بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ އިސްވެރިން، އ.ދ.ގެ އާބާދީއާ ބެހޭ ޖަމުޢިއްޔާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، މި އަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު އަރިސްކުރަން. އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަށާއި، އެ މިނިސްޓްރީގެ އިސް ވެރިންނަށާއި މުވައްޒަފުންނަށް، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށްވެސް ތަހުނިޔާ ދަންނަވަން.


އަދި މި އަހަރަކީ ޔޫ.އެން.އެފް.ޕީ.އޭ އަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އެފަރާތަށްވެސް ދަންނަވަން. އަދި އެ ޖަމުޢިއްޔާއިން ރާއްޖެއަށް ވެދޭ އެހީތަކަށްޓަކައި ޔޫ.އެން.އެފް.ޕީ.އޭ.ގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.


ކޮންމެ އަހަރަކު ވަކި ޝިޢާރެއްގެ ދަށުން، އާބާދީ ދުވަހެއް ފާހަގަކުރަމުން އަންނަނީ، ވަރަށް މުހިންމު މަޤްޞަދެއްގައި. އެއީ ޤައުމުތަކުން ހާސިލުކުރާ އިންސާނީ އަރުތަތައް ފާހަގަކޮށް، އެކަން ދެމެހެއްޓުމަށް ހިތްވަރުދިނުމާއެކު، އާބާދީއާއި ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރާއިރު، ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، މުހިންމު މައްސަލަތަކާމެދު ޢާންމުން ހޭލުންތެރިކުރުވުމަށް.


މި އަހަރުގެ ޝިޢާރު ބިނާކޮށްފައިވަނީ، މީގެ 25 އަހަރު ކުރިން، 1994 ވަނަ އަހަރު، މިޞްރުގެ ޤާހިރާގައި ބޭއްވި، އާބާދީއާބެހޭ މަހާސިންތާގައި ކަނޑައެޅި އެކްޝަން ޕްލޭންގެ ވަޢުދުތައް ފުއްދުމަށް، ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތްތައް ހަލުވިކުރުމުގެ މައްޗަށް.


އެ އަހަރުގެ މަހާސިންތާގައި ބައިވެރިވި 179 ޤައުމަށް އެއްބަސްވެވުނީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި، ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް. ވަކިން ޚާއްޞަކޮށް، ދަރިމައިވުމުގެ ޞިއްޙަތާއި، ޖިންސީ ތަފާތުކުރުންތަކަކީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރަން އެދޭނަމަ، ކޮންމެހެންވެސް ޙައްލުކުރަންޖެހޭ ދެ މައްސަލަ ކަމަށް، ހުރިހާ ޤައުމުތަކަށް އެއްބަސްވެވުނު.


މި ދެންނެވި ލަނޑުދަނޑިތައް ހާސިލުކުރެވުނު މިންވަރަށް ބަލާއިރު، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އަޅުގަނޑުމެންގެ މި ރާއްޖެ، ވަރަށް ރަނގަޅު ނަތީޖާއެއް ހާސިލުކޮށްފައިވާކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އުފަންވެނި ޞިއްޙަތަށާއި، ދަރިމައިވުމުގެ ޞިއްޙަތަށް ޤައުމީ ފެންވަރުގައި ދިން ސަމާލުކަމުގެ ސަބަބުން، ވިހެއުމުގެ ތެރޭގައި މައިންނާއި ތުއްތުކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ.


ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި. އުފަންވާއިރު، ދިރިހުންނާނެ ކަމަށް ލަފާކުރެވޭ އެވްރެޖް ޢުމުރު، ކުރިއާ އަޅައިބަލާއިރު، ގާތްގަނޑަކަށް 10 އަހަރު އިތުރުވެއްޖެ. 10 އަހަރުގެ ރަސްމީ ތަޢުލީމު ހާސިލުކުރާ ކުދިންގެ ނިސްބަތްވެސް ވަރަށް ބޮޑަށް މަތިވެއްޖެ.


އެހެން ނަމަވެސް، އާބާދީއާއި ތަރައްޤީ، އެއްހަމަ ކުރުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި. ޙައްލުކުރަންޖެހޭ އެތައް މައްސަލަތަކަކާއި، ހާސިލުކުރަންޖެހޭ އެތައް ލަނޑުދަނޑިތަކެއް އަދިވެސް އެބަހުރި. ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ޚިދުމަތްތައް ދެވޭނީ، އެކަންކަމަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް، އެ މަގަށް ކަންކަން ތަރުތީބު ކޮށްގެން.


މުޖުތަމަޢުގައި އެންމެ ނާޒުކު ޙާލަތުގައި ތިބި އަންހެނުންނާއި، އަންހެން ކުދިންގެ އުފަންވެނި ޞިއްޙަތު ރަނގަޅު ކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭ. ހަމައެފަދައިން، ދެޖިންސުގެ ހަމަހަމަކަމަށްވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. ނަމަވެސް މިކަންކަން ފުރިހަމަކުރުމަށްޓަކައި މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖެއަށް ބޭނުންވޭ.


އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޤައުމީ ތަރައްޤީގެ ހުންގާނު އަމާޒުވާންވާނީ، ފަރުދުންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ފަރުދުންގެ އިޤްތިޞާދީ ކުރިއެރުމަށް. އިންސާނީ އަސާސީ ޙައްޤުތައް ހޯދައިދިނުމާއެކު، ތަޢުލީމީ ޤާބިލް ޖީލެއް ބިނާކުރުމަށް. ހަމައެފަދައިން، ފަރުދީ ތަރައްޤީއަށް ބޭނުންވާ މިންވަރަށް ރައްޔިތުން ބާރުވެރިކޮށްދިނުމަށް. މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު، 533،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ. އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީން. އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބޭ. ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް، އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާކަމީވެސް ފެންނާން އޮތް ޙަޤީޤަތެއް.


މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނައި، އަވަސް ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް. ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ.


މިކަންކަމަށް ރިޢާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި.


ކޮންމެ ޤައުމެއްގެވެސް އެންމެ އަގުބޮޑު ޚަޒާނާއަކީ، އެ ޤައުމެއްގެ ރައްޔިތުން ނުވަތަ އާބާދީ. ރާއްޖެއަށް ލިބޭ ކުރިއެރުމާއި ތަރައްޤީގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ބަލަންޖެހެނީ، އާބާދީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ ދާއިރާތަކާއި ގޮތްތަކަކީ ކޮބައިތޯ.


އެކަންކަމަށް ވިސްނާއިރު، ކޮންމެ ފަރުދަކީ، ޤާބިލް، އުފެއްދުންތެރި، ހުނަރުވެރި އަދި އީޖާދީ މީހަކަށް ހެދޭފަދަ ގޮތަކަށް، ތަޢުލީމީ ސިޔާސަތު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޤައުމީ ތަރައްޤީގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރަނގަޅު ކާނާއާއި، ދުޅަހެޔޮ ޞިއްޙަތުގެ ޒަރީޢާއިން ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކުރަންޖެހޭނެ.


ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި، ވިހާ މަރުވާ ނިސްބަތް އަޅައިކިޔުމުން ފެންނަނީ، 2054 ވަނަ އަހަރާ ހަމައަށް ދާއިރު، ޢުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާ މަންޒަރު. އާދެ! އާބާދީގެ 14 އިންސައްތައަކީ، ދޮށީ ޢުމުރުގެ މީހުންނަށް ވެގެންދާނެ. އެހެންކަމުން، މިހާރު ރާއްޖޭގައި އޮތް، މަސައްކަތްކުރާ ޢުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަޤާފަތް އަށަގަންނުވަން، މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ.


މިހާރުގެ ޒުވާން ޖީލު، ދޮށީ ޢުމުރަށް ފޯރާއިރު، ހަށިހެޔޮ ދުޅަހެޔޮ އަދި ފުދުންތެރި ދިރިއުޅުމެއް ލިބޭނީ އޭރުން. ހަމައެފަދައިން، ދޮށީ ޢުމުރުގެ މީހުންގެ އިޖްތިމާޢީ ރައްކާތެރިކަމަށާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް، ދައުލަތުން އުފުލަންޖެހޭ ބުރަ ކުޑަކުރެވޭނީ، އެ މަގަށް ސިޔާސަތުތައް ބަދަލުކޮށް ތަންފީޒުކުރެވިގެން.


ރާއްޖޭގެ މިހާރުގެ އާބާދީގެ 36 އިންސައްތައަކީ ޒުވާނުން. އަދި މަސައްކަތްކުރާ ޢުމުރުފުރާގެ މީހުންގެ ނިސްބަތަކީ އާބާދީގެ 67 އިންސައްތަ. އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު، 2054 ވަނަ އަހަރާ ހަމައަށް ދާއިރުވެސް މަސައްކަތު އާބާދީގެ އިންސައްތަ ބެހިފައި އޮންނާނީ އެ ގޮތުގައި ކަމަށް، އަންދާޒާތަކުން ދައްކާ.


މިއިން އެނގެނީ، މިހާ މަތީ މިންވަރުގެ އުފެއްދުންތެރި އާބާދީއަކާއެކު، ޤައުމު ތަރައްޤީ ކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، އާދެ! އިތުރު 35 ވަރަކަށް އަހަރުގެ މުއްދަތެއް، ރާއްޖެއަށް ތަނަވަސްވެފައި އެބައޮތްކަން. ނަމަވެސް ހިތާމައަކީ، އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް، ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިޔުން.


ޤައުމީ އާމްދަނީގައި ޙިއްޞާނުވާ ބަޔަކު އާބާދީގައި ތިބުމަކީ، އިޤްތިޞާދަށް ލޮޅުންއަރާނެ ކަމެއް. ތަފާސް ހިސާބުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމާ އަންހެން ދަރިވަރުންނަށްވުރެ، ފިރިހެން ދަރިވަރުންގެ ޢަދަދު، 2010 ވަނަ އަހަރުން ފެށިގެން ދަނީ މަދުވަމުން. އަދި އަހަރުން އަހަރަށް، އެ ފަރަޤު ބޮޑުވަމުން ދިޔުމަކީ، ޤައުމީ ތަރައްޤީއަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއް.


ޤައުމުގެ އާބާދީގައި، މަސައްކަތްކުރާ ޢުމުރުގެ މީހުން ގިނަވުމަކީ، އޮޓަމެޓިކުން ޤައުމު ތަރައްޤީވާ ސަބަބެއް ނޫން. އުފެއްދުންތެރިކަން އިތުރުވެ ޤައުމު ތަރައްޤީވަނީ، މަސައްކަތްކުރާ ޢުމުރުގެ ވީހާ ގިނަ ބަޔަކު ޢަމަލީ މައިދާނަށް ނުކުމެގެން. ޙާލަތާ އެކަށޭނަގޮތަށް ސިޔާސަތުތައް ބަދަލުކޮށް، އަމިއްލަ މަސައްކަތާއިގެން ދިރިއުޅުމުގެ ފުރުޞަތުތައް ފަހިކޮށްދެވިގެން.


މި ކަންކަން ޙައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ، ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމާ އެކުއެކީގައި، މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާކުރުން. އެ ނޫންގޮތަކަށް، އާބާދީއާ ފައިހަމަވާ މިންވަރަށް އިޤްތިޞާދު ކުރިއެއްނޭރުވޭނެ.


ހަމައެފަދައިން، އުފެއްދުންތެރި މަސައްކަތުގެ އާބާދީގައި، އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. ރާއްޖޭގެ ސިވިލް ސަރވިސްގެ ގާތްގަނޑަކަށް 61 އިންސައްތައަކީ އަންހެނުން. ނަމަވެސް، ޕްރައިވެޓް ސެކްޓަރ ހިމަނައިގެން ބަލާއިރު، ވަޒީފާ އަދާކުރާ އާބާދީގައި ގިނައީ ފިރިހެނުން.


އެންމެފަހުގެ ބޯހިމެނުން ދައްކާގޮތުން، ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ. ފިރިހެނުންގެ ނިސްބަތަކީ 63 އިންސައްތަ. ދެ ޖިންސުގެ ތަފާތު މިހާ ބޮޑުއިރުވެސް، ދިރިއުޅުމުގެ ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތްވެސް އެހާ މަތި. އެގޮތަށް ގިނައިން މެދުވެރިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، ނުވަތަ ދަރިޔަކު ލިބުމުން.


ކުރިއަރަމުން އަންނަ އާބާދީއާ އެކަށޭނަ މިންވަރަށް، އިޤްތިޞާދު ރަނގަޅު ކުރެވޭނީ، ސިޔާސީ، އިޤްތިސާދީ އަދި ސަޤާފީ ދާއިރާތަކުގައި އަންހެނުންގެ ޢަމަލީ ބައިވެރިވުން އިތުރުކޮށްގެންކަން ޔަޤީން. އަދި މަސައްކަތް ނުކޮށް ތިބި ޒުވާނުންގެ ބޭނުން ހިފޭނެ ގޮތްތަކެއް ހޯދުމަކީވެސް ކުރަން ޖެހިފައިވާ ކަމެއް.


މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ބޭންކުތަކާ ގުޅިގެން، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. ނަމަވެސް ފަރުދީ ޒިންމާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ. ދިވެހި ކޮންމެ ޒުވާނަކީ، އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން.


އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށް، އަމާން، ރައްކާތެރި، ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، އެކަން ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. ދިވެހި ރައްޔިތުންނަކީ ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅޭ، ބާއްޖަވެރި ބަޔަކު ކަމުގައި ލައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.