ދެ ޤާނޫނަކަށް އިޞްލާޙު ގެނައުމަށް 2 ބިލެއް މަޖްލީހަށް ހުށަހެޅުމަށް ސަރުކާރުން ފޮނުއްވައިފިއެވެ.

އިސްލާޙު ގެނައުމަށް ސަރުކާރުން ހުށައަޅަން ނިންމަވާފައިވާ 2 ޤާނޫނަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ޤާނޫނެވެ.

މި 2 ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ފޮނުއްވާފައިވާއިރު، ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މުރާޖަޢާކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާޙުކުރުމަށް ހުށަހަޅާ އިޞްލާޙެކެވެ. ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާޙު ވެގެން ދިއުމުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވުމުންނެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ޤާނޫނު އިސްލާޙުކުރުމަށެވެ.