ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޚާއްޞަ ވަފުދުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންވެސް މިރޭ ވަނީ މާލެ ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ވަނީ ވަރަށް ހޫނު މަރުޙަބާ އެއް ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ ރައީސް ޙަލީމާ ޔަޢުޤޫބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މި ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެޤައުމުގެ ރައީސް ޙަލީމާ ޔަޢުޤޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރައްވާ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ހާލަތު ބައްލަވައިލައްވާ އެބޭފުޅުންގެ ބޭނުންތައް އޮޅުންފިލުއްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސިންގަޕޫރުގެ ޕުލާއޯ ސެމަކާއޯ ލޭންޑްފިލް ބައްލަވައިލައްވާފައެވެ.