بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين.

އާދެ! މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުގައި ބައިވެރިވުމަށް އަޅުގަނޑު މިއަދު ކުޑަހުވަދުއަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު އަނީސްގެ ފަރާތްޕުޅުންނާއި، ކުޑަހުވަދޫ ވެރިންނާއި ރައްޔިތުންނާއި، އެކި ކޮމިޓީތަކުގެ މެންބަރުންނާއި، މިއަތޮޅުގެ އެކި ރަށްރަށުގެ ވެރިންނާއި، މަސްވެރިންގެ ދުވަހުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް މިއަތޮޅަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޚާއްޞަކޮށް، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލު މި ބޭއްވޭ ކުޑަހުވަދޫގެ ރައްޔިތުން މިކަމަށް ދެއްވި ޚާއްޞަ އަހަންމިއްޔަތާއި، މި ދުވަހަށްޓަކައި ރަށް ތައްޔާރުކުރައްވާފައިވާލެއް ފުރިހަމަކަމާއި، އެބޭފުޅުން ކުރައްވާފައިވާ ބުރަ މަސައްކަތްތަކަށްޓަކައި، ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

މިރަށަށް އަޅުގަނޑު އައުމުން، މިރަށުގެ ފަރާތުން އަޅުގަނޑަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވި. މަރްޙަބާގެ ވަރަށްރީތި ލަވަތަކެއްވެސް ފެނިގެންދިޔަ. އޭގައި ވަރަށް ބަލާޣާތްތެރި ޢިބާރާތްތަކެއް ހުރި. އެ ހުރިހާ ކަމަކަށްޓަކައި އެ ޕްރޮގްރާމް އިންތިޒާމު ކުރެއްވި ފަރާތްތަކަށާއި، އަދި އެޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ޒުވާނުންނަށާއި ކުދިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

މިއަދު ހަވީރު އެކަންތައްތައް ހިނގަމުންދިޔައިރު، އަޅުގަނޑު ކުޑަކޮށް ބަލައިލިއިރު، މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް، އާދެ! އަޅުގަނޑާއި އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށާއި، އަދި މަސްވެރިންގެ ދުވަހުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް މިރަށަށް ވަޑައިގެންނެވި ހުރިހާ މެހްމާނުންނަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން ލިޔުއްވާފައިވާ ޢިބާރާތެއް އަޅުގަނޑު ދުށިން. އޭގައި ލިޔުއްވާފައިވަނީ، ”ތަމެން އައުމުން މަމެން މިތިބީ ވަރަށް އުފަލުން“. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ”މަމެން އައުމުން ތަމެން ތިޔަކީ ހޫނު މަރްޙަބާއަށްޓަކައި، މަމެން މިތިބީ ވަރަށް އުފަލުންނޭ.“

އާދެ! މަސްވެރިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ވަރަށްގިނަ ފަރާތްތަކަކަށް، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން. އޭގެތެރެއިން އެންމެ ފުރަތަމަ ރާއްޖޭގެ ހީވާގި، މުރާލި މަސްވެރިން. މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެހެން ހުރިހާ ފަރާތްތައް. އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލް ޙުސައިން ޙިލްމީ އާއި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެމިނިސްޓްރީގައި މި މަސައްކަތް ކުރައްވާ ހީވާގި ވެރިންނާއި މުވައްޒަފުން. ހަމައެހެންމެ، މަސްވެރިކަމުގެ ޞިނާޢަތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށާއި، އިންވެސްޓް ކުރައްވާ ފަރާތްތަކަށާއި، އެކިކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ފަރާތްތަކަށާއި، މިހުރިހާ ފަރާތްތަކަކަށް ދުވަހުގެ މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ހަމައެޔާއެކު، އިއްޔެއަކީ 2008 ވަނަ އަހަރުގެ ފުރަތަމަ ދުވަސް ކަމަށްވާތީ، މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދީވެސް މިތަނަށް ވަޑައިގެން ތިޔަ ތިއްބެވި ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނަށް، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ، މިފެށުނު މީލާދީ އާ އަހަރަކީ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އުފާފާގަތިކަމާއި ޞުލްޙަމަސަލަސްކަމާއި، ކުރިއެރުމާއި ތަރައްޤީ، މާތްﷲ މިންވަރު ކުރައްވާ އަހަރެއް ކަމުގައި ވެގެންދިޔުން.

އާދެ! މަސްވެރިންގެ ދުވަހުގެ އިޙްތިފާލުގައި ވާހަކަ ދައްކާއިރު، ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް އެކިފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ޝުކުރު ދެންނެވުމަކީވެސް ހަމަ ކުރަންޖެހޭނެ ކަމެއް. އެގޮތުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލް ޙުސައިން ޙިލްމީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށާއި، އެމަނިކުފާނުގެ ވުޒާރާގެ އެންމެހާ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، އެ ވުޒާރާއަކީ އެތާނގައި މިހާރު ވަރަށްމަތީ ފެންވަރަކަށް ތަޢުލީމު ޙާޞިލު ކުރައްވައިގެން ވަޑައިގެން ތިއްބެވި ޒުވާން ބޭފުޅުންކޮޅެއް ޚިދްމަތް ކުރައްވަމުން ގެންދަވާ ވުޒާރާއެއް. އެބޭފުޅުންގެ ހިންމަތާއި މިންނަތާއި ވިސްނުންފުޅުވެސް ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމުގައި ވަރަށް ބޮޑަށް ޙިއްޞާ ކުރަމުންދާތީ، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެހެންމެ، މީގެކުރިން މި ވުޒާރާ ހިންގަވައިދެއްވި ހުރިހާ ވަޒީރުން، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ކޮށްދެއްވި ބުރަ މަސައްކަތްތަކަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް މިރޭ އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެއިތުރުން، މިރޭގެ މި އިޙްތިފާލުގައި، ޚާއްޞަ އިނާމާއި، ހަނދާނީ ފިލައާއި، ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

މިފުރުޞަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރައްވާ ހުރިހާ އިންވެސްޓަރުންނަށްވެސް، އެ ބޭފުޅުން އެ ކުރައްވާ ޚިދްމަތުގެ އަގު ވަޒަން ކުރަމުން، އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދެންމެ އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ އެކިއެކި އިނާމު ޙާޞިލު ކުރެއްވި ފަރާތްތަކުން އިނާމު ގެންދެވި މަންޒަރަށް ބަލައިލާއިރުވެސް، އޭގެތެރޭގައި ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށް އިންވެސްޓް ކުރައްވާފައިވާ އަމިއްލަ ފަރާތްތައްވެސް ހިމެނޭ. އެހެންވީމާ، އެހުރިހާ ބޭފުޅުން އެ ކުރައްވާ ބޮޑެތި ހޭދައާއި، ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ފައިދާއަށްޓަކައި، އެކުރައްވާ މަސައްކަތްތަކަށްޓަކައި، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ތަހުނިޔާ ދަންނަވައި އަދި ޝުކުރުވެސް ދަންނަވަން.

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމަކީ، މި ދާއިރާގެ މައިގަނޑު އެއް ސިޔާސަތު. އާދެ! މިވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތެއްގެ ތެރޭގައި، 1974ން ފެށިގެން މިހާތަނާ ޖެހެންދެން މަސްވެރިކަމުގެ ދާއިރާ ތަރައްޤީވެގެންދިޔަ ގޮތުގެ ކުރު ޚުލާޞާއެއް، އަޅުގަނޑުމެންނަށް ދެންމެ ވީޑިއޯ ސްކްރީނުން ފެނިގެން ހިނގައްޖެ. އޭގައި ރާއްޖެ އޭރު އޮތް ޙާލަތާއި، ރާއްޖޭގެ މަސްވެރިކަން އޭރު ހުރިގޮތާއި، ރާއްޖޭގެ މަސްވެރިކަމަށް މިއައި ބަދަލުތަކާއި، މިހާރު ލިބިފައިވާ ކުރިއެރުން، ކިތަންމެ ކުރުކޮށް ނަމަވެސް، ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އޮޅުންފިލުވައިދިން.

އާދެ! އޭގެތެރެއިން އެއްކަމަކީ ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް. އެ މަސައްކަތް ފެށިގެންދިޔަ ދުވަސްވަރު ކަންހިނގައިދިޔަ ގޮތް. މަސްވެރިންނާއި އޮޑިވެރިންނާއި، ޢާންމު ރައްޔިތުން އެކަން ބަލައިގެން ގޮތް، ދެންމެ އަޅުގަނޑުމެން މި ދުށް ވީޑިއޯއިން ފެނިގެންދިޔަ.

ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އެދުވަސްވަރު އަޅުގަނޑުވެސް އެކަމުގެ ތެރޭގައި ކޮންމެވެސްވަރަކަށް އުޅެން ޖެހުނޭ. އާދެ! އޭރު އަޅުގަނޑު ހުރީ ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ވަކީލުގެ މަގާމުގައި. ވަޒީރުލްއަޢުޡަމަކަށް ހުންނެވީ، އަލްމަރްޙޫމް އަލްފާޟިލް އަޙްމަދު ޒަކީ. އެމަނިކުފާނުގެ އެންގެވުމަށް އަޅުގަނޑު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ތެރެއިން، މާލެއިން ދެކުނުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރިން. އަޅުގަނޑާ އެކީގައި އެހެން ދެބޭފުޅަކުވެސް ވަޑައިގެންނެވި. އަޅުގަނޑަށް އެ ދަތުރުގައި ކުރަން ޖެހުނު ކަމަކީ، މާލެއިން ދެކުނުގައި މީހުން އުޅޭ ކޮންމެ ރަށަކަށް އަރައި، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ ފައިދާ، އެރަށުގެ ރައްޔިތުންނަށް އޮޅުންފިލުވައިދިނުން. އެމަސައްކަތް އޭރުގެ ވަޒީރުލްއަޢުޡަމް އަޅުގަނޑާ ޙަވާލު ކުރެއްވީމާ، މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް 45 ދުވަހުގެ ތެރޭގައި، އަޅުގަނޑު ޒިޔާރަތް ކުރިން. އަދި ކޮންމެ ރަށެއްގައިވެސް ހަމަ އެ ވާހަކަ، އަޅުގަނޑުގެ ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް ދައްކައި ހެދިން. އެގޮތުން ކުޑަހުވަދުއަށްވެސް އައިން. ކުޑަހުވަދޫގައިވެސް އެވާހަކަ ދެއްކިން. މީގެ ވަރަށް ކުރީގެ ވާހަކައެއް މިދެންނެވެނީ. އޭރު މިތާ ތިއްބެވި ބޭފުޅުންގެ ހަނދާނުގައި މިކަން ހުންނާނެކަންނޭނގެ.

ކޮންމެއަކަސް އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، މި އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެންނަށް އާ ބަދަލުތަކަކަށްވީމާ، ބައެއްފަހަރަށް އެކަމުގެ ޙަޤީޤަތް އޮޅުންނުފިލާތީ، އެބަދަލުތައް ގަބޫލުނުކުރެވޭގޮތް ދިމާވެޔޭ. އެހެންނަމަވެސް، ދުވަސްކޮޅަކު ތަޖުރިބާ ކުރުމުން، އެ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ފައިދާ އެނގުނީމާ، ދެން އަޅުގަނޑުމެންގެ ވިސްނުން މުޅިން ބަދަލުވެގެން އެބަދެޔޭ. މިގޮތުން، އިރާދަކުރެއްވީތީ މިހާރު ރާއްޖޭގެ މަސްވެރިންގެ އަދި އޮޑިވެރިންގެ ވިސްނުން މިހާރު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ދިޔުމުގެ މަގު، އެމީހުންނަށް މިއޮތީ ފަހިވެފައި. އަދި އެ ޓެކްނޮލޮޖީގެ އެހީ އެމީހުން ބޭނުންކޮށްގެން މިހާރު ރާއްޖޭގެ މަސްވެރިކަން މިއޮތީ ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދީފައި.

އާދެ! މަސްވެރިކަން ތަރައްޤީވެގެންދާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ މަސްވެރިކަމުގެ ދާއިރާއަށް ކުރާނެ ނޭދެވޭ އަސަރުތައް މިއަންނަނީ ކޮންދިމާއަކުންކަންވެސް. އާދެ! އޭގެތެރެއިން އެއްކަމަކީ ތިމާވެށްޓަށް މިކުރަމުންދާ އަސަރު. ދުނިޔޭގެ ތިމާވެށްޓަށް މި އަންނަމުންދާ ބަދަލުތައް. އެގޮތުން، މަސްވެރިކަމުގެ ދާއިރާއަކީ، ތިމާވެށްޓާ ވަރަށްގުޅޭ ދާއިރާއަކަށްވާތީ، ތިމާވެށްޓަށް އަންނަ ކިތަންމެ ކުޑަ ބަދަލަކުންވެސް މަސްވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ.

މިދޭތެރެއިން އަޅުގަނޑުމެންނަށް މި ދިމާވި މަސް މަރުވުމުގެ ހާދިސާއަކީވެސް މިދެންނެވި ބަހުގެ ހެތްކެއް. ރާއްޖޭގެ އެތަން މިތާނގައި ވަރަށްގިނަ އަދަދަކަށް މަސްތައް މަރުވެފައި ހުއްޓާ ފެނިގެން، އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމަކަށް އޮތީ ވެފައި. އަދި އެއީ ކީއްވެގެންވާ ކަމެއްކަން ނޭނގޭތީ، އެކަން ބަލައި ތަޙުޤީޤު ކުރުމުގެ މަސައްކަތްތައް މިހާރުވެސް އެ ދަނީ ހިނގަމުން. އޭގެތެރޭގައި، މެރިން ރިސަރޗް ސެންޓަރުން އެ ކުރައްވާ ދިރާސާތައް ހިމެނޭ. އާދެ! އެހަދަން ބޭނުންވާ ޓެސްޓުތަކަކީ ރާއްޖޭގައި ނެހެދޭ ޓެސްޓްތަކަކަށްވާތީ، ރާއްޖެއިން ބޭރަށް ފޮނުއްވައިގެން މިހާރުވެސް މެރިން ރިސަރޗް ސެންޓަރުން އެ މަސައްކަތް ކުރައްވަމުން އެބަގެންދަވާ.

އާދެ! މީގެ ބޭނުމަކީ، ރާއްޖޭގައި މި ދެންނެވިގޮތަށް، މަސް މަރުވަމުން ގޮސްފައިވަނީ ކީއްވެތޯ ބަލައި، އެކަމަކީ އަޅުގަނޑުމެންނަށް އެއިން ސަލާމަތްކަން ހޯދިދާނެ ކަމެއް ކަމަށްވަންޏާ، ސަލާމަތްކަމުގެ ފިޔަވަޅުތައް އެޅުން.

އާދެ! މަސްވެރިންނަކީ، ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބަޔެއް. މަސްވެރިންނަށް ސަރުކާރުން އަބަދުވެސް ވަރަށްބޮޑު ސަމާލުކަމެއްދޭ. މިގޮތުން، 1981 ވަނަ އަހަރުން ފެށިގެން މި އަންނަނީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަހެއް ފާހަގަކުރަމުން. އެގޮތުން، މިއަދު އަޅުގަނޑު މި ފާހަގަކުރާ ދުވަހަކީ، 27 ވަނަ މަސްވެރިންގެ ދުވަސް. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ދުވަހަކީ، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް. އެއީ ކީއްވެގެންކަންވެސް، ދެންމެ އެ ވީޑިއޯއިން އަޅުގަނޑުމެންނަށް އެނގިގެންދިޔަ.

2007 ވަނަ އަހަރުގެވެސް މަސްވެރިންގެ ދުވަސް ޙަޤީޤަތުގައި ފާހަގަކުރަންޖެހޭ ދުވަހަކީ، އެ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް. އެހެންނަމަވެސް، ކުޑަހުވަދޫގެ ރައްޔިތުންވެސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިންވެސް އަޅުގަނޑު މިޖަލްސާގައި ބައިވެރިވެދިނުން އެދިވަޑައިގެންފައިވާތީ، ބޭރުގެ ވަރަށް މުހިންމު ޖަލްސާއަކަށް ދިޔުމަށްޓަކައި އަޅުގަނޑު އޭގެ ކުރީ ދުވަހު ފުރަން ހަމަޖެހިފައި އޮތީމާ، މި ޖަލްސާ ލަސްކޮށްލަންޖެހުނީ. އާދެ! އެއީ ބާލީގައި އޮތް އ.ދ. މަޖިލީހުން އިންތިޒާމު ކޮށްގެން ބޭއްވި މޫސުމަށް މި އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ޖަލްސާ. އެ ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑު ފުރީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެރޭ. އެހެންވީމާ، 10 ވަނަ ދުވަހު މި ޖަލްސާ ބޭއްވެން ނެތިގެން، ޖަލްސާ އެހެން ދުވަހަކަށް ލަސްކޮށްލުމަށް ވަރަށް ހިތްޕުޅުހެޔޮކަމާއެކު މިނިސްޓަރުވެސް އަދި ކުޑަހުވަދޫގެ ރައްޔިތުންވެސް ގަބޫލު ކުރެއްވީ. އެގޮތުން މިރޭ އެޖަލްސާ މި ބޭއްވެނީ.

އާދެ! ދެންމެ މި ޖަލްސާގައި މިނިސްޓަރ ޙުސައިން ޙިލްމީ އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އޭގެކުރިން، އެމިނިސްޓްރީގެ އިސް ވެރިޔަކު ކަމުގައިވާ އަލްފާޟިލް މުޙަންމަދު ފާއިޒު ދެއްކެވި ވާހަކަފުޅުގައިވެސް އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި އޭނާއަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މަސްވެރިންނަށް އިތުރު މަންފާތައް ހޯދައިދިނުމުގެ ގޮތުން، މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ޞިއްޙީ ފަރުވާ ފޯރުވައިދިނުމަށްޓަކައި މަސްވެރިންގެ ހެލްތް އިންޝުއަރެންސް ސްކީމެއް ޤާއިމުކުރުމަށް، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދާ ވާހަކަވެސް، މި ފުރުޞަތުގައި މިރޭ އަޅުގަނޑު ދަންނަވާލަން. އާދެ! މިއަހަރުގެ ބަޖެޓުގައިވެސް މިކަމަށް ވަނީ ފައިސާ ހިމެނިފައި. އެއީ މަސްވެރިކަމަށް ބަޖެޓުން ކުރާ ހޭދައިގެ ތެރޭގައި. އެހެންވީމާ، މިދެންނެވި އިންޝުއަރެންސް ސްކީމް ޤާއިމުކުރެވުމުން، އެކަމުގެ ސަބަބުން މަސްވެރިންނަށް އިތުރު ލުއި ފަސޭހަތަކެއް ޙާޞިލުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުތައް ބެލެހެއްޓުމަކީވެސް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމެއް. އާދެ! އެކަމާ ސަރުކާރުން ޙަވާލުވެވަޑައިގެންފައިވާ ސަރުކާރުގެ ރަސްމީ ފަރާތަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދިވެހިރާއްޖޭގެ ކޯސްޓްގާޑް. ކޯސްޓްގާޑުގެ ފަރާތުން މިކަން ކުރައްވާލެއް ފުރިހަމަކަމަށްޓަކައި، ކޮންމެ އަހަރަކުވެސް ކޯސްޓްގާޑަށް އެކަމުގެ އިނާމެއް ސަރުކާރުން މިދަނީ ދެމުން. އެގޮތުން މިރޭވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް މިތަނުން އިނާމެއް ގެންދެވިތަން. ޝައްކެއްނެތް. އެއިންވެސް ދައްކައިދެނީ، ކޯސްޓްގާޑުން އެ ކުރައްވާ ޚިދްމަތުގެ އަގު، ފިޝަރީޒް މިނިސްޓްރީންނާއި ދިވެހި ސަރުކާރުން ވަޒަން ކުރައްވާކަން. އާދެ! ކޯސްޓްގާޑުން އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތް ކުރެއްވުމުގައި، އެ ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި، އެ ދެފަރާތަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަދު އަޅުގަނޑު ކުޑަހުވަދުއަށް އައުމުން، ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ކުޑަހުވަދުއަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް މިއަދު ލިބުނު ވަރަށްބޮޑު އުފަލެއް. އަދި އަބަދުވެސް އަޅުގަނޑަށް ލިބޭ އުފަލެކޭ ދަންނަވާލަންޖެހޭ. މީގެކުރިން, ކުޑަހުވަދުއަށް އަޅުގަނޑު ހަފަހަރަކު ޒިޔާރަތް ކޮށްފިން. މިއީ ހަތްވަނަ ފަހަރު. އެންމެފަހުން އަޅުގަނޑަށް މިރަށަށް ޒިޔާރަތް ކުރެވިފައިވަނީ، މީގެ 7 އަހަރު ކުރިން. އާދެ! 2001 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު.

އަޅުގަނޑު ކުޑަހުވަދުއަށް މި އަންނަ އައުމުން، އަޅުގަނޑަށް އެނގޭ އެއްޗަކީ، ކުޑަހުވަދޫ ރައްޔިތުންނަކީ، ތަޢުލީމާއި ތަރައްޤީއަށް ވަރަށް ލޯބިކުރައްވާ ބަޔެއްކަން. މެހްމާނުންނަށް ކަމޭހިއްތަވައި، އަދި އަވަށްޓެރިންނަށް ކަމޭހިއްތަވައި އިޙްތިރާމު ކުރައްވާ ރައްޔިތެއްކަން. އަމަންއަމާންކަމަށް ލޯބިކުރައްވާ، އަމާން ވެށްޓެއްގައި ދިރިއުޅުއްވާ ރައްޔިތެއްކަން. އާދެ! މިގޮތުން މިހާރު މިރަށުގައި އެހެން ދެ ރަށެއްގެ ރައްޔިތުންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން ގެންދާކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. ގެމެންދޫގެ އެންމެންނާއި އަދި ވާނީގެ ވަރަށްގިނަ ޢާއިލާތަކުގެ މީހުން. މިރަށުގައި މިހާރު ސުނާމީއަށްފަހުގައި، އެމީހުންނަށް ގެދޮރު އިމާރާތް ކޮށްދެވިގެން، މިރަށުގައި ވަރަށް އުފަލާއެކު ދިރިއުޅެމުން އެބަދޭ. އަދި ކުޑަހުވަދޫ ރައްޔިތުން، އެމީހުންނާ ދޭތެރޭގައި ބަހައްޓަވާ ގާތްގޮތާއި، އެ ދެއްވާ މެހްމާންދާރީކަމުގެ ފުރިހަމަކަމުން، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް، ކުޑަހުވަދޫ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކުޑަހުވަދުއަކީ ތަރައްޤީގެ މަގުގައި ކުރިއަރާފައިވާ ރަށެއް. މިރަށަށް އައިސް ބަލައިލުމުން، އެއް އަހަރުން އަނެއް އަހަރަށް، ރަށް ކުރިއަށްދާ މިންވަރު ފެނޭ. މި ރަށަށް އައުމުން، މިރޭވެސް އަދި މިއަދު ހަވީރުވެސް، މި ރަށުގެ އިމާރާތްތަކާއި، މަގުތަކާއި، އަދި ހައްދަވާފައިވާ ޕާކުތަކާއި، އެނޫން ތަންތަން ފެނުނީމާ، ވަރަށް ފުން އިޙްސާސްތަކެއް އަޅުގަނޑަށް ކުރެވުނު. ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ކުރައްވާ މަސައްކަތުގެ ބޮޑުކަމާއި، ބުރަކަމާއި، މުހިންމުކަން އަޅުގަނޑަށް ވަޒަން ކުރެވުނު.

ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް މި ރަށުގައިވަނީ މިހާރުވެސް ހިނގާފައި. އަދި މިހާރު އިތުރު މަޝްރޫޢުތަކެއް ހިންގަން ފެށުމުގެ ތެރޭގައި މިވަނީ. އޭގެތެރެއިން އެއް މަޝްރޫޢަކީ، ކުޑަހުވަދޫގައި ވައިގެ ބަނދަރެއް އަދި ޓްރާންސިޓް ހޮޓަލެއް ހެދުމުގެ މަޝްރޫޢު. މި މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ވަނީ އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައި. މި ދެންނެވި ވައިގެ ބަނދަރާއެކު ޓްރާންސިޓް ހޮޓަލަކާއި، ޔޮޓްމެރީނާއަކާއި، ދ. މާފުށީގައި ރިޒޯޓެއް ހެދުމުގެ ހުއްދަވެސްވަނީ ސަރުކާރުން އެފަރާތަށް ދީފައި. ވައިގެ ބަނދަރު ހެދުމަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރު ހެދުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯއްދެވުމުގެ މަސައްކަތް، އެ ކުންފުނިން މިހާރު ކުރިއަށް އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ އެކަމުގެ ކޮންޓްރެކްޓްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ.

ދެން ކިތަންމެ ކުރުކޮށް ނަމަވެސް ދަންނަވާލަން މިއޮތީ، ރާއްޖެއަށް އަންނަމުންމިދާ އިޞްލާޙީ ބަދަލުތަކުގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ފަދައިން، 2004 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަރަށް މުހިންމު ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް މިގެންދަނީ ހިންގަމުން. މަޤްޞަދަކީ ޒަމާނާ ގުޅޭ މިނިވަން ޑިމޮކްރަސީއެއް ރާއްޖެއަށް ތަޢާރުފު ކުރުން. އެގޮތުން މިހާރުވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރެވި، ވަރަށްގިނަ ކާމިޔާބީތަކެއް ޙާޞިލުކުރެވިފައި. ކޮންމެހެން އޭގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށްނެތިން. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވަނީ، އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމޭ. އެ މަސައްކަތުގެވެސް ވަރަށްބޮޑު ބަޔެއް މިހާރުވަނީ ނިމިފައި. ދެން ނުނިމި އޮތީ ވަރަށްމަދު ބަޔެއް. އަޅުގަނޑަށް ޔަޤީން ކުރެވޭގޮތުގައި، މިމަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފަށްޓަވައިގެން ކުރިއަށް ގެންދަވާ ގެންދެވުމުގައި، ދެންހުރި ބައިތައްވެސް ވަރަށް އަވަހަށް ނިމިގެންދާނެ. އެއީ އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކުރައްވާނެ ދުވަހެއް.

ޤާނޫނުއަސާސީ އިޞްލާޙުވެ ނިމުމުން، އޭގެ މައްޗަށް ހެދޭ ޤާނޫނުތަކެއް ހުންނާނެ. އަދި ޚާއްޞަކޮށް، މިއަހަރަކީ ރާއްޖޭގައި ފުރަތަމަފަހަރަށް ގިނަ ޕާޓީތަކެއް ވާދަކުރާ ރިޔާސީ އިންތިޚާބެއް ބޭއްވޭ އަހަރު ކަމަށްވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއްވެސް، ޤާނޫނުއަސާސީ ފާސްވީމާ ކުރަންޖެހޭނެ. އެކަންތައްތައް އިރާދަކުރެއްވިއްޔާ ކާމިޔާބާއެކު ކޮށް ނިމިގެން، މިއަހަރުގެ ތެރޭގައި، ކުރިން މިދެންނެވިފަދަ ރިޔާސީ އިންތިޚާބެއް. އާދެ! ރާއްޖޭގައި ތަފާތު ޕާޓީތަކުގެ މެދުގައި ވާދަކުރެވިގެން ބާއްވާ ރިޔާސީ އިންތިޚާބެއް ބޭއްވޭނެ. އަދި އެ އިންތިޚާބުވާނީ، އިރާދަކުރެއްވިއްޔާ ވަރަށް މިނިވަން، އިންޞާފުވެރި އިންތިޚާބަކަށް. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން މިގެންދަނީ ކުރަމުން. ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެސް މިދަނީ ވަމުން. އެހެންވީމާ، އެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. ކުޑަހުވަދޫ ރައްޔިތުންނަކީވެސް ވަރަށް ހޭލުންތެރި ރައްޔިތަކަށްވާތީ، މިހާރު ދެކެވޭ ވާހަކަތަކުގައި އެހުރި ރަނގަޅާއި ނުބައި ކުޑަހުވަދޫ ރައްޔިތުންނަށްވެސް އިޙްސާސް ކުރެއްވޭނެތީ، އެ ބޭނުމުގައި ދަންނަވާލި ވާހަކައެއް.

އިރާދަކުރެއްވިއްޔާ މިހާރުގެ ޤާނޫނުއަސާސީ ބުނާގޮތުން، މިހާރުގެ ސަރުކާރު ނުވަތަ އެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުވެފައިވާ ރައީސުލްޖުމްހޫރިއްޔާގެ މުއްދަތު ހަމަވާނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ 10ގެ ނިޔަލަށް. އެހާތަނާ ޖެހެންދެން މާތްﷲގެ ހެޔޮ ރަޙްމަތާއި ވާގިފުޅާއި މަދަދާ އެކީގައި، އަދި އެކަލާނގެ މިންވަރު ކުރައްވާ ގޮތެއްގެ މަތިން، އެ ތާރީޚާ ހަމައަށް މި މަގާމުގައި ދެމިހުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ނުވެނުދާނެ.

އެހެންވީމާ، މިހާރު އެ ދެކެވޭ ވާހަކަތަކުގައި، ކޮންމެވެސް އެހެން ސަރުކާރެއްގެ ވާހަކަ ދެކެވޭތީ، އެއީކީ ޙަޤީޤީ ވާހަކައެއް ނޫންކަން، އެއީކީ އަޅުގަނޑުމެންގެ ޤާނޫނު ތަންދޭ ކަމެއް ނޫންކަން، އެއީ ވަރަށްބޮޑު އޮޅުމެއްކަން، އަޅުގަނޑު ހިތުން ކުޑަހުވަދޫ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

އާދެ! މިރޭ ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުންދޭ ޢާންމު ޚިދްމަތުގެ އިނާމު ލިބިވަޑައިގެންފައިވާ މި ރަށުގެ ދެ ބޭފުޅެއްގެ ވާހަކަ. އޭގެތެރެއިން އެއްބޭފުޅަކީ، މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ބޭފުޅެއް. އެބޭފުޅަކީ 1992 ވަނަ އަހަރު ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި މިރަށު ފިނިހިޔާގޭ އަލްމަރްޙޫމް އިބްރާހީމް މުޙަންމަދު. އޭނާގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން. އަނެއް ބޭފުޅަކީ އަލްފާޟިލް މޫސާ ޢަލީ. މިހާރު އޭނާ ހުންނެވީ އަމީނިއްޔާ ސްކޫލްގެ ސުޕަވައިޒަރެއްގެ މަގާމުގައި. ދިވެހި މުދައްރިސެއްގެ ގޮތުން، އެސްކޫލަށް އަދި ދަރިވަރުންނަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އޭނާއަށްވަނީ މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައި. ދިވެހިބަހަށް ޚިދްމަތް ކުރުމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް ލިބިވަޑައިގަތީ، 1996 ވަނަ އަހަރު.

ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔުއްވައިގެން ސަރުކާރުންދޭ ޚާއްޞަ އިނާމުވެސް މިރަށުގެ ދެ ބޭފުޅަކުވަނީ ހޯއްދަވާފައި. އެއީ 2004 ވަނަ އަހަރު މި އިނާމު ޙާޞިލު ކުރެއްވި މިރަށު ނޫރާނީގޭ އަލްފާޟިލް ޝަމްސުލްފަލާޙާއި، މިދިޔަ އަހަރު މި އިނާމު ޙާޞިލު ކުރެއްވި މިރަށު ބްލޫނައިޓް އަލްފާޟިލާ އާމިނަތު ރީނާޒާ. މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރުމަކީ، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމެއް. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މި ރޮނގުން ތަފާތު މަޝްރޫޢުތައް ރާއްޖޭގެ އަތޮޅުތަކުގައި ވަނީ ހިންގިފައި. އަދި ވަރަށްގިނަ އިދާރީ ބަދަލުތައްވެސް ވަނީ ގެނެވިފައި. ވަރަށްގިނަ ފަންނީ ވަސީލަތްތައްވެސް ވަނީ އަތޮޅުތަކުގައި ޤާއިމުކުރެވިފައި.

މި ހުރިހާ ކަމެއްވެސް ވަމުން މިދަނީ ކަމާބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން. އާދެ! އެހެންކަމުން، އަތޮޅުތަކާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު ހަނދާންކޮށް، މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށާއި، އެމިނިސްޓްރީގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަކީ، އެ މިނިސްޓްރީއާ ހަވާލުވެވަޑައިގެންފަހުން އަދި މާގިނަ ދުވަހެއް ވެފައިނުވާ ބޭފުޅަކަށްވިޔަސް، އޭނާއަކީ ކުރިންވެސް އެ މިނިސްޓްރީގައި ޚިދްމަތް ކުރެއްވި ވެރިޔެއް. ހަމައެހެންމެ، އަތޮޅުތަކުގެ ކަންތައްތައް ވަރަށް ބޮޑަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. އަދި މިހާރު އޭނާއަކީ، އޭނާގެ ރަސްމީ މަގާމުގެ އިތުރުން، ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ޒަޢީމަކަށްވެސްވާތީ، އަޅުގަނޑާއި ތަސްމީނާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އޮވޭ. ތަސްމީން ކުރައްވާ ޚިޔާލުފުޅުތަކާއި، ވިސްނުންފުޅުތަކާއި، ކުރައްވާ މަސައްކަތްތައް އަޅުގަނޑަށް ވަރަށްގާތުން ފެނޭ. އަދި އެނގޭ. އެހެންވީމާ، އެކަމަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އެމަނިކުފާނަށް ދަންނަވަން. ހަމައެހެންމެ، އޭގެ ކުރިން އެ ވުޒާރާ ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށްވެސް އަޅުގަނޑު މިފުރުޞަތުގައި ޝުކުރު ދަންނަވަން.

މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު އަނީސްވެސް އެ މަގާމުގައި އަދި މާގިނަ ދުވަސް ވޭތުކުރައްވާފައެއްނުވޭ. އެހެން ނަމަވެސް، އޭނާއަކީ އެކަމަށް ވަރަށް ޤާބިލް، ވަރަށް ހުނަރުވެރި ބޭފުޅެއްކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އަދި ހުރިހާ ރަށްރަށެއްގެ މަޢުލޫމާތު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ. އަޅުގަނޑު މި އަތޮޅަށް އައި އައުމުންވެސް، ހަމަ ކޮންމެ ކަމެއްގެ ވާހަކަ ދަންނަވާލިޔަސް ވަގުތުން ޖަވާބު ދެއްވާ. ވަރަށް ފުރިހަމައަށް އެކަން އޮންނަނީ ބައްލަވާފައި. އެހެންވީމާ، އެ ކުރައްވާ މަސައްކަތުގެ އަގުވެސް އަޅުގަނޑު ވަޒަންކޮށް، އަލްފާޟިލް މުޙަންމަދު އަނީސަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިއަދު މިއަތޮޅުގެ ބައެއް ރަށްރަށަށް މި ފެށި ދަތުރުގައި، މި އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދުވެސް ބައިވެރިވެވަޑައިގެންދެއްވާ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، އޭނާއަކީ މި އަތޮޅުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. މިހާރުވެސްވަނީ ވަރަށްގިނަ ކަންތައްތައް ކޮށްދެއްވާފައި. އަދި މިހާރުވެސް އެ ގެންދަވަނީ ކޮށްދެއްވަމުން. އޭނާއަކީ، އަތޮޅުގެ އެކިރަށްރަށަށް ދިމާވާ އެކިކަންކަމުގައި ވަރަށްގިނަ ގޮތްގޮތުން އެހީތެރިވެދެއްވާ ބޭފުޅެއް. އެހެންކަމުން، މިފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އޭނާއަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! މިރޭގެ ވާހަކަ ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެންވީމާ، ދެން އަޅުގަނޑު ގަސްދުކުރަނީ ނިންމާލަން. މާދަމާވެސް އަދި ބައެއް ޕްރޮގްރާމްތައް ވަރަށް ހެނދުނާ ފަށަން އެބަހުރި. އަދި މިރޭވެސް މީގެފަހުންވެސް ބައެއް ކަންތައްތައް އެބަހުރި.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށާއި، އަދި މަސްވެރިކަމުގެ ވުޒާރާގެ މިނިސްޓަރަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ކުޑަހުވަދުއަށް އައުމުން، އަދި މިއަތޮޅަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިންގެ ފަރާތްޕުޅުންނާއި، އަތޮޅުއޮފީހުގެ ވެރިންނާއި، ރަށްރަށުގެ ވެރިންނާއި، އަދި އަޅުގަނޑު މިހާތަނަށް ޒިޔާރަތްކުރި ހުރިހާ ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

މާތްﷲ އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވާށި! އަދި އެކަލާނގެ ދައްކަވާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން އަބަދުމެ ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! ރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ މިންވަރުކޮށްދެއްވާށި! މަސްވެރިންނަށާއި އަދި ރާއްޖޭގެ އިޤްތިޞާދުގައި ޙަރަކާތްތެރިވާ އެހެން އެންމެންމެންނަށް އުފާފާގަތިކަމާއި، ބާއްޖަވެރިކަމާއި، ތަނަވަސްކަމާއި ތަރައްޤީ މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.