بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު ނިއުދިއްލީއަށް މި ކުރާ ދަތުރުގައި، ނިއުދިއްލީގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި އަދި ދިވެހި، ކިޔަވާ ކުދިންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި މިފަދަ ބައްދަލުކޮށްލުމެއް އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި، އިންޑިޔާގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަންބަރީ ޢަބްދުއްސައްތާރަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ އެމަނިކުފާނު އެ ވިދާޅުވި ފަދައިން، މިއީ، މިވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ނިއުދިއްލީއަށް އައިސް އަދި ނިއުދިއްލީގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކޮށްލުމަށް އަޅުގަނޑަށް ލިބުނު ދެވަނަ ފުރްޞަތު. ޝައްކެއްނެތްގޮތުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެ ޤައުމަކީ، ވަރަށް ގާތް ރަޙްމަތްތެރި އެކުވެރި ދެ ޤައުމު. އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވަނީ، ވަރަށްބޮޑު ގާތް ކަމެއް. ވަރަށްގިނަ ދާއިރާތަކުގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ އެއްބާރުލުން ވަނީ ވަރަށް އެކަށީގެންވާ ދަރަޖައަކަށް ތަރައްޤީ ކުރެވިފައި.

އާދެ! އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ ޒުވާން އަންހެނުންނާއި ފިރިހެނުން ނިއުދިއްލީއަށް އައިސް ނުވަތަ އިންޑިޔާއަށް އައިސް، އިންޑިޔާގައި ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުޞަތު އެމީހުންނަށް ލިބި، ތަޢުލީމު ޙާޞިލު ކުރަމުން ގެންދިޔުން. އާދެ! އެއީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ވަރަށްބޮޑު ފައިދާއެއް. އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގައި ތަޢުލީމީ މީހުން ގިނަވާން. ކިޔަވައިގެން ތިބި، ތަންދޮރު ދަންނަ، ދުނިޔެ ދެކެފައިވާ އަދި ދުނިޔޭގެ ތަޖުރިބާ ލިބިފައިވާ ބަޔަކު އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކަމާ ޙަވާލުވެ އުޅެން. އެގޮތުން، އިންޑިޔާއަށް އައިސް ތަޢުލީމު ޙާޞިލުކުރާ ދިވެހި ދަރިންނަކީ، އެމީހުންގެ ކޮނޑުގައި ވަރަށްބޮޑު މަސްއޫލިއްޔަތެއް އެޅިފައިވާ ބަޔެއް. ހަމައެކަނި އިންޑިޔާގައި ކިޔަވާ ދިވެހިންނެއް ނޫން. ދުނިޔޭގެ އެތަން މިތާނގައި، އެތައް ޤައުމެއްގައި ދިވެހި ކުދިން ތަޢުލީމު ޙާޞިލު ކުރަމުން އެބަގެންދޭ. އެ ހުރިހާ ކުދިންވެސް އެނބުރި އެބައިމީހުންގެ އަމިއްލަ ޤައުމަށް އައިސް، ޤައުމަށް ޚިދްމަތް ކުރުމަކީ، ޝައްކެއްނެތްގޮތުގައި އެމީހުން ކުރަންޖެހޭނެ ކަމެއް. އަދި ރާއްޖޭގެ ރައްޔިތުން އެކަމަށް އިންތިޒާރު ކޮށްގެން ތިބި ކަމެއް.

އާދެ! އެހެންވީމާ، މިރޭ ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށްވެގެން މި ދިޔައީ. ތިޔަބޭފުޅުންގެ ތެރޭގައި ވަރަށްމަތީ ފެންވަރުގެ ބޭފުޅުން އެބަ ތިއްބެވި. އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި، ދިވެހި ޢާއިލާތަކާއި، އަދި ދިވެހި، ކިޔަވާ ކުދިން އެބަތިބި. ތިޔަ ހުރިހާ ބޭފުޅުންނަކީވެސް ހަމަގައިމުވެސް ދިވެހިން. އެހެންވީމާ، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑު ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން.

އާދެ! ރާއްޖެ މިހާރު މިވަނީ، މުޅި ދުނިޔެއަށް ހުޅުވައިލެވިފައި. ދިވެހިރާއްޖެއާއި ދުނިޔޭގެ ޤައުމުތަކާ ދޭތެރޭގައި ވަރަށް ބޮޑެތި ގުޅުންތަކެއް ވަނީ އުފެދިފައި. ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަދައިން، ވަރަށްގިނަ އަދަދެއްގެ ބޭރު މީހުން ރާއްޖެއަށް ޒިޔާރަތްކުރޭ. އަދި ރާއްޖެއަކީ ކުޑަ ޤައުމަކަށްވީހިނދު، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދެވޭތޯ. ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން ހޯދައިދެވޭތޯ. މި މަސައްކަތަކީ ހުއްޓުމެއްނެތި ރާއްޖޭގެ އެންމެން ކުރަމުން ގެންދާ މަސައްކަތެއް. ދިވެހި ސަރުކާރުން، އަމިއްލަ ފަރާތްތަކުން، ދިވެހި ވިޔަފާރިވެރިން، ރާއްޖޭގައި އިންވެސްޓް ކުރާ މީހުން، އަދި އެކިރޮނގު ރޮނގުގައި ޚިދްމަތްކުރާ މީހުން. މި އެންމެންވެސް މި ކުރާ މަސައްކަތަކީ، އެއް މަޤްޞަދެއްގައި ކުރާ މަސައްކަތެއް. އެއީ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި، ބާއްޖަވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދީ، ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށް ގެންދިޔުން.

އާދެ! އަޅުގަނޑުމެންނަކީ ކުޑަ ޤައުމަކަށްވިޔަސް، ދެކުނު އޭޝިޔާ ސަރަޙައްދުގައި އަޅުގަނޑުމެންގެ ތަރައްޤީއަކީ، ވަރަށްގިނަ ބަޔަކު އެކަން ދެކި، އެކަމަށް އުފާފާޅުކޮށް ހަދާ ކަމެއް. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރާއްޖެ މިވަނީ ވަރަށްބޮޑުތަން ކުރިއަރާފައި. ރާއްޖޭގެ ކޮންމެ ކަމަކަށް ބަލައިލިޔަސް، މިކަން އެހެރީ ފެންނަން. ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރާ ކުދިންގެ ޢަދަދު، މުޅި އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދްމަތްތައްވެސް، ކުރިއަށްވުރެ މިހާރު މިއޮތީ މާބޮޑުތަން ކުރިއަށް ޖެހިލާފައި. އަޅުގަނޑުމެންގެ ފަތުރުވެރިކަމާއި، އަދި ވިޔަފާރިއާއި، މިކަންކަންވެސް މިވަނީ މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ވަރަށްމަތީ ވަނައެއް ހޯދާފައި. އަދި ރާއްޖޭގެ އަމަންއަމާންކަމާއި، ޞުލްޙަވެރިކަމާއި، ރާއްޖޭގައި މި އޮތް ހަމަޖެހުމަކީ، ދުނިޔޭގެ އެންމެން އެކަމަށް ތަޢުރީފުކުރާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަކީ ކިތަންމެ ކުޑަ ރާއްޖެއެއް ނަމަވެސް، ދުނިޔޭގައި އަޅުގަނޑުމެން މިވަގުތު މިވަނީ އަޅުގަނޑުމެންނާ އެކަށީގެންވާ ކަހަލަ މަގާމެއް ހޯދޭތޯ ކުރާ މަސައްކަތުގައި ކާމިޔާބީތަކެއް ހޯދާފައި. އެހެން ނަމަވެސް، އެ މަސައްކަތަކީ އަދި ނިމުމަކަށް އައި މަސައްކަތެއް ނޫން. ނުވަތަ ނިމުމަކަށް މާފަސޭހައިން އަންނާނެ މަސައްކަތެއްވެސް ނޫން. އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށްގިނަ ދަތިތަކެއް އެބަހުރި. އަޅުގަނޑުމެންގެ ވަސީލަތްތައް ވަރަށްމަދު. އަދި އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ދާންޖެހޭ މަންޒިލް މަޤްޞޫދު އޮތީ ވަރަށް ދުރުގައި. އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. އެ މަސައްކަތުގައި ތިޔަބޭފުޅުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ތިއްބެވި ބޭފުޅުންކޮޅެއް. އެހެންވީމާ، މިކަންވެސް ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮންނާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ! އަޅުގަނޑު އިންޑިޔާއަށް މިފަހަރު މި އައި ދަތުރަކީ، ދެ ޙައިޘިއްޔަތަކުން ކުރާ ދަތުރެއް. އެއް ޙައިޘިއްޔަތަކީ، އަޅުގަނޑު މި ހުރި މަގާމުގެ ގޮތުން، ރާއްޖޭގެ ރައީސްގެ ޙައިޘިއްޔަތުން. މިގޮތުން އައިސް އިންޑިޔާ ސަރުކާރުގެ އެންމެމަތީ ވެރިންނާ ބައްދަލުކުރުމަށް މިހާރުވަނީ ހަމަޖެހިފައި. އިންޑިޔާގެ ރައީސާއި އަދި އިންޑިޔާގެ ބޮޑުވަޒީރާ. އަދި އިންޑިޔާގައި ވެރިކަން ކުރާ ޕާޓީގެ ޒަޢީމާއާ. މި ހުރިހާ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރްޞަތު މިހާރު އަޅުގަނޑަށް ވަނީ ލިބިފައި. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެކަން އިރާދަކުރެއްވިއްޔާ ވެގެންދާނެ.

ދެވަނަ ކަމަކީ، އިންޑިޔަން ނޭޝަނަލް ކޮންގްރެސްގެ ފަރާތުން މި ބާއްވަވާ މަހާތުމާގާނދީގެ ސަތުޔަގުރަހާ މޫވްމަންޓަށް، އެ ޙަރަކާތަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ކޮންގްރެސް ޕާޓީން ބާއްވަވާ ވަރަށް މުހިންމު ބައްދަލުވުމަކަށް، އަޅުގަނޑަށް އެފަރާތުން ދަޢުވަތު ދެއްވައިގެން، އެ ބައްދަލުވުމުގައި ބައިވެރިވުން އެއީވެސް މި ދަތުރުގެ ވަރަށް މުހިންމު ބައެއް.

އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި މި ހިންގާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމްގެ ތެރޭގައި، ސިޔާސީ ޕާޓީތައް އުފެއްދުމަކީ، ވަރަށް މުހިންމު ކަމަކަށް މިއޮތީ ވެފައި. މިހާރު ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް ޤާއިމުކުރެވި، އެ ޕާޓީތައް ޙަރަކާތްތެރިވަމުން އެބަދޭ. ރާއްޖޭގައި ފަސް ޕާޓީއެއް މިހާރު ގަވާއިދުން ރަޖިސްޓްރީވެ ހިނގަމުން އެބަދޭ.

އެގޮތުން، ޕާޓީ ނިޒާމު ރާއްޖެއަށް ތަޢާރުފުވުމާ ގުޅިގެން، ސަރުކާރުގައި ތިއްބެވި އިސްބޭފުޅުންވެސް ވަނީ ޕާޓީއެއް އުފައްދަވާފައި، އަޅުގަނޑުވެސް ހިމެނޭގޮތުން. މިފަހަރު ކޮންގްރެސުން މިދެއްވި ދަޢުވަތަކީ، އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް، އާދެ! ދިވެހި ރައްޔިތުންގެ ޕާޓީއަށް، ޑީ.އާރު.ޕީ އަށް ދެއްވި ދަޢުވަތެއް. އެހެންވީމާ، އެގޮތުގެ މަތިންވެސް އަޅުގަނޑު މިހުރީ އައިސް. އެހެންވީމާ މިކަހަލަ ޖަލްސާތަކުގައި ބައިވެރިވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެކޭ އަޅުގަނޑު ދަންނަވާނީ.

ރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން ތަންތާނގައި، ޚާއްޞަކޮށް، އިންޑިޔާފަދަ ބޮޑު ޑިމޮކްރަސީއެއްގައި ކަންތައް ކުރާގޮތާއި، ޕާޓީތައް ޙަރަކާތްތެރިވާ ގޮތާއި، މިކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ދެނެގަންނަން. ދަސްކުރަން. އެއީ، ރާއްޖޭގައި ޕާޓީ ސިސްޓަމަކީ، އާ ސިސްޓަމަކަށްވާތީ، އާ ނިޒާމަކަށްވާތީ. ދުނިޔޭގެ އެހެން ތަންތާނގައިވެސް މިކަހަލަ ކަންތައްތައް ކުރާ އުޞޫލާއި، ކަންތައްތައް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެކަމުން ފިލާވަޅު ލިބިގަންނަންޖެހޭ. އެހެންވީމާ، އެއީވެސް މިދަތުރުގެ ވަރަށްބޮޑު ބޭނުމެއް.

ކޮންމެއަކަސް ކުރިންވެސް ދެންނެވި ފަދައިން، އިންޑިޔާއާއި ދިވެހިރާއްޖެއާ މި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމެއް. އެގޮތުން، ނިއުދިއްލީގައި މިހާރު މިވަނީ، ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ޤާއިމުކުރެވިފައި. އާދެ! ޢަންބަރީ ޢަބްދުއްސައްތާރު އެ ހުންނަވަނީ އަޅުގަނޑުމެންގެ ސަފީރުގެ ގޮތުގައި. ހައިކޮމިޝަނަރުގެ ގޮތުގައި. އަދި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާނެ ދިވެހި މުވައްޒަފުންތަކެއްވެސް މިހާރު އެބަ ތިއްބެވި. އެހުރިހާ ބޭފުޅުންގެ މަސައްކަތްތައް ވަރަށް ހަރުދަނާ ގޮތެއްގައި އެބަ ކުރިއަށް ގެންދަވާ. އެ ހައިކޮމިޝަން މިތާނގައި ހުރުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން އެބަދޭ. ވަރަށްގިނަ ކަންތައްތަކުގައި އިންޑިޔާގެ އެއްބާރުލުމާއި ތާއީދު އަޅުގަނޑުމެންނަށް މި ހައިކޮމިޝަންގެ ފަރާތުން އެބަ ހޯއްދަވައިދެއްވާ. ހަމައެހެންމެ، ރާއްޖޭގެ މީހުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ދަތުރުކުރާ ޓްރިވެންޑްރަމްގައިވެސް މިހާރު ކޮންސިއުލަރ އޮފީހެއް ވަނީ ޤާއިމުކުރެވިފައި. މިތަންތަން ހުރީމާ، މިތަންތާނގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.

އާދެ! މިއަދުގެ ދުނިޔޭގައި ޤައުމުތައް އެއްބާރުލައިގެން ކުރިއަށް މިދަނީ. އަޅުގަނޑުމެންގެ ސަރަޙައްދުގައިވެސް "ސާކް"ގެ ޖަމާޢަތް މިވަނީ އުފެދިފައި. އެ ޖަމާޢަތުގެ ޙަރަކާތްތައްވެސް ހިނގަމުން އެބަދޭ. އަދި އަޅުގަނޑުމެން އެންމެން ބޭނުންވާހާ ހަލުވިކޮށް ނުދިޔަނަމަވެސް، އެ ޙަރަކާތުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމުތަކަށް ފައިދާތަކެއް ކުރަމުން އެބަދޭ. މާލަހެއްނުވެ ނިއުދިއްލީގައި 14 ވަނަ ސާކް ސަމިޓް ބޭއްވޭނެ. އޭގެ ސަބަބުން، އަޅުގަނޑު އުންމީދު ކުރަނީ، ސާކުގެ ޙަރަކާތްތަކަށް އިތުރު ކުރިއެރުމެއް، އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް.

އާދެ! ކޮންމެއަކަސް ކުރިންވެސް ދެންނެވި ފަދައިން، ތިޔަ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެހެންވީމާ، އެ އުފާ ލިބުނު ކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި ފެށުނު ހިޖުރީ އާ އަހަރާއި، މި ފެށުނު މީލާދީ އާ އަހަރުގެ މުނާސަބަތުގައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކުރެއްވުން. މިފެށުނު އާ އަހަރަކީ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި، ބާއްޖަވެރި އަދި ކުރިއެރުމާއި ތަރައްޤީ ޙާޞިލުވެގެންދާނެ އަހަރެއް ކަމުގައި އެކަލާނގެ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.