بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރާއްޖޭގައި ހުންނަވާ ޑަބްލިޔޫ.އެޗް.އޯ.ގެ މަންދޫބު، ޑޮކްޓަރ އަރްވިންދް މާތުރް، ބ. އަތޮޅު ހޮސްޕިޓަލްގެ އިސް ވެރިން، އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން، ޞިއްޙީ ދާއިރާގައި ޚިދުމަތްކުރައްވާ އެންމެހައި ބޭފުޅުން، ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން.
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މި އަތޮޅުގެ ޞިއްޙީ ޚިދުމަތުގެ މި މުހިންމު ތާރީޚީ މުނާސަބަތުގައި، މި އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވަން. ހޮސްޕިޓަލެއްގެ ޙަޔާތުގައި 50 އަހަރަކީ މާ ދިގު މުއްދަތެއް ނޫނަސް، އެ މުއްދަތުގެ އަގު ވަޒަންކުރެވިގެން ދަނީ، އެ ތަނެއްގެ ޚިދުމަތުގެ ކާމިޔާބީތަކުން.
މި އަތޮޅުގެ ޞިއްޙީ ޚިދުމަތަކީ ކާމިޔާބު ޚިދުމަތެއް. ނަމަވެސް މިއީ، ދެތިން މަސްދުވަހުން ނުވަތަ ދެތިން އަހަރަކުން ހޯދުނު ކާމިޔާބެއް ނޫން. ޞިއްޙީ ޚިދުމަތް ކުރިއަރައިގެން އަންނަނީ، ރައްޔިތުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުވާ މިންވަރަކުން. އެހެންކަމުން، މި ހޮސްޕިޓަލުގެ ކާމިޔާބީ ގުޅިފައިވަނީ، މި އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމަށް، އެތައް މަރުހަލާތަކެއްގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކާ.
ފޫޅުމައިންނާއި ހެލްތު އެސިސްޓެންޓުންގެ އަތްމަތިން ހެލްތު ވޯކަރުންގެ އަތްމައްޗަށް. އޭގެ ފަހުން ޑޮކްޓަރުންގެ އަތްމައްޗަށް ޞިއްޙީ މަރުކަޒުތައް ބަދަލުވެ ސަރަޙައްދީ ހޮސްޕިޓަލްތައް އުފެދިގެން ދިޔައީ. އެއަށްފަހު، މީގެ ވިއްސަކަށް އަހަރު ކުރިން، އަތޮޅު ހޮސްޕިޓަލުތައް އުފެދިގެން ދިޔައީ، ކޮންމެ އަތޮޅަކަށް އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއް ލިބުނު ހިސާބުން.
މިއަދު އަޅުގަނޑުމެންނަށް ފެންނަން މިހިރަ، އަތޮޅު ހޮސްޕިޓަލަކީވެސް، މީގެ 50 އަހަރު ކުރިން، އެންމެ މީހަކާއެކު ފެށުނު ޚިދުމަތެއް. ހެލްތު ސެންޓަރެއްގެ ގޮތުގައި މި ރަށުގެ ޞިއްޙީ ޚިދުމަތް ފެށިއިރު، އެތަނުގައި ހެލްތު އެސިސްޓެންޓެއްގެ ގޮތުގައި ފަރުވާ ދެއްވަން ހުންނެވި ފުރަތަމަ ބޭފުޅަކީ، އަޅުގަނޑުގެ ބޮޑުބޭބެ އިބްރާހީމް ޞާލިޙް.
މި ރަށާއި މި އަތޮޅުގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި، ބޮޑުބޭބެ ޙިއްޞާވެފައިވާކަމީ، އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. އެކި ދުވަސްވަރު، އެކި މަރުޙަލާތައް ކަޑައްތުކޮށް، މި ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމުގައި ބައިވެރިވި، އިޚްލާޞްތެރި ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރުވެރިކަމާއެކު، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަން.
އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، މާލޭގައި އޮންނަ މައި ސަރުކާރުން އަދާކުރި ދައުރަށްވުރެ މާމަތީ ދައުރެއް، އެ އަތޮޅެއްގެ ރައްޔިތުން އަދާކޮށްފައިވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. ބޮޑެތި ބަލިތަކާއި ރޯގާތަކާ ކުރިމަތިލުމަށް، އޭރު ލިބެން އޮތް ހަމައެކަނި ވަސީލަތަކީ، ދިވެހި ބޭސްވެރިކަމާއި ހަކީމީ ބޭސްވެރިކަން.
އެހެންކަމުން، އަތޮޅުތަކުގައި މި ޒަމާނުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ވިލާތުގެ ޑޮކްޓަރީ ބޭސްވެރިކަން ދިވެހީންގެ ތެރެއަށް ތަޢާރުފްކުރަން ފެށިއިރު، ދިވެހީން ފަރިތަވެފައި ތިބީ، ޙަކީމީ ބޭސްވެރިކަމާއި ދިވެހި ބޭސްވެރިކަމާއި ފަންޑިތަވެރިކަމަށް.
އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ، މީގެ ތިރީހަކަށް އަހަރު ކުރިން، މާބަނޑު މީހުންނަށާއި ކުޑަކުދިންނަށް ވެކްސިން ދިނުމަށް، މާލެއިން ފޮނުވާ ޓީމުތައް ރަށްރަށަށް އަރާ ދުވަހަކީ، އެ ރަށަކަށް ވަރަށް ބިރުވެރި ދުވަހެއް. ބައެއް ރަށްރަށުގައި، ބައެއް މީހުންނާއި ކުޑަކުދިން، އެދުވަހު ހަތަރުދަމު ފިލައިގެން އުޅޭ ކަމަށްވެސްވޭ.
ވެކްސިން ދިނުމާއި ޑޮކްޓަރީ ބޭސް ބޭނުންކުރުމާމެދު ހޭލުންތެރިކުރުމަށް، ވަރަށް ބުރަ މަސައްކަތްތަކެއް އޭރު ކުރަންޖެހުނު. އެކަންކަން ކުރަންޖެހުނީ، ރައްޔިތުންނަށް ވަރަށް ބޮޑަށް ނަސޭހަތްދީ ވިސްނައިގެން. އެއީ، އެފަދަ ކަންކަމަކީ ދިވެހީންގެ ތެރެއަށް އެހާފަރިތަ ކަންކަމަށް ނުވާތީ. އެއީވެސް ޞިއްޙީ ޚިދުމަތުގެ 50 އަހަރުގެ ވަރަށް މުހިންމު ތަޖުރިބާތަކެއް.
އެ ބުރަ މަސައްކަތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާ، ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ޤައުމަކީ ދިވެހިރާއްޖެ. ޕޯލިއޯ އާއި މީސަލްސްވެސް ވަނީ މި ރާއްޖެއިން ނައްތާލެވިފައި.
އެ ކާމިޔާބީގެ ފަހަތުގައިވަނީ، ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް. ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ އެ ޕްރޮގްރާމް އިހުމާލުކޮށްލުމުގެ ސަބަބުން، މިއަދު އަޅުގަނޑުމެންގެ ފުރާނަތައް ގެއްލެމުން އެދަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި. މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭނަން.
ރާއްޖެ ދުށް އެންމެ ނުރައްކާތެރި ދެ ރޯގާއަކީ ކޮލެރާއާއި ޝިގެއްލާ. އެފަދަ ރޯގާތަކުން އަޅުގަނޑުމެން ސަލާމަތްކުރުމުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރީ، ޕްރައިމަރީ ހެލްތު ކެއަރގެ ދަށުން، ތަމްރީނުކުރި ހެލްތު ވޯކަރުންނާއި، ފޫޅުމައިންނާއި، މަދު ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ ބުރަ މަސައްކަތް.
މި ދެންނެވި ހުރިހާ ތަޖުރިބާތަކެއްގެ ތެރެއިން، އަތޮޅު ހޮސްޕިޓަލެއްގެ ގޮތުގައި މި މުއައްސަސާ މިއަދާ ހަމައަށް އައީ، ތަފާތު ނަންނަމުގައި އެތައް މަރުޙަލާތަކެއް ކަޑައްތުކޮށްފައި. ވަރަށް އާދައިގެ ފެންވަރެއްގައި ފެށި ހެލްތު ސެންޓަރުން، އެންމެ ފުރަތަމަ ފަހަރަށް ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް، ހެލްތު ސެންޓަރު އުފެދުނުތާ 25 އަހަރު ފަހުން 1993 ވަނަ އަހަރު.
އޭގެ ފަހުން 2001 ވަނަ އަހަރު، ހޮސްޕިޓަލަކަށް ބަދަލުވިއިރުވެސް، ޙަޤީޤީ ހޮސްޕިޓަލަކުން ލިބެންވާ ހުރިހާ ޚިދުމަތްތައް މި ހޮސްޕިޓަލުން ލިބޭކަށް ނެތް. އަދި މިރޭ އަޅުގަނޑުމެން ރަން ޔޫބީލް ފާހަގަކުރަމުންދާއިރުވެސް، ރައްޔިތުން އެންމެ ބޭނުންވާ ފެންވަރަށް ޚިދުމަތް ނުލިބޭކަން އަޅުގަނޑު ފާހަގަކުރަން.
އެހެން ނަމަވެސް، ބ. އަތޮޅުގެ ރައްޔިތުންނަކީ، އަބަދުވެސް ޢާންމު ޞިއްޙަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ރައްޔިތެއް ދިރިއުޅޭ އަތޮޅެއްކަން، މި އަތޮޅުގެ ތާރީޚުން އެބަ ސާބިތުކޮށްދޭ. މި އަތޮޅުގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގައި، މި އަތޮޅުގެ އަތޮޅު ކޮމިޓީން، އަމިއްލައަށް އިސްނަގައިގެން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން އަޅުގަނޑަށް އެނގޭ.
މި ހޮސްޕިޓަލުގެ ތާރީޚަށް ބަލާއިރު، މި ހޮސްޕިޓަލަކީ، މާލޭގައި އޮންނަ މަރުކަޒީ ސަރުކާރުން ކަންކަން ކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައިގެން، ޞިއްޙީ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ތަނެއް. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން، ދެ އަހަރެއްގައި މި ހޮސްޕިޓަލްވަނީ އެވޯޑުވެސް ޙާޞިލުކޮށްފައި.
ތުއްތު ކުދީންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް، 2008 ން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް އެންމެ ރަނގަޅަށް ބަލަހައްޓާފައިވަނީ ވެސް މި ހޮސްޕިޓަލުން. މިއީ ޙަޤީޤަތުގައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތުގައި މި ހޮސްޕިޓަލް ހޯދާފައިވާ ވަރަށްމަތީ ކާމިޔާބެއް. އަދި މިއަތޮޅު ރައްޔިތުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުވެފައިވާކަން ރަމްޒުކޮށްދޭ ކަމެއް.
މުޅި ދުނިޔޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދިނީ، ތުއްތުކުދިންނާއި މާބަނޑު މީހުންނަށް ޚާއްޞަ ވެކްސިންތަކެއް ތަޢާރުފްކުރެވުނު ހިސާބުން. ރާއްޖޭގައވެސް ތުއްތު ކުދިން ޅަފަތުގައި މަރުވުމާއި، ވިހެއުމުގެ ތެރޭގައި މާބަނޑު މީހުން މަރުވާ ނިސްބަތް ދަށްވެގެން ދިޔައީ، ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން.
މި އަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު، މި އަތޮޅުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަކީ، ތަރައްޤީއަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް. މާލެ އަތޮޅާއި އަރިއަތޮޅު ފިޔަވައި ދެން އެންމެ ގިނަ ރިޒޯޓް ހިންގަނީ، މި އަތޮޅުގައި. މިއަތޮޅުގެ ފަތުރުވެރިކަމަށް ފައިދާ ހުރި ކޮންމެ ކަމަކީ، މި އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް.
މިހެން ދެންނެވިޔަސް، ޞިއްޙީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާ ކުރަންޖެހިފައިވާ ކަމެއް. ޢިމާރާތުގެ ދަތިކަމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން އަދި ޞިއްޙީ އެހީތެރިން ނެތުމަކީ، ކޮންމެ ރަށަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ލެބޯޓްރީގެ ޚިދުމަތް ވެސް އެކަށީގެންވާ ފެންވަރަށް ތަރައްޤީވެފައެއް އަދިއެއް ނެތް.
ރަށްރަށުން އެކަށީގެންވާ ޞިއްޙީ ހިދުމަތްތައް ލިބެން ނެތުމަކީ، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ. މާލެއަށް ދިޔަސް، ވަކި ބައްޔަކަށް ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް، އެތައް ދުވަހަކު އިންތިޒާރުގައި ތިބެން އެބަޖެހޭ. ރަނގަޅަށް ތަމްރީނުވެފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތުން އެއީ އަނެއް މައްސަލަ. ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުންވެސް މައްސަލައެއްގެ ގޮތުގައި އަދިވެސް އެބައޮތް.
މި ޝަކުވާތައް އުފެދުނީ، ރާއްޖެ ތަރައްޤީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން. އެއީ މާލެއަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްޤީގެ މަޝްރޫޢުތައް. އޭގެ ނަތީޖާއަކަށްވީ، ޑޮކްޓަރަށް ދައްކަން ވިޔަސް، އެކްސްރޭއެއް ނަގަން ޖެހުނަސް، ދަތުރު ހަދާފައި މާލެ ދާން ޖެހުން. އެއީ ރަށްރަށުގެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ޚަރަދުތަކެއް.
ޞިއްޙީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުން. އާސަންދަ ފަދަ ނިޒާމުތައް އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލުނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީވެސް ކޮރަޕްޝަންގެ ސަބަބުން.
އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން. އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެން. ބޭސްކުރަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އޭރުން.
އެ ސިޔާސަތުގެ ދަށުން، މިއަހަރުގެތެރޭ މި ހޮސްޕިޓަލުގެ އާ ޢިމާރާތް ބިނާކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ފެށިގެންދާނެ. 50 މިލިއަން ރުފިޔާގެ އެ ޢިމާރާތް އަންނަ އަހަރު ނިމޭއިރު، މި ހޮސްޕިޓަލުން ފިޒިއޯތެރަޕީ އާއި ޑަޔަލެސިސްގެ ޚިދުމަތް ލިބެން ހުންނާނެ. ޕްރައިވެޓް ކޮޓަރިތަކާއި ސްކޭންގެ ޚިދުމަތް ފެށި، މި ހޮސްޕިޓަލާ އެކަށޭނަ ލެބޯޓްރީގެ ޚިދުމަތްތައްވެސް ލިބެން ހުންނާނެ. އަދި ދެންމެ ހޮސްޕިޓަލްގެ މެނޭޖަރ، ހެލްތް ސަރވިސް މުޙައްމަދު ރަޝީދު ވިދާޅުވިފަދައިން ބ. އަތޮޅު ތުޅާދުއަކީވެސް ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރަން ޖެހިފައި އޮތް ރަށެއްކަން އަޅުގަނޑު ފާހަގަކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢުގެ ތެރެއިން ތުޅާދޫގެ ޞިއްޙީ މަރުކަޒުވެސް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވި ހޮސްޕިޓަލެއްގެ ޚިދުމަތް އެތަނުން ލިބިގެންދާނެ.
މިފަދަ ޚިދުމަތްތައް ތަޢާރުފްވެގެން ދާއިރު، ޢާއިލީ ފެންވަރުގަޔާއި ފަރުދީ ފެންވަރުގައި ވެސް، ޞިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް. އެއީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެ، ކޮންމެ މީހަކު އުފުލަންޖެހޭ ބުރަތައްވެސް އެތައް ގުނައެއް މަދުވާނެ ކަމެއް.
އަޅުގަނޑުމެންގެ އާދަތައް ހުރި ގޮތުން، ޞިއްޙީ ކަންކަމުގައި އަދިވެސް ބޮޑަށް ބުރަވެވެނީ ފަހަތު ފަޔަށް. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ގިނަ މީހުންނަށް ތިބެވެނީ ބަލިވުމުން ބޭސްކުރަން. މިއީ، އަޅުގަނޑުމެން ކޮންމެހެން ބަދަލުކުރަންޖެހޭ އާދައެއް. ޙަރަކާތްތެރި ދިރިއުޅުމަކަށް އާދަވުމަކީ، އެތައް ބަލިތަކަކުން ދުރުކޮށްދޭ ކަމެއް.
ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ވެސް، ރައްޔިތުން އަމިއްލަ ޞިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން މި އެދޭ އުފާވެރި ދިރިއުޅުން ފެންނާނީ އޭރުން. އުފާވެރި ޢާއިލާއެއް ބިނާކުރެވޭނީ، ޢާއިލާގެ ކޮންމެ ފަރުދެއްގެ ހަށިހެޔޮކަމާ ދުޅަހެޔޮކަން އިތުރުވެގެން.
އަޅުގަނޑުގެ ދުޢާއަކީ، ދުޅަހެޔޮ ހަށިހެޔޮ މުސްތަޤްބަލެއް ހޯދުމަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. ދިވެހި ރައްޔިތުންނަކީ، ފުރިހަމަ ޞިއްޙަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބައެއްކަމުގައި ލައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިއެރުމާއި ފާގަތިކަން، މާތް ﷲ މިންވަރުކުރެއްވުން. އާމީން
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.