ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2018 ވަނަ އަހަރު މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމް ޙާޞިލްކުރުމަށް ކޮންމެ ޤައުމަކަށް ދަތުރުކުރިޔަސް، ދަރިވަރުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ވިދާޅުވެ، އެކަމަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މަތީ ޘާނަވީ ނިންމާ ދަރިވަރުންނަށް މި ސަރުކާރުން ފަހިކޮށްދެއްވާފައިވާ ފުރުޞަތުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް، ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވުމާއި ހައި އެޗީވަރސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އޯ.އީ.ސީ.ޑީ ޤައުމުތަކުން ކިޔެވޭނެ ގޮތް ހަމަޖެހި، މީގެ ކުރިން ހަމަޖެހިފައި ނެތް، 36 ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ފުރުޞަތުތަކަކީ މަތީ ތަޢުލީމު ޙާޞިލުކުރުމަށް މިހާތަނަށް ސަރުކާރުން ފަހިކޮށްދެއްވި އެންމެ ފަހި ފުރުޞަތު ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޮލަރޝިޕާއި އެވޯޑަށް މިއަހަރު ހޮވުނު ދަރިވަރުން ކިޔެވުމަށް ބޭރަށް ފޮނުވުމަށް ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ތިބެގެން ތަޢުލީމު ޙާޞިލްކުރުމަށް ސަރުކާރުން ފަހިކޮށްދެއްވި ފުރުޞަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތާއި، އިންޓްރެސްޓް ކުޑަކޮށް އަދި ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީ، ސްޓޫޑެންޓް ލޯނަށް ސަރުކާރުން ގެންނެވި ބަދަލުތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ފަހިކޮށްދެއްވާފައިވާ މި ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ޤައުމު އާރާސްތުކުރުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވުމަށް އަޒުމު ކަނޑައެޅުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސްގެ ވާހަކަފުޅުގައި ތައުލީމު އުގެނުމުގައި، ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އައު އީޖާދުތަކާއި އައު އުފެއްދުންތައް ހޯދުމުގެ މުހިންމުކަމާއި ދަރިވަރުން މަތީ ތަޢުލީމުގެ މަރުޙަލާގައި، ޢިލްމީ ބަހުސްތައް ކުރެވެމުންދާއިރު، ރާއްޖޭގެ ޖަޒީރާވަންތަ ރީތި ސިފަތަކާއި އެއާ ގުޅިގެން ލިބިފައިވާ، ގިނަގުނަ ޤުދްރަތީ ވަސީލަތްތަކާމެދު ވިސްނުން ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިދިޔަ އަހަރު މަތީ ޘާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ފުރިހަމަ 1 ވަނަ ހޯދި 4 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ވަކިވަކި މާއްދާތަކުން ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި 11 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މިދިޔަ އަހަރު މަތީ ޘާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން 195 ކުއްޖަކު ރާއްޖޭގެ ގަދަ 10ގެ ތެރޭގައި ހިމެނިފައިވެއެވެ. މި ކުދިންގެ ތެރެއިން، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ، 34 ދަރިވަރަކު ހިމެނިފައިވެއެވެ.