ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލަށް މިއަދު ޒިޔާރަތް ކުރައްވައި، ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.

އައްޑޫ ސިޓީކައުންސިލު އިދާރާގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫސިޓީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައެވެ. އެގޮތުން އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެބޮޑު ގޮންޖެހުމުގެ ގޮތުގައި ސިޓީކައުންސިލުން ފާހަގަކުރެއްވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައެވެ. ސިޓީ ކައުންސިލުން ވަނީ އައްޑޫގައި އަލަށް އަޅާ ފްލެޓްތަކާއި ޕޮލިސް އެކަޑަމީގެ އިމާރާތާއި އައު ޓާރޝަރީ ހޮސްޕިޓަލުފަދަ ބޮޑެތި ޕްރޮޖެކްޓްތަކާއެކު ކަރަންޓު ބޭނުން ކުރާ ނިސްބަތް ވަރަށްބޮޑަށް އިތުރުވެގެން ދާނެކަމަށް ލަފާކުރެވޭތީ އައްޑޫސިޓީގެ ޕަވަރ ހައުންސްގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނުނިމި އޮތުމާއި އަދި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގުމުގައި އެކަށީގެންވާ މިންވަރަށް ސަރުކާރުގެ އެކިއެކި އިދާރާތަކުން ސިޓީ ކައުންސިލާ މަޢުލޫމާތު ޙިއްޞާ ނުކުރާ ކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލުން ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ބޮޑެތިމަޝްރޫޢުތަކެއް އައްޑޫއަށް ވިލަރެސްކުރެވިފައި ވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އިދާރާތަކުން ކަންކަން ނިންމުމުގައި ކައުންސިލްތަކާ އަދި ރައްޔިތުންގެ ޚިޔާލާއި އެކު ކުރިޔަށްގެންދިއުމަށް ނައިބުރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އައްޑޫ ހައިސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލޫގެ ދަރިވަރުންނާ އަދި ޓީޗަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސްކޫލު ކުދިން ގަދައަޅައި ކިޔެވުމަށް މަސައްކަތްކުރުމަށާއި ހަމަ އެހެންމެ ޤައުމުގައި ހިނގާކަންކަމުގެ މަޢުލޫމާތު ހޯދައި އެކަންކަމަށް ލޯހުޅުވިފައި ތިބޭ ބަޔަކަށް ވުމަށްވެސް ކިޔަވާކުދިންގެ ކިބައިން ނައިބު ރައީސް އެދި ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިތަދޫއަށް ކުރެއްވި މި ޒިޔާރަތުގައި ހިތަދޫ
ހިރާ ސްކޫލާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހިތަދޫ އިންޖީނުގެއާއި އެމްޓީސީސީގެ މަސައްކަތްތައް ކުރިޔަށްގެންދާ ސައިޓަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ