޭގައި ރަސްމާދޫ ރައްޔިތުން މިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި. ރަށުތެރެވަނީ ވަރަށްބޮޑަށް ޒީނަތްތެރި ކުރައްވާފައި. އަދި އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ކަންތައްތައް ވަރަށް ކުލަގަދަގޮތެއްގައި ރަށުގެ ރައްޔިތުންވަނީ ގެންގޮސް ދެއްވާފައި.

އާދެ! އަޅުގަނޑު މީގެކުރިން ދާ ރަށްރަށުގައިވެސް ދަންނަވަން. އަޅުގަނޑު އެއްވެސް ރަށަކަށް ޒިޔާރަތްކުރާތީ ރައްޔިތުން އެކަމާ މާބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަކީ އަޅުގަނޑު އެދޭކަމެއްނޫނޭ. އެއީ ރައްޔިތުން ދިރިއުޅުއްވުމަށް ކުރައްވާ މަސައްކަތް ހުއްޓަވާލައްވާފައި އަޅުގަނޑަށްޓަކައި އެތައް ވަގުތެއް އެހެންކަމެއްގައި ހޭދަކުރެއްވުމަކީ އަޅުގަނޑަށް އެދެވޭގޮތްކަމަށް ނުވާތީ. އެހެންނަމަވެސް، މި މަސައްކަތްތައް ރަސްމާދޫ ރައްޔިތުންވެސް އަދި އެހެން ރަށްރަށު ރައްޔިތުންވެސް އެކުރައްވަނީ، އެބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތަކެއްގެ ސަބަބުންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އެ މަސައްކަތް އެގޮތުގެމަތިން އަޅުގަނޑު އުފަލާއެކު ބަލައިގަންނަން.

އާދެ! ރާއްޖޭގެ ތަޢްލީމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދޭކަމެއް. އަޅުގަނޑަށް މިހާރު އެނގިފައިވާގޮތުގައި މިރަށުގެ ސްކޫލްގައި އާދެ! މި ސްކޫލްގައި ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދެމުން އެބަގެންދެވޭ. އެއީ، ޝައްކެއްނެތްގޮތުގައި ރަށުގެ ކުދިންނަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެއް. މި ލިބޭ ފުރުޞަތުގެ ބޭނުން، ދަރިވަރުންވެސް އަދި ރަށުގެ ޢާންމު ރައްޔިތުންވެސް ވީ އެންމެ ރަނގަޅަށް ހިފަންވާނެ.

ޝައްކެއްނެތްގޮތުގައި ރާއްޖެ ކުރިއަށްދާނީ، ޒިންމާދާރު، ތަޢްލީމީ ޒުވާނުންތަކެއް އުފެދިގެން. އެމީހުންނަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ، ޤައުމަށްވަފާތެރި، ޤައުމުދެކެ ލޯބިވާ އަދި ތަރައްޤީގެ މަސައްކަތް ކުރާނެ ބަޔަކަށްވެގެން. އެހެންވީމާ، ތަޢްލީމު ކުރިއަށް ގެންދިޔުމުގެގޮތުން ރަސްމާދޫގައި ކިޔަވާ ކުދިންނަށް މި ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ، އަދި އެކުދިންގެ މައިންބަފައިންވެސް އަދި ރަށުގެ ރައްޔިތުންވެސް މި ފުރުޞަތުގެ ބޭނުން ހިއްޕެވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދަންނަވާލަން.

ރަށުގެ ތަރައްޤީއަކީ، ރަށުގެ ރައްޔިތުންގެ އަތްމަތީގައި އޮންނާނެކަމެއް. އެ ރަށެއް ކުރިއަށް ދާނީ ތަރައްޤީއަށް މަސައްކަތް ކުރެވުނު ވަރަކުން. އާދެ! ކުރިއަށް ދިޔުމުގައި ދިމާވާ ދަތިތަކެއް ހުންނާނެ. ޚާއްޞަކޮށް އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޤައުމެއްގައި މިފަދަ މައްސަލަތައް ވަރަށް ބޮޑުވާނެ. އެންމެބޮޑުކަމަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މަދުކަން. ސަރުކާރުންވެސް ޚަރަދުކުރެވެން އޮންނަނީ ވަކި ޙުދޫދެއްގެ ތެރޭގައި ކަމަށް ވާކަން.

އާދެ! މި އަހަރުގެ ބަޖެޓަކީ ވަރަށް ބޮޑު ބަޖެޓެއް. އެހެންނަމަވެސް އެ ބަޖެޓުވެސް އެއީ، އެއޮތްވަރުންވެސް ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ހަމަޖައްސާ ނުދެވޭވަރުގެ ބަޖެޓެއް. އެއީ މި ދެންނެވީ 12 ބިލިޔަންގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ކަމުގައިވިޔަސް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް އެ 12 ބިލިޔަންގެ ތެރެޔަކުން ހަމައެއްނުޖެއްސޭނެ.

އެހެންވީމާ، އަޅުގަނޑުމެން މިޖެހެނީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރަން. އެއީ ރާއްޖޭގެ އެކިއެކި ޞިނާޢީ މަސައްކަތްތަކުން، ފަތުރުވެރިކަމުން، މަސްވެރިކަމުން، ދަނޑުވެރިކަމުން، ވިޔަފާރިން، އިމާރާތްކުރުމުން، މިހެންގޮސް ރާއްޖޭގައި އާމްދަނީ ލިބޭގޮތަށް ކުރެވޭ ހުރިހާ މަސައްކަތެއް އިތުރަށް ކޮށްގެން، އެ މަސައްކަތުން އިތުރު ފައިދާތަކެއް ހޯދައިގެން އަޅުގަނޑުމެންނަށް ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކުރެވެމުންދާނީ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! އަޅުގަނޑު ޖަލްސާކުރާ ހޯލަށް އައުމުގެ ކުރިން، މި ރަށުގެ އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް ޔޫސުފް މުޙަންމަދު، އަޅުގަނޑާ ބައްދަލުކުރައްވާ ރަށުގެ ރައްޔިތުން އެދޭ ކަންތައްތަކުގެ ވާހަކަ ވިދާޅުވެދެއްވި. އޭގެ ތެރޭގައި ބަނދަރުގެ ވާހަކަ ހިމެނޭ. ބަނދަރުގެ ވާހަކައަކީ، ދެންމެ އަތޮޅުވެރިންވެސް އިޝާރާތްކުރެއްވި ވާހަކައެއް. އޭނާ ވިދާޅުވިގޮތުގައި، މީގެ 6 މަސްދުވަސް ކުރިން ބަނދަރު އޮތީ ވަރަށް ފުރިހަމަގޮތެއްގައި. ކުއްލިއަކަށް މިހާރު މިއޮތީ ވަރަށް އެހެން ކަހަލަ ހާލަތަކަށް ގޮސްފައި. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަޖެހޭ މިކަންތައްތައް ރަނގަޅުކުރަން.

އެނގިވަޑައިގަންނަވާނެ ފަދައިން ފަޅުފުންކުރުމާއި ބަނދަރު ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކޮށްދެމުން ގެންދާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އަދިވެސް މިއުޅެނީ އެކަންތައްތައް ފުރިހަމައަށް ނުކުރެވިގެން. އެކަމުގެ ދަތިކަމުންނާއި، ޚަރަދުގެ ބޮޑުކަމުންނާއި، މަސައްކަތް ކުރަން ލިބޭ ވަސީލަތްތަކުގެވެސް މަދުކަމުން. އަދި އަޅުގަނޑުމެންގެ ރާއްޖެ ޖޯގްރަފީގޮތުން މި އޮންނަގޮތުން ބަނދަރެއް ހަދާނިމޭއިރަށް އެބަ ހަލާކުވޭ. އެހެން އެވަނީ، ބަނދަރު ހެދޭގޮތަކުން ކަމަށްވެސް ވެދާނެ. ނުވަތަ ޤުދްރަތީގޮތުން އެ ކަނޑުގެ ހަރަކާތްތައް ހުންނަގޮތުން އޮއިވަރާއި، ރާޅާއި، އެހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް އެބަ ދިމާވޭ. މިކަންތައްތައް ހުންނަގޮތުންވެސް މިކުރާ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ރަނގަޅަށް ނުފެނި ދިޔުމަކީ އެކަށީގެންވާ ކަމެއް. މިގޮތަށް ވަރަށް ގިނަ ރަށްރަށަށް ދިމާވެފައި އެބަހުރި. އެއީ ބަނދަރު ހަދާނިމޭތާ މާގިނަ ދުވަސް ތަކެއް ނުވަނީސް ބަނދަރު މުޅިން ހަލާކުވެ އަލުން ހަދަންޖެހުން.

އެހެންވީމާ، މިއީ ކުޑަކަމެއްނޫން. ވަރަށް ބޮޑު ކަމެއް. މިކަން ސަރުކާރުގެ ވިސްނުމުގައި އޮންނާނެ. އަދި އަޅުގަނޑު ހިތުން މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އަލްފާޟިލް ޙަމްދޫން ޙަމީދާ ދެބޭފުޅުން މިތާނގައި ތިއްބެވީމާ، އެބޭފުޅުންގެ ވިސްނުންފުޅުގައި މިކަންތައްތައް ރަނގަޅަށް ގެންގުޅުއްވާނެކަން އަޅުގަނޑަށް އެނގޭ. އަދި ސަރުކާރުގެ މިކަންކުރައްވާ ކަމާބެހޭ އެހެން ދާއިރާތަކުންވެސް، މިކަމަށް އެންމެ ފުރިހަމަ ސަމާލުކަމާއި އަހަންމިއްޔަތު ދެއްވާނެކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. އަދި އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި އަލްފާޟިލް ޔޫސުފް މުޙަންމަދު، އަޅުގަނޑު ގާތުގައި ރަށުގެ ރައްޔިތުން ބޭނުންވާ އެހެން ކިތަންމެ ކަމެއްގެ ވާހަކަވެސް ވިދާޅުވި.

އެ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ވަނީ ނޯޓުކޮށްފައި. އިރާދަކުރެއްވިއްޔާ ސަރުކާރުން މިހިންގާ ތަފާތު މަޝްރޫޢުތަކުގެ ތެރެއިން، މަސައްކަތްތަކުގެ ތެރެއިން، ހުރިހާ ރަށަކަށްވެސް ދެމުންގެންދާ ޚިދްމަތްތަކުގެ ތެރެއިން، ވެވެންއޮތް އެންމެ ރަނގަޅަކަށް އެކަންކަމަށްވެސް ސަރުކާރުން ޢަމަލުކުރަމުންގެންދާނެ.

އާދެ! އަޅުގަނޑު މިހެން ދެންނެވިޔަސް ރައްޔިތުންނަށް ކުރިންވެސް ދެންނެވި ފަދައިން ވިސްނި ވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާއި ބަޖެޓުގެ ކުޑަކަމާއި އަދި ވަރަށް ގިނަ ރަށްރަށަށް ތަފާތު ޚިދްމަތްތައް ދޭންޖެހިފައިވުމާ، މިކަންކަން މިހެން ހުރުމުގެ ސަބަބުން، އަޅުގަނޑުމެން އެދޭހާ އަވަހަކަށް ފަހަރެއްގައި ބައެއް ކަންތައް ނުވެހިނގައިދާނެކަން. އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ޙަޤީޤަތެއް. އެކަން އެހެން އޮތްނަމަވެސް، ސަރުކާރުން މިކަންކަމެއް ދޫކޮށެއް ނުލާނެ. މިކަންކަން ހަނދާންނައްތައެއްނުލާނެ. މިކަންކަމާ ވިސްނައި އަދި އެޅެންހުރި ފިޔަވަޅުތަކެއް އިރާދަކުރެއްވިއްޔާ އަޅަމުންގެންދާނެ.

އެހެންވީމާ، މި ވާހަކަ ދަންނަވާލާފައި ރަސްމާދުއަށް އައުމުން ރަސްމާދޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި މާތްﷲ، ރަސްމާދުއަށާއި ރަސްމާދޫ ރައްޔިތުންނަށާއި މުޅި ދިވެހިރާއްޖެއަށް ހެޔޮގޮތްތައް މިންވަރު ކުރައްވައި، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުކުރައްވައި، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، ތަރައްޤީގެ މަގުގައި އިތުރު ފިޔަވަޅުތައް އެޅުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުންއެދި ދުޢާކުރާ ހާލު އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.