މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ އެމީހަކަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހަކަށް އުނގަންނައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހދ. ނޮޅިވަރަންފަރު ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެ ސްކޫލުގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ނޮޅިވަރަންފަރު ރައްޔިތުން ތަޢުލީމަށް ދޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ފެނިގެން ހިނގައްޖެކަމަށާއި، ނޮޅިވަރަމަކީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ނޮޅިވަރަންފަރު ސްކޫލް ފާހަގަކުރެވެނީ ވޭތުވެދިޔަ އަހަރުތަކުގައި ރަން ވަނަ ތަކެއް ޙާޞިލްކުރި ދަރިވަރުންތަކެއް އުފެދުނު ސްކޫލެއްގެގޮތުގައި ކަމަށާއި، މިކަމުން ދޭހަވަނީ ރަނގަޅު ނަތީޖާ ޙާޞިލްކުރެވެނީ ވަރަށް ގިނަ ބަޔަކު އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމުގައެވެ.


އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ތަޢުލީމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަމަށާއި، މިސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެމަނިފާނު ވަނީ ސަރުކާރުން ތަޢުލީމު ކުރިއެރުވުމަށް ކުރަމުންދާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ތަޢުލީމަކީ ހަމައެކަނި ކްލާސްރޫމް ތެރެއިން ދެވޭ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން، ތަޢުލީމު އުނގަންނައިދިނުމުގެ ހަޤީޤީ މަޤްޞަދު ޙާޞިލްވާނީ ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ކުދިންނަށް އުނގަންނައިދީގެން ކަމުގައި ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޚިދުމަތުގެ ރަން ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި ނޮޅިވަރަންފަރު ސްކޫލުން އަލަށް ތަޢާރަފް ކުރި އެދުރުކަލޭފާނު ހަނދާނީ ފިލާ ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެރުވިއެވެ.


މިރޭގެ ރަސްމިއްޔާތުގައި 2020 ވަނަ އަހަރުން ފެށިގެން ނޮޅިވަރަންފަރު ސްކޫލްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސްކޫލްގެ ރަސްމީ ޔުނީފޯމް އިފްތިތާޙްކޮށް، ސްކޫލްގެ އަހަރީދުވަހާއި ގުޅުވައިގެން އާލަވައެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.