ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި ހުންނަ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައި އެހޮސްޕިޓަލުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި އެތަނުގެ ވެރިންނާއި އަދި ބައެއް މުވައްޒަފުންނާއި ބައްދަލު ކުރައްވައި ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ޚިދުމަތް ދިނުމުގައި ހުރި މައްސަލަތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ. އެމަނިކުފާނުގެ މިޒިޔާރަތުގައި އެވަގުތު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ގެންދިޔަ ބައެއް ފަރާތްތަކާއި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ޙާލުއަހުވާލު ބައްލަވައިލައްވައި ކަންކަން އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮސްޕިޓަލަށް މިކުރެއްވި ޒިޔާރަތުގައި އެތަނުގެ ވެރިންނާއި ބައެއް މުވައްޒަފުންނާއިއެކު ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި އެބޭފުޅުން ވަނީ ހޮސްޕިޓަލުގެ މިހާރުގެ ޙާލަތާއި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހޮސްޕިޓަލުގެ ވަޞީލަތްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މައުލޫމާތު ޙިއްޞާ ކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލުގެ ޙާލަތު ވަރަށް ގާތުން އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށާއި މިހާރުން މިހާރަށްވެސް ހޮސްޕިޓަލުގެ ގިނަކަންތައްތަކެއް ރަނގަޅު ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަން އިސްލާހުކޮށް ހޮސްޕިޓަލުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަޞީލަތްތައް ޤާއިމުކޮށް ތަރައްޤީ ކުރުމަށް ވަރަށް އިސްކަމެއް ދެއްވައިގެން މަސްއްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފެންވަރު ރަނގަޅުކުރުމަށް މިހާރު ނިންމަވާފައިވާ ރާއްޖޭގެ ފަސް ހޮސްޕިޓަލުގެ ތެރޭގައި ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެވޭއިރު އިންސާނީ ވަޞީލަތްތަކާއި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް އިތުރުކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި މިހާރުހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ހޮސްޕިޓަލުގެ ވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް ނެތުމާއި ފެންވަރު ރަނގަޅު ޑޮކްޓަރުން ނެތުމުގެ މައްސަލައާއި ބައެއް ކަހަލަ ވަޞީލަތްތައް ނެތުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ފާހަގަ ކުރައްވާފައި ވެއެވެ.