بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދު އަޅުގަނޑު އުލިގަމަށް އައުމުން، އުލިގަމުގެ ވެރިންނާއި ކޮމިޓީތަކުގެ މެންބަރުންނާއި، އުލިގަމުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު އަޅުގަނޑު އުލިގަމަށް މިއައީ، ވަރަށް ޚާއްޞަ، ވަރަށް މުހިންމު ބޭނުމަކު. އާދެ! އެއީ މިރަށުގައި ޤާއިމުކުރެވުނު އިޢާދަކުރަނިވި ހަކަތައިގެ ޕައިލަޓް ޕްރޮޖެކްޓް ފަށައިދިނުން. މިއީ، ދެންމެ މިތާނގައި ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިގޮތުގައި، އަދި ޚާއްޞަކޮށް ޕްރޮފެސަރ ނަޔަރ ވިދާޅުވިގޮތުގައި، ދުނިޔޭގައި ޤާއިމުކުރެވުނު އިލެކްޓްރިކް ކަރަންޓް އުފައްދާ ފުރަތަމަ މައިކްރޯ ގްރިޑް ހައިބްރިޑް. ޝައްކެއްނެތް، އެގޮތުން މިއީ ދިވެހިރާއްޖެ މަޝްހޫރުވެގެންދާނެ ކަމެއް. މިފަދަ ފުރަތަމަ ޕްރޮޖެކްޓެއް، މަޝްރޫޢެއް ކާމިޔާބުކަމާއެކު ހިންގި ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާތީ.

މި މަޝްރޫޢު އިފްތިތާޙު ކުރުމުގެ އިޙްތިފާލު މިހާ ފުރިހަމަ ގޮތެއްގައި އިންތިޒާމު ކުރައްވާފައިވާ ކަމަށްޓަކައި، އެސް.ޓީ.އޯ.އަށާއި، މޯލްޑިވްސް ގޭސްގެ އިސްވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި އުފާވެރި ތާރީޚީ މުނާސަބަތުގައި، އަޅުގަނޑަށް ދެންމެ ތިޔަ ދެއްވި ހަނދާނީ ފިލައަށްޓަކައި، އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް އަޙްމަދު މުޙަންމަދަށާއި، އެ ބޯޑުގެ އެހެން މެންބަރުންނަށާއި، އެސް.ޓީ.އޯ.ގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވަން.

އާދެ! މިހާރު ވިންޑް ޓަރބައިންތައް މަސައްކަތް ކުރަން ފަށައިފި ދޮގެއްތޯ. އެހެންވީމާ، މިއީ އަޅުގަނޑު ހިތުން ވަރަށް އުފާވެރި ހިނދުކޮޅެއް. އެހެންވީމާ، ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވާލީ.

މިފަދަ މުހިންމު މަޝްރޫޢެއް ހިންގެވުމަށް އެސް.ޓީ.އޯ އިންނާއި، މޯލްޑިވްސް ގޭހުން އިސްނެންގެވިކަން އެއީ، ސަރުކާރުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް. އިޢާދަކުރަނިވި ހަކަތަ އުފެއްދުމަކީ، މިއަދު ދުނިޔޭގެ ތިމާވެށީގެ ޙާލަތަށް ބަލާއިރު، އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު ވަރަށް މުހިންމު ކަމެއް. ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުގައި، މިކަން ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވައިފި. މިފަދަ މަޝްރޫޢެއްގެ ޚިޔާލާއި ފިކުރު ގެންގުޅުއްވައި، މިކަމަށް ޢަމަލީ ސިފަ ގެންނެވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށްޓަކައި، އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންގެ ބޯޑަށާއި، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރަށާއި، އެހެން ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މި މަޝްރޫޢުގެ މަސައްކަތް ވަރަށް ގާތުން ބައްލަވައި ހިންގަވައިދެއްވަމުން ގެންދަވާތީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ، ޚާއްޞަކޮށް، މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އެމިނިސްޓްރީގެ ވެރިންނަށް ޝުކުރު ދަންނަވަން. މިކަމަށް އިސްނަންގަވައި، ޢަމަލީގޮތުން މިމަސައްކަތް ކުރައްވާ މޯލްޑިވްސް ގޭހުގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މިމަޝްރޫޢުގެ ނިޒާމު ފަރުމާކޮށް، ބޭނުންވާ ތަކެތި ފޯރުވައިދީ، އަދި ތިމާވެށްޓާމެދު ދެމުންގެންދާ އަހަންމިއްޔަތަށްޓަކައި ސިންގަޕޫރުގެ ޑެއިލީ ލައިފް ރިނިއުވެބަލް އެނަރޖީއަށްވެސް ޝުކުރު ދަންނަވަން.

މިމަޝްރޫޢަށް އެމެރިކާ ސަރުކާރުން ދެއްވި އެއްބާރުލެއްވުމާއި، ވެދެއްވި އެހީތެރިކަމަށްޓަކައި އަދި މުސްތަޤްބަލުގައިވެސް މިފަދަ އިތުރު މަޝްރޫޢުތަކަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ، އެމެރިކާ ސަރުކާރަށާއި، އެމެރިކާ އެމްބަސީއަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކު، ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު ރަޝީދަށާއި، އުލިގަމު ރަށްކުރިއަރުވާ ކޮމިޓީއަށާއި، އުލިގަމު އޮފީހުގެ ވެރިންނަށާއި ރައްޔިތުންނަށްވެސް ޝުކުރު ދަންނަވަން.

ދެންމެ މިތާނގައި އެސް.ޓީ.އޯ.ގެ ޗެއަރމަން ވިދާޅުވިފަދައިން، އިޢާދަކުރަނިވި ހަކަތައިގެ ޕައިލަޓް ޕްރޮޖެކްޓެއް، މުލަކަތޮޅު ރަތްމަންދޫގަޔާއި، ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގައިވެސް މިހާރުވަނީ ޤާއިމުކުރެވިފައި. އަދި މިއަދު އެކަން ހިނގަމުންދާނެ. އެހެންކަމުން، އެ ދެރަށުގެ ވެރިންނަށާއި ރައްޔިތުންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، އެކަމުގައި ބައިވެރިވެވަޑައިގެން ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރަން.

އާދެ! މިކަމަކީ ސަރުކާރުގެ ވަރަށް މުހިންމު ދާއިރާތަކަކުން އެއްބާރުލައްވައިގެން ކުރިއަށްދާ ކަމެއް. އަދި ބޭރުގެ ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި، އެހީތެރިކަމާއި، ހުނަރާއި ޤާބިލިއްޔަތު ބޭނުންކޮށްގެން ކުރެވެމުންދާ ކަމެއް. އެހެންކަމުން، މިކަމުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަށާއި ބޭފުޅުންނަށް ޖުމްލަގޮތެއްގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންގެ ވާޖިބެއް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އުލިގަމުގެ ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކޮށްވެސް އެއްޗެއް ދަންނަވާލުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ! މިއީ އުލިގަމަށް އަޅުގަނޑު ކުރާ ހަތަރުވަނަ ޒިޔާރަތް. އެންމެފަހުން އަޅުގަނޑު އުލިގަމަށް އައީ، 1999 ވަނަ އަހަރުގެ މާޗް މަހުގެ 2 ވަނަ ދުވަހު.

އުލިގަމަކީ ތާރީޚީގޮތުންވެސް ވަރަށް ފާހަގަކުރެވޭ ރަށެއް. އެއީ އެއްފަހަރަށްވުރެ ގިނަފަހަރު ފަޅުވެ، އަލުން އާބާދުވި ރަށެއް. މިރަށަކީ ރާއްޖެއިން ބޭރަށް ދަތުރުކުރި ފުރެއްދެ އޮޑިފަހަރު ގެންގުޅުނު ތަނަވަސް ބަޔަކު ދިރިއުޅުނު ރަށެއްކަން، ރަށުގެ މިސްކިތްތަކާއި، ކަށްބިންތަކުގައި ހުރި ކުރެހުން އަޅާފައި ހުރި ބޮޑެތި މަހާނަ ގާތަކުން އެނގޭ.

މިރަށަށް މިހާރު ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ ލަފާ ފުރުމުގެ ދަތިކަން. އެއީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށްވެސް ދިމާވެފައިވާ މައްސަލައެއް. މިމައްސަލަ ޙައްލުކުރުމަށްޓަކައި މި މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ޙަވާލުކުރެވިފައި. މިގޮތުން ރަށް ސާރވޭ ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އަޅުގަނޑަށްވަނީ މަޢުލޫމާތު ލިބިފައި. އިރާދަކުރެއްވިއްޔާ މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މިރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ.

އާދެ! މިރަށުގައި ހިންގުމަށް ތައްޔާރުކުރެވޭ މުހިންމު އަނެއް މަޝްރޫޢަކީ، ސިޓީ ހޮޓަލެއް ޤާއިމުކުރުން. މިކަމާބެހޭ އެގްރީމެންޓްގައި ވަނީ މިދިޔަ އަހަރު ސޮއިކުރެވިފައި. އެމް.ޓީ.ޑީ.ސީ.އިން މިކަން ކުރިއަށް ގެންދަވަނީ. މިހާތަނަށް މަސައްކަތް ފެށިފައި ނުވާ ސަބަބަކީ، އެ ރިޒޯޓު ހޮޓާ ހެދުމާ ގުޅިގެން މިތާނގައި އެއަރޕޯޓުވެސް ހެދުމަށް ހަމަޖެހިފައިވާތީ، އެއަރޕޯޓު އޮންނާނެ މިޞްރާބަކާ ބެހޭގޮތުން ކުރިން ކުރެވުނު ތަޞައްވުރު ރަނގަޅު ނުވެގެން، އެ މިޞްރާބު ބަދަލުކުރަން ޖެހިފައިވުން. އެހެންވީމާ، މިހާރު ކޮންސެޕްޓަށް ބަދަލެއް އަންނާތީ، އެމަސައްކަތުގައި ކަމާބެހޭ ފަރާތްތަކުން މިހާރު އެ އުޅުއްވަނީ. އެކަން ނިމުނުހާ އަވަހަކަށް އެ މަޝްރޫޢު ފެށޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކުން އަޅުގަނޑަށް ވަނީ ދެއްވާފައި. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިއަހަރުގެ އޭޕްރިލް މަސް ހާތާނގައި އެމަޝްރޫޢު ފެށިގެންދާނެ.

އާދެ! އަޅުގަނޑުވެސް އިނގިރޭސިބަހުން އެއްޗެއް ދަންނަވާލަން ކަމަށް. އެއީ، ބޭރުގެ ޢިއްޒަތްތެރި ބޭފުޅުންކޮޅެއް މިތަނުގައި ތިއްބެވީތީ.

 

For the benefit of our foreign friends in the audience, I would now like to say a few words in English.

Honourable Ministers, Ambassador Blake, Ladies and Gentlemen:

I congratulate Maldive Gas and its parent company STO on their initiative to introduce hybrid renewable energy to the Maldives.

As a small island country with a pristine but fragile natural environment, the need to distribute renewable energy sources to replace petroleum fuels is of the utmost importance.

Over the years, the Maldives has earned a global reputation for high environmental awareness and extensive utilisation of environment-friendly practices. This initiative complements the policies and priorities of the Government in this vital area.

The two partners that have joined hands with Maldive Gas in this project both have impeccable pedigrees of innovation.

The Daily Life Renewable Energy of Singapore brings to the project their experience and expertise in the field of hybrid renewable energy. Similarly, the US government, represented by the US Embassy, provides strong support and assistance towards this venture.

I therefore thank Daily Life Renewable Energy Pte Ltd and the US Government for the technical expertise and material support for this project.

I will be remiss if I do not mention STO and its Board of Directors for their contribution to making this project a reality.

I am indeed hopeful that with this project, the Maldives is embarking on an exciting journey of energy transformation – a journey of hope for a fossil fuel-free Maldives. And, indeed, it opens up new prospects for the progress and prosperity of the people of Uligamu with the added bonus of reduced environmental pollution.

I have the utmost confidence in the success of this initiative.

Thank you!

والســّلام عليــكم ورحـمــة اللّـه وبـركاتـه.