بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى سيّدالأنبياء وخاتم المرسلين، وعلـى آلـه وأصـحابه أجمـعـين.

އަޅުގަނޑު މިހާރު ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރަމުން މިގެންދާ ދަތުރުގައި، އެންމެފަހު މަންޒިލަކަށް މިވީ ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް. އާދެ! ހުޅުދެލި. ހުޅުދެއްޔަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ މިޝުކުރުގައި ހުޅުދެލީގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ކިޔަވާ ކުދިންނާއި، ކުދިބޮޑު އަންހެން ފިރިހެން، އެންމެން ހިމަނަން.

އާދެ! ދެންމެ މިރަށުގެ ބޮޑުކަތީބު އަލްފާޟިލް ޙަމްދީ ޢަބްދުﷲގެ ވާހަކަފުޅުގައި، އެ ވިދާޅުވި ފަދައިން، މިދަތުރަކީ އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން ހުޅުދެއްޔަށް ކުރާ ތިންވަނަ ދަތުރު. އެހެން ނަމަވެސް، އަޅުގަނޑު ރައީސްކަމާ ޙަވާލުވުމުގެ ކުރިންވެސް މިރަށަށް އައިން. އެކަމުގެ ހަނދާން ބައެއް ބޭފުޅުން ހުންނާނެކަންނޭނގެ. މިދެންނެވީ ތަންކޮޅެއް ކުރީގެ ވާހަކައެއް. އޭރު ޙަމްދީ ޢަބްދުﷲ ދުނިޔޭގައި ހުންނެވިކަމެއްވެސް ނޭނގެ. އެހެން މިދެންނެވީ އަޅުގަނޑު 1974 ވަނަ އަހަރުގެ ފަހުކޮޅު، މީގެ ގާތްގަނޑަކަށް 37 އަހަރު، 38 އަހަރު ކުރިން މިރަށަށް އައިން. އެފަހަރު އައީކީ މިމަގާމުގައި ހުރެގެނެއް ނޫން. އެފަހަރު އައީ ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ވަކީލުގެ މަގާމުގައި ހުރި މީހެއްގެ ހައިސިއްޔަތުން.

އާދެ! އޭރު ވަޒީރުލްއަޢުޡަމްގެ މަގާމުގައި ހުންނެވީ، އަލްމަރްޙޫމް އަޙްމަދު ޒަކީ. އަޅުގަނޑާ އަދި ބައެއް އެހެން ބޭފުޅުން މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނު ފޮނުއްވި. ފޮނުއްވި ބޭނުމަކީ، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ މުހިންމުކަން، ރައްޔިތުންނަށް އޮޅުންފިލުވައިދިނުން. އެފަހަރު އެކަން އެގޮތަށް ކުރަން ޖެހުނީ، ކޮންމެ ކަމެއްވެސް ފެށިގެން އަންނައިރު، އެކަމާ ނުރުހޭ ނުވަތަ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ދެކޭ ބަޔަކު ތިބޭނެތީ. އޭރު އަޅުގަނޑުމެންގެ ވިސްނުން ހުރިގޮތުން، ރާއްޖޭގެ ވަރަށްގިނަ މީހުން، ޚާއްޞަކޮށް މަސްވެރިންނާއި އޮޑިވެރިން ހީކޮށްގެން ތިބީ މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމަކީ، ވަރަށް ގޯސްކަމެކޭ. އޭރުން އިންޖީނުގެ އަޑަށް މަސްތައް ފިލައިގެން ހިނގައިދާނެއޭ. މިކަހަލަ ވާހަކަތަކެއް ދެކެވެމުން ދިޔައީ. މީހުން ބޭނުމެއްނުވި، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓާކަށް.

އެހެންވީމާ، ސަރުކާރުން ޤަޞްދުކުރެއްވީ، މިކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދޭން އަތޮޅުތަކަށް، މީހުން އުޅޭ ހުރިހާ ރަށަކަށް ވަފްދުތަކެއް ފޮނުއްވަން. އެގޮތުން މާލެއިން އުތުރުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ވަފްދެއް ފޮނުއްވި. މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް އެހެން ވަފްދެއް ފޮނުއްވި. އަޅުގަނޑަށް ބައިވެރިވެވުނީ، މާލެއިން ދެކުނުގައި މީހުން އުޅޭ ރަށްރަށަށް ފޮނުއްވި ވަފްދުގައި. އާދެ! އެއީ އެންމެ ފުރަތަމަ އައި ފަހަރަކީ. އޭގެފަހުން، ރައީސްކަމަށްވީފަހުން އަޅުގަނޑަށް މިރަށަށް ޒިޔާރަތް ކުރެވޭ މިއީ ތިންވަނަފަހަރު. އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވިފައި މިވަނީ 1991 ވަނައަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު.

ކޮންމެއަކަސް ހުޅުދެއްޔަށް އައުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިއަދުވެސް އެ އުފާ އަޅުގަނޑަށްވަނީ ވަރަށް ފުން ދަރަޖައަކަށް އިޙްސާސް ކުރެވިފައި. ޚާއްޞަކޮށް، ހުޅުދެލީ ރައްޔިތުން ވިދާޅުވި ހޫނު މަރްޙަބާގެ ސަބަބުން، އަޅުގަނޑުގެ އުފާ އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ.

އާދެ! އަޅުގަނޑު މިއައި އައުމުގައި، މަރްޙަބާގެ އެކިއެކި ޢިބާރާތްތައް ލިޔެފައި ހުއްޓާ ފެނުނު. އޭގެތެރެއިން ކޮންމެވެސް އެއް ލިޔުމެއްގައި ވަރަށް ރީތި ޅެންބައިތެއް އޮތް. އަޅުގަނޑަކަށް އެބައިތު ދަންނަވާލާކަށް، ކުއްލިއަކަށް ހިތުން ދަހެއްނުކުރެވުނު. އެހެން ނަމަވެސް، ވަރަށް ރީތި ލަފްޒުތަކެއް އޭގައި ހުރީ. އެ ޅެންބައިތު ހެއްދެވީ މި ސްކޫލްގެ ހެޑްމާސްޓަރ އަލްފާޟިލް އިބްރާހީމް ޢަބްދުއްސައްތާރު ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ، އެހެންވީމާ، އޭނާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މިފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ، ހުޅުދެލީ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން.

ކަތީބުގެ ވާހަކަފުޅުގައި މިރަށް ކުރިން އޮތް ޙާލަތާއި، މިހާރު ބަދަލުވެފައި މިވާ ގޮތުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވި. ޙަޤީޤަތުގައި އެއީ ހަމައެކަނި ހުޅުދެއްޔަށް އައި ބަދަލެއް ނޫން. އެއީ މުޅި ރާއްޖެއަށް އައި ބަދަލެއް. ރާއްޖޭގައި އޭރު ކަންތައްތައް ހުރިގޮތާއި މިހާރާ ވަރަށް ތަފާތު. އެކިރޮނގުރޮނގުން އަޅުގަނޑުމެން މިހާރު މިވަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ތަރައްޤީގެ ގިނަ ހަރުފަތްތަކެއް ގިރާކޮށްފައި. އޭރު ދިވެހި ރައްޔިތެއްގެ ބޮލަކަށްޖެހޭވަރަކީ، މިދެންނެވީ ޤައުމީ އުފެއްދުންތެރިކަމުގެ ތެރެއިން، މީހެއްގެ ބޮލަކަށްޖެހޭވަރަކީ އެމެރިކާ ޑޮލަރުގެ 300 އަށްވުރެ މަދު ޢަދަދެއް. މިއަދު އެ ޢަދަދު ވަނީ 2700 އާ ހަމައަށް ގޮސްފައި. ނުވަތަ އެއަށްވުރެވެސް މައްޗަށް ގޮސްފައި. ނުވަގުނަ އިތުރަށް ޖެހިފައި.

އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން އެންމެފުރަތަމަ ހުށަހެޅި ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، އެންމެ ތިރީސް ފަސް މިލިޔަން ރުފިޔާ. އެއީ، މުޅި ދައުލަތުގެ ޢާންމު ބަޖެޓު. މިހާރު އެ މިލިޔަން ކިޔާ ޒަމާން ވޭތުވެގެން ހިނގައްޖެ. މިހާރު ޢަދަދުތައް މިކިޔަނީ ބިލިޔަނުން. 1000 މިލިޔަނުން. މިއަހަރުގެ ބަޖެޓަކީވެސް އެތައް ބިލިޔަނެއްގެ ބަޖެޓެއް. މިދިޔަ އަހަރުގެ ބަޖެޓަކީވެސް އެތައް ބިލިޔަނެއްގެ ބަޖެޓެއް. މިއިންވެސް އަޅުގަނޑުމެންގެ ރާއްޖެއަށް މި އައި ތަރައްޤީ، މި އައި ކުރިއެރުން، މިލިބުނު ތަނަވަސްކަން ވަރަށް ރަނގަޅަށް ހާމަވެގެންދޭ.

އާދެ! މި ތަރައްޤީ މި ޙާޞިލު މިކުރެވުނީ، ރައްޔިތުން ކުރެއްވި ބުރަ މަސައްކަތްތަކުން. ރައްޔިތުންގެ ހީވާގިކަމާއި މުރާލިކަމުން. އާމްދަނީ ހޯދުމަށް ރައްޔިތުން ބެހެއްޓެވި އަހަންމިއްޔަތުގެ ބޮޑުކަމުން. ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ތަރައްޤީވެގެން ދިޔަލެއް ހަލުވިކަމުން. އަދި މިނޫނަސް ރާއްޖޭގައި ކުރެވޭ އެހެން އިޤްތިޞާދީ މަސައްކަތްތައްވެސް ފުޅާކޮށް ކުރިއަރުވައި ތަރައްޤީ ކުރުމަށް ކުރެވިފައިވާ ގިނަގުނަ މަސައްކަތްތަކެއްގެ ސަބަބުން.

ސަރުކާރުން ކޮށްދިން ކަމަކީ، އަދި މިހާރުވެސް ކޮށްދޭ ކަމަކީ، އެފަދަ މަސައްކަތްތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް އެކަށީގެންވާ މާޙައުލެއް އުފައްދައިދިނުން. އެކަމަށް ހިތްވަރުދޭ މާޙައުލެއް އުފައްދައިދިނުން. މަސައްކަތްކުރާ މީހުންނަށް އާމްދަނީ ލިބެވޭނެ ގޮތްތައް ރާވައި ހިންގުމުގައި، ސަރުކާރުގެ ސިޔާސަތަކީ ހުޅުވާލެވިފައިވާ އިޤްތިޞާދީ، މިނިވަން ސިޔާސަތަކަށް ހެދުން.

ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ރައްޔިތުން، އަދި ރައްޔިތުންގެ ތެރެއިން އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ފަރާތްތަކުން އެ ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާ މިއަދު އަޅުގަނޑުމެން މި ދެކެނީ. އަޅުގަނޑު ކުރިންވެސް ދެންނެވިހެން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ތަރައްޤީ ކުރެވިފައި މިވަނީ ދެ މަސައްކަތެއް. އެއް މަސައްކަތަކީ ފަތުރުވެރިކަން، ޓޫރިޒަމް. އަނެއް މަސައްކަތަކީ މަސްވެރިކަން. މި ދެ މަސައްކަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިހާރު މިދަނީ ފެތުރިގެން. މިއަތޮޅުގައިވެސް ފަތުރުވެރިކަމުގެ މަންޒިލްތަކެއް މިހާރު އެބަހުރި. އަދި މިއަތޮޅުގެ ބައެއް މީހުންނަކީ އެތަންތާނގައި ވަޒީފާ އަދާކުރާ މީހުން. މިއަތޮޅުގައި އެކަހަލަ މަންޒިލެއް އުފެއްދެވުމުގައި އިންވެސްޓް ކުރެއްވި އެއް ބޭފުޅަކީ، އަޅުގަނޑުމެންގެ ގާތުގައި މި އިންނެވި މި އަތޮޅުގެ ޢިއްޒަތްތެރި އެއް މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު. އޭނާއަކީ ހަމައެކަނި މިއަތޮޅުގައެއް ނޫން. ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަދި އުތުރުގެ އަތޮޅެއްގައި މިހާރު ވަރަށްމަތީ ފެންވަރަކަށް ތަނެއް ތައްޔާރުކުރައްވައި ނިމެން ކައިރިވެފައި، ހުޅުވެން ކައިރިވެފައިވާ ތަނެއް ހެއްދެވުމުގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އަދި މިދެންނެވި ކުރިއެރުންތައް ލިބުމުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށްގިނަ ފައިދާތަކެއްވަނީ ކޮށްފައި. އެއީ އިޖްތިމާޢީ ގޮތުން ލިބުނު ފައިދާތައް. އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރު މައްޗަށް ދިޔުން. ތަފާތު ގިނަ މަދަރުސާތައް، ރާއްޖޭގެ އެތަން މިތާނގައި ހުޅުވި، އެމަދަރުސާތަކުގެ ހިޔާވަހިކަން، ރާއްޖޭގެ ދަރިވަރުންނަށް ލިބިގެން ދިޔުން.

އާދެ! މިއީވެސް އެކަހަލަ ތަނެއް. ކުރިން އޭނާ ވިދާޅުވިހެން، ކިޔަވައިދޭ ތަނެއް ނުހުރޭ. އެކަމަކު މިހާރު ސަރުކާރުގެ ޚަރަދުގައި ހިނގާ ނުވަތަ ސަރުކާރުގެ ސްކޫލްގެ ގޮތުގައި ބެލޭ 200 އެތައް ތަނެއް މުޅި ރާއްޖޭގައި އެބަހުރި. އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު ހުރީ ހަތަރު ތަން. ސަރުކާރުގެ ސްކޫލުގެ ގޮތުގައި މާލޭގައި ހުރި ތިންތަނަކާއި، އެއް އަތޮޅުގައި ހުރި އެއް ތަނެއް. މިހާރު 200 އެތައް ތަނެއް އެބަހުރި. އަދި އޭގެއިތުރުން، އަމިއްލަ ވަރަށްގިނަ މަދަރުސާތަކާއި، އަމިއްލަ މަކްތަބްތަކާއި، އަމިއްލަ ކްލާސްތައްވެސް ހިނގަމުން އެބަދޭ. ސަރުކާރުން އެތަންތަނަށްވެސް ހިތްވަރުދީ، އަދި ޢަމަލީގޮތުން އެކިއެކި އެހީތައްވެސް މިގެންދަނީވަމުން.

އަނެއްކަމަކީ ޞިއްޙީ ޚިދްމަތް. ޞިއްޙީ ޚިދްމަތްވެސް މިހާރު މިއޮތީ ވަރަށް ބޮޑަށް ތަރައްޤީވެފައި. ކުރީ ޒަމާނުގައި މާލޭގައި ހުންނަނީ 40 އެނދުގެ އެންމެ ހަސްފަތާލެއް. ސަރުކާރުގެ ހަސްފަތާލު ނުވަތަ ސެންޓްރަލް ހޮސްޕިޓަލް. އޭގެފަހުން، އެހެން ނަމަކަށް ބަދަލުވެގެންދިޔައީ. މިހާރު މާލޭގައިވެސް އެއް ހަސްފަތާލަށްވުރެ ގިނަ ހަސްފަތާލު އެބަހުރި. އަދި އަތޮޅުތަކުގައިވެސް އެބަހުރި. ކޮންމެ އަތޮޅެއްގައި އަތޮޅު ހަސްފަތާލެއް. ދެން އޭގެއިތުރަށް ޞިއްޙީ މަރްކަޒުތަކެއް. ހެލްތް ޕޯސްޓުތަކެއް. މިހެންގޮސް ވަރަށްގިނަ ޞިއްޙީ ޚިދްމަތް ދެވޭ ތަންތަން މިހާރު އެބަހުރި. މިރަށުގެ ކަންތަކުގެ ވާހަކަ ކަތީބު އެ ވިދާޅުވީ. ހެލްތް ޕޯސްޓެއް ހަދާ ނިމުމާ އެކީގައި ވަރަށް އަވަހަށް ޞިއްޙީ މަރްކަޒަކަށް ބަދަލުވެގެން ހިނގައްޖެ. އެއީވެސް މިރަށަށް ލިބުނު ވަރަށްބޮޑު ތަރައްޤީއެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! މި ވާހަކަތައް ދަންނަވާލުމުގެ ބޭނުމަކީ، އަޅުގަނޑުމެން އިތުރަށް ކުރިއަށް ދިޔުމަށް ހިތްވަރު ލިބިގަތުން. އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކު ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ، މާތްﷲ ދައްކަވާފައިވާތީ، އެކަމުން އަޅުގަނޑުމެން އިލްހާމް ލިބިގަނެގެން، ހަމަ އެފަދަ އިޚްލާޞްތެރިކަމާ އެކީގައި މިންނަތާ އެކީގައި، ކުރިއަށް އޮތް ތާނގައި އިތުރު އުސްމިންތަކެއް ޙާޞިލު ކުރުމަށްޓަކައި މަސައްކަތް ކުރަން ވެއްޖެކަން އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވުން. މިއީ އަޅުގަނޑު މިވާހަކަ ދަންނަވާ ބޭނުމަކީ. އެގޮތަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންނާއި ވެރިންނާ ގުޅިގެން މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އަދި ރަށްރަށުގެ ވެރިންނާއި އަތޮޅުތަކުގެ ވެރިންނާވެސް ގުޅުން އޮންނަން ޖެހޭނީ ވަރަށް ހަރުދަނާ ގޮތެއްގައި. އަދި ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައިވެސް އޮންނަންޖެހޭނީ ވަރަށް ވަރުގަދަ ގުޅުމެއް. މި ގުޅުންތައް އެގޮތަށް އޮވެގެން އަދި ސަރުކާރުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން ޙުރްމަތްތެރިކޮށްހިތައިގެން، މިކަންކަން އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވޭނީ.

އާދެ! ހުޅުދެއްޔަކީ އާސާރީގޮތުންވެސް ވަރަށް ފާހަގަކޮށްލެވޭ ރަށެއް. މި ރަށުގެ ދެކުނު ބޭރު ކައިރީގައި ވެއްޔާއި ގަލުން ހެދިފައިވާ އުސްގަނޑެއް އެބައޮތް. އަދި އާސާރީ މިސްކިތެއްގެ ތަންތަން، ރަށުގެ އުތުރުފަރާތުގައި ފެންނަން އެބަހުރި. އަދިވެސް އާސާރީ ބައެއް ތަންތަން މިރަށުގައި ހުންނަ ކަމަށްވޭ.

އެފަދަ ތަންތަން ރައްކާތެރި ކުރުމަކީ، ޤައުމީ ގޮތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ބައެއްފަހަރަށް އަޅުގަނޑުމެންނަށް ނުބައި ހީއެއްގެ ސަބަބުން، އެހެން ހުންނަ ބައެއް ތަންތަން ހަލާކުކޮށްލެވޭތަން އާދޭ. އެއީ އެހެން ދީނެއްގެ ތަންތަނޭ ކިޔާފައި ހަލާކުކޮށްލާ، މިހެންވެސް އެބަހެދޭ. އެހެން ނަމަވެސް، އެއީކީ އަޅުގަނޑުމެން މިހާރު އެގޮތަށް ބަލަންވީ ކަމެއް ނޫން. އެޒަމާން ދިޔައީ. މިހާރު ރާއްޖޭގެ އެންމެންނަކީ މުސްލިމުން. ސައްތައިންސައްތަ މުސްލިމުން. އެއް ޒަމާނެއްގައި ބަޔަކު ހަދާފައި އެހެން ވައްތަރެއްގެ، އެހެން ދީނެއްގެ ތަނެއް ހުއްޓެއްކަމަކު، އެކަމަކުން އަޅުގަނޑުމެންގެ ޢަޤީދާއަށް ކުރާނެ ނޭދެވޭ އެއްވެސް އަސަރެއް ނޯންނާނެ. އެކަހަލަ ތަންތަން ބެލެހެއްޓުމުން، އަޅުގަނޑުމެންގެ ތާރީޚު އޮތްގޮތް، އަޅުގަނޑުމެންގެ މި ޖީލަށާއި، އަޅުގަނޑުމެންގެ ފަހުން އަންނަން އޮތް ޖީލުތަކަށް ރަނގަޅަށް އެނގޭނެ. ދިވެހިންނަކީ ކިހިނެއް، ކޮން ޒަމާނެއްގައި އުޅުނު ބަޔެއްކަމާއި، އެމީހުންގެ ޙަޔާތަށް އައި ބަދަލުތަކަކީ ކޮބައިކަމާއި، މި ހުރިހާ ކަމެއް އެނގޭނީ، އާސާރީ ތަންތަން ރަނގަޅަށް ބެލެހެއްޓިގެން. އެހެންވީމާ، އެފަދަ ތަންތަން ބެލެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ އެ ވާހަކަ ދަންނަވާލީ.

ހުޅުދެލީ ރައްޔިތުން މައިގަނޑު ގޮތެއްގައި ކުރައްވާ ދެ މަސައްކަތަކީ މަސްވެރިކަމާއި، އަތްތެރި މަސައްކަތް. މަސްވެރިކަން މިހާރު ވަރަށް ރަނގަޅު ކަމަށް، ދެންމެ ކަތީބު އަޅުގަނޑު ގާތު ވިދާޅުވި. މިރަށު ރައްޔިތުންނަކީވެސް، މަސްވެރިންނަކީ މިހާރު ބޮޑުކަންނެލީގެ މަސްވެރިކަން ކުރައްވާ ބަޔެއް. އެއިން ވަރަށް ރަނގަޅު ފައިދާއެއް، ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް އޭނާ އެ ވިދާޅުވީ. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

އޭގެއިތުރުން، ހުޅުދެއްޔަކީ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގައި ވަރަށް ކުރިއަރާފައިވާ ރަށެއްކަން، ރާއްޖޭގެ އެންމެންވެސް ދަނޭ. ހުޅުދެލީ ރައްޔިތުންނަކީ އިޖްތިމާޢީ އެކި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބަޔެއް. އަދި ރަށުގެ ވެރިންގެ މެދުގައިވެސް ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް އަޅުގަނޑަށް ވަނީ މަޢުލޫމާތު ލިބިފައި. މިކަންކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ހުޅުދެލީ ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު ދަންނަވަން.

އާދެ! މިހާރުވެސް މި ރަށުގައި ތަރައްޤީގެ ގޮތުގައި ހިނގަމުންދާ ބައެއް މަސައްކަތްތައް އެބަހުރި. އޭގެތެރޭގައި، ލަފާފުރުމުގެ ދަތިކަން ޙައްލު ކުރުމުގެ މަޝްރޫޢު ފެށިގެން ހިނގަމުން އެބަދޭ. މިމަޝްރޫޢުގެ ދަށުން 300 ފޫޓު 200 ފޫޓުގެ ބަނދަރެއް ހެދުމުގެ މަސައްކަތްވެސް ހިނގަމުން އެބަދޭ. އަދި ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތުގެ އެއްބައިވަނީ މުޅިން ނިމިފައި. ބަނދަރުގެ މަސައްކަތް ނިމޭއިރު، ގިރާ ސަރަޙައްދުގެ އަނެއްބަޔަށް ވެލިއަޅައި ނިމޭނެ ކަމުގެ މަޢުލޫމާތުވެސް އަޅުގަނޑަށް ވަނީ ލިބިފައި.

އިޖްތިމާޢީ އެކި މަސައްކަތްތަކުގައި އަޅުގަނޑުމެން ބައިވެރިވަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި ޢާއިލީ ގުޅުންތައް ބަދަހިވުމަކީ، މިކަމުގައި އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭނެ ވަރަށް މުހިންމު ކަމެއް. ކޮންމެ މުޖްތަމަޢެއްގެވެސް ބިންގަލަކީ ޢާއިލާ. އަޅުގަނޑުމެންނަށް އިޖްތިމާޢީ ގޮތުން އެކިއެކި ތަރައްޤީތައް ޙާޞިލު ކުރެވޭނީ މުޖްތަމަޢުގެ ޢާއިލާތައް ހަރުދަނާވެގެން އަދި ޢާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެގެން. މިގޮތުން ބަލާއިރު، ޢާއިލާއަކީ އަޅުގަނޑުމެން އެންމެން ރައްކާތެރިކުރަންޖެހޭނެ މުއައްސަސާއެއް. ޢާއިލާ ރޫޅިގެން ދިޔުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން އެކަމަށް ތަންދޭންވީ ކަމެއް ނޫން.

މިހެން ދަންނަވާއިރު، ހިތާމައާއެކު ދަންނަވާލަންޖެހެނީ، މި ރަށުގައި ވަރި ތަންކޮޅެއް ގިނަކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ވާހަކަ. އެއީ ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ ފަދައިން، އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. ޙަޤީޤަތުގައި އިސްލާމްދީނުގައި ވަރި ލައްވާފައިވަނީ، ވަރަށް ޚާއްޞަ ސަބަބަކަށްޓަކައި. އެއީ ދެމަފިރިންގެ ދެމެދުގައި އެއްގޮތަކަށްވެސް ގުޅުން ނުދެމެހެއްޓޭވަރަށް އެކިކަންތައްތައް ގޯސްވެގެން ދިޔުމުން، ޞުލްޙަވެރިކަމާއެކު ދެމީހުން ވަކިވުން.

އެއާ ޚިލާފަށް، ވަރަށްގިނަ އަދަދަކަށް ވަރި ހިނގަމުންދާކަމީ، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. ހުއްދަ ކަންތައްތަކުގެ ތެރެއިން މާތްﷲ އެންމެ ރުހިވޮޑިގެންނުވާ ކަމަކީ، ވަރި ކަމުގައި رســول اللّـه صـلّى الله علـيـه وسـلّم ޙަދީޘް ކުރައްވާފައިވޭ."ان أبعض الحلال الى الله الطلاق" "ޙަލާލު ކަންތައްތަކުގެ ތެރެއިން ﷲގެ ޙަޟުރަތުގައި އެންމެ ނުރަނގަޅު ކަމަކީ ވަރިކުރުން. އަދި އެކަމެއްދެކެ ﷲ އެންމެ ބޮޑަށް ލޯބި ނުކުރައްވާ ކަމަކީ، ﷲގެ ޙަޟުރަތުގައި އެންމެ ނުރަނގަޅު އެންމެ ނަފްރަތްތެރިކަން ބޮޑު ކަމަކީ ވަރިކުރުން." މިއީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް. އެފަދަ ޙަދީޘްފުޅުތަކުން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަންޖެހޭ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖެއަށް ޒަމާނީ ޑެމޮކްރަސީއެއް ގެނައުމަށްޓަކައި ފަށާފައިވާ މަސައްކަތާ ބެހޭގޮތުން އެއްޗެއް ދަންނަވާލަން ބޭނުންވޭ. ކަތީބުގެ ވާހަކަފުޅުގައިވެސް އެ ވާހަކަ ވިދާޅުވެއްޖެ. އަދި ކަތީބުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވާލަން.

އަޅުގަނޑުމެން ފަށައިގެން މިއުޅޭ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމްގެ ތެރެއިން ވަރަށްގިނަ ކަންތައްތައް މިހާރުވަނީ ޙާޞިލުވެފައި. އޭގެތެރޭގައި، މުސްތަޤިއްލު ހިޔުމަން ރައިޓްސް ކޮމިޝަނެއް އުފެއްދުމާއި، ރާއްޖޭގައި ގަވާއިދުން ސިޔާސީ ޕާޓީތައް ރަޖިސްޓްރީވެގެން ހިނގަމުން ދިޔުމާއި، އަދި ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން، އެ ވަސީލަތްތަކަށް ފުރިހަމައަށް ލިބިގެންދިޔުމާއި، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމާއި، މިކަހަލަ ވަރަށްގިނަ ކަންތައްތައް މިހާރުވަނީ ކޮށް ނިމިފައި. އަދި އޭގެތެރެއިން އެއްބައި ކަންތައްތައް އިތުރަށް ކުރެވެމުން މިދަނީ.

މީގެއިތުރުން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިގެން ނިމުމަކާ ހަމައަށް ގޮސްފައި. އިރާދަކުރެއްވިއްޔާ، މި މަހުގެ 13 ވަނަ ދުވަހު، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އަލުން ފަށްޓަވައި، މިހާރު ނުނިމި އޮތް ބައި ކުރިއަށް ގެންދަވައިގެން، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މުޅިން ނިންމޭނެ. އެ މަސައްކަތް ނިމުނީމާ، އާ ޤާނޫނުއަސާސީގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ އެހެން ޤާނޫނުތައް ހަދާ، ޤާއިމުކުރަންޖެހޭ އެހެން ވަސީލަތްތައް ޤާއިމުކޮށްގެން، ރާއްޖޭގައި އިރާދަކުރެއްވިއްޔާ، އެންމެ ފުރަތަމަފަހަރަށް ބޭއްވޭ ތަފާތު ޕާޓީތަކުން ވާދަކުރާ ރިޔާސީ އިންތިޚާބެއް މި އަހަރު ބޭއްވޭނެ.

މީގެކުރިން، ރިޔާސީ އިންތިޚާބު ބޭއްވެނީކީ އެހެނެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ފަހަކަށްއައިސް ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ތަނަވަސްވެފައި އޮތް ނަމަވެސް، އެންމެފަހުން މިއައި ދެ ފަހަރު، ކޮންމެ ފަހަރަކުވެސް ފަސް ކެންޑިޑޭޓަކު ރައީސް ކަމަށް ކުރިމަތިލެއްވި. އެހެން ނަމަވެސް، އެ ފަސް ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ހޮއްވަވަނީ އެންމެ މީހަކު. އެމީހާގެ ނަން ޢާންމު ރައްޔިތުންގެ ވޯޓަށް ހުށަހެޅިގެން، ޢާންމު ރައްޔިތުންގެ 50 އިންސައްތައަށްވުރެ މަތީ ޢަދަދެއް ލިބިއްޖިއްޔާ، އެމީހަކު ރައީސް ކަމަށް އިންތިޚާބުވަނީ. އެގޮތުން މިވޭތުވެދިޔަ ދެފަހަރު އަޅުގަނޑު ވަނީ އިންތިޚާބުވެފައި. އެއީ 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު. އެއިން ކޮންމެ އަހަރަކުވެސް ކުރިމަތިލެއްވި ފަސް ކެންޑިޑޭޓުންގެ ތެރެއިން އެކަކު ކަމުގައި އަޅުގަނޑު އޮތީ ވެފައި. ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުގެ ނަން އިޚްތިޔާރު ކުރައްވައި، އަޅުގަނޑުގެ ނަން ރައްޔިތުންނަށް ހުށަހެޅުއްވީމާ، ރައްޔިތުންގެ އަޣްލަބިއްޔަތުން އަޅުގަނޑު ހޮވިފައި މިވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ދަންނަވާލަން މި އުޅޭ ވާހަކައަކީ، މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މި ދެންނެވި ކަހަލަ އިންތިޚާބަކަށް ނުވާނެއޭ. މިހާރު ރާއްޖޭގައި އުފެދިފައިވާ ޕާޓީތަކުން ކޮންމެ ޕާޓީއަކުންވެސް މީހަކު ކުރިމަތިލުމަށް ބޭނުންވެއްޖިއްޔާ އެ ފުރުސަތު އޮބައޮތް. އެހެންވީމާ، އެތައް ކެންޑިޑޭޓުންނެއް ނުވަތަ މިސާލަކަށް ކޮންމެ ޕާޓީއަކުން މީހަކު ކުރިމަތިލާފާނެ. އެކަހަލަ އިންތިޚާބެއް މި ބޭއްވެނީ، އެއީ ޒަމާނީ ޑެމޮކްރަސީގެ ގޮތަކީ އެއީ ކަމަށްވާތީ.

އިންތިޚާބުވެސް ވަރަށް މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދޭތޯ ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިގެންދަނީ ކުރަމުން. އެއީ، އިލެކްޝަންސް ކޮމިޝަނަރގެ އޮފީހަކީ، މުޅިން މުސްތަޤިއްލު މިނިވަން މުއައްސަސާއެއް ކަމަށް ހެދުމާއި، އިންތިޚާބާބެހޭ ޤާނޫނުތައް އިޞްލާޙު ކުރުމާއި، އަދި އިދާރީގޮތުން އެނޫންވެސް ފުރިހަމަ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބޭރުގެ މާހިރުންގެ ލަފާގެމަތިން، މިކަންތައްތައް ކުރިއަށް ގެންދިޔުމާއި، އަދި އިންތިޚާބު ބާއްވާ ދުވަހުވެސް އަދި އޭގެކުރިންވެސް ބޭރުގެ އެކި ފަރާތްތަކުން ރާއްޖެއަށް ޒިޔާރަތްކޮށް، އިންތިޚާބު ހިނގަމުންދާގޮތް ބެލުމާއި، މި ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސަމުން ގެންދާނެ.

މިއާ ޚިލާފަށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނީ، އިންތިޤާލީ ސަރުކާރެއް ޤާއިމުކުރެވިގެންނޭ، ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ، ރަނގަޅު ބުނުމެއް ނޫންކަމަށް އަޅުގަނޑު ދަންނަވާލަން އެބަޖެހޭ. އެއީކީ، އެއްވެސް މާނައެއް ހުރި ކަމެއްނޫން. މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނީ، ވަކި ސަރުކާރެއް އޮތީމަކާނޫން. މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނީ، އެކަމަށް ޤާނޫނީގޮތުންނާއި އިދާރީގޮތުން ބޭނުންވާ ކަންތައްތައް ފުރިހަމަވެފައި އޮވެގެން. ފުރަތަމަ، ޤާނޫނުއަސާސީގައި އެކަމާ ބެހޭބައި ހަރުދަނާކޮށް އޮވެގެން. އަދި އޭގެ މައްޗަށް ހެދޭ އިންތިޚާބުގެ ޤާނޫނުތައް، ވަރަށް ރަނގަޅުގޮތަކަށް ބައްޓަން ކުރެވިފައި އޮވެގެން. ހަމައެހެންމެ، އެ ޤާނޫނު ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ރަނގަޅަށް ޤާއިމުކުރެވިފައި ހުރެގެން. އަދި ކަންތައްތައް ވަމުންދާގޮތް ބަލާބަޔަކު ތިބެގެން. މި ކަންތައްތައް މިއީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގައި ބަލަންޖެހޭ މިންގަނޑުތަކަކީ. އެއްވެސް ހާލެއްގައި ވަގުތީ ސަރުކާރެއް ނުވަތަ އިންތިޤާލީ ސަރުކާރެއް އޮތުމުގެ ބޭނުމެއްނެތް. އެއީ އެއްގޮތަކަށްވެސް ރާއްޖޭގެ ޙާލަތު ތަންދޭ ކަމެއްވެސްނޫން. އަދި އެއީކީ އެއްގޮތަކަށްވެސް ބޭނުންވާ ކަމެއްވެސްނޫން.

އެހެންވީމާ، އަޅުގަނޑު މި ވާހަކަ މިދަންނަވާލީ. މިއާ ޚިލާފަށް ބައެއް ފަރާތްތަކުން، އަޑުއުފުލަމުން ގެންދާތީ. ރާއްޖޭގައި މިނިވަން އިންތިޚާބެއް ބޭއްވޭނީ، އެހެން ސަރުކާރެއް އައިސްގެންނޭ. އަޅުގަނޑުގެ ވާހަކައަކީ، އެހެން ސަރުކާރެއް ގެނެސްފިނަމަ، ދިވެހިން ތިބި ސަރުކާރަކަށް، އެ ސަރުކާރު ނުވާނެތޯއޭ! ދެން އަންނަ ސަރުކާރެއް، އެ ގޮތަށް ގެންނަ ސަރުކާރެއްގެ މީހުން ވަކި ބޭނުންވާ ގޮތެއް ނޯންނާނެތޯއޭ! އެއީ، ދުނިޔޭގެ އެހެން ތަނަކުން އަންނަ އަޅުގަނޑުމެންގެ މި ހުރި އުނިސިފަތަކުން އެއްކިބާވެގެންވާ ސަރުކާރަކަށް ވާނެތޯއޭ!

ހައްތާވެސް އިންސާނުން. އިންސާނުންނަކީ، ހަމަ އެ މީހުންގެ ހިތުގައި އޮންނަ ކަންތައްތަކަކަށް ލެނބިގެންދާނެ ބައެއް. އެހެންވީމާ، ވަކި ސަރުކާރެއް އޮތުމެއް ނޫން ބޭނުމަކީ. ބޭނުމަކީ މިދެންނެވި ޤާނޫނުތައް ރަނގަޅަށް ހަމަޖެހިފައި އޮތުމާއި، މުއައްސަސާތައް އެގޮތަށް ހަމަޖެހިފައި އޮތުމާއި، އެކަން ހިނގާނުހިނގާގޮތް ބެލޭނެ ރަނގަޅު އިންތިޒާމެއް އޮތުން. މިކަންތައްތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސާނެ. އެހެންވީމަކާ، އެއްވެސް ހާލެއްގައި އިންތިޤާލީ ސަރުކާރަކަށް ރާއްޖެއަކު ޖާގައެއްނެތް.

އާދެ! މި ވާހަކަތައް ދަންނަވާލުމަށްފަހުގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ހުޅުދެލީ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ވަރަށްވެސް ހޫނު ތަރުޙީބަށްޓަކައި، ހުޅުދެލީގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވާލަމުން. އަދި އަޅުގަނޑުގެ މިދަތުރުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު އަނީސަށްވެސް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު ދަންނަވާލަމުން. މިއަތޮޅަށް އަޅުގަނޑު ދަތުރު ފެށީއްސުރެ އަޅުގަނޑާ އެކީގައި ހުރިހާ ރަށަކަށް ވަޑައިގެން، ރަށްރަށުގެ މަޢުލޫމާތު އަޅުގަނޑަށް ދެއްވައި، ކަންތައްތައް ފަހިކޮށްދެއްވައި ހައްދަވާ ވަރަށް ޤާބިލުކަމާއެކު. އެހެންވީމާ، އޭނާ އެކުރައްވަމުން ގެންދަވާ މަސައްކަތަށްޓަކައި އަދި އަޅުގަނޑުގެ މިދަތުރުގައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މުޙަންމަދު އަނީސަށް ޝުކުރު ދަންނަވަން. ހަމައެޔާއެކު، ރާއްޖެތެރެ ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެމަނިކުފާނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިއަތޮޅުގެ ތަރައްޤީގެ ކަންތައްތަކުގައި މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު އެކޮށްދެއްވާ ޚިދްމަތްތަކަށްޓަކައި އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން. އެކަލާނގެ ދައްކަވާފައިވާ މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން، ކުރިއަށް ދިޔުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ތަރައްޤީގެ މަގުގައި މިކުރާ މަސައްކަތްތަކުގައި ކާމިޔާބު މިންވަރު ކުރެއްވުން. އަދި ދިވެހި ރައްޔިތުންނަށް އަބަދުމެ އުފާފާގަތިކަމާއި، ސުލްހަމަސަލަސްކަމާއި، އަމަންއަމާންކަމާއި، ކުރިއެރުމާއި ތަރައްޤީ ޙާޞިލުވާނެ މަގު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްކެވުން.


والســّلام عليــكم ورحـمــة اللّـه وبـركاتـه.