ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ސިންގަޕޫރު ސަރުކާރުން ވަރަށްހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިސްގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން އޮތީ ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގަނޑުވަރު އިސްތާނާގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، ސިންގަޕޫރުގެ ރައީސާ ޙަލީމާ ޔަޢުޤޫބާއި ފިރިކަލުން މުޙައްމަދު ޢަބުދުﷲ އަލްހަބްސީއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސިންގަޕޫރުގެ ރައީސާ، ޑަޔަސްއަށް އަރާވަޑައިގަތުމުން، ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އޮތް ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ސިންގަޕޫރު ސަރުކާރުގެ ބައެއް ވަޒީރުންނާއި، ސިންގަޕޫރު ސަރުކާރުގެ ޢިއްޒަތްތެރިންނާއި، ސިންގަޕޫރުގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ގެންދެވި ދިވެހި ވަފްދުގެ ބޭފުޅުން، ސިންގަޕޫރުގެ ރައީސާއަށް ތަޢާރުފުކޮށް އެރުވިއެވެ.

ރަސްމީ މަރުޙަބާ ވިދާޅުވުމުގެ ހަރަކާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.