ޔުނިސެފްގެ ސައުތު އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ މިސް ޖީން ގޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، މިސް ޖީން ގޯ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމާއި ކުޑަކުދިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

މިބައްދަލުކޮށްލެއްވުމުގައި މިސް ގޯ ދެއްކެވި ވާހަކަފުޅުގައި ކުޅިވަރު މެދުވެރިކޮށް ކުދިންގެ ދުޅަހެޔޮކަން އިތުރުކޮށްދީ ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ނަގައިދީ، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރަން ދަސްކޮށްދީ، ދިރިއުޅުމުގައި މޮޅާއި ދެރަ ޤަބޫލުކުރަން ދަސްކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މިސް ގޯގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ކުޅިވަރު ހިމެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ ވަނީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކުޑަކުދިންނަށް އެކަށީގެންވާ ފަހި މާޙައުލެއް ހޯދައިދިނުމުގައި ޔުނިސެފާ ގުޅިގެން މަސައްކަތްކުރައްވާ އެޑްވޮކެޓްއެއްގެ ރޯލު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިގޮތުގައި އެ މަސްއޫލިއްޔަތު އެކަމަނާ އުފަލާއެކު ޤަބޫލުފުޅު ކުރައްވާކަމަށައި، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ޔުނިސެފް ފަދަ ޖަމްޢިއްޔާއެއްގެ އެހީތެރިކަން ލިބިވަޑައިގެންނެވުމަކީ އުފާވެރި އިއްތިފާޤެއްކަމުގައި ވިދާޅުވެފައެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ތަޢުލީމާއި ކުޅިވަރުގެ ދާއިރާއަކީ އެކަމަނާ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ދެ ދާއިރާކަމުގައެވެ. އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިވެހިރާއްޖޭގައި ބޭއްވުމަށް ފުރުޞަތު ލިބިގެން ދިއުމަކީ މި މަސައްކަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދިޔުމަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ޔުނިސެފާއެކު ކުރިމަގުގައި މަސައްކަތްޕުޅު ކުރެއްވުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކުދިންނަށް ރައްކާތެރި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް އެކަމަނާއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގައި ވިދާޅުވިއެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ވަކާލާތުކުރައްވައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ޢާންމު ރައްޔިތުން ހޭލުންތެރިކުރުވައި އެފަދަ ފަރާތްތައް އިތުރަށް ހަރަކާތްތެރި ކުރުވުމުގައި އެހީތެރިވެދެއްވައި އެމަސައްކަތް ކުރިއަށް ގެންދެވުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވުމަށް ޔުނިސެފުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުން އެދިވަޑައިގެންފައެވެ.