بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު މިއަދު ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މި ފެށި ދަތުރުގައި، އެންމެ ފުރަތަމަ މި އާދެވުނީ، ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް، މީދުއަށް. މީދުއަށް އައުމުން، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް މުޙަންމަދު އަނީސާއި، އަދި ރަށުގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބިގެން ދިޔައީ ވަރަށް ހޫނު ތަރުޙީބެއް. ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވިދާޅުވީ، ވަރަށް ހޫނު މަރްޙަބާއެއް. އަޅުގަނޑަށް މި ރަށަށް މި އާދެވުނީ، ދުވާލުގެ އެންމެ އަވިގަދަ، ހޫނުގަދަ ވަގުތުގައި ކަމަށްވިޔަސް، އަޅުގަނޑަށް އިޙްސާސް ކުރެވުނު ގޮތުގައި އަވީގެ ހޫނަށްވުރެ ތިޔަބޭފުޅުން ވިދާޅުވި މަރްޙަބާގެ ހޫނުކަން މާގަދަ. އެހެންކަމުން، އެކަމަށްޓަކައި މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި، އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވާތީ، މި ރަށުގެ ޒުވާނުންނާއި މިރަށުގެ ރައްޔިތުން، ރަށް ތައްޔާރު ކުރެއްވުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ވާހަކަ ވިދާޅުވި. އާދެ! އަޅުގަނޑު މި ރަށަށް އައުމުން، އަޅުގަނޑަށް ދިޔައީ އެމަންޒަރު ފެނިގެން. އެކަމަށްޓަކައި މި ރަށުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ޝުކުރާ ގުޅިގެން ދަންނަވާލަން އޮތް ވާހަކައަކީ، ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން އަޅުގަނޑު އެ ރަށްރަށަށްދާތީ، ރަށް ތައްޔާރު ކުރެއްވުމަށް މާބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަކީ، އަޅުގަނޑު އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނޭ. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުގެ މި ދަތުރުތަކަކީ، ހަމަ އާދައިގެ ގޮތެއްގައި އައިސް، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައި، ރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ދެކިލައި، ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތުގެ ޚަބަރުވެސް ބަލައި، ރައްޔިތުންނަށް ދަތިވާ ކަންތައްތައް އޮޅުންފިލުވައި އަދި އެކަމުގައި ސަރުކާރަށް ވެވެން އޮތް އެހީތަކަކީ ކޮބައިތޯ ބެލުމަށް ކުރާ ދަތުރުތަކެއް. އެ ބޭނުމުގައި އަޅުގަނޑު މި އަންނަނީ. އެހެންވީމާ، މި ދަތުރުތަކަށްޓަކައި ރައްޔިތުން މާބޮޑެތި މަސައްކަތްތަކެއް ކުރައްވައި އަދި ޚާއްޞަކޮށް ޚަރަދުތަކެއް ކުރެއްވުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުންވާ ކަމަކަށް ނުވާތީ، ވަރަށް އިޙްތިރާމާއެކު އެ ވާހަކަވެސް ދަންނަވާލީ.

އާދެ! މިއީ އަޅުގަނޑު މީދުއަށް ކުރާ ހަތަރުވަނަ ދަތުރު. އެންމެފަހުން މި ރަށަށް އަޅުގަނޑު ޒިޔާރަތް ކޮށްފައިވަނީ، ތަންކޮޅެއް ކުރިން 1991 ވަނަ އަހަރު. އެ އަހަރުގެ މެއި މަހުގެ 5ވަނަ ދުވަހު. އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގިނަކަމާއި، އަދި މި މަގާމުގައި ހުންނަ މީހަކު ކުރަންޖެހޭ މަސައްކަތްތަކުގެ ބުރަކަމާއި، އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ގިނަކަމުން، މާގިނަގިނައިން ދަތުރުކުރެވޭކަށްވެސް ނޯވޭ. އަދި އެއް ރަށަށް މާގިނަފަހަރު ދެވޭކަށްވެސް ނޯވޭ. އެހެން ނަމަވެސް، މި ވޭތުވެދިޔަ ގާތްގަނޑަކަށް 29 އަހަރު ނުވަތަ 30 އަހަރު ދުވަހުގެ ތެރޭގައި، ހަތަރުފަހަރު މީދުއަށް އާދެވުނުކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ރާއްޖޭގެ ބައެއް ރަށްރަށަށް އެއަށްވުރެ މާ މަދުން އަޅުގަނޑަށް ޒިޔާރަތް ކުރެވިފައި އެބަހުރި. އެހެންވީމާ، އެ ވާހަކަވެސް ހުރިހާ ބޭފުޅުންގެ މަޢްލޫމާތަށްޓަކައި ދަންނަވާލީ.

މިއަދަކީ އަލަށް މި ފެށުނު 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަސް. އިއްޔެއަކީ މީލާދީ އާ އަހަރު ފެށުނު ދުވަސް. އެހެންކަމުން، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައްވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.

އާދެ! މީދޫގެ ތަރައްޤީއަށްޓަކައި މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވިފައި. އެ މަސައްކަތްތަކުގެ ނަތީޖާ ތިޔަބޭފުޅުން ދެކިވަޑައިގަންނަވާނެ. އޭގެތެރެއިން އެއް މަސައްކަތަކީ އަޅުގަނޑުމެން މި ޖަލްސާ ކުރަމުންމިދާ އަތޮޅު މަދަރުސާ. މިއީ މިރަށުގެ ކަތީބު އަލްފާޟިލް ޞިއްދީޤު ޢަލީ ވިދާޅުވިގޮތުގައި، މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ހިނގަމުން އަންނަ މަދަރުސާއެއް. އެހެންވީމާ، އެއީވެސް، ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ޚިދްމަތްތަކުގެ ތެރެއިން ޚިދްމަތެއް ކަމުގައި އަޅުގަނޑު ދެކެން. މީގެއިތުރުން، ރަށުއޮފީސް އިމާރާތް ކުރުމާއި، މިސްކިތް އިމާރާތް ކުރުމާއި، ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމާއި، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމަށް ކުނިކޮށި އިމާރާތް ކުރުމާއި، ޞިއްޙީ މަރްކަޒު ޤާއިމުކުރުމާއި، ޞިއްޙީ މަރްކަޒަށް ބައެއް އިތުރުކުރުން ހިމެނޭ. އަދި މިހާރުވެސް ވަރަށްގިނަ ކަންތައްތަކެއް ހިނގަމުން އެބަދޭ. އޭގެތެރޭގައި، އެންމެ މުހިންމު އެއްކަމަކީ ނަރުދަމާގެ މަސައްކަތް. ދެންމެ ކަތީބު އެކަމަށް އިޝާރާތްވެސް ކުރައްވައިފި. އަދި ލޮނުފެން މީރުފެނަށް ހަދާ މެޝިނެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. ފުޓްބޯޅަ ދަނޑަށް ވެލިއަޅައި ލެވެލް ކުރުމުގެ މަސައްކަތާއި، ވަށާފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ފުރިހަމަ ފައިދާ ލިބޭނީ، ރައްޔިތުންނާއި ވެރިންނާއި އަދި ސަރުކާރާ ގުޅިގެން ވަރަށް ވަރުގަދަ އެއްބައިވަންތަކަމުގެ ރޫޙެއްގައި މަސައްކަތް ކޮށްގެންނޭ. އެހެންވީމާ، އެއީ މިރަށުގެ ރައްޔިތުން އެކަން ކުރައްވާ ގޮތްކަން އަޅުގަނޑަށް އެނގޭތީ، އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވަމުން، ހަމަ ތިޔަފަދަ ގޮތެއްގައި ކުރިއަށް އޮތް ތާނގައިވެސް ދެމިތިއްބަވާށޭ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

އާދެ! މީދޫ ރައްޔިތުންނަކީ، މީދޫގެ ހާލަތު ރަނގަޅު ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވައި މަސައްކަތް ކުރައްވާ ރައްޔިތެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. މީދުއަކީ މީގެ ތިންއަހަރު ކުރިން، އާދެ! 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއް. ވަރަށްގިނަ ގެދޮރުވަނީ ހަލާކުވެފައި. ދެންމެ ކަތީބުގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، އިތުރު އެހެން ތަންތަނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެހެންނަމަވެސް، މީދޫ ރައްޔިތުންގެ ހިންމަތްތެރިކަމާއި މަސައްކަތްތެރިކަމާއި އަދި ސަރުކާރުގެ ފަރާތުންނާއި، ބޭރުގެ އެކިތަންތަނުން ލިބުނު އެހީގައި، މި ރަށަށް ލިބުނު މަދަދުގެ ބޭނުންކޮށްގެން، އޭގެތެރެއިން ވަރަށްބޮޑު ބައެއް އިރާދަކުރެއްވިއްޔާ މިހާރުވަނީ ފޫބެއްދިފައި. ވަރަށްގިނަ ކަންތައްތަކެއް ވަނީ ކޮށް ނިމިފައި. އަދި ދެން ހުރި ކަންތައްތައްވެސް ވަނީ ވަރަށް އަވަހަށް ނިމޭ ހިސާބަށް ގޮސްފައި.

އެކަން އެހެން ވެފައި އެވަނީ، ރައްޔިތުންގެ އެއްބާރުލެއްވުން އޮތް މިންވަރުން ކަމާއި، ވެރިންނާއި ރައްޔިތުންނާ ހުރި ގުޅުމުގެ ވަރުގަދަކަމުންކަމާއި، އަދި ސަރުކާރުން ކަންތައްތައް ރާވައި ހިންގާ ގޮތަށް ރައްޔިތުން ދެއްވާ ތަރުޙީބުގެ ބޮޑުކަމުންކަން އަޅުގަނޑަށް އެނގޭތީ، އެކަމަށްޓަކައިވެސް މީދޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މީދުއަކީ މަސްވެރި ރަށެއް. ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، ބޮޑުކަންނެލީގެ މަސްވެރިކަން މީދޫ ރައްޔިތުން ކުރައްވާ ވާހަކަ. އެނގިވަޑައިގަންނަވާނެ ފަދައިން، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބިންގާ. މަސްވެރިކަން ފުޅާކޮށް ތަރައްޤީކޮށް، މަސްވެރިކަމުގެ މަސައްކަތުން މަސްވެރިންނަށާއި، އޮޑިދޯނިފަހަރުގެ ވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، ރައްޔިތުންނަށާއި ރަށަށް ބޮޑެތި ފައިދާތަކެއް ކުރުމަކީ ތަރައްޤީއަށް ކުރެވޭ ވަރަށްބޮޑު މަސައްކަތަކަށް ވެގެންދާނެ. އެހެންކަމުން، މި ރަށުގެ ރައްޔިތުން މަސްވެރިކަމަށް ދެއްވާ އަހަންމިއްޔަތަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މި ކުރާ ދަތުރަކީވެސް މަސްވެރިކަމާ ވަރަށް ގުޅުންހުރި ދަތުރެއް. އެއީ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަތޮޅު ކުޑަހުވަދޫގައި ކަމަށްވާތީ، ކުޑަހުވަދުއަށް ދިޔުމަށްޓަކައި އަޅުގަނޑު މި ދަތުރު ފެށީ. އިރާދަކުރެއްވިއްޔާ، މި ރަށަށްފަހު ކުޑަހުވަދުއަށް ދާނަން. އަދި މިރޭ މަސްވެރިކަމުގެ ރަސްމީ އިޙްތިފާލު ކުޑަހުވަދޫގައި އޮންނާނެ.

މިފަދަ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑުމެން ހަނދާން ކުރަންވީ، ކޮންމެ ކަމަކީވެސް ތަރައްޤީވަމުން ކުރިއަރަމުންދާ ކަމެއްކަން. އެހެންވީމާ، މަސްވެރިކަމުގެ ޞިނާޢަތަކީވެސް ޒަމާނާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭނެ މަސައްކަތެއްކަން. ތަރައްޤީވާން ޖެހޭނެ މަސައްކަތެއްކަން. އަބަދު އެއްގޮތަކަށް މަސްވެރިކަން ކޮށްގެނެއް، އެކަމުން ލިބެންޖެހޭ ހުރިހާ ފައިދާއެއް ނުލިބޭނެ. ސަރުކާރުންވެސް މަސައްކަތް މި ކުރަނީ ޒަމާނީ ބަދަލުތަކާ އެއްގޮތަށް، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު ބައްޓަން ކުރަމުން ގެންދިޔުމަށް.

އާދެ! އަޅުގަނޑު މިރަށަށް އައުމުން، އަޅުގަނޑާ ބައްދަލުކުރެއްވި ރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުން ވިދާޅުވި ވާހަކަފުޅެއް. އަދި މަރްޙަބާ ވިދާޅުވުމުގެ ގޮތުން މި ރަށުން އެހުށަހެޅުއްވި ރައިވަރުގައިވެސް އައި ވާހަކައެއް. އަދި މަރްޙަބާގެ ލިޔުންތަކުގައިވެސް އޮތް ވާހަކައެއް. ހަމައެހެންމެ، ކަތީބުގެ ވާހަކަފުޅުގައިވެސް ވިދާޅުވި ވާހަކައެއް. އެ ވާހަކައަށް އަޅުގަނޑު އިޝާރަތެއް ކޮށްލަން އެބަޖެހޭ.

އެއީ މީދޫގެ ބިމުގެ ދަތިކަމުގެ ވާހަކަ. މީދުއަކީ މިހާރު މުޅިން ފުރި ބާރުވެފައިވާ ރަށެއް. އިތުރަށް ގޯތިދޭނެ އެއްވެސް ބިމެއް ނެތް ރަށެއް. މީދޫ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން މީދޫ ފަޅުން ބިން ހިއްކައިގެން، ރަށަށް ބިން އިތުރުކުރުމަކީ ސަރުކާރުން އެކަން އެގޮތަށް ކުރުމަށް ނިންމާފައިވާ ކަމެއް. އަދި އެކަމަށްޓަކައި މިދިޔަ އަހަރުގެ ބަޖެޓުގައިވެސް ކޮންމެވެސްވަރަކަށް ފައިސާ ވަނީ ހަމަޖައްސާފައި. އަދި މިހާރުވެސް މަސައްކަތް ނުފެށުނު ކަމުގައިވިޔަސް، މަސައްކަތް ފެށުމުގެ ހުރިހާ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ މީދުއަށް ބިން އިތުރުކުރުމުގެ މަސައްކަތް ފެށިގެންދާނެ.

މަރްޙަބާގެ ފޮތިގަނޑުގައި އޮތް އެއް ވާހަކައަކީ، ބިމުގެ ތަނަވަސްކަމާއި، ބަނދަރެއްގެ އުފާ ލިބުމަށް މީދޫ ރައްޔިތުންގެ ކެތް މިހާރުވަނީ މަދުވެފައޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މީދޫ ރައްޔިތުންނަށް ބޭނުންވެފައިވާ ހުރިހާ ކަންތައްތަކެއް ކޮށްދިނުމަށާއި، އަދި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ބޭނުންވާ ހުރިހާ ކަންތައްތަކެއް ކޮށްދިނުމަށް އަޅުގަނޑުގެ ކެތްވަނީ މަދުވެފައޭ.

މާތްﷲގެ ވާގިފުޅާއެކުގައި، މިހާތަނާ ޖެހެންދެންވެސް އަޅުގަނޑު ދެމި މިހުރީ އެމަސައްކަތުގައި. 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގެ ރައްޔިތުންނަށް ހުރިހާވެސް ރަނގަޅު ގޮތްތަކެއް ހޯދައިދެވޭތޯ.

އާދެ! ވަރަށްގިނަ ކަންތައްތައް ޙާޞިލުވެއްޖެ. ތިޔަބޭފުޅުންވެސް އެކަން ގަބޫލުކުރައްވާނެ. އެހެން ނަމަވެސް އަދި ވަރަށްގިނަ ކަންތައްތައް ޙާޞިލުނުވެވެސް އެބަހުރި. އެއީވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ރާއްޖޭގެ ވަސީލަތްތައްވެސް ވަރަށްމަދު. އަޅުގަނޑުމެންގެ ތަނަވަސްކަންވެސް ވަރަށްކުޑަ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް އެއްފަހަރަކާ ނުކުރެވޭނެ. ބައެއް ކަންތައްތަކަކީ ވަރަށް ދިގު މުއްދަތެއް ބޭނުންވާނެ ކަންތައްތައް. ހަމައެހެންމެ، ރާއްޖޭގެ ރަށްތަކުގެ ގިނަކަމުންވެސް އެކަން އެހެންވާނެ. ހަމަ ކޮންމެ ރަށަކަށް ބަނދަރެއްވެސް ބޭނުންވާނެ. ބިންވެސް ބޭނުންވާނެ. ނަރުދަމާގެ ނިޒާމުވެސް ބޭނުންވާނެ. ކަރަންޓުގެ ޚިދްމަތްވެސް ބޭނުންވާނެ. ސްކޫލްވެސް ބޭނުންވާނެ. ޞިއްޙީ ޚިދްމަތްވެސް ބޭނުންވާނެ. މިހެންގޮސް މިއިން އެއްވެސް ކަމެއް އަދި މިނޫން ކަންތައްތައްވެސް ބޭނުންނުވާ އެއްވެސް ރައްޔިތަކު ނޫޅޭނެ. އެއްވެސް ރަށެއްވެސް ނޯންނާނެ.

އެހެންވީމާ، މި ހުރިހާ ކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް، މީސްކޮޅު މަދު ޤައުމަކަށް، މުއްސަނދިކަންވެސް ކުޑަ ޤައުމަކަށް ގިނަދުވަސްތަކެއް ބޭނުންވާނެ. އެކަން ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް ރަނގަޅަށް ޤަބޫލުކުރައްވާ. ރައްޔިތުންނަށް އެނގިވަޑައިގަންނަވާ، ސަރުކާރުން ރައްޔިތުންގެ ޚިދްމަތުގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދާކަން. އަދި އޭގެ ނަތީޖާވެސް ފެންނަމުންދާކަން. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މި ވާހަކަ ދަންނަވާލާނަމޭ. އިރާދަކުރެއްވިއްޔާ މިކަންކަންވެސްވާނެ. ތިޔަބޭފުޅުންގެ ކެތް މަދުވެފައިވާކަން އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ކުޑަތަންކޮޅެއް އަދި އިތުރަށް ކެތްކުރެއްވުންވެސް އެއީ ހަމަ މުހިންމު ކަމެއް. އަޅުގަނޑުމެން އެންމެންވެސް އެބަ ކެތް ގަދަކުރަންޖެހޭ. ބޭނުންވާ ހުރިހާ ކަމެއް އެއްފަހަރަކާ ނުވާނެ. އެކަން ކުރުމަށް މަސައްކަތްކުރާ ކަމަށްވަންޏާ، މާތްﷲގެ ވާގިފުޅާއެކު ހުރިހާ ކަމެއްވެސް އޮންނާނީ، ވަކި މުއްދަތެއްގެ ތެރޭގައި ކުރެވިފައި. އެގޮތް މީދޫ ރައްޔިތުންވެސް ގަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ! މީދޫ ރައްޔިތުންނަކީ ރަށުގައި ތިއްބެވި ދުވަސްވީ ބޭކަލުންނާއި ބޭކަނބަލުންނަށް ވަރަށް އިޙްތިރާމް ކުރައްވާ ބައެއްކަން އަޅުގަނޑަށް އެނގޭ. ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމް އަދާކުރުމަކީ ވަރަށް މާތް ސިފައެއް. މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވާފައިވާ ކަމެއް. ޙަޤީޤަތުގައި މުޖްތަމަޢުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެކިކަހަލަ ކަންކަމުގެ އެހީއަށް ބޭނުންވާ މީހުން، މިދެންނެވީ ޞިއްޙަތު ސަލާމަތުން ތިބޭ ޒުވާނުންނާއި ހަރުމީހުން ނޫން އެހެން މީހުން. މިސާލަކަށް: ކުޑަކުދިން، ޢުމުރުން ދުވަސް މީހުން، ބަލިމީހުން، އެހެނިހެން ގޮތްގޮތުންވެސް އެކިއެކި ނުކުޅެދުންތެރިކަން ލިބިފައިވާ މީހުން، މި އެންމެންނަކީވެސް މުޖްތަމަޢުގެ ބަޔެއް. މިއިން ކޮންމެ ބަޔަކީ މުޖްތަމަޢުގެ މުހިންމު ބަޔެއް. އެބަޔަކާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކަންތައް ކުރަންޖެހޭނެ. އެ ބަޔަކަށް ކަމޭހިތަންޖެހޭނެ. އެ ބަޔަކަށް ދިރިއުޅުމުގެ މަގުތައް ތަނަވަސްކޮށްދޭން ޖެހޭނެ.

އެގޮތުން رســول اللّـه صـلّى الله علـيـه وسـلّم ޙަދީޘް ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވޭ. "ކުޑަކުދިންނަށް އޯގާތެރިނުވާ އަދި މުސްކުޅިންނަށް ކަމޭނުހިތާ މީހުންނަކީ، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިންވާ ބައެއް ނޫނޭ."

ކުޑަކުދިންނަށް އޯގާތެރިނުވާ އަދި އުމުރުން ދުވަސްވީ މީހުންނަށް، މުސްކުޅިންނަށް ކަމޭނުހިތާ މީހުންނަކީ ތިމަންނާމެންގެ ތެރެއިންވާ ބަޔެއް ނޫނޭ. ވަރަށް ވަރުގަދަ ބަސްފުޅެއް. ވަރަށް މާނަހުރި މުހިންމު ޙަދީޘްފުޅެއް. މިއިންވެސް މި އެނގެނީ އަޅުގަނޑުމެން، ކުޑަކުދިންނަށްވެސް އޯގާތެރިވާންޖެހޭނެކަން. ކުޑަކުދިންދެކެ ލޯބިވާންޖެހޭނެކަން. ކުޑަކުދިންނަށް، އެ ކުދިން ބޭނުންވާ ކަންތައްތައް ފުއްދައިދޭން ޖެހޭނެކަން. ރަނގަޅު ގޮތްތައް ހޯދައިދޭންޖެހޭނެކަން. ހަމައެހެންމެ، ޢުމުރުން ދުވަސްވީ މީހުންނަށާއި މުސްކުޅިންނަށް ކަމޭހިތައި، އެމީހުންނަށް އިޙްތިރާމުކޮށް، އެމީހުންނަކީވެސް މުޖްތަމަޢުގައި ހިމެނޭ މުހިންމު ބަޔެއްކަން އިޙްސާސްވާ ގޮތަށް، އަޅުގަނޑުމެން ކަންތައްތައް ކުރަންޖެހޭނެ ކަމަށް، މި ޙަދީޘްފުޅުން އަޅުގަނޑުމެންނަށް ކީރިތި ރަސޫލާ އެ އިޝާރާތް ކުރައްވަނީ. އެހެންވީމާ، މިރަށުގެ ރައްޔިތުންނަކީ، ދުވަސްވީ މީހުންނަށް ކަމޭހިއްތަވައި، އިޙްތިރާމް ކުރައްވާ އަދި އެކަމުގެ ވަރަށްރީތި ނަމޫނާއެއް ދައްކަވާ ބަޔަކަށްވާތީ، އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ޝުކުރު ދަންނަވާ ވާހަކަ ދަންނަވާލަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ވަރަށް މުހިންމު އެހެން ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއީ ރާއްޖެއަށް މިހާރު އަންނަމުން މިދާ އިޞްލާޙީ ބަދަލުތަކުގެ ވާހަކަ. ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި ސަރުކާރުން އިޞްލާޙީ ޕްރޮގްރާމެއް ފަށައިގެން، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން. އޭގެތެރެއިން، ވަރަށްގިނަ ކަންތައްތައް މިހާރު ވަނީ ޙާޞިލުވެފައި. އަނެއްބައި ކަންތައްތައް ވަނީ ޙާޞިލުވާން ވަރަށް ކައިރީގައި. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުން. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވަރަށް ބުރަކޮށް ކުރައްވަމުން އެބަ ގެންދަވާ. މިހާރުވަނީ އެ މަސައްކަތް ނިމުމަކާ ވަރަށް ކައިރީގައި. އިރާދަކުރެއްވިއްޔާ މިމަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާ ދިޔުމުގައި، ޤާނޫނުއަސާސީގެ ދެންހުރި ބާބުތައްވެސް ނިމިގެންދާނެ. އަދި އޭގެފަހުން އަޅުގަނޑު ތަޞްދީޤު ކުރުމަށް އަޅުގަނޑަށް ހުށަހަޅުއްވާނެ.

ޤާނޫނުއަސާސީ ނިމުމަކީ، ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިއްބެވި ކަމެއް. އެކަމަށް ސަރުކާރުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންގެންދާ ކަމެއް. ހަމައެހެންމެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންވެސް އެކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން އަދި ޚާއްޞަކޮށް، އެންމެފަހުން މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، ޤާނޫނުއަސާސީގެ ވަރަށްބޮޑު ބައިތަކެއް ވަނީ ނިންމަވާދެއްވާފައި. ރެޔާދުވާލު މަސައްކަތް ކުރެއްވި. ބައެއް ދުވަސްދުވަހު ތިންދަންފަޅިއަށްވެސް މަސައްކަތް ކުރެއްވި. ހެނދުނު ޖަލްސާއެއް، މެންދުރުފަހު ޖަލްސާއެއް، ރޭގަނޑު ޖަލްސާއެއް.

އެހެން ނަމަވެސް، މަސައްކަތަކީ ވަރަށްބުރަ އަދި އޭގައި ޚިޔާލު ތަފާތުވުންތަކެއް އުޅޭ މަސައްކަތަކަށްވާތީ، ތަންކޮޅެއް ދިގުދެމިލައިގެން އެ ދިޔައީ. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކުރާހިތްއޮތީ އިރާދަކުރެއްވިއްޔާ، މި މަހުގެ 13 ވަނަ ދުވަހު ފެށިގެން، ދެން މާގިނަ ދުވަހެއްނުވެ ޤާނޫނުއަސާސީ އެކީގައި ފާސްވެ ނިމިގެން ހިނގައިދާނެ ކަމަށް.

އާދެ! އެއީ އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ޒަމާނީ ޑެމޮކްރަސީގެ ވަރަށް މުހިންމު ބައެއް. ޤާނޫނުއަސާސީ އިޞްލާޙުވެ ނިމުނީމާ، އޭގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ އެހެން ޤާނޫނުތަކެއްވެސް އެބަހުރި. ޤާއިމުކުރަންޖެހޭ އެހެން ވަސީލަތްތަކެއްވެސް އެބަހުރި. އެ ހުރިހާ ކަމެއް ކޮށްގެން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ތަފާތު ޕާޓީތަކުން ވާދަކުރާ ރިޔާސީ އިންތިޚާބެއް މި އަހަރު ބޭއްވޭނެ. އަދި އެ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އާދެ! މި ވާހަކަ ދަންނަވާއިރު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މެދުގައި މިކަހަލަ ކަންތަކާ ދޭތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އެބައުޅޭކަން. ބައެއް ފަރާތްތަކުން ބޭނުންވެގެން މިއުޅެނީ، މި ޤާނޫނުއަސާސީ އިޞްލާޙުވީމާ، އެއަށް ޢަމަލު ކުރަން ފެށުމުގައި އަދި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު އައުމުގެ ކުރިން ކޮންމެވެސް ވަގުތީ އިންތިޒާމުތަކެއް ހަމަޖެއްސުމަށް. ވަގުތީ ސަރުކާރެއްގެ ނުވަތަ އިންތިޤާލީ ސަރުކާރެއްގެ ވާހަކަ އެބަ ދައްކާ.

މިއީ، އަޅުގަނޑު ދަންނަވާނީ އެއްގޮތަކަށްވެސް ހަމަޖެހޭ ވާހަކައެއް ނޫނޭ. އެހެން މިދެންނެވީ، ދުނިޔޭގެ އެހެން ތަންތާނގައި ވަގުތީ ސަރުކާރު ނުވަތަ އިންތިޤާލީ ސަރުކާރުތައް ޤާއިމުކުރަން މި ޖެހެނީ ކޮންމެވެސް ކަހަލަ މުހިންމު ސިޔާސީ ބޭނުމެއް ޙާޞިލު ކުރުމަށްޓަކައި. ތަނުގައި ހަމަނުޖެހުން އުފެދިގެން، ފިތުނަ އުފެދިގެން ގަޑުބަޑުވެގެން، ސަރުކާރުގެ ބާރެއް ނެތިގެން އެއްވެސް ކަމެއް ނުވެގެން. މިހެންވާ ތަންތާނގައި އެބަހުރޭ، މި ދެންނެވި ކަހަލަ ސަރުކާރު އުފައްދާފައި. ނުވަތަ ޤާނޫނީ ގޮތުން މިއީ ކުރަންޖެހޭ ކަމެއް ކަމަށްވަންޏާ، ބައެއް ތަންތާނގައި ވަގުތީ ސަރުކާރު ނުވަތަ އިންތިޤާލީ ސަރުކާރު އުފައްދާފައި.

އެކަމަކު ރާއްޖޭގައި ވަގުތީ ސަރުކާރެއް ނުވަތަ އިންތިޤާލީ ސަރުކާރެއް ނުވަތަ އެކަހަލަ ނިޒާމެއް ޤާއިމުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް. ޤާނޫނީ އަދި ސިޔާސީ އެއްވެސް ސަބަބެއް ނެތް. އެހެންވީމާ، އެ ވާހަކަ ދައްކާ ބަޔަކު އެ ދައްކަނީ ރަނގަޅު ވާހަކައެއް ނޫން. ދިވެހި ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެވަޑައިގަންނަވަން ޖެހޭނެ. އެ ދައްކާ ވާހަކައަކީ، ޤައުމުގައި ފިތުނަ އުފެއްދުމަށާއި، ހަމަނުޖެހުން އުފެއްދުމަށް ދައްކާ ވާހަކައެއް ކަމަށް ގަބޫލުކުރަން އަޅުގަނޑުމެންނަށް މަޖުބޫރު.

އާދެ! އެމީހުން ބުނާ ވާހަކައަކީ ރާއްޖޭގައި މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވޭނީ އެފަދަ ސަރުކާރެއް އޮވެގެންނޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވޭނީ ކޮންމެހެން ސަރުކާރު ބަދަލުވެގެނެއް ނޫނޭ. އެކަމަށް ބޭނުންވާ ޤާނޫނުތައް ހަމަޖެހިފައި އޮތުމާއި، އެކަމަށް ބޭނުންވާ މުއައްސަސާތައް މިނިވަންވެފައި އޮތުމުން އެކަންވާން ޖެހޭނެ. އެއީ، އަޅުގަނޑުމެން މިހާރު ރާވަމުން މި ގެންދާ ގޮތަކީ. އޭރުން އިލެކްޝަންސް ކޮމިޝަނަރުގެ އޮފީހަކީވެސް މުޅިން މުސްތަޤިއްލު ތަނަކަށް، ސަރުކާރުގެ ބާރު ނުހިނގާ މިނިވަން މުސްތަޤިއްލު ތަނަކަށްވެގެންދާނެ. އަދި އެކަމާބެހޭ ޤާނޫނުތައްވެސް ހެދޭނެ.

އެހެންވީމާ، މި ދެންނެވި ޤާނޫނުތައް ހެދި އަދި މި ދެންނެވި މުއައްސަސާތައް މުސްތަޤިއްލުވެ، ހަމައެހެންމެ ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވުނީމާ، ހަމައެއާއެކީގައި އިންތިޚާބު ބޭއްވުމުގެ އިންތިޒާމުތައްވެސް ފުރިހަމައަށް ކުރެވި އަދި ބޭނުމިއްޔާ ބޭރުގެ އޮބްޒަރވަރުން އައިސް އިންތިޚާބުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބަލަން ތިބެ، މިހުރިހާ ކަމެއް، މިގޮތަށް ހަމަޖެހިގެން ދިޔައިމާ، ކޮންމެ ސަރުކާރެއް އޮތަސް، އެ އިންތިޚާބެއްވާނީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް.

އަޅުގަނޑުގެ ސުވާލަކީ، ވަކި މި ސަރުކާރު ނޫން އެހެން ސަރުކާރެއް އަތުވެއްޖިއްޔާ މިހާރު މި ސަރުކާރުން ކޮށްފާނެ ކަމަށް އެ ބަޔަކު ބުނާ ކަންތައް، ދެން އަންނަ ސަރުކާރަކުން ނުކުރާނެބާވައޭ. އެއީވެސް އިންސާނުން. މިހާރު އޮތް ސަރުކާރުން، މިހާރުގެ ސަރުކާރުން ބޭނުންވާ ގޮތަށް ގަވާއިދާ ޚިލާފަށް ކަންތައްތައް ކުރާނެ ކަމަށްވަންޏާ، ދެން އަންނަ ސަރުކާރަކީވެސް އިންސާނީ ސަރުކާރަކަށްވާތީ، ހަމަ އަޅުގަނޑުމެން ކަހަލަ އިންސާނުން ހިންގާ ސަރުކާރަކަށް ވަންޏާ، އެސަރުކާރަކުންވެސް އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައް ހިންގުމަށް މަސައްކަތެއް ނުކުރާނެތޯއޭ!

އެހެންވީމާ، މި ދައްކާ ވާހަކައަކީ، އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމުގައި ދަންނަވާލަން. އެއީކީ ބޭނުންކަމެއް ނޫން. އެއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން ދައްކާ ވާހަކައެއް ކަމަށް އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން އެބަޖެހޭ.

އާދެ! މި ދެންނެވި ކަންތަކުގެ އިތުރުން، އެހެންވެސް ވަރަށްގިނަ ބަދަލުތައް މިހާރު މިވަނީ އައިސްފައި. ހިޔުމަން ރައިޓްސް ކޮމިޝަނެއްވެސް އެބައޮތް. އެއީ އިންސާނީ ޙައްޤުތަކާބެހޭ މުސްތަޤިއްލު ކޮމިޝަނެއް. އެއީ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ތަނެއް ނޫން. މުސްތަޤިއްލު ތަނެއް. މުޅިން މިނިވަން ތަނެއް. ހަމައެހެންމެ، އަޅުގަނޑުމެންގެ އެހެން ބައެއް މުއައްސަސާތައް އެބަހުރި. މުސްތަޤިއްލު އޮޑިޓަރ ޖެނެރަލެއް މިހާރު ޢައްޔަން ކުރެވިފައިވަނީ. އަދި ހަމަ އެގޮތަށް އެހެން މުއައްސަސާތައްވެސް މުސްތަޤިއްލު ވެގެންދާނެ.

އަޅުގަނޑުމެންގެ ނޫސްވެރިކަންވެސް މިވަނީ ވަރަށް ބޮޑަށް މިނިވަންވެފައި. އެއީ ޗާޕުވެގެން ނުކުންނަ ނޫސްތަކާއި އަދި އިލެކްޓްރޯނިކް ވަސީލަތްތަކުން ޚަބަރު ފަތުރާ ވަސީލަތްތަކާއި، މި ހުރިހާ ކަމެއްވެސް މިހާރު މިވަނީ ހަމަ ދުނިޔޭގެ އެންމެމަތީ ފެންވަރަށް ހުޅުވައިލެވިފައި. މިނިވަންވެފައި. އޭގެތެރޭގައި، މިހާރު އެހެރީ ދިވެހިރާއްޖޭގެ އަޑު ފިޔަވައި އެހެން ރޭޑިޔޯ ސްޓޭޝަންތައްވެސް ހުޅުވިފައި. އެތަންތަން ހިނގަނީ މުޅިން މިނިވަންކޮށް. ބޭނުން މީހަކު ބޭނުން ޚިޔާލެއް ފާޅުކުރުމުގެ ފުރުޞަތު އެބައޮތް. އެހެންވީމާ، ރާއްޖޭގެ މީޑިއާ ނުވަތަ ޚަބަރުފަތުރާ ވަސީލަތްތައް މިހާރު މިވަނީ ވަރަށް ބޮޑަށް މިނިވަން ކުރެވިފައި.

ހަމައެޔާއެކީގައި އަޅުގަނޑުމެންގެ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިހާރުވަނީ ކުރެވިފައި. އަދި އިތުރަށް ކުރެވެމުންވެސް އެބަދޭ. މިހެންގޮސް، ޒަމާނީ ޑެމޮކްރަސީއެއްގައި ހުންނަންޖެހޭ މުހިންމު ރުކުންތައް، އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ފުރިހަމަވަމުން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، 2004 ވަނަ އަހަރު ސަރުކާރުން ފެށި ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމް މިހާތަނަށް ވަރަށް ބޮޑަށް ކާމިޔާބުވެގެން ހިނގައްޖެޔޭ. އެޕްރޮގްރާމްގެ ދަށުން ވަރަށްގިނަ ކަންތައްތައް ކާމިޔާބު ކުރެވިއްޖެޔޭ. ދެންހުރި ކަންތައްތައް އެއަށްވުރެ މާ މަދު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި މާލަހެއްނުވެ ރާއްޖޭގެ ސިޔާސީ އިޞްލާޙީ ޕްރޮގްރާމް ކާމިޔާބުކަމާ އެކީގައި ނިމިގެންދާނެ.

މީގައި އަޅުގަނޑުމެން ބަލައިލަންވީ ތަންކޮޅަކީ، މިކަހަލަ ބަދަލުތަކެއް އަންނަންވާނީ، އޮމާންކަމާއެކީގައިކަން. ހަމަޖެހުމާއެކީގައިކަން. އަޅުގަނޑުމެންގެ މެދުގައި މި އޮތް އެއްބައިވަންތަކަމަށް އެއްވެސްކަހަލަ ބުރުލެއް ނާރާގޮތެއްގެ މަތިންކަން. އެހެން ނޫންނަމަ، އެއްވެސް ބަދަލެއް އައުމުގެ މާނައެއް ނެތް. ރަށުގައި ހަމަނުޖެހުން އުފެދި، ގަޑުބަޑު އުފެދި، މީސްތަކުންގެ ފުރާނައަށާއި، މުދަލަށާއި، ތަންތަނަށް ގެއްލުންތައް ލިބެމުންދާ ކަމަށްވަންޏާ، ދެން ކޮބައިތޯ އިޞްލާޙަކީ. އޭރުން އިޞްލާޙުގެ ބޭނުމެއް ނެތް.

އެހެންވީމާ، މި އިޞްލާޙު އަންނަން ޖެހޭނީ ވަރަށް އޮމާންކޮށް، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން. ރާއްޖޭގެ ރައްޔިތުންގެ މެދުގައި މި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަށް އެއްވެސްކަހަލަ ބުރުލެއް ނާރާގޮތެއްގެ މަތިންކަން، ތިޔަ ހުރިހާ ބޭފުޅުންވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް ގަބޫލުކުރައްވާނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން.

އަޅުގަނޑު ވާހަކަ ދެން ނިންމާލަން ގަސްދުކުރަނީ، މިރަށުގެ ވަރަށް ޢިއްޒަތްތެރި ދަރިއެއް، އާދެ! މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ބޭފުޅެއްގެ ވާހަކަ ދަންނަވާލާފައި. އެބޭފުޅަކީ، އަލްމަރްޙޫމް މީދޫ މުޙަންމަދު ކަލޭގެފާނު. ސަރުކާރަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ. މި ރަށަށާއި އަދި މި އަތޮޅަށް ވަރަށް އަގުހުރި އިޚްލާޞްތެރި ޚިދްމަތްތަކެއް ވަނީ ކޮށްދެއްވާފައި. ރަށުގެ ޢުމްރާނީ ތަރައްޤީއަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވި ބޭފުޅެއް ކަމުގައި އޭނާވޭ. އަދި ރައްޔިތުންނާ ގުޅިވަޑައިގެން، ތަރައްޤީގެ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވި، ވަރަށް ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައި މުޙަންމަދު ކަލޭގެފާނު ހިމެނިގެންދޭ.

އެހެންވީމާ، އެފަދަ އުފެއްދުންތެރި ޚިދްމަތްތެރި ދަރިއެއް އުފެއްދި ރަށަށް މަރްޙަބާ ދަންނަވަންޖެހޭ. އިޚްލާޞްތެރި ޝުކުރެއް އަދާކުރަންޖެހޭ. އެފަދަ ދަރިން އުފެދި، އެމީހުންގެ ޚިދްމަތް، އެމީހުންގެ ރަށްރަށަށާއި ޤައުމަށް ލިބެމުން ދިޔުމަކީ، އެ ޤައުމަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެކަން އަޅުގަނޑަށް ޔަޤީންކުރެވޭ. އެހެންވީމާ، އަލްމަރްޙޫމް މީދޫ މުޙަންމަދު ކަލޭގެފާނު އެކޮށްދެއްވި މަސައްކަތްތަކަށްޓަކައި، އޭނާގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ސަވާބާއި އިތުރު ނިޢުމަތް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މީދޫ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންގެ ފިޔަވަޅުތައް ސީދާކުރައްވައި، އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން އަބަދުމެ ތިބޭ ބަޔަކު ކަމުގައި ލެއްވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި ދިވެހިރާއްޖެއަށް އިތުރު ކުރިއެރުމާއި، ތަރައްޤީއާއި ތަނަވަސްކަމާއި، އަމާންކަމާއި ބާއްޖަވެރިކަން އެކަލާނގެ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.