ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ހަރ އެކްސެލެންސީ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑރ. ޕޫނަމް ކެތްރަޕާލް ވަނީ އާންމު ޞިއްހަތުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ރާއްޖެއަށް ތަޢުރީފް ކުރައްވައިފައެވެ. އެގޮތުން މީސަލްސް އާއި މެލޭރިޔާފަދަ ބަލިތައް ނައްތާލުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސަރަޙައްދީ އެހެން ޤައުމުތަކާ އަޅާބަލާއިރު ޞިއްޙީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ހޯދާފައިވާކަން ޑރ. ޕޫނަމް ކެތްރަޕާލް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ޑރ. ޕޫނަމް ކެތްރަޕާލް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޖިއޮގްރަފީ ގޮތުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ރާއްޖޭގެ އާންމު ޞިއްޙަތުގެ ދާއިރާއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެމުން ގެންދާ އެހީތެރިކަން ކުރިޔަށް އޮތްތަނުގައިވެސް ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.