ތިލަދުންމަތީ އުތުރުބުރީގެ 5 ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އެކިއެކި އިދާރާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ބައްދަލުކުރައްވައި އެ އަތޮޅުގެ އެކިއެކި ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖްލީހުގައި ހއ. އަތޮޅު ތަމްސީލުކުރާ 5 ދާއިރާކަމުގައިވާ ހޯރަފުށީ ދާއިރާ، އިހަވަންދޫ ދާއިރާ، ބާރަށު ދާއިރާ، ދިއްދޫ ދާއިރާ އަދި ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ބައެއް ވުޒާރާތަކާއި ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ހއ. އަތޮޅުގެ 5 ދާއިރާގެ މަޖިލީހުގެ މެންބަރުން ވަނީ އެ ދާއިރާތަކުގެ ރަށްތަކުގައި ހުރި އެންމެ ދަތިމައްސަލަތައް ފާހަގަކުރައްވައި އެކަންކަމާމެދު، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ސަރުކާރުގެ އިދާރާތަކުގެ ވެރިންނާ ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މިގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ކުނީގެ މައްސަލަތަކާއި، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ އެކިއެކި މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ބައްދަލުވުމެއް ބޭއްވެވުމުގެ އެންމެބޮޑު މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންނަށް އެންމެ މުހިންމު މައްސަލަތައް ހައްލުކުރުމުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.