މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރުކޮށްދީ މަސައްކަތުގެ މައިދާނުގައި އެއްބާރުލުންދީ އެހީތެރިކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ތިލަފުށީގައި ޤާއިމްކޮށްފައިވާ ކްލިނިކާއި ބޭސްފިހާރައިގެ ޚިދުމަތް އިފްތިތާޙްކުރުމަށް ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ގުޅީފަޅު އަދި ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ޞިއްޙީ ފަރުވާދެވޭނެގޮތަށް ތިލަފުށީގައި ކްލިނިކަކާއި ބޭސްފިހާރައެއްގެ ޚިދުމަތް ފެށުމަކީ އެކަން ފާހަގަކޮށް އެކަމާ އުފާފުޅު ކުރައްވާ ކަމެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މަސައްކަތްތެރީންނާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށާ އަދި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ޔަޤީންކުރެވިފައިވުމަކީ މަސައްކަތްކުރުވާ ހުރިހާ ފަރާތްތަކުންވެސް އިތުރު ސަމާލުކަމެއްދޭންވީ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މަސައްކަތްކުރުވާ މީހާއެކޭ އެއްފަދައިން މަސަތްކަތްކުރާ މީހާގެވެސް ޙައްޤުތަކެއް ވާނެކަން ހަނދާންކޮށް އެކަންތައްތަކަށް ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ނައިބު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާކަން ފާހަގަކުރައްވައި ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިރިއުޅޭ ރަށުން ރަނގަޅު ޞިއްޙީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުން އަމާޒު ހިފާފައިވާ މުހިންމު ކަމެއް ކަމުގައެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރައީށުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.