1. ސުވާލު: މުޙަންމަދު ޖަމީލް (ދިވެހިރާއްޖޭގެ އަޑު)
މަނިކުފާނުގެ ދަތުރުފުޅުގެ އެންމެބޮޑު ކާމިޔާބަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ
އަޅުގަނޑުގެ މި ދަތުރުގެ އެންމެބޮޑު ކާމިޔާބަކީ، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދަކާއި، ސިންގަޕޫރު ސަރުކާރުގެވެސް ހަމަ އެންމެމަތީ ފެންވަރުގެ ވަފްދަކާ ވާހަކަ ދައްކައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އަދި މި ގުޅުމުގެ ދާއިރާ ފުޅާކުރުމުގެ ވާހަކަ ވަރަށް އެކުވެރި ޖައްވެއްގައި ދެކެވި، އެކަމާމެދު އެއްބަސްވެވިފައިވާކަން.

2. ސުވާލު: މުޙަންމަދު ނަޖީލް (ޓީ.ވީ މޯލްޑިވްސް)
މިދަތުރުފުޅުގައި ބިޒްނަސް ސިމްޕޯޒިއަމެއް ބޭއްވިގެންދިޔަ. ދެން މީގެ ސަބަބުން ރާއްޖޭގައި ސިންގަޕޫރުން އިންވެސްޓްކުރާ މިންވަރު ކިހާވަރަކަށް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ
އަޅުގަނޑަށް ހީވާގޮތުގައި، ސިންގަޕޫރުން ރާއްޖޭގައި އިންވެސްޓްކުރާ މިންވަރު ވަރަށްބޮޑުތަން އިތުރުވެގެންދާނެ. އަޅުގަނޑުމެން ބޭއްވި ބިޒްނަސް ސިމްޕޯޒިއަމްގައި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއި، އެކިއެކި މަސައްކަތްތަކުގައި އުޅުއްވާ ފަރާތްތަކުން ވަރަށްގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. އަދި ރާއްޖޭގައި އިންވެސްޓް ކުރުމާ ބެހޭގޮތުން އެބޭފުޅުން ވަރަށްބޮޑު ޝައުޤުވެރިކަމެއް ފާޅުކުރެއްވި. ދެން އެބޭފުޅުން ވިދާޅުވި ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބު އެރުވިން. އަޅުގަނޑަށް ހީވަނީ އެބޭފުޅުންގެ ހިތްޕުޅުގައި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެހެން. ވަރަށްގިނަ ބޭފުޅުން ވަރަށް އަވަހަށް ވަޑައިގަންނަވާނެ ވާހަކަވެސް ވިދާޅުވި.

3. ސުވާލު: މުޙަންމަދު ޖަމީލް (ދިވެހިރާއްޖޭގެ އަޑު):
ސިންގަޕޫރަކީ ރާއްޖޭގައި ވިޔަފާރީގެ ގޮތުން އެންމެބޮޑު އެއް ބައިވެރިޔާ. ދެ ޤައުމުގެ ދޭތެރޭގައި މި ހިނގަމުންދާ ވިޔަފާރިއަށް މި ދަތުރުފުޅުގެ ސަބަބުން ލިބޭނީ ކޮންކަހަލަ ކުރިއެރުމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ
ދެ ޤައުމުގެ ދޭތެރޭގައި ހިނގަމުންދާ ވިޔަފާރި ތަފާތު ސިފަތަކުގައި ހިނގަމުން އެބަދޭ ދޮގެއްތޯ. އެއީ މުދާ އެތެރެކުރުމާއި، މުދާ ބޭރުކުރުމާއި، އަދި އޭގެއިތުރުން ސިންގަޕޫރުގެ އެކިއެކި ވިޔަފާރިއާބެހޭ މަސައްކަތްތައް ރާއްޖޭގައި ހިންގުމާއި، ސިންގަޕޫރުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކޮށްގެން، މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި، މިކަންތައްތަކުން އަޅުގަނޑު ހިތުން ދިވެހިރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. އަދި ކުރިއަށް އޮތް ތާނގައި އެކަން އިތުރުވެގެންދާނެ. އެއީ އަޅުގަނޑު ސިންގަޕޫރުގެ މަތީ ފެންވަރުގެ ވަފްދަކަށް، ވިޔަފާރިއާއި އުފެއްދުންތެރިކަމާބެހޭ ވަފްދަކަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު އެރުވިން. އެބޭފުޅުން އަޅުގަނޑު ހިތުން މާލަހެއްނުވެ ރާއްޖެ ވަޑައިގަންނަވާނެ. އަދި ރާއްޖޭގައި ހުރި ފުރުޞަތުތައް ބައްލަވައި، އޭގެ ބޭނުން ހިއްޕަވައިގެން، އިންވެސްޓް ކުރައްވަމުން ގެންދަވާނެ. އެހެން ވެއްޖިއްޔާ ރާއްޖެއަށް ލިބޭ އިޤްތިޞާދީ ކުރިއެރުން ވަރަށްބޮޑުވާނެ. ވަރަށްގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތުވެސް އިތުރުވެގެންދާނެ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެހެން.

4. ސުވާލު: މުޙަންމަދު ޖަމީލު:
ސިންގަޕޫރުގެ ވަރަށްގިނަ އިންވެސްޓަރުންނާ މަނިކުފާނު ބައްދަލުކުރެއްވި. ކިހިނެއްތޯ އެމީހުންގެ ޚިޔާލު ރާއްޖެއާމެދު، ރާއްޖޭގައި އިންވެސްޓްކުރުމާމެދު.

ރައީސުލްޖުމްހޫރިއްޔާ
އެމީހުންގެ ޚިޔާލު ވަރަށް ރަނގަޅު އިނގޭތޯ. އެމީހުންނަށް ބޭނުންވަނީ، އިތުރު މަޢުލޫމާތު. ޙަޤީޤަތުގައި ރާއްޖޭގައި އިންވެސްޓް ކުރެވެންހުރި ދާއިރާތަކާއި، ހުރި ފުރްޞަތުތަކާއި، މި މަޢުލޫމާތު އެމީހުންނަކަށް ރަނގަޅަކަށް އޮޅުންފިލާފައެއް ނެތް. އެސަބަބަށްޓަކައި އަޅުގަނޑުމެން މި ބިޒްނަސް ސިމްޕޯޒިއަމް ބޭއްވީ. މީގެ ސަބަބުން ވަރަށްގިނަ މަޢުލޫމާތު އެމީހުންނަށް އެނގިގެންދިޔަ. އަދި އަޅުގަނޑުމެން ތައްޔާރުކުރި ޕްރެޒެންޓޭޝަނާއި އަދި އެކިއެކި ޕޭމްފްލެޓް ކަހަލަ ބްރޯޝަރ ކަހަލަ އެއްޗެތި އެމީހުންނަށް ބަހައި، އެއިންވެސް އެމީހުންނަށް މަޢުލޫމާތުތަކެއް ލިބިގެންދިޔަ. އަދި އަޅުގަނޑުމެންގެ ސިންގަޕޫރުގައި ހުންނަ ޓްރޭޑް ސެންޓަރުގެ އިސްވެރިންވެސް މިކަމުގައި އިތުރު ޙަރަކާތްތަކެއް، ކުރިއަށް އޮތް ތާނގައި ކުރައްވަމުން ގެންދަވާނެ. އެހެންވީމާ، އޭގެ ސަބަބުން އެބޭފުޅުންގެ ގުޅުން ބަދަހިވެ، އަދި އޭގެއިތުރަށް އިންވެސްޓްމަންޓް އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން.