"އަންވެއިލިންގ ވިޝަން 2019" ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު ބައްލަވާލައްވައިފިއެވެ.

ނެޝަނަލް އާރޓްގެލެރީގައި ކުރިޔަށްދާ މި މައުރަޒު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މެނުދުރު ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައިވެއެވެ. އަދި މައުރަޒުގައި ބާއްފައިވާ މެހުމާނުން ސޮއިކުރައްކުރައްވާ ފޮތުގައި ނައިބުރައީސް ވަނީ ސޮއިކުރައްވާފައެވެ.

ނެޝަނަލް އާޓްގެލަރީގައި މިމަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޖުމްލަ 58 ކުރެހުންތެރިން ބައިވެރިވެއެވެ. ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ ތިންވަނަ އަހަރެވެ.