ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ އަދި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރެއްވިއެވެ.

އެގޮތުން ނަރުދަމާއާއި ބޯފެނުގެ ނިޒާމު ޤާއިމުވެފައި ނެތުމުން ހުރި ދަތިތަކާއި ޞިއްޙީދާއިރާގައި ހުރި ދަތި މައްސަލަތަކާއި ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ މަޢުލޫމާތު ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކަމަދޫގައި އުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށުގައި ތިބި އެހީތެރިކަމަށް ބޭނުންވާ އެހެނިހެން ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.