ދައުލަތުން ބަލަހައްޓަމުން ގެންދާ ފަރާތްތަކުގެ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެ ވުޒާރާގެ ދަށުން ހިނގަމުންދާ ބައެއް މުއައްސަސާތަކުގެ އިސްފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުން ކުރިޔަށްގެންގޮސްފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ އިތުރުން ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގެ އިސްފަރާތްތައް ބައިވެރިވި މި މަޝްވަރާ ބައްދަލުވުމުގައި ގުރައިދޫ މަރުކަޒާއި ކުޑަކުދިންގެ ހިޔާ އަދި ފިވަތީގެ ކަންކަން މިހާރު ކުރިޔަށްގެންދާގޮތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ. އަދި އެތަންތަނުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާ އަދި އެކަންކަންކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާ މީހުންގެ ކަންކަން ވީހާވެސް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިޔަށް ގެންދިއުމާ އަދި ކުޑަކުދިންނަށް ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކާއި ފަތަން ދަސްކޮށްދިނުން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށްރަށުގައި ތިބި ދާއިމީ ބަލިތަކުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް އެފަދަ ބޭސް ލިބުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާބެހޭގޮތުން މި ބައްދަލުވުމުގެ ބައިވެރިންނާއެކު ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.