بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިޙާންތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭގެ މި ޙަފްލާގައި އެކި ވަނަތައް ޙާޞިލުކޮށް އިނާމު ހޯދާ ދަރިވަރުންނަކީ، އެތައް ގޮތަކުން ބަލާއިރު، ވަރަށް ހިތްވަރުގަދަ ކުދިންކޮޅެއް. އަދި މި ރާއްޖޭގެ ކުރިމަގުގެ ތަރައްޤީއާއި ކުރިއެރުމާވެސް، ވަރަށް ބޮޑަށް ގުޅިފައިވާ ޒުވާނުންތަކެއް. އެހެންކަމުން، ތިޔަ ހުރިހާ ދަރިވަރުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.


ތިޔަ ދަރިވަރުންގެ އެންމެ ބޮޑު ކާމިޔާބަކީ، މަތީ ތަޢުލީމު ޙާޞިލު ކުރުމަށް، މިހާތަނަށް ދިވެހި ދައުލަތުން ތަނަވަސްކޮށްދިން، އެންމެ ފަހި ފުރުޞަތުތައް، އެންމެ ފުރަތަމަ ލިބޭ ބަޔަކީ، ތިޔަ ދަރިވަރުން ކަމުގައިވުން. އެ ފުރުޞަތުތަކަކީ، މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ލިބޭ ރައީސްގެ އެވޯޑާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުޞޫލުތަކަށް، ސަރުކާރުން ގެނައި ހެޔޮ ބަދަލުތައް.


އޭގެތެރެއިން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެ ކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ހަމަޖެހިފައި. އަދި ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުޞޫލުތައް ބަދަލުކޮށް، އޯ.އީ.ސީ.ޑީ ޤައުމުތަކުންވެސް ކިޔެވޭނެގޮތް ހެދުމުން، މީގެކުރިން ހަމަޖެހިފައި ނެތް، 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ހަމަޖެހިފައި.


ސަރުކާރުން މި ފަހިކޮށްދިން ފުރުޞަތުތަކުގެ ތެރެއިން، މި އަހަރު ރައީސްގެ އެވޯޑަށާއި، ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް، މިދިޔަ މަހުގެ ތެރޭގައި ވަނީ ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކުރެވިފައި. އެ ދަރިވަރުން މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ބޭރަށް ފުރުމުގެ ކަންތައް މިހާރު އެދަނީ ހަމަޖެހެމުން.


އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހޯދުމަށް، ދިވެހި ޒުވާނުންނަށް މި ތަނަވަސްކޮށްދިން ފުރުޞަތުތަކަކީ، މި ސަރުކާރުގެ ޅަފަތުގައި، ރާއްޖޭގެ ތަރައްޤީއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅުތަކެއް. އަޅުގަނޑުމެން މި އެދޭ ތަރައްޤީއާ ހަމައަށް ދެވޭނީ، ފެންވަރު ރަނގަޅު ތަޢުލީމުން ސިކުނޑިތައް މުއްސަނދިވެފައިވާ ޒުވާން ޖީލެއް ބިނާކުރެވިގެން.


މި ސަރުކާރުގެ ތަރައްޤީއާއި އިޤްތިޞާދުގެ ތަޞައްވުރު ގުޅިފައިވަނީ، ޒަމާނީ ތަޢުލީމު ލިބިފައިވާ ހުނަރުވެރި އަދި ފަންނުވެރި ޢިލްމީ ރައްޔިތެއް ބިނާކުރުމާ. ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގެ ކޮންމެ ޤައުމަކުންވިޔަސް، މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް، ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަކުން، އަޅުގަނޑުމެން އެ ފުރުޞަތު ހޯދައިދޭނަން.


ކުރިން އަޅުގަނޑު ދެންނެވި ސްކޮލަރޝިޕްތަކުގެ އިތުރުން، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލު ކުރެވޭނެގޮތްވެސް މިހާރު ވާނީ ހަމަޖެހިފައި. އަދި ސަރުކާރުން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތުވެސް ވަނީ، 25 އިންސައްތަ އިތުރުކޮށްދީފައި.


ތިޔަ ޒުވާން ދަރިވަރުން، މިދިޔަ ބާރަވަރަކަށް އަހަރު ޙާޞިލުކުރި ތަޢުލީމަކީ، މިހާރު ކުރިމަތިލާން ތިޔަ ޤަޞްދުކުރާ، މަތީ ތަޢުލީމުގެ މަރުޙަލާއަށް ދިޔުމަށްޓަކައި އެޅި ބިންގާ. އެހެންވީމާ، ތިޔަ ހުރިހާ ޒުވާނުންވެސް މިއަދު ޢަޒުމް ކަނޑައަޅަންވީ، ދައުލަތުން ހޯދައިދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޤައުމު އާރާސްތު ކުރުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވުމަށް.


މަތީ ތަޢުލީމު ޙާޞިލު ކުރުމަކީ، ފޮތުގައި އޮންނަ ފިލާވަޅެއް ނުވަތަ ޔުނިވަރސިޓީގައި ދޭ ލެކްޗަރެއް ދަސްކޮށްލުން އެކަންޏެއް ނޫން. މަތީ ތަޢުލީމުގެ ޙަޤީޤީ މަޤްޞަދަކީ، އެމީހަކު އުނގެނޭ ޢިލްމެއް، އެމީހެއްގެ ޙަޔާތުގެ ޢަމަލީ މައިދާނުގައި ބޭނުންހިފާނެގޮތް އެނގުން.


މުސްތަޤްބަލުގައި އެ މީހެއްގެ ޤައުމަށާއި، މުޅި އިންސާނިއްޔަތަށް ކުރިމަތިވެދާނެ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަމަށް ޙައްލު ހޯދުމުގައި ބައިވެރިވުމުގެ ކުޅަދާނަކަމާއި ޝައުޤުވެރިކަން، އެ މީހެއްގެ ކިބައިގައި އުފެދުން. ޙަޔާތުގައި ކާމިޔާބު މީހަކީ، ޢިލްމީ ނަޒަރިއްޔާތަކުގައި ޢަމަލީ ސިފަ ޖައްސަން އެނގޭ މީހާ.


އެހެންވީމާ، ތިޔަ ދަރިވަރުންވެސް މަތީ ތަޢުލީމުގެ މަރުޙަލާގައި، ޢިލްމީ ބަހުސްތަކުގައި އުޅޭއިރު، އަބަދުވެސް ހިތުގައި ބާއްވަންވީ، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން. މި ނަލަރީތި ޖަޒީރާތައް. މި ރަށްތަކުގެ ވަށައިގެންވާ ކަނޑުފަޅުތަކާއި އޭގެ ދިރުންތައް. މި ޖަޒީރާތަކުގައި އަޅުގަނޑުމެންނަށް ލިބިފައިވާ، ޢަދަދު ނުކުރެވޭހާ ގިނަ ޤުދްރަތީ ވަސީލަތްތައް.


ކޮންމެ ދަރިވަރަކުވެސް މިހާރުން ފެށިގެން ގަދައަޅައި މަސައްކަތް ކުރަންވީ، ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އާ ގޮތްތައް އީޖާދުކުރަން ތައްޔާރުވުމަށް. މިއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޤައުމުގެ ތަރައްޤީއަށްޓަކައި ތިޔަ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް.


އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ފެންވަރަށް ޢިލްމު އުނގެނިވަޑައިގެން ތިއްބެވި، ވަރަށް ތާޒާ ވިސްނުންތައް ގެންގުޅުއްވާ ބޭފުޅުން އެބަ ތިއްބެވި. ނަމަވެސް، މި ޤައުމަށް އެންމެ ބޮޑަށް ބޭނުންވާ، އައު އީޖާދުތަކާއި، އައު އުފެއްދުންތައް ލިބިގެން މެނުވީ، ތަޢުލީމަށް މި ކުރާ ހޭދައިގެ ފޮނިމީރުކަން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ޙާޞިލެއް ނުކުރެވޭނެ.


މަތީ ތަޢުލީމު ޙާޞިލުކުރުމަށް، ބޭރުގެ ކޮންމެވެސް ޔުނިވަރސިޓީއެއް އިޚްތިޔާރު ކުރާއިރު، އަޅުގަނޑު ދެކޭގޮތުގައި މިއީ، ތިޔަ ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި އަންނާނެ އެންމެ މުހިއްމު ދުވަސްވަރު. އެކި ޤައުމުތަކުގެ ތަފާތު ސަޤާފަތްތަކުގެ ރަޙްމަތްތެރިންނާ އެކުވެރިކަން އުފެދި، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެ.


މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އެހެންކަމުން، ތަފާތު ޚިޔާލުތަކަށާއި، އެކި ޤައުމުތަކުގެ ސަޤާފަތާއި އާދަކާދަތަކުން ތިޔަ ދަރިވަރުންގެ ވިސްނުން އެތައް ގުނައަކުން ތާޒާވެގެންދާނެ. އެކަމުގެ ފައިދާ ރާއްޖެއަށްވެސް ލިބޭނެ. އަޅުގަނޑުމެން ބޭނުންވަނީ ޞުލްޙަވެރިކަމާއެކު ދިރިއުޅެން އެނގޭ، އޯގާތެރި މުޖުތަމަޢެއް ބިނާކުރަން.


ތިޔަ ޒުވާނުން ޙާޞިލުކުރާ ތަޢުލީމުންވެސް، އެންމެ އެދެވޭގޮތުގައި ރާއްޖެއަށް ފައިދާކުރާނީ، މި ދެންނެވި ފަދަ ބަޔަކަށް ތިޔަ ޒުވާނުންވެގެން. ދިވެހި ދަރިވަރުންނަކީ ޢިލްމު ހޯދުމުގައި ވަރަށް ހުޝިޔާރު، އަދި ވިސްނުމުގެ ޤާބިލުކަންވެސް ނުހަނު މަތީ ދަރަޖައަކަށް ލިބިފައިވާ ބައެއް. މާތް ﷲގެ ވާގިފުޅާއެކު، ތިޔަ ދަރިވަރުން ހޯދާ ޢިލްމާއި ހުނަރުތަކުން މި ޤައުމަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެ.


މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާން ނިންމި ކުދިންގެ ތެރޭގައި، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރޭގައި ހިމެނުނު 34 ދަރިވަރަކު މިތާ އެބަތިބި. އަދި 11 ދަރިވަރަކު ވަނީ ފަސް މާއްދާއަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި. މީގެތެރެއިން ދެ ދަރިވަރަކު ވަނީ ދެ މާއްދާއަކުން އެއްވަނަ ހޯދާފައި. މިއީ އެކުދިންނަށް އެކަންޏެއް ނޫން، މުޅި ޤައުމަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް.


މިއަދު ތިޔަ ދަރިވަރުންގެ ކިބައިން މި ޤައުމު އެދެނީ، މި ރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި އާލާކުރަމުން، ޤައުމު ތަރައްޤީ ކުރަން ދަންނަ ބަޔަކަށް ތިޔަ ޒުވާނުން ވުމަށް. ޤައުމު ބިނާކުރުމުގައި، ތިޔަ ޒުވާނުންގެ ތަޢުލީމީ ޤާބިލުކަމާއި ހުނަރުވެރިކަމުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފާނޭކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.


ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ތަޢުލީމު ޙާޞިލު ކުރުމަށް ކޮންމެ ޤައުމަކަށް ދަތުރުކުރިޔަސް، ތިޔަ ދަރިވަރުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް.


ނިމިގެންދިޔަ ތަޢުލީމީ މަރުޙަލާ ކަޑައްތުކޮށް، މިއަދު ތިޔަ ތިބި މަޤާމަށް އާދެވުނީ، ތިޔަ ކުދިން ހިފެހެއްޓި ހަމަތަކާއި އުޞޫލުތަކުގެ ސަބަބުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. އެއީ ސްކޫލްގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށްހިތުމުގައި، ތިޔަ ދަރިވަރުން ދެއްކި ނަމޫނާ.


ޙަޔާތުގެ ޢަމަލީ މައިދާނުގައިވެސް، އެ އުޞޫލުން ދިރިއުޅުން ބައްޓަން ކުރުމަކީ، ޤައުމުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެކަން ޔަޤީން. އިޖްތިމާޢީ ހަމަޖެހުމަކީ، އިޤްތިޞާދު ހަރުދަނާވުމުގެ ބިންގާ ކަމަށްވާއިރު، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލެނބުމަކީ، ޤައުމުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ޔަޤީން.


ތިޔަ ދަރިވަރުން މިއަދު ތިޔަ ހޯދި ކާމިޔާބީ ލިބުމުގައި، މައިންބަފައިންނާއި، ބެލެނިވެރިންނާއި ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް، ހިތްހެޔޮކަމާއެކު ބަލައިގަނެ، އެކަމަށް އަބަދުވެސް ޝުކުރުވެރިވާންވާނެ. ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުވައްޒަފުންވެސް ޝާމިލުވާގޮތަށް، މި ފުރުޞަތުގައި އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


ތިޔަ ދަރިވަރުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބީއާއި ކުރިއެރުން. ޢިލްމު އުނގެނުމުގައި، ތިޔަ ދަރިވަރުންނަށް އަބަދުވެސް ކާމިޔާބީ މިންވަރު ކުރެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ތިޔަ ޒުވާނުންނަކީ ޤައުމުގެ ކުރިއެރުމަށް ލޯބިކުރާ އަދި ޤައުމަށް ހެޔޮއެދޭ، ވިސްނުންތޫނު ބަޔަކު ކަމުގައި ލައްވައި، ޤައުމަށް ޚިދުމަތް ކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.