ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ބ. އަތޮޅު ކައުންސިލުގެ އިދާރާގައި ވަކިވަކިން ބޭއްވެވި މި ބައްދަލުވުންތަކުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ޝަކުވާތައް ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން އޭދަފުށީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބަނދަރު އިތުރަށް ބޮޑުކުރުމާއި ރަށުން ގޯތި ދޫކުރުމުގައި ހުރި ދަތިމައްސަލަތަކާއި ރަށުގެ މަގުހެދުމާއި ކަރަންޓާއި ޞިއްޙީ ދާއިރާއިން ހުރި ކަންބޮޑުވުންތައް ކައުސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ އުމްރާނީ ތަރައްޤީއަށް ކުރަންހުރި އެކިއެކި މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތައް ބާރުވެރިކުރުވުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭންތަކާ އަދި ކުރިމަގުގައި ފެނިގެންދާނެ ބަދަލުތަކާބެހޭ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ބައެއް މައްސަލަތައް ޙައްލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާއި އެމަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކަރަންޓާއި ބަނދަރުގެ މަޝްރޫޢު ޕްލޭންކުރެވިފައިވާ ގޮތް ވެސް ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުޖުގައި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޭދަފުށީގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތަން ހިންގުމުގައި ހުރި ދަތިމައްސަލަތަކާއި ޚިދުމަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރަށުގެ އެހެނިހެން ދާއިރާތަކުގެ ޚިދުމަތްތައް ފުޅާކުރުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތައް މުއައްސަސާތަކުގެ ވެރިން ވަނީ ރައީސާ ޙިއްޞާކުރައްވާފައެވެ.  މި ބައްދަލުވުމުގައި ރަށުގައި ޚިދުމަތް ދެމުންދާ ގިނަ މުއައްސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ