ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ފެހެންދޫ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ފެހެންދޫ ކައުންސިލު އިދާރާގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ނަރުދަމާއާއި ކަރަންޓުގެ މައްސަލަތަކާއި ޞިއްހީ ދާއިރާގައި ހުރި ބައެއް ގޮންޖެހުން ތަކާއި ރަށުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުންނާއި ރަށުގައި އޭޓީއެމެއްގެ ޚިދުމަތް ޤާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފެރީގެ ޚިދުމަތް ރަނގަޅު ކުރުމާއި ރަށުގެ ތަޢުލީމީ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެހެންދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢު ތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.