އަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކުރައްވައި ސީޕްލޭންގެ ޚިދުމަތް ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، ވިހަފަރުގައި ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައިވިޔަސް، ވެލިދޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޚިދުމަތް ފައްޓަވާނޭކަމަށެވެ. މީގެ އިތުރުން، ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ޚިދުމަތްވެސް، އަންނަ އަހަރުގެ ޖަނަވަރީ މަހު ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ވެލިދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، މިއަދު އެ ރަށުގައި އިފްތިތާޙުކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން، މިއަދު ވެލިދޫގައި ވަނީ، ހޮސްޕިޓާ އިމާރާތްކުރުމުގެ މަސައްކަތާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވާފައެވެ. އަދި އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ޚާއްޞަކޮށް ހިއްކާ ސަރަޙައްދުގެ މަސައްކަތް ފައްޓަވައި، ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުން ވެސް މިއަދު ކުރިއަށްގެންގޮސްފައިވެއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަނދަރުގައި ހުރި ދަތިތައް ތަފްޞީލުކޮށްދެއްވައި ވެލިދޫގެ 600 ރައްޔިތުންގެ ސޮޔާއެކު މިއަދު އެމަނިކުފާނަށް ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެ ޕެޓިޝަންގައިވާ ކަންކަން، ކަމާބެހޭ ވުޒާރާއިން ފަންނީގޮތުން ދިރާސާކުރެއްވުމަށްފަހު، ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވައިގެން ވެލިދޫ ބަނދުރުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދޭނެ މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. މި އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ޖާގަ ހޯދެން ނެތްނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރަށް އެ މަނިކުފާނު އިޢުލާންކުރެއްވި އިތުރު މަޝްރޫޢުތަކުގެ ތެރޭގައި، ގެދޮރުވެރިކަމުގެ މަޝްރޫޢަކާއި، ސްކޫލަށް ކްލާސްރޫމާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޝްރޫޢެއް ހިމެނެއެވެ. އަދި ވެލިދޫގައި ފުޓްސަލް ދަނޑަކާއި، އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރައްވާނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ޙާލަތު ގާތުން ބައްލަވައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުކަން، މިރޭވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.