بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى خـاتم الأنبيـاء وسّيـد المرسـلين، وعلى آلـه وأصحـابه أجمعـين.

އާދެ! އަޅުގަނޑު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ކުރަންމިފެށި ދަތުރުގައި، މިއަދު އެންމެ ފުރަތަމަ އަޅުގަނޑަށް މި ޒިޔާރަތް ކުރެވެނީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް. އާދެ! އިންނަމާދުއަށް. އިންނަމާދުއަށް އަޅުގަނޑު އައުމާއެކީގައި، އަޅުގަނޑަށް ފެނިގެންދިޔައީ، ވަރަށްވެސް އުފާވެރި މަންޒަރުތަކެއް. ހިނިތުންވެފައިވާ ރައްޔިތަކު، އަޅުގަނޑަށް މަރްޙަބާ ކިޔަމުންދިޔަ މަންޒަރު. މިއިން އަޅުގަނޑަށް ވަޒަންކުރެވުނީ، އިންނަމާދޫގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން. އެހެންކަމުން، މިއަދު ތިޔަ ހުރިހާ ބޭފުޅުން އިންނަމާދޫގެ ވެރިންނާއި ލޮބުވެތި ރައްޔިތުން، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ވަރަށް ބޮޑަށް ޝުކުރު ދެންނެވުމަށް އަޅުގަނޑު އަވަސްވެގަންނަން.

އާދެ! އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގައި، ރައްޔިތުންގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތައް ތަމްސީލުކުރާ ފަރާތްތައް ހިމެނިގެންދިޔަ. އާދެ! ވެރިން، ކޮމިޓީތައް، މަދަރުސާކުދިން، ރަށުގެ ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުން، ކުދިބޮޑު އަންހެން ފިރިހެން އެންމެން. ހަމައެއާއެކީގައި، މިރަށުގައި ވަރަށް އުފެއްދުންތެރި، ފައިދާހުރި މަސައްކަތެއް ކުރައްވަމުން ގެންދަވާ ވަޑިން. މިހުރިހާ ފަރާތްތަކަކުންވެސް އަޅުގަނޑަށް މިލިބުނީ ވަރަށް ޚާއްޞަ މަރްޙަބާއެއް. ތަރުހީބެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އިންނަމާދޫގެ ރައްޔިތުންގެ ފަރާތުން އިންނަމާދޫ ވަޑިން އަޅުގަނޑަށް ހަދިޔާކުރެއްވި ވަރަށް ރީތި، ވަރަށް ފަންނުވެރި ގޮތަކަށް ބަނދެފައިވާ ދޯންޏަކީ، އަޅުގަނޑު އުފަލާއެކު ގަބޫލުކުރާ ހަދިޔާއެއް. އަދި އިރާދަކުރެއްވިއްޔާ އެ ހަދިޔާއަކީ، އެއަށް އަޅުގަނޑު އަބަދުވެސް ރައްކާތެރިވާނެ، ވަރަށް އަގުބޮޑު އެއްޗެއްކަމުގައި ދަންނަވަން.

އާދެ! އަޅުގަނޑު އަތޮޅުތަކަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ، ޖުމްލަގޮތެއްގައި ދަންނަވަންޏާ، ރައްޔިތުންގެ ހާލުއަހުވާލު ބަލާލުން. ކޮންމެ ރަށަކަށް ޒިޔާރަތްކޮށް، އެރަށުގައި ކަންތައްތައް ހިނގަމުންދާގޮތް ދެނެގަނެ، އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައްވެސް އޮޅުންފިލުވައި އަދި ތަރައްޤީގެ މަގުގައި ރައްޔިތުން ކުރައްވާ މަސައްކަތްތައްވެސް ދެކެ، އެކަންތައްތަކުގައި ސަރުކާރުން ގެންގުޅޭނެ އުސޫލުތަކާއި ހަމަތައް އަދި ސަރުކާރުން އެހީވެދޭންޖެހޭ ކަންތައްތަކުގައި އެހީވެދިނުމުގެ ކަންތައްތައް ގެންދާނެގޮތެއްގެ މަޢްލޫމާތު ހޯދުން.

އާދެ! މިގޮތުން މިއަތޮޅުގެ ދެރަށަކަށް އިއްޔެ އަޅުގަނޑު ވާނީ ޒިޔާރަތް ކޮށްފައި. އަދި މިއަދު އެންމެ ފުރަތަމަ މިއައީ، މިރަށަށް. އާދެ! މިރަށުގެ ރައްޔިތުންނަކީ، ވަރަށް މަސައްކަތްތެރި، ހިންމަތްތެރި، އުފެއްދުންތެރި ބައެއް. އެ ވާހަކަ ދެންމެ އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ ގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އާދެ! އިންނަމާދޫ ރައްޔިތުންނަކީ ވަޑިން. އަދި ޚާއްޞަކޮށް ރާއްޖޭގައި މި އުފައްދާ އޮޑިދޯނިފަހަރު ބަނުމުގެ ފަންނުގައި ވަރަށް ފުންނާބު އުސްބައެއް. ވަރަށް މަޝްހޫރު ބައެއް. އަދި އެކަން އެހިސާބަކުން ނިމުނީކީނޫން. އެމީހުންނަށް ލިބިފައިވާ މަޝްހޫރުކަމުން ފުއްދާލައިގެން ތިބީކީނޫން. އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަނީ. އެ މަސައްކަތުން އެމީހުންނަށާއި، އެމީހުންގެ އާއިލާތަކަށާއި ރައްޔިތުންނަށް ތަނަވަސްކަމާއި، ފޯރުންތެރިކަން ހޯދައިދެމުން ގެންދަނީ. މިއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް.

ރާއްޖޭގައި މިބަންނަގޮތަށް އޮޑިދޯނިފަހަރު ބަންނަ އެހެން އެއްވެސް ޤައުމެއް ނެތޭ ދެންނެވުމަކީ ދޮގަކަށްނުވާނެ. ރާއްޖޭގެ ވަޑިން، މިފަންނު، ވަނީ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައި. އަޅުގަނޑުމެން މިބަންނަ އޮޑިދޯނިފަހަރުގެ ރީތިކަމާއި ފަންނުވެރިކަމަށް، ދުނިޔޭގެ އެހެންތަންތާނގެ މީހުން ތަޢްރީފު ކުރޭ. އެގޮތަށް އެމީހުންނަކަށް އެކަމެއް ނުކުރެވޭ. އެހެންވީމާ، މި ފަންނަކީ، ހަމަ ރާއްޖެއަށް ޚާއްޞަ، ރާއްޖޭގައި ތަރައްޤީވެފައިވާ އަދި މިހާރު އިތުރަށް ތަރައްޤީކުރަމުން އަންނަ ފަންނެއް. އެ ފަންނަށް ރައްކާތެރިވުމަކީ، އަދި އެ ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭނޭ ވަރަށްބޮޑު ކުރިއެރުމެއް. އިތުރަށް ލިބޭނޭ ރީތި ނަމެއް. އަދި ރައްޔިތުންނަށް އިތުރަށް ލިބޭނޭ އާމްދަނީއަކާއި ތަނަވަސްކަން ލިބޭނެ ކަމެއް.

އެހެންވީމާ، އަޅުގަނޑު، އިންނަމާދޫ ވަޑިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެބޭފުޅުންގެ މަސައްކަތުގައި އިތުރު ހިތްވަރާއި، ޢަޒުމާއި، ޖޯޝާއެކީގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރުދެން.

އާދެ! މިރަށަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ، އަތޮޅުވެރިން އަޅުގަނޑަށް ވަނީ ވިދާޅުވެދެއްވާފައި، މިރަށަށް ފޭބުމުގެ ކުރިންވެސް. އަދި މިރަށަށް އަޅުގަނޑު ފޭބުމަށްފަހުގައި، މިރަށުގެ ކަތީބުވެސް އަޅުގަނޑު ގާތުގައި މި ވާހަކަ ވަނީ ވިދާޅުވެފައި. އަދި އެހެންނޫނަސް އަޅުގަނޑަށް އެ މަޢްލޫމާތު ވަނީ ލިބިފައި. އޭގެތެރެއިން އެއްކަމަކީ، ދެންމެ އަތޮޅުވެރިން އެ އިޝާރާތްކުރެއްވި ގަބުރުސްތާނުގެ ވަށާފާރުލުމުގެ ކަންތައް. އެކަމަކީ މާބޮޑު ކަމެއްނޫން. އިރާދަކުރެއްވިއްޔާ، މިއަހަރު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އެކަން ހަމަޖައްސަވައިދެއްވާނެ.

އާދެ! ދެން ދިމާވެފައިހުރި ކަންތައްތަކުގެ ތެރެއިން އެއްކަމަކީ، ބަނދަރަށް މިހާރު ދިމާވެފައިވާ މައްސަލަ. މިރަށުގެ ބަނދަރަކީ ވަރަށް ފަހުން ހަދާފައިވާ، ވަރަށް ރަނގަޅު ބަނދަރެއް. އެހެންނަމަވެސް، މިހާރު ނެރު އޮތްތަން ކަމުނުދާކަމަށް، ގިނަ ރައްޔިތުންނަށް ފެންނަކަމަށްވަނީ. އަދި އެހިސާބުގަނޑުގެ ތޮށިގަނޑުވެސް ވެއްޓި ހަލާކުވެފައިވަނީ. އެހެންވީމާ، އެ ތޮށިގަނޑު މަރާމާތުކުރުމާއި، ނެރު އެހެންތަނަކަށް ބަދަލުކުރުމާއި، މިކަންކަމަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ވިސްނުންފުޅުގައި ގެންގުޅުއްވާނެ ކަމެއްކަމުގައި އަޅުގަނޑު ދަންނަވަން.

މިރަށުގެ މިސްކިތް ބާވެފައިވާ ވާހަކަވެސް އަޅުގަނޑު ގާތުގައި އަތޮޅުވެރިންވެސް، ކަތީބުވެސް ވިދާޅުވި. އަދި މިސްކިތް މިހާރަށް ކުޑަ ވާހަކަވެސް ވިދާޅުވި. އެނގިވަޑައިގަންނަވާނެ ފަދައިން، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން، އަދި އެޓޮލްސް މިނިސްޓްރީން މިކަންކަން ބައްލަވައި، އެހިނދަކަށް ކޮށްދެއްވެންހުރި ކަންތައްތަކެއް ގެންދަވަނީ ކޮށްދެއްވަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ ވާހަކަވެސް އެ ދެފަރާތުގައި ދަންނަވާނެ ވާހަކަ، އަދި އެ ދެފަރާތުން އެކަމާ ވަރަށް ބޮޑަށް ވިސްނާވަޑައިގެން އެޅުއްވެންހުރި ފިޔަވަޅެއް އަޅުއްވައިދެއްވާނެ ވާހަކަ ދަންނަވާލަން މި ފުރުސަތުގެ ބޭނުންކުރަން.

އާދެ! ކުރިން ދަންނަވާލި މަސައްކަތުގައި އާދެ! ކިއްސަރުވަޑާމުގެ މަސައްކަތުގައި، މިއަތޮޅުގެ ބޭކަލަކު މީގެކުރިން ވަނީ ދައުލަތުންދޭ ޝަރަފުވެރިކަމުގެ އިނާމު ހާސިލު ކުރައްވާފައި. އެއީ، 1980 ވަނަ އަހަރު. އެބޭކަލަކީ، މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ބޭކަލެއް. އާދެ! އަލްމަރްޙޫމް އިނގުރައިދޫ ޙުސައިން ކަލޭފާނު. މިއަތޮޅުގެ ބޭކަލެއް. މިއަތޮޅު އިނގުރައިދޫ ޙުސައިން ކަލޭފާނު.

އެހެންވީމާ، މިއަތޮޅަކީ، އަދި އިންނަމާދޫ ވިޔަސް، ނުވަތަ އަލިފުށި ކަމަށްވިޔަސް، ނުވަތަ އެހެން ރަށެއް ކަމަށްވިޔަސް، މި ފަންނުގައި ވަރަށް ރަނގަޅަށް މީހުން މަސައްކަތްކުރާ އަތޮޅެއްކަން އަޅުގަނޑުމެންނަށް މިކަމުން ހާމަވެގެންދޭ.

އާދެ! މިރަށުގެ ކަތީބު އަޅުގަނޑަށް މަޢްލޫމާތު ދެއްވިގޮތުގައި، މިރަށުގެ ރައްޔިތުންނަކީ، ވަރަށް އެކުވެރި ބައެއް. ވަރަށް ވަރުގަދަ ޤައުމީ ރޫޙެއްގައި މަސައްކަތް ކުރަމުންގެންދާ ބައެއް. ކޮންމެ ކަމެއްވެސް އެންމެން ގުޅިގެން، ކާމިޔާބު ކުރުމަށް ހިންމަތްކުރާ ބައެއް. އެހެންވީމާ، އެކަމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް ކަމުގައި ދަންނަވަން.

ޝައްކެއްނެތްގޮތުގައި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެދިފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް. އެއަށްވުރެ ބޮޑު އެހެން މުހިންމު ކަމެއް ނޯންނަވަރުގެ މުހިންމު ކަމެއް. މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބައެއް. ވަރަށް ގުޅިގެން މަސައްކަތް ކުރައްވާ ބައެއް. އަދި މިކަން މިއަދު ފެނިގެންވެސް ހިނގައްޖެ. އަޅުގަނޑު މިރަށަށް އަންނަން ހަމަޖެހިފައިވާކަން، މިރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަތުމާ ގުޅިގެން، މި ރަށް މިއޮތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުކުރައްވާފައި. ރަށުގެ އެންމެން ގުޅިގެން މަސައްކަތް ކުރައްވައި، މިރަށުގެ މަންޒަރު ވަރަށް ޒީނަތްތެރި ގޮތަކަށް ފެންނަގޮތަށް މިއޮތީ ތައްޔާރު ކުރައްވާފައި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް، ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ރަށަކަށް ޒިޔާރަތްކުރާތީ މާބޮޑެތި މަސައްކަތްތަކެއް ރަށުގެ ރައްޔިތުން ކުރައްވަން ބޭނުންވާތީކީ ނޫން. އެހެންނަމަވެސް، އެބޭފުޅުން އަމިއްލަފުޅަށް، އަދި އަތޮޅުވެރިން ނޫނެކޭ ވިދާޅުވިޔަސް، ރަށުގެ ރައްޔިތުން އަމިއްލަފުޅަށް، އެބޭފުޅުންގެ ބޭނުންފުޅަށް ކުރައްވާ ކަމެއްކަމަށްވާތީ، އަދި އެބޭފުޅުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އޮންނަ ރަނގަޅު ޝުޢޫރު ހާމަކޮށްދެއްވާ މަސައްކަތަކަށްވާތީ، އެކަން އަޅުގަނޑު އުފަލާއެކު ބަލައިގަންނަ ވާހަކަވެސް ދަންނަވާލަން.

އާދެ! އަޅުގަނޑުމެން މި ޖަލްސާކުރާ ހޯލުގައިވެސް ވަރަށް ރަނގަޅު ޢިބާރާތްތަކެއް ލިޔެފައި އެބަހުރި ދޮގެއްތޯ! ކިޔަވާކުދިންނަށް ޓީޗަރުން ކިޔައިދެއްވާ ވަރަށް މުހިންމު ކަންތައްތަކެއްގެ ވާހަކަ އެބަހުރި. މިއިން އަޅުގަނޑުމެން ފިލާވަޅު ލިބިގަތުމަކީ، ހަމައެކަނި ކިޔަވާކުދިން ކުރަންވީކަމެއް ނޫންހެން އަޅުގަނޑަށް ހީވަނީ. އެއީ ބޮޑެތި މީހުންނަށްވެސް ފައިދާހުރި ކަމެއް. މިސާލަކަށް، ރައްކާތެރިވުމަކީ ކަމަކަށް ފަރުވާކުރުމަށްވުރެ މާ މުހިންމު ކަމެއްކަމުގައި އެބައޮތް. އެއީ އަޅުގަނޑުމެންނަށް މިއަދު ހަމަ ވަރަށް ރަނގަޅަށް އެނގޭ ޙަޤީޤަތެއް. ބަލިބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެން މަސައްކަތްކޮށްފީވިއްޔާ، އެ މަސައްކަތަކީ ފަހުން އެ ބަލި ޖެހިގެން، އެ ބަލިން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތަށްވުރެ މާފައިދާހުރި މަސައްކަތަކަށްވާނެ. އެކަން ތަޖުރިބާއިން އަޅުގަނޑުމެންނަށް އެނގޭ.

ހަމައެހެންމެ، އެކިކަންކަމުގައި މީހުންނަށް ފާޑުކިޔާއިރު، ފާޑުކިޔުމުގެ ކުރިން އެމީހަކު އެ ކުރާ މަސައްކަތެއްގައި ދުވަސްކޮޅެއްވަންދެން ދެމިހުރެ ބަލާށޭ އެބަބުނޭ. އޭރުންނޭ އެކަމުގައިހުރި ދަތިތައް އެނގޭނީ. ފާޑުކިޔުމަކީ ވަރަށް ފަސޭހަކަމެކޭ. ކޮންމެ މީހަކަށްވެސް ދުރުގައި ހުރެގެން ފާޑުކިއިދާނެ. އެހެންނަމަވެސް، އެ މަސައްކަތްކުރާ މީހާ، އެ އުފުލަންޖެހޭ ބުރައާއި، އެ ވިސްނަންޖެހޭ ވިސްނުންތަކާ، އޭނާއަށް ދިމާވާ ދަތިތަކާ، މިކަންކަމަކީ އެއްގޮތަކަށްވެސް އެ މަސައްކަތުގައި ދުވަސްކޮޅަކު ދެމިހުރި މީހަކަށްނޫނީ، އެނގޭނެކަމެއް ނޫން. އެހެންވީމާ، އެއީވެސް އަޅުގަނޑު ހިތުން ހަމަ ވަރަށް ޢިބްރަތްތެރި ފިލާވަޅެއް. މިކަހަލަ ފިލާވަޅުތައް އަޅުގަނޑުމެން އެބަ ލިބިގަންނަންޖެހޭ.

އަޅުގަނޑުމެންގެ ރާއްޖެ ކުރިއަރަމުންމިދާ ދިއުމަށް ވިސްނާއިރު، އަޅުގަނޑުމެންގެ ރާއްޖެ ނުދެކޭ ކިތަންމެ ކަމެއް މިހާރު އަޅުގަނޑުމެންނަށް ފެންނަމުންއެބަދޭ. މިސާލަކަށް، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުން. ދީމުޤްރާޠީ މިނިވަން ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރުމަށްޓަކައި ސަރުކާރުން މިކުރަމުންގެންދާ މަސައްކަތް. އަދި ސަރުކާރުން ފަށާފައިމިވާ އިޞްލާޙީ އެޖެންޑާ ކުރިއަށް ގެންދާގޮތާއި، އެއަށް އެޅޭ ހުރަސްތަކާ، މިކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން އެބަވިސްނަންޖެހޭ.

އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއް. މީސްކޮޅު ވަރަށް މަދު ޤައުމެއް. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދިގެން، އެއްބަޔަކު އަނެއްބަޔަކަށް ނަފްރަތުކޮށް އެއްޗެތިކިޔައި މިހެން ހަދައިގެން އަޅުގަނޑުމެންނަށް ފަރުޖެއްސޭކަށް ނޯންނާނެ. މިކަށް ފަށައިފީވިއްޔާ، ނިމޭނީ ކޮންހިސާބަކުންކަން އެއްވެސް މީހަކަށް ބުނާކަށް ނޭނގޭނެ. އަޅުގަނޑުމެންގެ ވަށައިގެންމިވާ ޤައުމުތަކުގައި ހިނގަމުންދާ ކަންތައްތަކަށް ބަލާލިޔަސް، މިބާވަތުގެ ކަންތައްތަކުގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް ވަޒަންކުރެވޭނެ. ބޭރު ޤައުމުތަކުގައި ހިނގާ ހަމަނުޖެހުމާއި، ދެކޮޅުވެރިކަމާއި، ލޭއޮހޮރުވުމާއި، ހަރުކަށި ޢަމަލުތަކާ، މިކަންކަމުން އެތަންތާނގެ ރައްޔިތުންނަށާއި، އެތަންތާނގެ ބިނާތަކަށާއި، އިޤްތިޞާދަށް އެ ލިބޭ ގެއްލުންތައް މިއީ، ވަށައިގެންބަލާލި ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް ފެންނަންހުރި ކަންތައްތަކެއް. އެފަދަ ޙާލަތަކަށް ރާއްޖެ ދިޔުމަކަށް އެއްވެސްމީހަކު ނޭދޭނެ.

އެހެންވީމާ، މިއީވެސް އަޅުގަނޑުމެން އަބަދުވެސް ވިސްނައި، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެކަމެއް. އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަން ބަދަހިކުރުން. ޚިޔާލު ތަފާތުވިޔަސް، އެކަކު އަނެކަކަށް އިޙްތިރާމު ކުރުން. އެކަކު އަނެކަކަށް ކަމޭހިތުން. އަޅުގަނޑުމެންނަކީ މުސްލިމުން. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވަނީ، އެފަދައިން. ކޮންމެ މުސްލިމަކުވެސް، އެހެން މުސްލިމުންގެ އަބުރަށްވެސް ރައްކާތެރިވާންޖެހޭ. އެހެން މުސްލިމުންގެ ޙައްޤުތަކަށް ރައްކާތެރިވާންޖެހޭ. ތިމާގެ އަމިއްލަ ކަންތައްތަކަށް ލޯބިކުރާ ފަދައިން، އެހެންމީހުންގެ ކަންތައްތަކަށްވެސް އިސްކަންދޭންޖެހޭ. މިއީ، ދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅެއް.

އެހެންވީމާ، މި ފިލާވަޅުތައް މިހެން ހުރުމާއެކީގައި، އެއިން އަޅުގަނޑުމެން ޢިބްރަތް ހާސިލުކުރަން އެބަޖެހޭ. އެގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރަން އެބަޖެހޭ. އެއީ އަމިއްލަ ދިރިއުޅުން ކަމަށްވިޔަސް، އާއިލާގެ ތެރޭގެ ދިރިއުޅުން ކަމަށްވިޔަސް، ނުވަތަ މުޖްތަމަޢުގައި އަޅުގަނޑުމެން ދިރިއުޅޭ ދިރިއުޅުން ކަމުގައިވިޔަސް، ނުވަތަ ސިޔާސީ މައިދާނުގައި އަޅުގަނޑުމެން ހަރަކާތްތެރިވާ ހަރަކާތްތެރިވުން ކަމަށްވިޔަސް، މިއިން ކޮންމެ ކަމެއްގައިވެސް މިދެންނެވި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެގޮތަށް އަޅުގަނޑުމެން ޢަމަލު ކުރުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. އާދެ! އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މިވާހަކަވެސް ދަންނަވާލާނަމޭ.

އާދެ! ކޮންމެއަކަސް، މިއަދު އިންނަމާދުއަށް އަޅުގަނޑު އައުމުން، އިންނަމާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން، އަޅުގަނޑަށް ފެނިގެންދިޔަ އުފާވެރިކަމާއި، ހިތްހަމަޖެހޭ ކަންތައްތަކާއި، އަދި ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއާއި، މިހުރިހާ ކަމަކަށްޓަކައި އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالـٰى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުވެސް ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ކުރިއެރުމަށާއި، ރައްޔިތުންގެ ހަމަޖެހުމަށް މިކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. އަދި އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކޮށްދެއްވައި، ދިވެހިރާއްޖެ، އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށްދާނެ މަގު ތަނަވަސްކޮށްދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.