ސީޝެލްސްގެ ރައީސްގެ ދަޢުވަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސީޝެލްސްއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ރާއްޖެއާއި ސީޝެލްސްއާ ދެމެދު ކުރިއަށް ގެންދަވަން ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.

ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ރަސްމީ އޮފީހުގައި ކުރިޔަށްގެންދެވި ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި ސީޝެލްސްއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުންނެވެ. އޭގެ ތެރޭގައި ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭގޮތުންނާއި،ކަނޑުމަތީގައި ހިނގާ ފޭރުމާ އެނޫންވެސް އެފަދަ ޤާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަންކަމާ އަދި ނޫ އިޤްތިޞާދެއް ބިނާކުރުމުގައި އެއްޤައުމު އަނެއްޤައުމަށް އެއްބާރުލުން އިތުރުކުރުމާބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދެ ޤައުމުގެ އެތުލީޓުން ބައިވެރިވެފައިވާކަމާއި އަދި ދެން މި މުބާރާތް އޮންނަ ޤައުމަކަށް ރާއްޖެ ހަމަޖެހިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ރާއްޖެއަށް ކާމިޔާބުކުރުމުގައި ސީޝެލްސްގެ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި ސީޝެލްސް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތުގައި ސީޝެލްސްއިން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ސީޝެލްސްއާ އެކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމަކީ ކުރިޔަށްއޮތް އައިއޯއައިޖީއަށް ރާއްޖެ ތައްޔާރުވުމަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ސީޝެލްސްގެ ސަރުކާރުން އެރުވި މެހުމާންދާރީއާ ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ސީޝެލްސްގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. ރަސްމީ ވާހަކަފުޅުތައް ނިންމަވާލައްވަމުން ދެ ލީޑަރުންވެސް ވަނީ ދެ ޤައުމުގެ އެކުވެރިކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ.