بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިއަދު ކިތަންމެ ކުއްލިގޮތަކަށް ނަމަވެސް، ބަނޑިދުއަށް އަޅުގަނޑަށް މި އާދެވުނު އާދެވުމަކީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ބަނޑިދުއަށް އައުމުން، ބަނޑިދޫގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެހެންނަމަވެސް، މިދަތުރުގެ ޕްރޮގްރާމްގައި ބަނޑިދޫ ހިމެނިފައިނެތީމާ، ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ އަލްފާޟިލް މުޙަންމަދު ޢުމަރު އެ ވިދާޅުވި ފަދައިން، ބަނޑިދޫ ރައްޔިތުން އަޅުގަނޑުގެ ޒިޔާރަތަށް ތައްޔާރުވެވަޑައިގަތުމަށްޓަކައި އެއްވެސްކަހަލަ ކަމެއް ކުރެއްވޭވަރުގެ ފުރުޞަތެއް ލިބިވަޑައިގެންފައެއްނުވޭ. އެއީ މިދެންނެވި ސަބަބަށްޓަކައި.

އަޅުގަނޑު މި ކުރާ ދަތުރަކީ، ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަތޮޅު ކުޑަހުވަދޫގައި ކަމަށްވާތީ، އެ ރަށަށް ކުރާ ދަތުރެއް. އެރަށަށްދާ ދިޔުމެއްގައި އަޅުގަނޑު މިރަށަށް މިއައީ. މި ދަތުރުގެ ޕްރޮގްރާމްގައި ހިމެނިފައިވާ ރަށްތަކުގެ ތެރޭގައި ބަނޑިދުއެއް ނުހިމެނޭ. އެއީ ބަނޑިދޫ ކޮންމެހެން ހިމަނަން ބޭނުންނުވެގެނެއް ނޫން. އެކަމަކު އަޅުގަނޑުމެން މި ދަތުރު ރާވާއިރު، ކޮންމެވެސް އުޞޫލަކުން ބައެއް ރަށްރަށް ހޮވާފައި، އެ ރަށްރަށަށް ދަތުރުކުރަމުން މިގެންދަނީ. އެގޮތުން މިފަހަރު މިރަށް ނުހިމެނުނީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަކުރަން. އެހެން ނަމަވެސް، މިރަށަށް އާދެވުނީތީ އަދިވެސް އެއްފަހަރު ﷲގެ ޙަޟުރަތަށް ޝުކުރު ދަންނަވައި، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ރައްދުކުރަން.

އާދެ! މި ރަށަށް އަޅުގަނޑު މިއަދު ޒިޔާރަތް ކުރުމުގައި ﷲ މެދުވެރިކުރެއްވި އެންމެބޮޑު ސަބަބަކީ، މި އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު. އޭނާ އަޅުގަނޑު ގާތު ވިދާޅުވި، ބަނޑިދުއަށް ހަމަ ކިތަންމެ ކުޑަވަގުތުކޮޅަކަށް ނަމަވެސް ގޮސްލުމަކީ ހަމަ ބޭނުންކަމެކޭ. ބަނޑިދޫ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގެން ތިއްބެވި ކަމެކޭ. އެހެންވީމާ، އަޅުގަނޑު މި ރަށަށް މިއައީ. އެހެންވީމާ، މި ރަށަށް އަޅުގަނޑު މިއަދު އައި އައުމުގައި ޝުކުރު ޙައްޤުވާ ފަރާތަކީ، އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު.

އާދެ! އެނގިވަޑައިގަންނަވާނެ އޭނާއަކީ، މި އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއް. ޚާއްޞަ މަޖިލީހުގައިވެސް އެގޮތުން ހިމެނިވަޑައިގަންނަވާ މެންބަރެއް. އަދި އޭނާއަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ޒަޢީމެއް. މި ހުރިހާ ގޮތަކުންވެސް އޭނާ މި އަތޮޅަށް ދެއްވާ އަހަންމިއްޔަތާއި، މި އަތޮޅުގެ ކަންތައްތަކުގައި ބަހައްޓަވާ ގާތް ގޮތް، ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި މި އަތޮޅުގެ ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތަކުގައި އޭނާވަނީ ޝާމިލުވެވަޑައިގެންފައި. އަޅުގަނޑު ހިތުން އޭނާގެ ފަރާތުން މި އަތޮޅުގެ ވަރަށްގިނަ ރަށްރަށަށް ނުވަތަ ހުރިހާ ރަށަކަށް އެހީތެރިކަން ލިބެމުންދާނެ. ލިބެމުންވެސްދޭ. އަދި އޭނާ އެ ކުރައްވާ މަސައްކަތުގެ ފައިދާ، އާދެ! ފަތުރުވެރިކަމުގެ މަސައްކަތުގެ ފައިދާވެސް މި އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބެމުން އެބަދޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަމަށްޓަކައި އަޅުގަނޑު އަޙްމަދު ޞިޔާމް މުޙަންމަދަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމޭ. އަދި އެގޮތުގައި އޭނާ ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން އޮތުމާ އެކީގައި، އެކަންވެސް ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމޭ.

އާދެ! މިއަދަކީ 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަސް. އިއްޔެ އަޅުގަނޑުމެން މީލާދީ އާ އަހަރަކާ ކުރިމަތިލީ. އެހެންވީމާ، މި އުފާވެރި މުނާސަބަތުގައި، މީލާދީ އާ އަހަރުގެ ތަހުނިޔާވެސް ބަނޑިދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން.

އާދެ! މި ރަށުގެ ރައްޔިތުންނަކީ މަސްވެރިކަމަށް ވަރަށް ލޯބިކުރައްވާ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުން ވަރަށް ރަނގަޅު އާމްދަނީއެއް މިހާރު ހޯއްދަވަމުން ގެންދަވާ ބަޔެއް ކަމަށް ދެންމެ އަލްފާޟިލް މުޙަންމަދު ޢުމަރުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. މަސްވެރިކަމަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ޞިނާޢަތެއް. އެ ޞިނާޢަތުގައި މި ރަށުގެ ރައްޔިތުން އެހާބޮޑަށް ޙިއްޞާވެވަޑައިގަންނަވާކަމީ، ޝައްކެއްނެތްގޮތުގައި އޭގެ ހެޔޮ ނަތީޖާ، މިރަށު ރައްޔިތުންނަށް ލިބެމުންދާ ކަމެއް. އަދި ކުރިއަށް އޮތް ތާނގައިވެސް ލިބެމުންދާނެ ކަމެއް.

އޭނާގެ ވާހަކައިގައި މި ރަށަށް ދިމާވެފައިވާ ވަރަށްބޮޑު ދެ ކަމެއްގެ ވާހަކައަށް އިޝާރާތް ކުރެއްވި. އެއްކަމަކީ ސުނާމީ ކާރިސާގައި މި ރަށު ބަނދަރު ހަލާކުވުން. އަނެއްކަމަކީ މި ރަށުގެ ކަރަންޓުގެ ދަތިކަން. މި ދެކަމަކީވެސް ސަރުކާރުގެ ވިސްނުމުގެ ތެރޭގައިވާ ކަންތައްތައް. އެނގިވަޑައިގަންނަވާނެ ފަދައިން، ސުނާމީ ކާރިސާގައި ތަފާތު ގޮތްގޮތުން ވަރަށް ގިނަ ގެއްލުންތައް ރާއްޖޭގެ ރަށްރަށަށްވަނީ ލިބިފައި. އޭގެތެރޭގައި ބައެއް މީހުންގެ ގެދޮރުނެތިދިޔުމާއި، ގެދޮރު ވަރަށް ބޮޑަށް ހަލާކުވުމާއި، އަދި ބަނދަރުފަދަ ތަންތަން ހަލާކުވެގެން ދިޔުމާއި، މަސްދޯނިފަހަރު ގެއްލިގެން ދިޔުމާއި، އަދި އެހެންވެސް އެކިއެކި މުއައްސަސާތަކަށް ބޮޑެތިބޮޑެތި ގެއްލުންތައް ލިބުން ހިމެނޭ. އެކަންތައްތައް ފޫބެއްދުމަށްޓަކައި ސަރުކާރުން މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ބަނޑިދޫ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަވެސް އޭގެތެރޭގައި ހިމެނޭ. އެއީ ބަނދަރުގެ ކަންތައް. ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ބަނދަރުތައް މަރާމާތު ކުރުމުގެ މަޝްރޫޢެއް ވަނީ ސަރުކާރުން ފަށާފައި. އެމަޝްރޫޢުގައި ވަރަށްގިނަ ރަށްރަށް އެބަހުރި. އޭގެތެރެއިން އެއްރަށް ބަނޑިދުއަކީ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވެގެން މި އުޅޭ ވާހަކައަކީ، އަޅުގަނޑު މިއަދު މި ރަށަށް އަންނަން ކުރިއްސުރެ ހަމަޖެހިފައި ނެތީމާ، އެކަމާބެހޭ ހުރިހާ މަޢުލޫމާތެއް އަޅުގަނޑަށް އޮޅުންފިލުވިފައެއް ނެތޭ. މިތަނަށް ހަމަ މިއައީ އެކަހަލަ އެއްވެސް މަޢުލޫމާތެއް ނުހޯދާ. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭގޮތުގައި ބަނޑިދުއަކީވެސް ސުނާމީ ކާރިސާގައި މި ރަށުގެ ބަނދަރަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު ރަށަކަށްވާތީ، މި ރަށްވެސް އޮތީ ބަނދަރު މަރާމާތު ކުރުމުގެ ބައިގައި ހިމެނިފައި. އެހެންނަމަވެސް، މަސައްކަތް ފެށޭނީ ކޮން ދުވަހަކުން ކިހާއިރެއްގައި ކަމެއް، އެހެން ދަންނަވާކަށްނޭނގެ، އެ މަޢުލޫމާތު އަޅުގަނޑަށް ހޯދިފައި ނެތީމާ. އެހެން ނަމަވެސް، އެކަމަކީ އިރާދަކުރެއްވިއްޔާ، ސަރުކާރުން ކޮށްދޭނެ ކަމެއް. ކުރާނެ ކަމެއް.

ދެން އޮތީ ކަރަންޓުގެ ކަންތައް. އަޅުގަނޑަށް އެބައި އެނގުނު. އަތޮޅުވެރިންގެ ވާހަކަފުޅުންނާއި، އަދި އެހެން ބޭފުޅުންގެ ވާހަކަފުޅުންވެސް، އިންޖީނުގޭގެ ޙާލަތު ވަރަށް ދަށްކަމާއި، އެކަމަށްވެސް ތިޔަބޭފުޅުން އިތުރު ރަނގަޅު ގޮތްތަކެއް ހައްދަވަން ބޭނުންފުޅުވާ ކަމަށް. އެކަމަކީވެސް ހަމަ ސަރުކާރުގެ ވިސްނުމުގެ ދަށުގައިވާ ކަމެއް. އަދި އެކަންތައްވެސް އިރާދަކުރެއްވިއްޔާ، ކުރެވެން އޮތް ގޮތަކަށް ކުރިއަށް ގެންދާނެ. އަޅުގަނޑަށް އެނގޭ، ކޮންމެ ރަށަކަށްވެސް ދިމާވެފައިވާ ދަތިތަކެއް އަދިވެސް ހުންނާނެކަން. އެ ހުރިހާ ދަތިތަކަކީ އެއްފަހަރާ ފިލުވައިލެވޭނެ ދަތިތަކެއް ނޫން. ބޭނުމަކީ އެ މަޤްޞަދުގައި މަސައްކަތް ކުރަން ފެށުން. އެ މަޤްޞަދުގައި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔުން. އެހެންވީމާ، އެކަންތައްތައް އެހެންވަމުންދާނެ ކަމަށް އަޅުގަނޑު ދެކޭ ވާހަކަވެސް ދަންނަވާލަން.

އާދެ! ކުރިންވެސް ދެންނެވި ފަދައިން، މި ރަށަކީ އަޅުގަނޑުގެ ޕްރޮގްރާމްގައި ހިމެނިފައިވާ ރަށެއް ނޫން. އަދި އެސަބަބަށްޓަކައި މާގިނަ ވަގުތު މިތާ ހޭދަކުރެވޭކަށްވެސް ނެތް. އެއީ އަޅުގަނޑު މިހާރު ކުޑަހުވަދުއަށް ދާން އެބަޖެހޭ. އެތާނގައި މިއަދު ހަވީރުވެސް އެބަހުރި ޕްރޮގްރާމްތަކެއް ހަމަޖެހިފައި. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަން ކަމަށް. އޭގެކުރިން، ބަނޑިދޫގެ ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ވަރަށްވެސް ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް އެއީ ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ލައްވައި، އޭގެ ނަތީޖާއާއި ހެވާއި ލާބަ އަވަސް މަގަކުން ރައްޔިތުންނަށް ދެއްކެވުން. އަދި އަޅުގަނޑުމެންނަކީ އަބަދުވެސް މުސްލިމުންގެ ގޮތުގައި ތިބެ، އިސްލާމީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަން އާލާވެފައިވާ ބަޔަކަށް އަބަދުވެސް އެކަލާނގެ ލެހެއްޓެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.