ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރޝިޕަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހޮވިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވި ވަޑައިގެންފައިވާ ހެންވޭރު ދެކުނު ދާއިރާގެ ޙުސައިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ޕީޖީ ގުރޫޕުގެ އަމީން އާއްމު ކަމުގެ މަގާމަށް ހޮވިވަޑައިގެންފައިވާ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.