بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! އަޅުގަނޑު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ކުރަން މިފެށި ޒިޔާރަތުގައި ފުރަތަމަ އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް. އާދެ! ދިއްދުއަށް. ދިއްދުއަށް އަޅުގަނޑު އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު ރަޝީދުގެ ފަރާތްޕުޅުންނާއި، އަތޮޅުއޮފީހުގެ ވެރިންނާއި، ރަށުއޮފީހުގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، މިރަށުގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި، އަދި މިރަށުގެ ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުންނާއި، ކިޔަވާ ކުދިންނާ، ޙަޤީޤަތުގައި މިރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން، އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިރަށަށް އައުމުން، އަޅުގަނޑަށް ފެނިގެން ދިޔައީ މިރަށުގެ ރައްޔިތުންގެ ހިތްތަކުގައިވާ ޤައުމީ ޖޯޝް. ޤައުމީ ޝުޢޫރު. އަދި ތިޔަބޭފުޅުން ވަރަށް އަޑު އުފުއްލަވައި ވިދާޅުވި މަރްޙަބާގެ ސަބަބުން އަޅުގަނޑަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި ހިތްވަރެއް ލިބުނު ވާހަކަ މިދަންނަވަނީ ވަރަށްބޮޑު އުފަލަކާއެކު.

އަޅުގަނޑުގެ މިޒިޔާރަތަށް މިރަށް މިވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރައްވާފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށަކީ މަސްވެރި ރަށަކަށްވީއިރުވެސް، އަދި މިރަށުގެ ރައްޔިތުންނަކީ މަސްވެރިކަމުގައި ކުރިއަރާފައިވާ ބަޔަކަށްވިޔަސް، އަދި އެމަސައްކަތުން ވަރަށްބޮޑު އާމްދަނީ ހޯދަމުން ގެންދާ ބަޔަކަށްވިޔަސް، މިރަށުގެ މަސްވެރިން ދެ ދުވަސް ވަންދެން މަހަށް ނުގޮސް ރަށުގައި މިތިބީ މިކަމަށް ތައްޔާރުވުމަށްޓަކައި. އެހެންވީމާ، އެކަމުންވެސް ދައްކައިދެނީ، މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން.

އާދެ! އަޅުގަނޑު މިދަންނަވާ ވާހަކައިގެ ބޭނުމަކީ، ފަހަރެއްގައިވެސް ބަޔަކު މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލާފައި، އަޅުގަނޑަށް މަރްޙަބާ ކިޔަން ރަށުގައި މަސައްކަތްތަކެއް ކުރާށެކޭ ނޫން. ޙަޤީޤަތުގައި އެއްވެސް ރަށެއްގެ ރައްޔިތުން އެގޮތަށް ކަންތައް ކުރެއްވުމަކީ، އަޅުގަނޑު އެދޭ ގޮތެއް ނޫން. އަޅުގަނޑު މި އަންނަ އައުމަކީ، އެނގިވަޑައިގަންނަވާނެ ހަމަ ރައްޔިތުންނާ ބައްދަލުކޮށްލާ، ރައްޔިތުންގެ ހާލުއަހުވާލު ބަލާލައި، ރަށަށް ދިމާވެފައިވާ ދަތިތައްވެސް އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކި އަތުން ހިފައި، އަދި އެކަންކަމުގައި ސަރުކާރުން ކޮށްދެވެން އޮންނާނީ ކޮން ކަންކަމެއްތޯ ބަލައި، މި ބޭނުމުގައި ކުރާ ދަތުރުތަކެއް. އެހެންވީމާ، ކޮންމެހެން ރަށުތެރެ މާބޮޑަށް ޒީނަތްތެރި ކުރައްވައި، ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން.

އެހެންނަމަވެސް، މިކަންކަން ކުރައްވާފައި މިވަނީ، ހަމަ ތިޔަބޭފުޅުން އަމިއްލަފުޅަށް. ތިޔަބޭފުޅުން އެގޮތް ބޭނުންފުޅުވެގެން. ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް އިޚްލާޞްތެރިކަން ސާބިތުކޮށްދެއްވުމުގެ ގޮތުން ކަމަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު އުފާކުރާ ވާހަކަ ކުރިން މި ދަންނަވާލީ.

އާދެ! އަޅުގަނޑު މިރަށަށް ފައިބާ، މިތަނަށް އައި މަގުމަތީގައި ބަލާލިއިރު މަރްޙަބާގެ ވަރަށްގިނަ ފޮތިތައްވެސް ފެންނަން ހުރި. މިރަށުގެ ރައްޔިތުން ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރައްވާފައި ހުރި. އެ ހުރިހާ ޝުޢޫރުތަކެއް އަޅުގަނޑު ހެޔޮހިތުން ޝުކުރުވެރިކަމާއެކު ގަބޫލުކުރަން. އޭގެތެރެއިން އެއްފޮތިގަނޑެއްގައި އޮތް ވާހަކައެއް ދަންނަވާލިޔަދެއްވާ. އޭގައި މިއޮންނަނީ "ޒުވާނުން އެންމެ ގަބޫލުކުރާ ޒަޢީމަކީ ރައީސް މައުމޫނޭ" އާދެ! އަޅުގަނޑަށް ހީވަނީ ޒުވާނުން އެހެން އެވިދާޅުވީ އަޅުގަނޑަކީވެސް ޒުވާނަކަށްވާތީހެން.

ކޮންމެއަކަސް ޒުވާނުންނަކީ ޤައުމުގެ ވަރަށްބޮޑު ރައުސްމާލެއް. ޒުވާނުންނަކީ، ހޭލުންތެރި، ޒިންމާދާރު، މަސްއޫލިއްޔަތު އުފުލާ، ކެރޭ، ޤައުމަށް ވަފާތެރި، ދީނަށް ޙުރްމަތްތެރިކޮށްހިތާ، އިޚްލާޞްތެރި ބަޔަކަށް ވެއްޖެނަމަ، ޝައްކެއްނެތް، ޤައުމުގެ މުސްތަޤްބަލް އޮންނާނީ ވަރަށް އުޖާލާކޮށް. ރައްޔިތުން ބޭނުންވާ މަންޒިލް މަޤްޞޫދަށް ވާޞިލުވުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ. އެހެންވީމާ، މިރަށުގެ ޒުވާނުން ތިޔަ ތިއްބެވި ގޮތުގައި ތިއްބަވައި، ތިޔަބޭފުޅުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙު އާލާކުރައްވައި، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިއްތެވުމުގެ ރޫޙާއި އަދި މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއަށާއި އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތެވުމުގެ ރޫޙާއި ޤައުމީ ރޫޙާ، މިހުރިހާ ރޫޙެއް ތިޔަބޭފުޅުންގެ ހިތްތަކުގައި އޮވެގެން، ވަފާތެރިކަމާއި ތެދުވެރިކަމާ އެކީގައި ޚިދްމަތުގެ މައިދާނުގައި އަތުކުރި އޮޅުއްވާލައްވައިގެން މަސައްކަތް ކުރައްވައިފިނަމަ، ޝައްކެއްނެތް، ދިއްދޫ އޮންނާނީ މިހާރު މިއޮތް ފެންވަރަށްވުރެ މާމަތީ ފެންވަރަކަށް ވަރަށް އަވަހަށް ބަދަލުވެފައި.

އަޅުގަނޑު މިދަތުރު މިއައީ، އެނގިވަޑައިގަންނަވާނެ ފަދައިން މަތިންދާބޯޓުން. މަތިންދާބޯޓުން މިރަށްމަތިން ދިޔައިރު، އަޅުގަނޑަށް މިރަށް ފެނުނީ ވަރަށް ރީތި ރަށެއްގެ ގޮތުގައި. ހުރިހާ ގެއެއްވެސް ވަރަށް ރީތިކޮށް ރާނާ، ހިޔާކޮށް ވަނީ ފުރާޅުލާފައި. ވަރަށް ތަހުޒީބުވެފައި އޮތް، ކުރިއަރާފައިވާ ރަށެއްގެ ގޮތުގައި އަޅުގަނޑަށް މިރަށް ފެނުނީ. އެއީވެސް އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް އިޙްސާސްވި ކަމެއް.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، މީގެ ތިރީހަކަށް އަހަރު ކުރިން ރާއްޖެ އޮތްގޮތާ މިހާރާ ވަރަށް ތަފާތު. މި ކުރިއެރުންތައް މިއައީ، ހަމަ ރައްޔިތުން ކުރެއްވި މަސައްކަތުން. ރައްޔިތުންގެ ހީވާގިކަމާއި މުރާލިކަމުން. އަޅުގަނޑުމެންގެ ރާއްޖެ މިއަދު މި ފެންވަރަށް ކުރިއަށް ގޮސްފައި މިވަނީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެއްވުމަށާއި އަދި އިޖްތިމާޢީ ކުރިއެރުން ޙާޞިލު ކުރެއްވުމަށް، ރައްޔިތުންނާއި އަދި ރައްޔިތުންނާ ގުޅިގެން، އެކިއެކި މަސައްކަތްތައް ހިންގާ ފަރާތްތަކާއި، އެކިއެކި ކްލަބް ޖަމްޢިއްޔާތަކާއި، އެކިއެކި ދާއިރާތަކުން ކުރެއްވި ބޮޑެތި މަސައްކަތްތަކުގެ ސަބަބުން.

މި ފެންވަރަށޭ ދެންނެވީމާ، އެ ބުނަނީ ކީކޭކަން ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގެންފާނެ. އާދެ! ދެކުނު އޭޝިޔާގައި އޮތް އެންމެ އަވަހަށް ތަރައްޤީވަމުންދާ ޤައުމަކީ ދިވެހިރާއްޖެ. މިއީ މިސަރަޙައްދުގެ މީހުންވެސް އަދި އެނޫން މީހުންވެސް ގަބޫލުކުރާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ބޮލަކަށްޖެހޭ މިންވަރު، މީގެ 30 އަހަރު ކުރިން އޮތީ 300 އެމެރިކާ ޑޮލަރަށްވުރެ ދަށުގައި. މިހާރު އޭގެ 9 ގުނަ އިތުރަށް މައްޗަށް ހިނގައްޖެ. ޤައުމީ އުފެއްދުންތެރިކަމުން ބޮލަކަށްޖެހޭ މިންވަރު މިހާރު 2700 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ. މި ސަރަޙައްދުގެ އެއްވެސް ޤައުމެއްގައި މިއާ ކައިރިކުރާ ހިސާބަކަށްވެސް ގޮސްފައެއްނުވޭ. އަޅުގަނޑުމެންނަށްވުރެ މާބޮޑެތި ބިޔަ ޤައުމުތައް މިސަރަޙައްދުގައި ހިމެނޭ. މިސާލަކަށް އުތުރުކަރަ. 1000 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޤައުމެއް. އޮޅުދޫކަރަ، ބަންގާޅު، ޕާކިސްތާނު. އެނޫން ވަރަށްގިނަ ޤައުމުތައް އެބަހުރި. އެ ޤައުމުތަކަކީ ވަރަށް ބޮޑެތި އަދި އަޅުގަނޑުމެންގެ ރާއްޖެއާ އަޅައިބަލާއިރު ވަސީލަތްތައް ވަރަށްގިނަ، މުއްސަނދި ޤައުމުތަކެއް. އެހެންނަމަވެސް، އެ ޤައުމުތަކުގެ ޤައުމީ އުފެއްދުންތެރިކަމުން ބޮލަކަށްޖެހޭ މިންވަރު އަޅުގަނޑުމެންގެ ރާއްޖެއާ ގާތްވެސް ނުކުރޭ. މިއީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްބޮޑު ނިޢުމަތެއް. ވަރަށްބޮޑު ރަޙްމަތެއް. މިކަން އަޅުގަނޑުމެން ހަނދާން ކުރަންވާނެ. މިކަމަށް އުނިކަމެއް އަންނަ އެއްވެސް ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކޮށްގެން ނުވާނެ.

އާދެ! ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، އަޅުގަނޑު މިރަށަށް ވަރަށްގިނަފަހަރު ޒިޔާރަތް ކޮށްފިން. މިއީ، އަޅުގަނޑު ދިއްދުއަށް ކުރާ 12 ވަނަ ދަތުރު. އެންމެފަހުން އަޅުގަނޑަށް މި ރަށަށް އާދެވިފައި މިވަނީ 2004 ވަނަ އަހަރު ނުރަސްމީ ދަތުރެއްގައި.

އާދެ! މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުންވަނީ ތަފާތު ގިނަ މަސައްކަތްތައް ކޮށްފައި. ވަރަށްގިނަ މަޝްރޫޢުތަކެއް ރާވާ ހިންގާފައި. އަޅުގަނޑުމެން މިއަދު ދެކެމުން މިދަނީ އޭގެ ނަތީޖާ. އަދި މިހާރުވެސް ތަރައްޤީގެ ތަފާތު މަސައްކަތްތަކާއި މަޝްރޫޢުތައް، ސަރުކާރުގެ ތަފާތު ދާއިރާތަކުން އަތޮޅުތަކުގައި ހިންގަވަމުން އެބަގެންދަވާ. މިކަންތައްތައް ކާމިޔާބުވަމުން މިދަނީ، އަތޮޅުތަކުގެ ރައްޔިތުން ސަރުކާރާ އެއްބާރުލައްވާލެއް ފުރިހަމަކަމުން. ރައްޔިތުންގެ ތާއީދު އޮތްލެއް ވަރުގަދަކަމުން.

މިރަށުގައި މިހާރު ހިނގަމުންދާ އެންމެ މުހިންމު މަސައްކަތަކީ، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް. އަޅުގަނޑު މިތަނަށް އައި އައުމުގައިވެސް، އެމަންޒަރު އަޅުގަނޑު ދުށިން. މިމަސައްކަތުގެ 100 އަކުން 25 މިހާރުވަނީ ފުރިހަމަވެފައި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ މި މަސައްކަތް ނިމޭނެ.

މި ރަށަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ދެންމެ ކަތީބުގެ ވާހަކަފުޅުގައިވެސް އިޝާރާތް ކުރެއްވި ފަދައިން ރަށް ގިރަމުންދާ މައްސަލަ. ރަށުގެ ދެކުނުން ވަރަށް ބޮޑަށް ގިރަމުންދަނީ. ޙަޤީޤަތުގައި މިއީ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް މިހާރު ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއް. ތިމާވެށީގެ ވަރަށް ނުރައްކާތެރި މައްސަލައެއް. މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. އޭގެތެރޭގައި، އަޅުގަނޑުމެން އަމިއްލައަށް ކުރެވެންހުރި ކަންތައްތަކާއި އަދި ބޭރުގެ އެހީއާއި ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ ލަފާ ހޯދައިގެން، ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، އެކަންތައްތައް އެގޮތަށްވެސް ކުރެވޭތޯ ބަލަމުން އެބަގެންދަން. ޚާއްޞަކޮށް، މިދިޔަ އަހަރު ރާއްޖެއަށް އައި ވިއްސާރައިގެ އެކިއެކި ހާދިސާތަކުގައި ވަރަށްގިނަ ރަށްރަށުގައި ފެންބޮޑުވެ، ވަރަށްގިނަ ރަށްރަށުން ވަރަށްގިނަ ތަންތަން ގިރައިގެން ގޮސްފައިވޭ.

މިރަށުގެ މި މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން، ސަރުކާރުގެ ޚަރަދުގައި މި ރަށުގެ އުތުރުކޮޅުގައި 1000 ފޫޓުގެ ތޮށްޓެއް ވަނީ ލައިދެވިފައި. ދެކުނުކޮޅުގައި ތޮށިލުމުގެ މަސައްކަތް މިއަހަރު ފެށޭތޯ ކަމާބެހޭ މިނިސްޓްރީން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ އެކަންވާނެ.

މިރަށުގައި މިހާރު ހިނގަމުންދާ ނުވަތަ އޭގެ ޢަމަލީ މަސައްކަތް ފެށެން ވަރަށް ކައިރިވެފައިވާ އަނެއް ކަމަކީ، ރަނގަޅު ނަރުދަމާ ނިޒާމެއް ޤާއިމުކުރުން. މިކަމަށް އެމެރިކާ ސަރުކާރުގެ އެހީވަނީ ލިބިފައި. އަދި މިކަމާބެހޭ ސާރވޭކޮށް ނިމި، މުޅި މަޝްރޫޢު ފަރުމާކޮށްވެސްވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ޢަމަލީ މަސައްކަތް ފެށޭނެ.

އަޅުގަނޑަށް ލިބިފައިވާ ވަރަށް އުފާވެރި ޚަބަރެއް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި އެއީ ޙަޤީޤަތެއް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރަށަކީ، މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއް އޮތް ރަށެއް ނޫން. އެއީ، ތެދެއް ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރާހިތްވޭ. އެއީ، ތިޔަބޭފުޅުން ކުރައްވާފައިވާ ވަރަށް މުހިންމު މަސައްކަތެއް. ޙަޤީޤަތުގައި މަސްތުވާތަކެތީގެ ނުރައްކަލަކީ އަޅުގަނޑުމެންގެ މުޅި ޤައުމަށް ދިމާވެގެންއުޅޭ ވަރަށްބޮޑު ނުރައްކަލެއް. އެނުރައްކަލުން ސަލާމަތްވެފައިވާ ޢާއިލާއެއް ވަރަށް މަދުވާނެ. އެނުރައްކަލުން ދުރުހެލިވެފައިވާ ރަށެއް ވަރަށް މަދުވާނެ. އެކަމުގެ ހިތާމަ ކުރަން ނުޖެހޭ މީހަކު ވަރަށް މަދުވާނެ. އެހެންނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ މިރަށުގައި އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށް. މިކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އަދި މިކަން މިހެން ދިމާވެފައި މިވަނީ ދިއްދޫ ރައްޔިތުން ގުޅިގެން ވަރަށް އެކުވެރިކަމާއެކު ކުރައްވާފައިވާ ބުރަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށް އަޅުގަނޑު ގަބޫލުކުރާތީ، އެކަމަށްޓަކައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދިއްދުއަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބަޔަކު ދިރިއުޅެމުން އަންނަ ރަށެއް. އެހެންވީމާ، އެކަން އެގޮތުގެ މަތިން ދެމެހެއްޓެވުމަކީ ވަރަށް މުހިންމު ކަމެއް. ދިއްދޫ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އެގޮތުގެ މަތީގައި ދެމެހެއްޓެވުން ނުވަތަ އެއަށްވުރެވެސް ބޮޑަށް ބަދަހިކުރައްވައި ހަރުދަނާ ކުރެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހަމައެހެންމެ، ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތުމާއި، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ނިޔާކުރާގޮތުގެ މަތިން އަޅުގަނޑުމެން އެކި ކަންތައްތައް ކުރަމުން ގެންދިޔުމާ މިއީ އަޅުގަނޑުމެން އެންމެން އަބަދުވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް.

އާދެ! ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި، އިޞްލާޙީ ޕްރޮގްރާމްގެ ވާހަކަ ވިދާޅުވެއްޖެ. އެހެންވީމާ، އަޅުގަނޑުވެސް ކުޑަކުޑަ އެއްޗެއް ދަންނަވާލަން ކަމަށް. ސަރުކާރުން ފަށައިގެން ކުރިއަށް މިގެންދާ އިޞްލާޙީ ޕްރޮގްރާމް، އާދެ! ސިޔާސީ އިޞްލާޙީ އެޖެންޑާއާ ބެހޭގޮތުން ފަހަކަށްއައިސް ވަރަށް ނުރަނގަޅު ވާހަކަތަކެއް ބައެއް މީހުން ދައްކަމުން އެބަގެންދޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ އެކަމުގެ ޙަޤީޤަތް ދަންނަވާލާނަމޭ.

މިޕްރޮގްރާމަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، ރާއްޖޭގެ އެތެރެއިންވެސް ރާއްޖޭގެ ބޭރުންވެސް އެއްވެސް ފަރާތެއްގެ ފިއްތުމެއްނެތި، ދިވެހި ސަރުކާރުން އަމިއްލައަށް ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް. 2003 ވަނަ އަހަރު މިދައުރަށް ދިވެހި ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރެއްވުމާ ގުޅިގެން، މިމަސައްކަތް ސަރުކާރުން ފެށި. 2004 ވަނަ އަހަރު ޖޫން މަހުގެ 9 ވަނަ ދުވަހު މަސައްކަތް ގޮސްފައިވާ ހިސާބު އަޅުގަނޑު ރައްޔިތުންނާ ޙިއްޞާކޮށްލިން. އިސްލާމީ މަރްކަޒުގައި ބޭއްވި ޢާންމު ޖަލްސާއެއްގައި، ސަރުކާރުން މިހާރު ރާއްޖޭގެ އިޞްލާޙަށް ޚިޔާލުކުރާ ގޮތްތަކުގެ ވާހަކަ ދަންނަވާލިން. އެކަމަށް ދިވެހި ރައްޔިތުން ވިދާޅުވީ ވަރަށްބޮޑު މަރްޙަބާއެއް. ދެއްވީ ވަރަށްބޮޑު ތާއީދެއް. ހަމައެހެންމެ، އެ ޕްރޮގްރާމަކީ އަޅުގަނޑުމެންގެ އެކުވެރި އަވަށްޓެރި ޤައުމުތަކުންނާއި، އަޅުގަނޑުމެންނާ ރަޙްމަތްތެރިކަން ބަހައްޓާ ޤައުމުތަކުން ވަރަށް ބޮޑަށް ތާއީދު ކުރެއްވި ޕްރޮގްރާމަކަށްވެސްވަނީ ވެފައި.

އެހެންވީމާ، އެޕްރޮގްރާމް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ފެށީ. އެޕްރޮގްރާމްގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެއީ ޤާނޫނުއަސާސީ އިޞްލާޙުވެގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ދީމުޤްރާޠީ ލަނޑުދަނޑިތައް ޙާޞިލު ނުކުރެވޭނެތީ. އެކަމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އަޅުގަނޑު ވަނީ އެއްކޮށްފައި. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެމަސައްކަތް ފެށްޓެވި. އެހެންނަމަވެސް، ދިމާވި ބޮޑެތި ސިޔާސީ ހަމަނުޖެހުންތަކެއްގެ ސަބަބުން އެމަސައްކަތް ދިޔައީ އެތައް ދުވަހެއް ވަންދެން ނުކުރެވި. އެމަސައްކަތަށް ވަރަށްބޮޑު ހުއްޓުމެއް އައީ. އޭގެފަހުން، ދެވަނަފަހަރަށް މަސައްކަތް ފެށިގެން އާދައިގެ ފެންވަރަކަށް ގޮސްފައި، ފަހަކަށްއައިސް މިހާރު ވަރަށް ބާރަށް ހިނގަމުން އެބަދޭ. މިވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، ޤާނޫނުއަސާސީގެ ވަރަށްބޮޑު ބައެއް މިހާރުވަނީ ނިންމަވާފައި. މިހާރު ނުނިމިއޮތީ ވަރަށް މަދު ބައެއް. އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފަށްޓަވާނެ. ފަށްޓަވައިގެން ކުރިއަށް ގެންދަވާ ގެންދެވުމުގައި، ލަހެއްނުވެ ޤާނޫނުއަސާސީ އެކީގައި އިޞްލާޙުކޮށް ނިންމަވާނެ ކަމުގެ ވަރަށްބޮޑު އުންމީދު އެބައޮތް.

ޤާނޫނުއަސާސީ އިޞްލާޙުވީމާ، އޭގެމައްޗަށް ބިނާކޮށް ހަދަންޖެހޭ އެކިއެކި ޤާނޫނުތައް އެބަހުރި. އޭގެތެރޭގައި އިންތިޚާބާ ބެހޭ ޤާނޫނުވެސް އޮންނާނެ. އަދި މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ހަދަންޖެހޭ އެހެން ގަވާއިދުތައް ހެދުމާއި، އަދި ޤާއިމުކުރަންޖެހޭ ވަސީލަތްތައް ޤާއިމުކުރުމާ، އެކަހަލަ ވަރަށްގިނަ ކަންތައްތައް ކުރަންއެބަޖެހޭ. އެކަންތައްތައްވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދާނެ.

އިޞްލާޙުގެ ނަމުގައި ވާހަކަ ދައްކާ ބައެއް މީހުން، ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފައްދަން، ހަމަނުޖެހުން އުފައްދަން، އެ މަސައްކަތް ކުރަނީ ކީއްވެބާއޭ އަޅުގަނޑު ހިތަށްއަރާ. އެހެން މިދެންނެވީ، އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމްގައި ހުރި ކަންތައްތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ހަމަ ހުރި ކަންތައްތައް. އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމްގައި ނުހިމެނޭ ކަމެއް، މިދެންނެވި މީހުން ހުށަހަޅާފައެއްވެސް ނެތް. މިސާލަކަށް، ސިޔާސީ ޕާޓީތައް އުފެއްދުން. މިހާރު ސިޔާސީ ޕާޓީތައް އުފެދި ހިނގަމުން އެދަނީ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. މިހާރު އެ މިނިވަންކަން އޮތްވަރު ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރާއްޖޭގައި މި ނުކުންނަ ދުވަހު ނޫސްތަކާއި، ހަފްތާ ނޫސްތަކާއި، އަދި ޓީ.ވީ އަދި އެފް.އެމް ސްޓޭޝަންތަކާއި އަދި އެކިއެކި ވެބްސައިޓްތަކާ، މި އެއްޗެތި ބައްލަވާލެއްވީމާ، ނުވަތަ އެއިން އެ ދައްކާ ވާހަކަތައް އަޑުއައްސަވާލެއްވީމާ އެނގިވަޑައިގަންނަވާނެ، ކިހާވަރަކަށްކަން މިނިވަންކަން މިއޮތީ. މިއަށްވުރެ ވަކި ފުޅާކޮށް މިނިވަންކަން އޮންނާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ.

އެހެންނަމަވެސް، އެ މިނިވަންކަމުގެ ބޭނުންވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މި ކުރަނީކީ ރަނގަޅަކަށް ނޫން. އެހެން މި ދެންނެވީ، އެއްގޮތަކަށްވެސް ޙަޤީޤަތަށް ބެލުމެއްނެތި، ހަމަ ހިތުހުރި ވާހަކަތަކެއް ދައްކަމުން ލިޔަމުން އެބަގެންދޭ. ކިތަންމެ ބޮޑު އިލްޒާމްތަކެއްވެސް އެއްވެސް ހެތްކެއްނެތި މީހެއްގެ ބޮލުގައި އަޅުވަފާނެ. އަދި ބަހުރުވައިގެ ފެންވަރުވެސް އެހާ ދެރަކޮށް ހުންނަނީ.

މިއީކީނޫން އަޅުގަނޑުމެން ބޭނުންވާ މިނިވަންކަމަކީ. އިސްލާމީ ޤައުމެއްގައި އޮންނަންޖެހޭ މިނިވަންކަމަކީ. އިސްލާމްދީނަކީ އަބަދުވެސް ތެދުބުނަން ބާރު އަޅުއްވާ ދީނެއް. ކޮންމެ މަޤްޞަދެއްގައި ދައްކާ ވާހަކައިގައިވެސް ބުނަންޖެހޭނީ ތެދު. ޙަޤީޤަތް އޮތްގޮތް ހާމަކޮށްދޭންޖެހޭނެ. ޙަޤީޤަތް އޮޅުވާލުމަކީ ނުވަތަ ޙަޤީޤަތް ފޮރުވުމަކީ، އެއީކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން. އިސްލާމީ ޤައުމެއްގައި ކިތަންމެ ފުރިހަމަ ދީމުޤްރާޠީ ނިޒާމެއް އޮތަކަސް، އެ ނިޒާމުގައިވެސް އޮންނަން ޖެހޭނީ މިދެންނެވި ގޮތަށް. އަޅުގަނޑުމެން ޙަޤީޤަތަށް ޙުރްމަތްތެރިކޮށްހިތަން ޖެހޭނެ. އަޅުގަނޑުމެން ބުނަންޖެހޭނީ ތެދު. މީހުންނަށް ކަންތައްތައް އޮޅުވާލައިގެން، ނުހިނގާ ކަންތައްތައް ހިނގި ކަމަށް ހަދައިގެން، ހިނގާފައި ހުރި ކަންތައްތައް ނުހިނގާ ކަމަށް ހަދައިގެން، މިހެން ވާހަކަ ދެއްކުމަކީ، މިއީކީ އަދި މިނިވަންކަމުގެ ނަމުގައި ބަޔަކު ކުރި ނަމަވެސް ރަނގަޅު ކަމެކޭ، އަޅުގަނޑު ހިތުން ސަލާމަތް ބުއްދި ހުރި އެކަކުވެސް ނުބުނާނެ.

އާދެ! ދެން މިހާރު ރާއްޖޭގައި މި މަސައްކަތް ހިނގަމުންދާގޮތުން، ޤާނޫނުއަސާސީ އިޞްލާޙުވެގެން، އޭގެ މައްޗަށް ބިނާކުރެވޭ އެހެން ޤާނޫނުތައް ހެދިގެން އަދި ޤާއިމުކުރަންޖެހޭ އެހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެން، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިނިވަން އިންޞާފުވެރި ގޮތެއްގައި ބޭއްވިއްޖިއްޔާ، އަޅުގަނޑުމެންގެ އިޞްލާޙީ ޕްރޮގްރާމްގެ ހުރިހާ މަޤްޞަދެއް ޙާޞިލުވެ ނިމުނީ.

އެހެންވީމާ، އެކަމަށް ތަންދޭންވީ ނޫންތޯ! އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރިއަށް ގެންދަންވީ ނޫންތޯ! އޭގެ ބަދަލުގައި އެކިކަހަލަ ވާހަކަ ދައްކައި، އެކި ތަންތަނަށް ދަތުރުފަތުރުކޮށް، ސަރުކާރާ ބެހޭގޮތުން ފިތުނަވެރި ވާހަކަ، ޙަޤީޤަތެއް ނެތް ހަމަނުޖެހޭ ވާހަކަތައް ދައްކައި، ހަމަނުޖެހޭ ޚިޔާލުތައް ހުށަހަޅާ، މިހެން ހެދުމަކީ އޭގައި ޤައުމުގެ މަޞްލަޙަތު ކިތަންމެ ކުޑަކޮށްވެސް ހިމެނިގެންވާ ކަމެއް ނޫން.

އިންތިޤާލީ ސަރުކާރެއް ހަދަންޖެހޭނެ ވާހަކަ. ވަގުތީ ސަރުކާރެއް ހަދަންޖެހޭނެ ވާހަކަ. މިއީ ކީއްކުރަން ދައްކާ ވާހަކައެއްތޯ؟ ބޭނުމަކީ މީހުންނަށް ޙަޤީޤަތް އޮޅުވާލުން. ވަކި ސިޔާސީ ބޭނުމަކު، އެބަޔަކު ބޭނުންވާ ގޮތަށް، އެހެން ގޮތަކުން ކަންތައްތައް ނުވީމާ، މިގޮތުން ނަމަވެސް ކުރެވޭތޯ ބެލުން. ޤާނޫނީގޮތުން އިންތިޚާބުވެފައި އޮތް ސަރުކާރެއް އޮތީމާ، އެ ސަރުކާރު ބަދަލުކޮށްލާނެ ގޮތެއް، އެމީހުން ހޯދޭތޯ މަސައްކަތް މި ކުރަނީ. އެކިފަހަރު އެކި ނަމުގައި. މިހާރު އައިސް މި ކިޔަނީ އިންތިޤާލީ ސަރުކާރެކޭ، އެކަމަކު ޙަޤީޤަތުގައި ބޭނުމަކީ އެއީ.

އަޅުގަނޑުގެ ވާހަކައަކީ އިންތިޤާލީ ސަރުކާރެއް އައި ނަމަވެސް، އެ ދެން އަންނާނެއެކޭ ނޫން. އިރާދަކުރެއްވިއްޔާ ނާންނާނެ. އަޅުގަނޑުމެންގެ ޤާނޫނު ތަނެއް ނުދޭ އެ ބުނާ ސަރުކާރަކަށް. އެހެންވީމާ، އެ ނުއެއް އަންނާނެ. އަޅުގަނޑު މިދެންނެވީ އައިނަމަވެސް، ކޮން ބަޔެއްތޯ ހިންގަން ތިބޭނީ. އެބުނާކަހަލަ މުސްތަޤިއްލު ބަޔަކު އެ ސަރުކާރެއް ހިންގަން ތިބޭނެތޯ. އެ ސަރުކާރެއް ހިންގަންވެސް ކުރިމަތިލާނީ ހަމަ އެބަޔެއްގެ އަމިއްލަ ސިޔާސީ އެޖެންޑާއެއް އޮތް ބަޔަކު. އެހެންވީމާ، އެބަޔަކު ވެރިކަމަށް އައިސްގެން އެ ބާއްވާ އިންތިޚާބަކީވެސް، އެބަޔަކު ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށް ނުހިތަންޏާ، އެބަޔަކު ބޭނުންވާހާ ގޮތަކަށް ގެންދަން މަސައްކަތް ކުރާނެ އެއްޗެއް.

އެހެންވީމާ، މިހާރަކަށްވުރެ ވަކި ރަނގަޅެއް ނުވާނެ. ހަމަޔަޤީނުންވެސް އަޅުގަނޑަށް އެނގޭ އެއްޗަކީ، އަޅުގަނޑު ވެރިކަމުގައި މިހުރި ދުވަސްވަރު ހިނގާފައި މިވާ ހުރިހާ އިންތިޚާބުތަކަކީވެސް ހަމަ ވަރަށް މިނިވަން، އިންޞާފުވެރި އިންތިޚާބުތަކެއްކަން. އެއީ ސިއްރު ވޯޓު މިދެނީ. އެއްވެސް މީހަކު އަނެކަކު ވޯޓުދޭ ގޮތެއް ބަލަނީކީ ނޫން. އެނގެނީކީ ނޫން. ގުނުމާ ހުރިހާ ކަމެއް އެންމެންގެ ކުރިމަތީގައި މިދަނީ. ފަހަކަށްއައިސް ހުރިހާ އިންތިޚާބުތަކެއްގެ ވޯޓުތައް ދަރުބާރުގޭގައި ގުނަމުންދާއިރު، އެތައް ކޮމިޓީއެއް ތިބެގެން ގުނާ ބަލާ މި ހަދަނީ. ނޫސްވެރިންވެސް ތިބޭ. ހަމަ ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ނަތީޖާ އިޢުލާނު ކުރަމުން އެދަނީ. އޭގައި އެއްވެސް އޮޅުމެއް ނެތް. އެއްވެސް އޮޅުމަކަށް ޖާގަ ލިބޭކަހަލަ ކަމެއްވެސް ނުހިނގާ.

ޙަޤީޤަތުގައި ދުނިޔޭގައި މި ތަރައްޤީވަމުން އަންނަ ޤައުމުތަކާ ޚިލާފަށް، ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައިސްފައިވާ އިންތިޚާބުތަކަކީ ވަރަށް ރަނގަޅަށް ހިނގާފައިވާ އިންތިޚާބުތަކެއް. އަދި މިވޭތުވެދިޔަތާނގައި ކިތަންމެ އިންތިޚާބެއް ހިނގަމުންދިޔައިރު ބޭރުގެ އޮބްޒަރވަރުން އައިސް އެ އިންތިޚާބު ހިނގަމުންދިޔަގޮތް ބަލާފައި އެބަހުރި. ސާކް ޤައުމުތަކުގެ އޮބްޒަރވަރުން އަތުވެއްޖެ. ކޮމަންވެލްތް ޤައުމުތަކުގެ އޮބްޒަރވަރުން އަތުވެއްޖެ. ބޭރު މީހުން އައިސް ބަލާފައި ދޭ ރިޕޯޓުގައިވެސް މިއޮންނަނީ، އެމީހުންނަށް ފެނުނުގޮތުގައި ވަރަށް ހަމަޖެހޭ ގޮތަކަށޭ އިންތިޚާބު ހިނގައިދިޔައީ. ޤާނޫނާއި ގަވާއިދާ އެއްގޮތަށޭ. ގަވާއިދާ ޚިލާފަށް ކަމެއް ހިނގާފައެއް ނެތޭ. މިހާ ރަނގަޅަށް ކުރަމުން އައި ކަމެއް، މިހާރު މި ކިޔަނީ އެހެނެއް ނުހިނގާނެއޭ. އެއީ ދެން އަޅުގަނޑު ހިތުން ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫން.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެކަހަލަ ވާހަކައަށް ހެއްލިވަޑައިނުގަންނަވާށޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކަންތައްތައް ގެންދާނީ ރަނގަޅަށޭ. ރައްޔިތުންގެ ފައިދާއަށާއި ލާބައަށޭ. ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނޭ. ފަހަރެއްގައިވެސް އަމިއްލަ ފައިދާއަށް، އަމިއްލަ ޒާތީ މަޞްލަޙަތަކަށް މި ސަރުކާރަކުން ކަމެއް ނުކުރާނެއޭ. އިންތިޚާބުވެސް ހަމަ ހިނގާނީ އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ގޮތެއްގައި. މިނިވަންކަމާއި އިންޞާފުވެރިކަމާ އެކީގައި. އެމީހަކު ބޭނުން ގޮތަކަށް ވޯޓުދޭން އޮންނާނީ ހަމަ ހުޅުވައިލެވިފައި. ކޮންމެ ގޮތަކަށް ވޯޓުދިނަސް މައްސަލައެއް ނެތް. އެހާ ރަނގަޅަށް އިރާދަކުރެއްވިއްޔާ ކަންތައްތައް ގެންދާނީ. އެއާ ޚިލާފަކަށް ނުގެންދާނަން.

އެހެންވީމާ، އެހެން އޮތް ކަމެއްގައި، މީހުންގެ ހިތްތަކުގައި ޝައްކު އުފެދޭގޮތަށް މިކަހަލަ ވާހަކަތައް ދައްކައި، މި މަސައްކަތް ކުރުމަކީ ހަމަ ވަރަށްބޮޑު ފިތުނައެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. ދިވެހި ރައްޔިތުން އެއަށްވުރެ ބޮޑަށް ހޭލުންތެރިވެވަޑައިގަންނަވަން ޖެހޭނެޔޭ. އެމީހުންގެ މަޤްޞަދަކީ ކޮބައިކަން، އެމީހުން އެއުޅެނީ ކީއްކުރަންކަން، އެމީހުންނަށް އެމަޤްޞަދު ޙާޞިލު ވެއްޖިއްޔާ ދެން ވާނީ ކިހިނެއްކަން، މިހިރީ ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ވިސްނާވަޑައިގަންނަވަންޖެހޭ ކަންތައްތައް.

އާދެ! އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެސް ވެއްޖެ. އަޅުގަނޑު ނޯޓުކޮށްގެން އައި ވާހަކައިގައި އިޞްލާޙީ ޕްރޮގްރާމްގެ ވާހަކައެއް ނެތް އިނގޭތޯ. އެހެންނަމަވެސް، ކަތީބު އެވާހަކަ ދެއްކެވީމާ، އަޅުގަނޑަށް މަޖުބޫރުވީ އެއްޗެއް ބުނަން. އެހެންނަމަވެސް، މިބުނި އެއްޗަކީ ހަމަ ޙަޤީޤަތް. ތިޔަބޭފުޅުން އެކަމާ ދޭތެރޭގައި ވަރަށް ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު މިރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، ވެރިންނަށާއި، ޢިއްޒަތްތެރި އަތޮޅުވެރިންނަށާއި އަދި މިރަށަށް ވަޑައިގެން ތިއްބެވި އެހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި އަބަދުމެ ލެއްވުން. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތަރައްޤީގެ މަގުގައި މި ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އަބަދުވެސް ރާއްޖެއަށް އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި، ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه