މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މާލެ ސިޓީކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ފަރާތްތަކުން ވަނީ މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކުރަމުންދާ އަދި ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ކަންތައްތަކާއި، މިކަންތައްތަކަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ކުރިޔަށްދާ މިންވަރު އޮޅުންފިލުއްވައި، ލަސްވަމުންދާ ކަންކަން އަވަސްކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަމުންދާ މިދަނޑިވަޅުގައި ހުރިހާ އެންމެން ގުޅިގެން އާ ހިތްވަރަކާއެކު މި މަސައްކަތް ކުރިޔަށްގެންދެވުމަށް އެމަނިކުފާނު ވަނީ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންގެ ފަރާތުން އެދިވަޑައިގެންފައެވެ.