بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދުގެ މި އުފާވެރި ވަގުތުކޮޅުގެ ތެރޭގައިވެސް، އަޅުގަނޑު އިއްޔެ ކުޑަހުވަދުއަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ތަކުރާރުކޮށްލަން. ހަމައެހެންމެ އިއްޔެ ނޫން އިހަށްދުވަހު އެ ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާވެސް ތިޔަބޭފުޅުންނަށް ފަށްފަށްކޮށް ދަންނަވަން.

މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވުމަށް ކުޑަހުވަދުއަށް އަޅުގަނޑު މިކުރާ ޒިޔާރަތުގައި، ކުޑަހުވަދޫގައި މިހާރު ބިނާކުރެވިފައި މިވާ ޕްރީ-ސްކޫލް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ދެއްވި ކަމަށްޓަކައިވެސް މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ކުޑަހުވަދޫ ޕްރީ-ސްކޫލަކީ، ކުޑަހުވަދޫ ރައްޔިތުންގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުން ވަރަށް ރީތިކޮށް ރަމްޒުކޮށްދޭ ކަމެއް. އެކަމުގެ ވަރަށް ރީތި މިސާލެއް. އަދި ކުޑަހުވަދޫ ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތެއްކަން ސާބިތުކޮށްދޭ އިތުރު ހެތްކެއް. ދެންމެ ކުޑަހުވަދޫ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މި މަޝްރޫޢަކީ މިރަށުގެ ރައްޔިތުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ހިންގަވާ މަޝްރޫޢެއް. އެކަމަށް ބޭނުންވާ ފައިސާ، ވަރަށް ދީލަތި ފަރާތްތަކަކުންވަނީ ދެއްވާފައި. އޭގެތެރޭގައި، މިއަތޮޅުގެ ޢިއްޒަތްތެރި ދެ މެންބަރުން، އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދާއި، އަލްފާޟިލް އަޙްމަދު ނާޝިދުވެސް ހިމެނިވަޑައިގަންނަވާ. އަދި ސަރުކާރުގެ ބައެއް ފަރާތްތައް، ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުންވެސްވެސް މިކަމަށް ވަރަށް ދީލަތި އެހީފުޅެއް ވެދެއްވި ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، މިދެންނެވި ބޭފުޅުންނަށާއި، ސަރުކާރުގެ ފަރާތަށް، އަދި މިނޫނަސް މި މަޝްރޫޢަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ޕްރީ-ސްކޫލް އިމާރާތް ކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ، ސުނާމީ ކާރިސާއަށްފަހު، ކުޑަހުވަދުއަށް ދިރިއުޅުން ބަދަލުކުރި އެހެން ރަށްރަށުގެ ޢާއިލާތަކުގެ ކުޑަކުދިންނަށް ޕްރީ-ސްކޫލް ތަޢުލީމު ދެވޭނެ މަގު ފަހިކޮށްދެއްވުން. ޝައްކެއްނެތް. އެއީ މިރަށުގެ ރައްޔިތުން ކުރައްވާ ވަރަށް މާތް، ވަރަށް ރަނގަޅު ކަމެއް.

އާދެ! އަޅުގަނޑު ރޭގެ ވާހަކައިގައި ދަންނަވާލި ފަދައިން، ކުޑަހުވަދުއަށް ހިޖުރަކުރި ގެމެންދޫ މީހުންނާއި އަދި ވާނީ މީހުންނަށް ކުޑަހުވަދޫ ރައްޔިތުން ވިދާޅުވެފައިވަނީ ވަރަށް ހޫނު މަރްޙަބާއެއް. އެ ޢާއިލާތަކަށް ކުޑަހުވަދޫން ދެއްވާފައިވަނީ ވަރަށް ރަނގަޅު މެހްމާންދާރީކަމެއް. އެކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. ޙަޤީޤަތުގައި އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މުސްލިމުން. ތަފާތު ރަށްރަށުގައި ދިރިއުޅެން ދިމާވި ނަމަވެސް، އަޅުގަނޑުމެންނަކީ މި ދެންނެވި ދެޙައިޘިއްޔަތުން ބަލާއިރު ހަމަ އެއްބަޔެއް. މުސްލިމުން، ދިވެހިން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އެމީހަކު އުފަންވީ ރަށް އެއީ ތަފާތު ރަށަކަށް ވިޔަސް، އެނޫން ގޮތަކުން އެއްވެސް ކަހަލަ ތަފާތެއް އޮވެގެނެއް ނުވާނެ. އެގޮތުން މިރަށުގެ ރައްޔިތުން މި ދެއްކެވި ރީތި ނަމޫނާ އެއީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަވާ އަދި އެކަމަށް ޝުކުރު އަދާކުރައްވާ ނަމޫނާއެއް ކަމުގައި އަޅުގަނޑު ދެކޭ ވާހަކަ ދަންނަވާލަން.

އާދެ! މިއަދުގެ މި އިޙްތިފާލަކީ، މާދިގުކޮށް ވާހަކަ ދައްކާގޮތަށް ހަމަޖެހިފައިވާ އިޙްތިފާލެއް ނޫން. އެހެން ނަމަވެސް، އަދިވެސް އެއްފަހަރު މި އުފާވެރި މުނާސަބަތުގައި، ކުޑަހުވަދޫ ވެރިންނަށާއި ރައްޔިތުންނަށާއި އަދި ލޮބުވެތި ކިޔަވާ ކުދިންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަމުން އަދި މި ޕްރީ-ސްކޫލް އިފްތިތާޙު ކޮށްދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ކުޑަހުވަދޫ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތަރައްޤީގެ މަގުތައް އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުން. ޚާއްޞަކޮށް، ރާއްޖެއަށް ބޭނުންވާ ތަޢުލީމާއި، ޞިއްޙަތާއި އަދި އިޤްތިޞާދީ ކުރިއެރުމާއި، ސިޔާސީ ހަމަޖެހުމާ، މިކަންކަމުގައި އެކަލާނގެ އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތައް އިލްހާމް ކޮށްދެއްވައި، އެގޮތްތަކުގައި ހިފެހެއްޓުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ސަބަބުން ރާއްޖެއަށް އަބަދުވެސް އިތުރު ކުރިއެރުމާއި ތަރައްޤީއާއި، އުފާފާގަތިކަން ﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.